ސިޙުރަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ އެކަން ކުރާ މީހާ އިސްލާމްދީނުގެ ތަރަހައިގެ ތެރޭން ބޭރުކޮށްލާ ކަމެކެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި ހަލާކުކުރަނިވި ފާފައެކެވެ. ސިޙުރު ހެދެނީ ޝިރުކުކޮށްގެންނެވެ. އެއީ ސިޙުރުވެރިޔާ ޝައިތާނާއަށް ކުއްތަންވެ ޝައިތާނާ ރުއްސަން ޝިރުކާއި އަދިވެސް އެނޫންވެސް ފާޙިޝްކަންކަން ކޮށްގެންނެވެ. އެފަދަ ކަމެއް ކުރާ މީހަކީ ކާފަރެކެވެ. އަދި މުޝްރިކެކެވެ. އެފަދަ މީހެއްގެ ގާތަށް ދިޔުން އަދި އެހީ ހޯދުން ހުއްދަވެގެން ނުވެއެވެ.

މިކަން ބަޔާންކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ، وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ، وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ، فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ، وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ ، وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ )  سورة البقرة: 102.

މާނައީ: "އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިތާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެބައިމީހުން ތަބާވިއެވެ. ސުލައިމާނުގެފާނު ކާފަރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިތާނުން ކާފަރުވެއްޖެއެވެ. އެބައިމީހުން މީސްތަކުންނަށް ސިޙުރު އުގަންނައި ދިނުމުންނެވެ. އަދި ބާބިލުގައިވާ ހާރޫތާއި، މާރޫތާއި ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށްވެސް (އެބައިމީހުން ތަބާވިއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކުފުރުނުވާށޭ ވިދާޅުވެ (ނަޞީޙަތް ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެވޭނެ ބަޔަކު ކަމުގައި އެބައިމީހުން ނުވެއެވެ.. އެބައިމީހުން އެ އުގެނެނީ އެބައިމީހުންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ )  سورة طه: 69

މާނައީ: "އަދި ސިޙުރުވެރިޔާ ކޮންމެ ތަނަކަށް އައިކަމުގައިވިޔަސް އެމީހަކު(ހަދާ ސިޙުރުން) ކާމިޔާބު ނުވާހުއްޓެވެ."

އަދި ބޮޑުވެގެންވާ ހަލާކުކުރަނިވި ހަތްފާފައިގެ ތެރޭގައިވެސް ސިޙުރުހިމެނެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(اجْتَنِبُوا السَّبْعَ الْمُوبِقَاتِ - قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ - الشِّرْكُ بِاللَّهِ وَالسِّحْرُ وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَأَكْلُ الرِّبَا وَأَكْلُ مَالِ الْيَتِيمِ وَالتَّوَلِّي يَوْمَ الزَّحْفِ وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلَاتِ)  متفق عليه.

މާނައީ: "ހަލާކުކުރަނިވި ހަތްފާފައިން ދުރުވާށެވެ. ޞަޙާބީ ބޭކަލުން ދެންނެވިއެވެ. އެކަންކަމަކީ ކޮބައިތޯއެވެ.؟ ޙަދީޘްކުރެއްވިއެވެ. "ﷲއަށް ޝިރުކުރުރުމާއި އަދި ސިޙުރު ހެދުމާއި އަދި ﷲ ޙަރާމްކުރެއްވި ނަފުސެއް ޙައްޤެއް ނެތި ޤަތުލުކުރުމާއި އަދި ރިބާ ކެއުމާއި އަދި ޔަތީމުންގެ މުދާ ކެއުމާއި އަދި ހަނގުރާމައިގައި ދެލަޝްކަރު ބައްދަލުވާ ދުވަހު ފިލުމާއި އަދި ކައިވެނި ނުކުރާ ޢިއްފަތްތެރި މުއުމިނު އަންހެނާއަށް ޒިނޭގެ ތުހުމުތު ކުރުމެވެ."

ފިލާވަޅު ލިބޭ ޢިބުރަތްތައް.

ހ. ސިޙުރގެ ޙަރާމްކަމާއި އަދި އެކަމުގެ ބޮޑު ކަމާއި އެއީ ހަލާކު ކުރަނިވި ފާފައެއްކަން.

ށ. އެއީ އިސްލާމްކަން ގެއްލޭކަމެއްކަން..

ނ. ސިޙުރުވެރިން ކައިރިއަށް ދިޔުމާއި އެމީހުންނާއި މުޢާމަލާތްކުރުމަކީ ޙަރާމްކަމެކެވެ.

ވީމާ މިފަދަ ކަންކަމުން އަޅުގަނޑުމެންގެ ނަފުސުތައް ދުރުކޮށްދެއްވުން އެދި ދުޢާކުރަމެވެ. އަދި އަޅުގަނޑުމެންގެ ނަފުސުތައް އިޞްލާޙުކޮށްދެއްވާށިއެވެ. އާމީން.

وصلى الله وسلم على نبينا محمد و آله و صحبه أجمعين.

مرجع: الدروس اليومية.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސްލު ގޮބޭމެން ދެމަފިރިން ރަށަތެރޭގައި ހިނގަނީ މިހެންވެތާ؟

  2. ކިޔުންތެރިއެއް

    ރައީސް ޔާމީނު ވެރިކަމަށް އަންނަން، އަސޭލާ ލައްވައި ހެދި ސިހުރުގެ ވާހަކަ މިލިޔުމުގައި ނުހިމެނުއްވީ ކީއްވެ؟