ރޯދައަށް ހުންނަ ފިރިހެނާއަށް އޭނާގެ އަނބިމީހާގެ ފަރާތުން ހިތްހަމަޖެހުމާއި، ގައިގޯޅިވުން ހުއްދަވެގެންވެއެވެ. ނަމަވެސް ޖިމާޢު ވުމެއްނެތި އަދި މަނި ފައިބައިގެން ނުދާ ގޮތުގައެވެ.

ޢިލްމުގެ އަހުލުވެރިން ތިޔަ މައްސަލަ ޛިކުރުކޮށްފައިވަނީ، ފިރިމީހާއަށް ރޯދައަށް ހުރެ އޭނާގެ އަނބިމީހާގެ ކިބައިން އަރާމާއި އުފާ ހޯދުން ހުއްދަވެގެންވާ މިންގަނޑަކީ ކޮބައިކަމުގެ މައްޗަށެވެ.

މި މައުޟޫގައި ވަރަށް ވެސް ޞަރީޙަ ބަސްފުޅު ސުންނަތުން ބަޔާންވެގެންވެއެވެ. އޭގެ ތެރޭގައި البخاري (1927) އަދި مسلم (1106) ނަބިއްޔާގެ އަނބިކަނބަލުން عَائِشَةَ -رضي الله عنها- ގެ އަރިހުން ރިވާކޮށްފައިވެއެވެ.

كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُقَبِّلُ وَيُبَاشِرُ وَهُوَ صَائِمٌ وَكَانَ أَمْلَكَكُمْ لأرَبِهِ

މާނައަކީ: "ނަބިއްޔާ ﷺ ރޯދައަށް ހުންނަވާ ތިމަންކަމަނާއާ ގައިގޯޅިވެ (يُبَاشِرُ ) އަދި ބޮސްދެއްވާ (يُقَبِّلُ) އުޅުއްވަތެވެ. އަދި ނަބިއްޔާއަކީ ތިޔަބައިމީހުންކުރެ އެމީހެއްގެ ޙާޖަތުގެ މައްޗަށް (ޝަހުވަތުގެ މައްޗަށް) އެންމެ ބޮޑަށް ބާރުފޯރުވޭ ފަރާތެއް ކަމުގައި ވެއެވެ”

ހަދީޘްގައިވާަފްޒު يُبَاشِرُގެ މާނަ އަކީ، ގައިގޯޅިވުން ފަދަ، އެކަކު އަނެކަކުގެ ހަށިގަނޑުގައި ބީހުން ފަދަ ކަންކަމެވެ. އަދި يُقَبِّلُ އަކީ ޚާއްޞަކޮށް ބޮސްދިނުމަށް ބޭނުން ކުރާ ލަފްޒެކެވެ. ވުމާއެކު، ރޯދަވެރިޔާއަށް އޭނާގެ އަނބިމީހާއާ ގައިގޯޅިވުމާއި، ބޮސްދީ އުފާ ހޯދުން ހުއްދަ ވެގެންވެއެވެ.

العلاَّمَة ابن باز -رحمه الله- ވިދާޅުވެފައިވެއެވެ. “ރޯދައަށް ހުރެ އޭނާގެ އަނބިމީހާއަށް ބޮސްދިން ކަމުގައި ވިޔަސް އޭނާގެ ރޯދަ ޞައްޙަވާނެއެވެ. އަދި ހަމައެފަދައިން އަނބިމީހާ ހަށިގަނޑުގައި ބީހުމާއި، އަނބިމީހާ އެކުގައި ނިދުންފަދަ ކަންކަމަކީ އޭނާގެ ރޯދައަށް އަޘަރު ކުރުވާނެ ކަމެއް ނޫނެވެ. އެއީ عَائِشَةَ -رضي الله عنها- ގެ އަރިހުން ޘާބިތުވެގެންވާ ފަދައިންނެވެ.

كان النبي ﷺ يقبل وهو صائم ويباشر وهو صائم ، މާނައީ: ނަބިއްޔާ ﷺ ރޯދައަށް ހުންނަވާ ތިމަންކަމަނާއާ ގައިގޯޅިވެ އަދި ބޮސްދެއްވާ ހައްދަވައެވެ”.

އެހެނަސް މިތަނުގައި ވިސްނުމަށް ގެނެސްގަތުމަށް މުހިންމު ނުކުތާއެއްވެއެވެ. العلامَة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ.

“ވާޖިބު ރޯދައެއް ހިފައިގެން ހުންނަ މީހާ، އޭނާގެ (ޝަހުވަތްތެރިކަން ފުދިގެން) މަނިފައިބައިގެން ދިޔުމުގެ ސަބަބެއް ކަމުގައި ވެދިއުމަށް އަނބިމީހާއާ ގައިގޯޅިވެގެން ނުވާނެއެވެ. މީސްތަކުން އެބައިމީހުން (ޝަހުވަތް ފުދިގެން ދިޔުމުގައި) މަނި ފައިބައިގެން ދިޔުމުގައި އެކި އަވަސްމިންވެއެވެ. ބައެއް މީހުން ވަރަށް ގިނައިރުން ލަސްކޮށްވެއެވެ. އަދި އޭނާގެ ނަފްސުގެ މައްޗަށް އޭނާ ކޮންޓްރޯލް ކޮށްލުން ވަރަށް ފުރިހަމަ ގޮތުގައިވެއެވެ. ނަބިއްޔާ ﷺ ގެ އަނބިކަނބަލުން عَائِشَةَ رضي الله عنها ވިދާޅުވެފައިވާ ފަދައިންނެވެ. “ނަބިއްޔާއަކީ ތިޔަބައިމީހުންކުރެ އެމީހެއްގެ ޙާޖަތުގެ މައްޗަށް (ޝަހުވަތުގެ މައްޗަށް) އެންމެ ބޮޑަށް ބާރުފޯރުވޭ ފަރާތެއް ކަމުގައި ވެއެވެ”.

އަދި މީސްތަކުންގެ ތެރޭގައި އޭނާގެ ނަފްސު ހިފަހައްޓައި ނުލެވޭ ޙާލަތުގައިވެ، އަވަހަށް (ޝަހުވަތްފުދި) މަނިފައިބައިގެން ދިއުމުގައިވާ ފަރާތްތައް ވެއެވެ. ފަހެ، މިފަދަ މީހާ އޭނާގެ އަނބިމީހާއެކުގައި ގައިގޯޅިވުމުގެ މައްޗަށް އިންޒާރު ލިބިގަންނަން ޖެހޭނެއެވެ. އެގޮތުން ވާޖިބު ރޯދައަށް ހުރުމުގައި، ބޮސް ދިނުމާއި އަދި އެނޫންވެސް ގޮތްގޮތަށް ގައިގޯޅި ވުމެވެ. ފަހެ، އޭނާގެ ނަފްސުގެ މައްޗަށް އޭނާއަށް ކޮންޓްރޯލް ކުރެވޭ ފަދަ ޙާލުގައިވާ މީހާއަށް ފަރުޟު (ވާޖިބު) ރޯދައިގައި ހުރި ކަމުގައިވީ ނަމަވެސް އަނބިމީހާއާ ގައިގޯޅިވުމާއި ބޮސް ދިނުމުގައި މައްސަލައެއް ނެތެވެ. އެހެނަސް ޖިމާޢުވުމުން އެއްކިބާވާން ޖެހޭނެއެވެ.

ފަހެ، ރަމަޟާން މަހުގައި (ދުވާލުގައި) ޖިމާޢު ވެއްޖެ މީހާގެ މައްޗަށް 5 ޙުކުމެއް ލާޒިމް ކުރުވައެވެ.

އެއީ ފާފަވެރިވުމެވެ. އެދުވަހުގެ ރޯދަ ފަސާދަވާނެއެވެ. އެދުވަހުގެ ބާކީ އޮތް ވަގުތުގައި ރޯދައަށް ހުރުމެވެ. (އޭނާއަށް ކެއުމާއި ބުއިން ހުއްދަ އެއް ނުވާނެއެވެ.) ސަބަބަކީ އޭނާ ރޯދަ ފަސާދަކޮށްފައިވަނީ ޝަރުޢީ ގޮތުން ހުއްދަވެގެންވާ ޢުޛުރެއްގައި ނޫނެވެ.

އެ ދުވަހުގެ ރޯދަ ޤަޟާ ކުރުން ވާޖިބުވުން ބޮޑުވެގެންވާ ކައްފާރާ އޭނާގެ މައްޗަށް ލާޒިމްވެގެންވުމެވެ. އެއީ، އަޅަކު މިނިވަންކުރުން، (އެކަމަށް ކުޅަދާނަވެގެން ނުވާނަމަ) ވިދިވިދިގެން ދެ މަސްދުވަހު ރޯދައަށް ހުރުމެވެ. އަދި އެކަމަށް ކުޅަދާނަވެގެން ނުވާނަމަ ފަސްދޮޅަސް މިސްކީހުންނަށް ކާން ދިނުމެވެ.

الإمام العلاَّمَة الأَلبَانِي -رحمه الله- ވިދާޅުވެފައިވެއެވެ. ނަބިއްޔާ ﷺ ގެ އަނބިކަނބަލުން عَائِشَة رضي الله عنها ގެ ބަސްފުޅު “ނަބިއްޔާ ﷺ ރޯދައަށް ހުންނަވައި ތިމަން ކަމަނާއަށް ބޮސްދެއްވައެވެ. އަދި ތިމަން ކަމަނާ ވެސް ރޯދައަށް ހުންނަވަނި ކޮށެވެ. މި ރިވާޔަތުން ދަލީލުކުރެވެނީ، ފިރިމީހާ ރޯދައަށް ހުރެ އަނބިމީހާއަށް ބޮސްދިނުން ހުއްދަވެގެންވާ ކަމެވެ. އަދި މިކަމުގައި އެމީހެއްގެ ޙާލަތަށް ރިޢާޔަތް ކުރުން ހުއްޓެވެ. އެއީ، ޒުވާނެއް ކަމުގައިވެ، އަނބިމީހާއާ ޖިމާޢުވެ އޭނާގެ ރޯދަ ފަސާދަވެދާނެކަމުގެ މައްޗަށް ބިރުއޮވެއްޖެހިނދު، އަނބިމީހާއަށް މިފަދައިން ބޮސްދިނުމުން އޭނާ އެކަހެރިވެ މަނާވެގެންނަންޖެހޭނެއެވެ. މިފަދައިން ނަބިއްޔާ ﷺ ގެ އަނބިކަނބަލުން رضي الله عنها އިޝާރާތް ކުރައްވާ ވިދާޅުވެފައިވެއެވެ. “و أيكم يملك إربه” ، މާނައީ: އެމީހެއްގެ ޝަހުވަތުގެ މައްޗަށް ތިޔަބައިމީހުންކުރެ ބާރުފޯރުވޭ ފަރާތެއްގެ ގޮތުގައިވަނީ ކާކު ހެއްޔެވެ؟”

އެހެންކަމުން، މައްސަލައިގެ ޚުލާޞާއަކީ، ރޯދައަށް ހުރެ އޭނާގެ ޝަހުވަތް ހިފެހެއްޓި އަދި ކޮންޓްރޯލް ކުރެވޭ ފަރާތެއް ކަމުގައިވެއްޖެހިނދު އޭނާގެ އަނބިމީހާއާއި ގައިގޯޅިވެ ބޮސްދީ ހެދުން މައްސަލައެއް ނެތެވެ.

އެހެނަސް ޝަހުވަތް ތިމާއަށް ކޮންޓްރޯލްނުވެ، އަވަހަށް މަނިފައިބާ، މީހާ އަނބިމީހާއާ ގައިގޯޅިވުމުގެ މައްޗަށް ސަމާލުވުމެވެ. އަދި އެއްވެސް ގޮތަކަށް މަނި ފައިބައިފިހިނދު އޭނާގެ ރޯދަ ފަސާދަވާނެ ކަމެވެ.

ނޯޓު: މިލިޔުމަކީ އަލްއުސްތާޒް އަބޫ އަނަސް މުހައްމަދު ހަސަަންގެ ބްލޮގްގައި ޝާއިއުކޮށްފައިވާ ދީނީ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އުނާދާ

  ތާތުން ތާކު ނުޖެހޭ ވާހަކަ ތީ. ގުރުއާނުގަ އެއޮތީ ވަރަށް ސާފުކޮއް ބަޔާން ކޮއްފަ.

  8
  9
 2. މު ހައްމަދު

  މި ދުވަސް ކޮޅު ކުރަން ވީ ކަމަކީ ގިނަ ގިނަ އިން އަޅު ކަން ކުރެވޭތޯ

  12
  2
  • ފޮތް

   ބަލަ އަނބިމީހާ ނުވަތަ ފިރިމީހާ ހިތްހަމަ ޖައްސައިދިނުމަކީވެސް އަޅުކަމެކޭ

   12
 3. އާލިމް

  جَزَاكَ ٱللَّٰهُ خَيْرًا‎ ޝޭޙް!
  ﷲ ޝޭޙް އަށް ބަރަކާތްލައްވައި ސާބިތުކަން ދެއްވާދޭވެ!
  މި ލިއުމުގައިވާ ފޮޓޯ އަކީ ސަލަފީ މަންހަޖާއި ފުށޫ އަރާ ފޮޓޯއެއް. ހިޒްބީންގެ ސްޓައިލް މީގެއިން ފެނިގެންދަނީ!

  7
  4