މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ލޯބިއިތުރުކޮށްދޭ ކަންކަމުގެ ތެރޭގައި އެބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވުމުން އަތާ އަތްޖޯޑުކޮށް ސަލާމްކުރުން ހިމެނެއެވެ. މިއީ މާތް ޞަޙާބީ ބޭކަލުންގެ ރިވެތިވެގެންވާ ނަމޫނާގެ ތެރޭން ހިމެނޭ ވަރަށް މަތިވެރި ސުންނަތެ ކެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މިފަދައިން އަތާ އަތްޖޯޑުކޮށްފިނަމަ ލިބޭނެ މަތިވެރިކަމުގެ ވާހަކައިން ޚަބަރު ދެއްވާފައެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

" مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلَّا غُفِرَ لَهُمَا قَبْلَ أَنْ يَفْتَرِقَا" رواه أبو داود في سننه: 5212.

މާނައީ: "ދެމުސްލިމަކު ބައްދަލުވެ އަތާއަތްޖޯޑުކޮށް ސަލާމްކޮށްފިނަމަ، އެދެމީހުން ވަކިވުމުގެ ކުރިން އެދެމީހުންގެ ފާފަ ފުއްސެވޭނެއެވެ."

(عَنْ قَتَادَةَ قَالَ : قُلْتُ لِأَنَسٍ أَكَانَتْ الْمُصَافَحَةُ فِي أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :نَعَمْ) رواه البخاري في صحيحه: 5908.

ޤަތާދާ ގެ ކިބައިން ރިވާވެގެންވެއެވެ. "އަނަސް (ރަޟިޔަﷲ ޢަންހު)އަށް ދެންނެވީމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަޙާބީ ބޭކަލުން އަތާއަތް ޖޯޑުކުރައްވައި އުޅުއްވާ ހެއްޔެވެ؟ ދެންނެވިއެވެ: އާދޭހެވެ."

ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން އަތާއަތްޖޯޑުކުރުން.

މިއީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫނެވެ. އަދި އެކަމަކާއި ގުޅިގެން ނަހީ އައިސްފައިވާ ކަމެކެވެ. މިކަމަށް އެހެން ލިޔުމެއްގައި ތަފުސީލުކޮށް އަލިއަޅުވާލާނަމެވެ.

ފިލާވަޅުން ލިބޭ ޢިބުރަތްތައް.

ހ. އެއްބަޔަކު އަނެއްބަޔަކަށް އަތާއަތްޖޯޑުކޮށް ސަލާމްކޮށް އުޅުމަކީ ވަރަށް މަތިވެރި ސުންނަތެއްކަން އަދި ޞަޙާބީ ބޭކަލުންވެސް ކުރައްވާ އުޅުއްވިކަމެއްކަން.

ށ. ދެ މުސްލިމަކު ބައްދަލުވެ އަތާއަތްޖޯޑުކޮށްފިނަމަ ލިބޭ ޘަވާބުގެ މަތިވެރިކަން.

ނ. ހިލޭ އަންހެނަކާ ހިލޭ ފިރިހެނަކު އަތާއަތްޖޯޑުކުރުމަކީ ޙަރާމްކަމެއްކަން.

ހިލޭއަންހެނުންނާއި ހިލޭ ފިރިހެނުން އަތާއަތްޖޯޑުކުރުމުގެ ޙުކުމް

މިއީ މިޒަމާނަކަށް އައިސް މީސްތަކުން ވަރަށް ފަރުވާ ކުޑަކުރަމުންދާ ކަމެކެވެ. މިއީ ވަރަށް ބޮޑުވެގެންވާ ޙަރާމްކަމެކެވެ. ޙަދީޘްގައި ވަރަށް ހަރުކޮށް މިކަމަށް ނަހީ އައިސްފައިވެއެވެ. ނަމަވެސް އަޅުގަނޑުމެން ތެރޭގައި ވަރަށް ކުޑަކަމެއް ކަމަށް ދެކިގެން ކުރެވުމުންދާ ކަމެކެވެ. އެހެންކަމުން ދީނީ ގޮތުން މިކަން އޮތް ގޮތް އޮޅުން ފިލުވައިދިނުމަކީ ވަރަށް މުހިންމުކަމެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(لَأَنْ يُطْعَنَ فِي رَأْسِ أَحَدِكُمْ بِمِخْيَطٍ مِنْ حَدِيدٍ خَيْرٌ لَهُ مِنْ أَنْ يَمَسَّ امْرَأَةً لَا تَحِلُّ لَهُ) رواه الطبراني في المعجم الكبير: 486 و صححه الألباني.

މާނާއީ: "އެމީހަކަށް ހުއްދަނުވާ (ހިލޭ) އަންހެއްނެއްގެ ގައިގައި އަތްލުމަށްވުރެ، އެމީހެއްގެ ބޮލަށް ދަގަނޑު ތިނޯހެއް ހެރުން މާ ހެޔޮކަން ބޮޑެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(إِنِّي لَا أُصَافِحُ النِّسَاءَ) رواه النسائي (4181) و صححه الألباني.

މާނައީ: "ތިމަންކަލޭގެފާނު (ހިލޭ) އަންހެނުންނާއި އަތާ އަތްޖޯޑުކޮށް ސަލާމްނުކުރައްވަމެވެ."

އައްލާމާ މުޙައްމަދު އަމީން ޝަންޤީޠީ ރަޙިމަހުﷲ މަތީގައިވާ ޙަދީޘަށް އިޝާރާތްކުރައްވަމުން އެކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވެފައިވެއެވެ. "ބަޢިއަތުގެ ވަޤުތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެނުންނާއި އަތާއަތް ޖޯޑުނުކުރެއްވުމުން ސާފުވެގެންވާ ގޮތުގައި ދަލީލުކޮށްދެނީ (ހިލޭ) އަންހެނުން ފިރިހެނުންނާއި އަތާ އަތްޖޯޑުކުރުން ނުވާކަމެވެ. ފިރިހެނުންގެ އެއްވެސް ހިސާބެއް (ހިލޭ) އަންހެނާގެ ގައިގައި ބީހިގެން ނުވާނެކަމެވެ. ސަބަބަކީ އެންމެ ކުޑަމިންވަރަކަށް އަތްލެވޭނެ ގޮތަކީ އަތާއި އަތްޖޯޑުކޮށްގެން ކަމަށް ވާތީއެވެ. އެކަލޭގެފާނު އަތާއި އަތްޖޯޑުކުރަން ޖެހޭ ވަޤުތެއްގައި އެއީ ބައިޢަތުގެ ވަޤުތުގައި އެކަމުން މަނާވެ ގަތުމުން އެކަމުން ދަލީލުކޮށްދެނީ އެކަން ހުއްދަވެގެން ނުވާކަމެވެ. އަދި އެއްވެސް މީހަކަށް އެކަމާ ޚިލާފުވުން ނުވެއެވެ. ސަބަބަކީ އަހަރެމެންގެ މައްޗަށް ވަނީ އެކަލޭގެފާނު ބަސްފުޅުތަކާއި އަދި ޢަމަލުފުޅުތަކާއި ތަޤުރީރުތަކަށް ބޯލެނބުމަށް ޝަރުޢުކުރެވިގެންނެވެ." اهـ

އަދި ހަތަރު މަޒުހަބުގައިވެސް އޮންނަނީ މިފަދައިންނެވެ.

އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"(ހިލޭ) އަންހެނާގެ ގައިގައި އެއްވެސް ތަނެއްގައި އަތްލުން ހުއްދަވެގެން ނުވެއެވެ."

ކިތާބުލް މަޖްމޫޢު. 4/514

ވީމާ މިފަދަ ކަންކަމުން އަޅުގަނޑުމެން ދުރުވުމަކީ އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި މަގަކީ އެޔެވެ. އެންމެ ހެޔޮ މަގަކީ އެކަލޭގެފާނުގެ މަގެވެ. ގިނަމީހުން ކުރުން އެއީ ޙަރާމްކަމެއް ނުކުރަން އޮތް ސަބަބަކަށް ނުހަދާށެވެ. ޙައްޤުގައި ލަދުގަތުމެއް ނުވެއެވެ.

وصلى الله وسلم على نبينا محمد و آله و صحبه.

ނިމުނީ.