މުސްލިމުން ޤަބޫލުކުރާގޮތުގައި ނަރަކައަކީ ވާތަނެކެވެ. އެއީ ހުރިހާ އަހުލުއް ސުންނަތް ޖަމާޢަތުގެ އަޤީދާއެވެ. އެންމެފަހުގެ މާތްރަސޫލާ އަދި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބު ބޭކަލުންނާއި އެބޭކަލުންނަށް ތަބާވެވަޑައިގެންނެވި ތާބިޢީ ބޭކަލުންނާއި ޙަދީޘް ޢިލްމުވެރިންނާއި ފިޤުހުއިލްމުވެރިންގެ ހުރިހާ އަހުލުއް ސުންނަތުގެ ހުރިހާ ބަޔެއްވެސް ޤަބޫލުކުރަނީ މިގޮތަށެވެ.

މިގޮތަށް ޤަބޫލުކުރާ ކުރުން ބިނާވެފައިއޮތީ މިބަޔާންކުރެވޭ ގޮތްތަކުންނެވެ.

  1. ކީރިތިޤުރުއާން
  2. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް
  3. އަދި ކުރީގެ ރަސޫލު ބޭކަލުންގެ ބަސްފުޅުތަކުން

ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންވެސް އެބޭކަލުން އެބަޔެއްގެ ގާތަށް ފޮނުއްވުނު މީހުންގެ ގާތަށް ގޮވާލެއްވީ ﷲގެ މަގަށާއި އަދި ބަޔާންކޮށްދެއްވައި އިންޒާރުދެއްވީ ނަރަކައިގެ އަލިފާނާއި މެދުގައެވެ.

ކީރިތި ޤުރުއާނުގައި ﷲ ސުބުޙަނާހޫ ވަތަޢާލާ ވަނީ އެތައްފަހަރެއްގައި އެތައްތަނެއްގައި ނަރަކައިގެ ވާހަކަބަޔާންކުރައްވާފައެވެ. ވަރަށް ގިނަ އާޔަތްތަކުގައި މިކަން ބަޔާންކުރައްވާފައިވެއެވެ. އަދި މާތްނަބިއްޔާގެ ދޫފުޅުންވެސް ވަނީ މިކަން ބަޔާންކޮށްދެއްވައި އަންގަވާފައެވެ.

މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

 

فَاتَّقُوا النَّارَ‌ الَّتِي وَقُودُهَا النَّاسُ وَالْحِجَارَ‌ةُ ۖ أُعِدَّتْ لِلْكَافِرِ‌ينَ ﴿٢٤﴾ ސޫރަތުލް ބަޤަރާ

ދެންފަހެ ނަރަކައަށް ބިރުވެތިވާހުށިކަމެވެ. އެނަރަކައަކީ އެނަރަކައިގެ ދަރުކަމުގައި މީސްތަކުންނާއި އަދި ހިލަވާ ނަރަކައެވެ. އެއީ ކާފަރުންނަށް ތައްޔާރުކުރެވިފައިވާ ޖަހައްނަމައެވެ.

އަދިވެސް ﷲ ޢައްޖަ ވަޖައްލަ ވަޙީކުރައްވައެވެ.

إِنَّا أَعْتَدْنَا لِلظَّالِمِينَ نَارً‌ا أَحَاطَ بِهِمْ سُرَ‌ادِقُهَا ۚ ﴿٢٩﴾ ސޫރަތުލް ކަހަފް

ހަމަކަށަވަރުން ތިމަންއިލާހު އަނިޔާވެރިންނަށް(އެބަހީ: މުޝްރިކުންނާއި ފާފަވެރިންނަށް) އެތަނުގެ ފާރުތައް އެބައިމީހުންގެ ވަށާލާފައިވާ ނަރަކަ އުފެއްދެވީމެވެ.

 

އަދިވެސް ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރައްވައެވެ.

وَأَعَدَّ لَهُمْ جَهَنَّمَ ۖ وَسَاءَتْ مَصِيرً‌ا ﴿٦﴾ ސޫރަތުލް ފަތަޙަ

އަދި ޖަހައްނަމަ އެބައިމީހުންނަށް ވަނީ ތައްޔާރުކުރެވިފައެވެ. އަދި ފަހު މަންޒިލެއްގެ ގޮތުގައި އެމަންޒިލުގެ ހުރިނުބައިކަމާއެވެ."

بَلْ كَذَّبُوا بِالسَّاعَةِ ۖ وَأَعْتَدْنَا لِمَن كَذَّبَ بِالسَّاعَةِ سَعِيرً‌ا ﴿١١

އަދި އެބައިމީހުން ޤިޔާމަތްދުވަސް ދޮގުކުރިއެވެ. އަދި ޤިޔާމަތްދުވަސް ދޮގުކުރި މީހުންނަށް އަނދައަނދައި ހުޅުގަނޑުދިހުން އަރާ އަލިފާންގަނޑު ތައްޔާރުކުރެއްވީމެވެ.

 

ކީރިތިޤުރުއާނުގައި އެތައްއެތައް ތަނެއްގައި ﷲ ތަބާރަކަވަތަޢާލާ ވަނީ ނަރަކަވާ ކަމަށް ދަލީލުކުރާ އެތައްއެތައް އާޔަތެއް އަންގަވައި ބަޔާންކޮށްދެއްވާފައެވެ. މަތީގައިވާ އާޔަތްތަކުން އެއާޔަތްތައް ތެދުކުރާ މީސްތަކުންނަށް އެއްވެސް ޝައްކެއްނެތި މިކަން ބަޔާންވެ ހިނގައްޖެއެވެ.

ހަމައެފަދައިން ކީރިތިމާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންވެސް އެތައްޙަދީޘްބަސްފުޅުތަތަކުން އެކަމަށް ދަލީލުކުރެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(واطلعت في النار فرأيت أكثر أهليها النساء) (صحيح الجامع)

އަދި ތިމަންކަލޭގެފާނު ނަރަކައަށް ބައްލަވާ ލެއްވީމެވެ. އަދި އެތަނުގެ އަހުލުވެރިންގެ ތެރެއިން އެންމެ ގިނަބަޔެއްކަމުގައި ފެނުނީ އަންހެނުންނެވެ.

މިޙަދީޘް ބަސްފުޅުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައިވެސް ނަރަކަވާކަމަށް ދަލީލުކޮށްދެއެވެ.

އަދިވެސް ރިވާކުރެވިފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ.

(الحمى من فيح جحنم, فأبردوها بالماء) (صحيح الجامع)

ހުންވަނީ ނަރަކައިގެ އަލިފާންގަނޑުން އަރާ ހޫނުންނެވެ. ވީމާ ތިޔަބައިމީހުން (އެހުން) ފެނުން ފިނިކުރާށެވެ. (އެބަހީ ފަރުވާކުރާށެވެ.)

އަދިވެސް އެތައް އެތައް ޙަދީޘެއްގައި މިކަމަށް ދަލީލުކުރާ ޙަދީޘްތައް ވެއެވެ.

ޝައިޚު ވަލިޔުﷲ އައްދަހްލާވީ އެކަލޭގެފާނުގެ ފޮތްކަމަށްވާ ޢަޤާއިދުގައި ލިޔުއްވާފައިވެއެވެ.

"ސުވަރުގެޔާއި އަދި ނަރަކައަކީ ހަޤީޤަތެކެވެ. އެއީ އުފެއްދެވިފައިވާ ދެ މަޚުލޫޤެވެ. އަދި ޤިޔާމަތްދުވަސްއަންނަންދެން(އެބަހީ: މިހާރުވެސް އެދެތަން އުފެދިފައިވެއެވެ.) އެދެތަނަކީ ހުންނަދެތަނެވެ. އެއީ އަބަދަށް ވާ ދެތަނެވެ."

ޢަޤީދާގެ މައްސަލަތަކާއި ބެހޭގޮތުން ލިޔެފައިވާ ފޮތްތަކުގައި މިމައްސަލައިގައި ވަރަށް ގިނަ ފޮތްތަށް ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިފު!

    ފެށުން ރަަގަޅެއްނޫން! އެހެނީ މުސްލިމުން ފިޔަވައި ޔަހޫދީންނާއި ނަޞާރާއިންވެސް ނަރަަކަ ވާކަމަށް ޤަބޫލު ކުރޭ! އެކަން ޤުރްއާނުންވެސް އެނގޭ!