الحمد رب العالمين. و الصلاة والسلام على أشرف الأنبياء و المرسلين. أما بعد:
ﷲ ސުބުޙަނަހޫ އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައިވެއެވެ.
(وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ، وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ.) سورة البقرة: 45.
މާނައީ: "އަދި ތިޔަބައިމީހުން ކެތްތެރިކަމާއި އަދި ނަމާދުން އެހީލިބިގަންނާށެވެ. ފަހެ އެކަމަކީ ބިރުވެތިވާ (މުއުމިނުންނަށް) މެނުވީ ބޮޑުވެގެންވާ ބުރަކަމެކެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
(يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ، إِنَّ اللَّـهَ مَعَ الصَّابِرِينَ) سورة البقرة: 153.
މާނައީ:" އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ކެތްތެރިކަމާއި އަދި އަދި ނަމާދުން އެހީލިބިގަންނާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކީގައެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންނަށް އަމުރުކުރައްވަނީ ކެތްތެރިކަމާއި ނަމާދުން އެހީލިބިގަތުމަށެވެ. އެހީއަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ކާމިޔާބު ކުރުމަށް މިކަމުން އެހީ ލިބިގަތުމުގެ ވާހަކައެވެ. އެހެނީ ކެތްތެރިކަމަކީ ވަރަށް ރިވެތި ވެގެންވާ ސިފައެކެވެ. އަދި ނަމާދަކީ އިސްލާމްދީނުގެ ތަނބުކަމުގައިވާ އަޅުކަމެވެ.
ކެތްތެރިކަމުގެ ވައްތަރުތައް.
ކެތްތެރިކަމަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ސަޢީދު ބިން ޖުބައިރު ރަޙިމަހުﷲ ބަޔާންކުރައްވައެވެ. "ކެތްތެރިކަމަކި އެމީހަކަށް ޖެހުނު މުޞީބަތަށް ﷲ އަށްޓަކައި އެކަންބަލައިގަތުމެވެ. އަދި އެމީހެއްގެ ޙިސާބު ބެއްލެވުންވަނީ ﷲގެ ޙަޟްރަތުގައިކަން ދަތުމާއި އަދި އެކަމަށް ﷲގެ ސަވާބަށް އުއްމީދުކުރުމެވެ. "
އަދިވެސް ބަޔާންވެފައިވެއެވެ. ކެތްތެރިކަމުގެ މާނައިގައި ޙަރާމްކަންކަމުން ދުރުވުން ހިމެނެއެވެ.
އެގޮތުން ތަފުސީރުގައި އިބުނު ކަޘީރު ރަޙިމަހުﷲ ގެންނަވާފައިވެއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ކެތްތެރިކަން ވަނީ ދެކެތްތެރިކަމެކެވެ. (އެއީ) މުޞީބާތުގެ ވަޤުތުގައި ކެތްތެރިވުމެވެ. އެކަންހެޔޮވެގެންވެއެވެ. (ދެވަނައީ) އަދި އެޔަށްވުރެ ޙަރާމްކަންކަމަށް އަރައިގަތުމުގެ މައްޗަށް ކެތްތެރިވުން ހެޔޮވެގެންވެއެވެ."
ނަމާދާއި ކެތްތެރިކަމާއި ހުރި ގުޅުމަކީ ކޮބާ؟
އިބުނު ކަޘީރު މިއާޔަތުގައިވާ ނަމާދާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ. "ކަމެއްގައި ޘާބިތުވުމަށްވާ އެންމެ ބޮޑު އެހީއަކީ ނަމާދެވެ." ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަކާއި ކަންބޮޑުވެ ހާސްވެ ވަޑައިގެންފިނަމަ ނަމާދުކުރެއްވުމާއިގެން މަޝްޣޫލުވެވަޑައިގަންނަވައެވެ. އެހެނީ ނަމާދަކީ ހާސްވުމާއި ކަންބޮޑުވުން ދުރުކޮށްދޭ އަދި ކެތްތެރިވުމަށް އެހީވެދޭ އަޅުކަމެކެވެ. އެއީ ކެތްތެރިކަމުގެ ވަސީލަތެކެވެ.
މިއާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ޖަރީރު ވިދާޅުވެފައިވެއެވެ. (وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ) "އެދެކެމަކީ ﷲގެ ރަޙުމަތް ލިބުމަށް އެހީވެދޭ ދެކަމެވެ."
އަދި ތަފުސީރުގެ އިމާމެއްކަމަށްވާ އަބޫ ޢާލިޔާ ވިދާޅުވިއެވެ. ކެތްތެރިކަމާއި ނަމާދުން ﷲގެ ރުއްސެވުން ހޯދުމަށް އެހީ ހޯދާށެވެ. އެހެނީ އެދެކަމަކީ ﷲއަށް ކުރެވޭ އަޅުކަމެކެވެ.
އެހެންކަމުން ކެތްތެރިކަމާއި ނަމާދުން ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ހޯދުމަށް އެހީ ލިބިގަންނަ ބަޔެއްކަމުގައި އަޅުގަނޑުމެން ލެއްވުން އެދި ދުޢާކުރަމެވެ. وصلى الله وسلم على نبينا محمد و آله و صحبه أجمعين. آمين.
(މަޢުލޫމާތު ނެގީ ބަޤަރާ ސޫރަތުގެ 45ވަނަ އާޔަތް: ތަފުސީރު އިބުނު ކަޘީރު، އަދި ތަފުސީރު ޠަބަރީ މިދެފޮތުން)
މިތަފްސީރަކީ ކާކު ލިޔާ އެއްޗެއް؟