ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމަކީ ވާޖިބެކެވެ. އަދި އިސްލާމްދީނަށް ތަބާވެވޭނީ އެކަލޭގެފާނު އަމުރުކުރެއްވި ކަންކަމަށް ތަބާވެގެންނެވެ. އެހެނީ އެކަލޭގެފާނަކީ އެންމެ ފަހުގެ ރިސާލަތު ފޮނުއްވައި އިސްލާމްދީން އެބޭކަލެއްގެ އަތްމަތިން ފާޅުކުރެއްވުނު ކަލޭގެފާނެއެވެ. އެހެނީއ އެކަލޭގެފާނުގެ އަމުރުފުޅުތަކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކެވެ.

އެހެން ކަމުން އެކަލޭގެފާނަށް ތަބާވެ އަދި އެކަލޭގެފާނުގެ ބަސްފުޅުގެ މައްޗަށް އެއްވެސް ބަހެއް އިސްނުކޮށް ކިޔަމަންވުމަކީ ދީން އޭގެ މައްޗަށްބުރަވާ ދެވަނަ ޤާއިދާއެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަމަށް އަދި ﷲގެ އަޅާކަމަށް އިޤުރާރުވާ އިޤުރާރުވުމެވެ. ދީން ބިނާވަނީ އެދެ ބިންގަލުގެ މައްޗަށެވެ. އެއީ ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމާއި އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންތެރިކަން އަދާކުރުމުގެ މައްޗަށެވެ. މިދެ ކަންތައް ފުރިހަމަ ނުވާނަމަ ހިދާޔަތާއި އަދި ކާމިޔާބާ އަދި ފިތުނަތަކުން ސަލާމަތްވުމާއި އަދި ސުވަރުގެ ވަނުމާއި މިކަންކަމަކީ ޙާޞިލުވާނޭ ކަންކަމެއް ނޫނެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންތެރިކަން އަދާކުރުމަކީ ވަރަށް މުހިންމުވެގެންވާކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا) سورة النساء: 65.

މާނައީ: "އެހެންނަކުން ނޫނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ލައްވައި ޙުކުމްކޮށްފުމަށް ދާނދެން، އެބައިމީހުން އީމާންވީކަމުގައިނުވެއެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި ބުރަކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ، وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا) سورة الأحزاب: 36.

މާނައީ: " އަދި اللَّه އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރުއޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ، وَأُولَـٰئِكَ هُمُ الْمُفْلِحُونَ) سورة النور: 51

މާނައީ: "އެބައިމީހުންގެ މެދުގައި ޙުކުމްކުރެއްވުމަށް اللَّه އާއި، އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިހިނދަކު، މުއުމިނުންގެ ބަހެއްކަމުގައިވާކަން ކަށަވަރީ ތިމަންމެން އަޑުއަހައި ކިޔަމަންވެއްޖޭ ބުނުމެވެ. އަދި ކާމިޔާބު ލިބިގެންވާ މީހުންނަކީ ހަމަ އެބައިމީހުންނެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ) سورة النور: 63.

މާނައީ: "ފަހެ ނަބިއްޔާގެ އަމުރުފުޅާ ޚިލާފުވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ"

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ مَنْ أَطَاعَنِي دَخَلَ الْجَنَّةَ وَمَنْ عَصَانِي فَقَدْ أَبَى) رواه البخاري في صحيحه: 6851

މާނައީ: "ދެކޮޅު ހެދި މީހަކު މެނުވީ އެންމެން ތިމަންކަލޭގެފާނުގެ އުއްމަތުގައި ސުވަރުގެ ވަންނަ ހުއްޓެވެ." ޞަޙާބީ ބޭކަލުން ދެންނެވިއެވެ. ރަސޫލުﷲއެވެ. ދެކޮޅު ހަދަނީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް ކިޔަމަންތެރިވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި ކިޔަމަންތެރިނުވެއްޖެ މީހާ ހަމަކަށަވަރުން ދެކޮޅު ހަދައިފިއެވެ."

އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަންތެރިވުމުގެ މުހިންމުކަމާއި އަދި ވާޖިބުކަން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. އެހެނީ މިޒަމާނުގައި ބާޠިލު ފިރުޤާއެއްކަމުގައިވާ ސުންނަތަށް އިންކާރު ކުރުމުގެ ނުރައްކާތެރި ފިރުޤާއެއް ރާއްޖޭގައިވެސް ދަނީ ނުހަނު ހަލުއިކޮށް ފެތުރެމުންނެވެ. އެބައިމީހުންގެ ބައެއް ކަންކަމާއި ގުޅޭ އިތުރު ލިޔުންތައް ކުރިޔަށް އޮތްތަނުގައި ފާހަގަކޮށްލެވޭތޯ ބަލާނަމެވެ.

ދުޢާއަކީ ނަބިއްޔާއަށް ކިޔަމަންތެރިވާ މީހުންކަމުގައި އަޅުގަނޑުމެން ލައްވައި ހެޔޮ ރަޙުމަތް އަޅުގަނޑުމެން އެންމެންގެ މައްޗަށް ލެއްވުމެވެ.

وصلى الله وسلم على نبينا و قدوتنا و حبيبنا محمد و آله صحبه.

مرجع: الدروس اليومية.