ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަންހެނުންނާއި ފިރިހެނުން ވަކި ސިފައެއްގައި ޚަލްޤުކުރައްވާ ތަފާތުކުރައްވާފައެވެ. އަދި ކޮންމެ ބަޔަކަށްވެސް އެބަޔެއްގެ ފިޠުރަތުގައި ޚާއްޞަ ސިފަތަކެއް ލައްވަވައި ޚާއްޞަކުރައްވާފައެވެ. އަދި ކޮންމެ ބަޔަކަށްވެސް ކުރާނެ ކަންތައްތަކެއްވެސް ކަނޑައަޅުއްވާފައެވެ. މިކަންކަމުން މިމިންގަނޑު ތަކުން ބޭރުވެއްޖެނަމަ ﷲ ސުބުޙާނާހޫ ވަތަޢާލާ މަނާކުރައްވާފައިވާ މިންގަނޑުތަކަށް އަރައިގަނެވުން އޮންނާނީ ވަރަށް ކައިރީގައެވެ.

އަދި ބިންމަތީގައި ފަސާދަ އުފެދި އެއްބަޔަކު އަނެއްބަޔެއްގެ މެދުގައި ވެސް ފަސާދަ އުފެދުން އޮންނާނީ ކައިރީގައެވެ. އެއްޖިންސުގެ ބަޔަކު އަނެއް ޖިންސުގެ މީހުންނާއި ވައްތަރުވެގަތުން މިއީވެސް މިފަދަ ކަމެކެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުތައް ފަސާދަވެ އެތައް އިޖުތިމާޢީ މައްސަލަތަކެއް ނިކުމެ އަދި ﷲ ޙަރާމްކުރައްވާފައިވާ ކަންކަން ފެތުރި އަރައިގަނެވުމުން ދެއެވެ. މިގޮތުން މިފަދަ އެއްކަމަކީ އެއްބަޔަކު އަނެއްބަޔަކާ އެމީހުންގެ ޚާއްޞަކަންކަމުގައި ވައްތަރުވެ ގަތުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަން ކުރުން މަނާކުރައްވައި އަދި ލަޢުނަތް ލެއްވިގެންވާ ކަމެއްކަމަށް ޚަބަރުދެއްވާފައެވެ.

އަދި އެކަންކަން ކުރަނީ ކުޅިވަރެއް ކުޅުމަށް ކަމުގައި ވިޔަސް ހުއްދަވެގެން ނުވެއެވެ. މިސާލަކަށް ކަމެއް ފާހަގަކުރުމަށް އަންހެނުން ފިރިހެނުންގެ ހެދުން ލައި އަދި ފިރިހެނުން އަންހެނުންގެ ހެދުންލައި ހެދުމެވެ. ހުރިހާ ޙާލަތެއްގައިވެސް މިފަދަ ކަންތައްތައް ވާހުށީ ޙަރާމްކަންކަމުގެ ތެރެއިންނެވެ. އަދި މަނާކުރެވެން ޖެހޭނެއެވެ.

އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ.

(لَعَنَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ المُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ، وَالمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ) رواه البخاري في صحيحه: 5885

މާނައީ: "ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްވައްތަރުވެގަންނަ މީހުންނަށާއި އަދި އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްވައްތަރުވެ ގަންނަ މީސްތަކުންނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވިއެވެ."

އަދިވެސް އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ.

(لَعَنَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ، وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ) رواه أبوداود في سننه (4098) وصححه الألباني.

މާނައީ: "އަންހެނުންގެ ހެދުންލާ ފިރިހެނުންނަށާއި އަދި ފިރިހެނުންގެ ހެދުންލާ އަންހެނުންނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވެވިއެވެ."

އެހެންކަމުން މިފަދަ ކަންކަމުން އަޅުގަނޑުމެން ދުރުވާން ޖެހެއެވެ. އެހެނީ އިސްލާމްދީނުގައި ކަމެއް ނަހީ އައިސްފިނަމަ އެކަމުން ދުރުވުމަކީ މުއުމިނުންގެ ސިފައެވެ. އަދި އެކަމުން ލިބެން ހުރި ގެއްލުންތަކުން ދުނިޔަވީ ގޮތުންވެސް އަދި އާޚިރަތުގެ ގޮތުންވެސް ސަލާމަތްވުން އޮތީ އޭރުންނެވެ.

وصلى الله وسلم على محمد و آله و صحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު