މި ރޯދަމަހަކީ ކޮންމެ މީހެއްގެ ވެސް ފަހު ރޯދަ މަހަށް ވެދާނެކަން ހަނދާން ކޮށްދީ ރޯދަ މަހުގެ ސަވާބާއި ދަރުމަ ހެޔޮގޮތުގައި ލިބިގަންނަން މަސައްކަތް ކުރުމަށް ހުކުރު ހުތުބާގައި އިރުޝާދު ދީފިއެވެ.

ހުތުބާގައި ވަނީ މިއީ ހަޔާތުގެ ފަހު ރަމަޟާން މަހަށް ވެދާނެ ކަމަށް ވިސްނައިގެން ހެޔޮ އަމަލުތައް ގިނަ ކުރުމަށް އިރުޝާދު ދީފައެވެ. އިތުރަށް ހުތުބާގައި ވިދާޅުވެފައި ވަނީ މިދިޔަ ރަމަޟާން މަސް އައި އިރު ދުނިޔޭގައި ތިބި އެތައް ބައެއް މި ރަމަޟާން މަސް އައި އިރު ދުނިޔެ ދޫކޮށް ގޮސްފައިވާ ކަމަށާއި އެއީ އެކަމުން އިބުރަތް ހާސިލްކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަދި އެއްވެސް މީހެއްގެ ގާތަށް އަޖަލު އަތުވެއްޖެ ނަމަ ހިނދުކޮޅަކަށް ވެސް އަޖަލު ފަސް ނުކުރެވޭނެ ކަމަށާއި، އަޖަލު އައިސް ޖެހޭ އިރު ފައިދާ ލިބޭނީ މިހާރު ކުރި ހެޔޮކަމަކުން ކަމަށް ވެސް ހުތުބާގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ރަމަޟާން މަހަކީ ވަރަށް އަވަހަށް ނިމިގެންދާ މަހެއް ކަމަށް ވުމުން ވީވަރަކުން މި މަހުގައި އަޅުކަން ގިނަ ކުރުމަށް ހުތުބާގައި ލަފާދެއްވާފައިވެެއެވެ.

މީގެ އިތުރުން ނަމާދަށް ރައްކާތެރިވެ ރަމަޟާން މަހުގައި ދީނުގައި ނަހީކުރައްވާފައިވާ ކަންކަމާއި ދުރުވާން ޖެހޭ ކަން ހުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.

" ލޮބުވެތި މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވުމަށް މާތް ﷲ ފޮނުއްވި ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި، ދުޢާ ކުރާށެވެ! އެއީ، އެންމެހައި މުއުމިނުންނަށް އެކަލާނގެ އަމުރު ކުރައްވާފައިވާ ކަމެކެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަ ކަށަވަރުން ﷲ އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!" ހުތުބާގައިވެއެވެ.

ރަމަޟާން މަހަކީ ހެޔޮ އަމަލުތައް ގިނަ ކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި، އެ ފުރުސަތު ނަގާނުލުމަށް ހުތުބާގައި އިލްތިމާސްކޮށްފައިވެއެވެ. ހަމައެހެންމެ ހެޔޮ އަމަލުކުރެވޭ މިންވަރު ދެނެގަތުމަށް ނަފުސުތައް ހިސާބުކޮށް އަމަލުތައް ވަޒަން ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ހުތުބާގައި ވިދާޅުވެފައިވެއެވެ.