ނަބިއްޔާގެ ޞަޙާބީ ބޭކަލުންގެ ތެރެއިން ޖަމާޢަތެއް ދަތުރެއްގައި ފުރައިފިއެވެ. އަދި ޢަރަބިންގެ އަވަށްތަކުގެ ތެރެއިން އަވަށަކަށް ދަތުރުމަތީގައި ފޯރައްޖެއެވެ. ދެން އެބޭކަލުން މެހުމާންދާރީ (ޟިޔާފާ) ކުރުމަށް އެބައިމީހުންކުރެން އެދުމުން އެކަމަށް ދެކޮޅު ހަދައިފިއެވެ. އެޔަށްފަހު އެއަވަށުގެ ބޮޑުމީހާގެ ގައިގައި ނަގުލަންދާއްޓެއް ކަށި ޖަހައިފިއެވެ. ދެން ވަރަށް ގިނަކަންކަން އެބައިމީހުން އޭނާއަށް ފަރުވާއަށްކޮށް އެއިން އެއްވެސް ކަމަކުން މަންފާއެއް ނުކުރިއެވެ. ދެން އެތަނުން ބައެއްމީހުން ބުނެފިއެވެ. ނިކަން މިރަށަށް މަންޒިލުކުރަން ފައިބާ އެތިބާ ޖަމާޢަތުގެ މީހުން ކައިރިއަށް ދަމާހެއްޔެވެ. އެމީހުންގެ އަތުގައި ފަހަރެއްގައި ފައިދާކުރަނިވި (ފަރުވާއެއް) ހުރެދާނެއެވެ. ދެން އެބައިމީހުން ޞަޙާބީ ބޭކަލުންގެ ކައިރިއަށް އަތުވެއްޖެއެވެ. އޭ މީސްތަކުންނޭވެ. އަހަރެމެންގެ ބޮޑުމީހާގެ ގައިގައި އެއްޗެއް ކަށިޖަހައިފިއެވެ. އަދި ހުރިހާ އެއްޗަކުން އަހަރެމެން ފަރުވާކޮށްފީމެވެ. ނަމަވެސް އެއްވެސް ފައިދާއެއްނުކުރިއެވެ. ތިޔަބައިމީހުންގެ އަތުގައި އެއްވެސް އެއްޗެއް (ފަރުވާއަކަށްކުރާނެކަމެއް) ނެތްހެއްޔެވެ؟

ދެން ބައެއް ޞަޙާބީ ބޭކަލުން ދަންނަވައިފިއެވެ. ﷲގަންދީފައި ބުނަމެވެ. އާނއެކެވެ. ނަމަވެސް ތިމަންބޭކަލުން މެހެމާންދާރީ އަދާކުރުމަށް އެދުމުން ތިޔަބައިމީހުން އެކަމެއްނުކޮށްދިނީމުއެވެ. ތިމަންކަލޭގެފާނު ރުޤުޔާކޮށްދީފާނަމެވެ. އެއީ ތިމަންބޭކަލުންނަށް ބަދަލުގެ އެއްޗެއް ދޭމަތީންނެވެ. ދެން އެބައިމީހުން ބަކަރި ތަކެއް ދިނުމަށް އެއްބަސްވެއްޖެއެވެ. ދެން އެކަލޭގެފާނު ގޮސް ފުމެ އަދި އަލްޙަމްދު ސޫރަތް ކިޔަވައިފިއެވެ. ދެން ކިޔެވުމުން އެމީހަކު ހައްޔަރުން ނެއްޓުނު ފަދަޔަކުން ޙަރަކާތްތެރިވެއްޖެއެވެ. ދެން ހަމަ ހިނގާބިނގާވެ ގަދަފަދަ ވެއްޖެއެވެ. އެއްވެސް ކަހަލަ ކަމެއްނެތެވެ. ދެން އެބައިމީހުން ދޭން އެއްބަސްވީ ވަރު ދީނިންމައިފިއެވެ. ދެން ޞަޙާބީ ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން އެބަކަރިތައް ބެހުމަށް އެދިލެއްވިއެވެ. ދެން ރުޤުޔާކުރެއްވި ކަލޭގެފާނުވިދާޅުވިއެވެ. އިހަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށްގޮސް އެކަލޭގެފާނު އަމުރުކުރައްވާ ކަމެއް ބަލާފައި މެނުވީ ނުބަހާށެވެ. ދެން އެބޭކަލުން އެކަލޭގެފާނު ކައިރިއަށް ގޮސް އެވާހަކަ ދަންނަވައިފިއެވެ. ޙަދީޘްކުރެއްވިއެވެ. ތިބޭފުޅުންނަށް އެއީ ރުޤުޔާއެއްކަން އެނގުނީ ކިހިނަކުންތޯއެވެ؟ ތިޔަބައިމީހުން ކަންކުރީ ރަނގަޅަށެވެ. އެ ތިޔަބައިމީހުންގެ މެދުގައި ބަހާށެވެ. އަދި ތިމަންކަލޭގެފާނަށްވެސް ބައެއް ދެއްވާށެވެ." އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިނިވަރުނަކުރެއްވިއެވެ."

މި ޙަދީޘުން މާއްދީ ބަލިތަކަށް ސޫރަތުލް ފާތިޙާއިން ފަރުވާ ލިބޭކަމަށް ދަލީލުކޮށްދެއެވެ.

ޙަދީޘްގެ މަޞްދަރު: ޞަޙީޙުލް ބުޚާރީ: 2156ވަނަ ޙަދީޘް.