ތަޤުވާވެރިވުމަކީ ޝަރުޢީ ގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނުގައި ކުރައްވާފައިވާ އަމުރުފުޅުތަކަށް ބޯލަނބައި އަދި ނަހީކުރައްވާފައިވާ ކަންކަމުން ރައްކާތެރިވުމެވެ. އެއީ ޢަޒާބާއި އެމީހަކާއި ދެމެދު ލެވޭ ފާރެކެވެ. އެފާރު ބިނާކުރެވޭ ހުށީ ހެޔޮކަންކަން ކޮށް އެޔާއެކު ނުބައިހުރިހާ ކަމަކުން ދުރުވެގެންވެއެވެ. ތަޤުވާވެރިކަން ޙާޞިލުވާނީ އޭރުންނެވެ. އެކަމަކީ ހުރިހާ މީސްތަކުންނަށްވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ކުރައްވާފައިވާ އަމުރުފުޅެކެވެ. އަދި އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް އެކަމަށް އަންގަވައި އަމުރުކުރައްވާފައިވާ ކަމެކެވެ.

ތަޤުވާގެ މާނަ ﷲއަށް ބިރުވެތިވުން ކަމުގައި ތަރުޖަމާކުރެވެއެވެ. އެޔަށްވުރެ އެބަހުގެ މާނަ ފުޅާވެ ތަނަވަސް ވެއެވެ. މަތީގައި އެވަނީ އިޞްތިލާޙީ މާނަބަޔާންކުރެވިފައެވެ. އެހެންކަމުން ތިރީގައިވާ އާޔަތްތަކަށް ތަދުރީބުކޮށް ފުންކޮށް ވިސްނާށެވެ.

ތަޤުވާވެރިވުން އަމުރުވެވިފައިވާ ކަމެއް:

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ ) سورة النساء: 1

މާނައީ: "އޭ އެންމެހާ މީސްތަކުންނެވެ. އެންމެ ނަފުސަކުން ތިޔަބައިމީހުން ހެއްދެވި ތިޔަބައިމީހުންގެ ވެރި ރައްބަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ.)

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ) سورة آل عمران: 102

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވުން ޙައްޤުގޮތުގައި އެކަލާނގެއަށް ތަޤުވާވެރިވާށެވެ. އަދި މުސްލިމުންގެ ގޮތުގައި މެނުވީ ތިޔަބައިމީހުން މަރުނުވާހުށިކަމެވެ." އެހެނީ މުސްލިމުން ނޫން ގޮތެއްގައި މަރުވާ މީހާ އަށް ވަނީ ގެއްލުމާއި ހަލާކެވެ. އަދި ގެއްލެނިވިވެގެންވާ މީސްތަކުންގެ ތެރޭގައި އެމީހަކު ޤިޔާމަތް ދުވަހު ވާނެއެވެ.

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ خَبِيرٌ بِمَا تَعْمَلُونَ) سورة الحشر: 18.

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ﷲއަށް ތަޤުވާވެރިވާށެވެ. އަދި ތިޔަބައިމީހުން މާދާމާއަށް ކޮންމެ ނަފުސެއް ތައްޔާރުކުރީ ކޮންކަމެއްތޯ ބަލާހުށިކަމެވެ. އަދި ﷲއަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން ﷲއީ އެންމެމޮޅަށް ތިޔަބައިމީހުން ކުރާކަންތައްތަކުގެ ޚަބަރުދެނެވޮޑިގެންވާ އިލާހެވެ."

ﷲ ޤަބޫލުކުރެއްވުން ލިބުމާއި ގުޅިފައިވާ ސަބަބެއް:

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(إِنَّمَا يَتَقَبَّلُ اللَّـهُ مِنَ الْمُتَّقِينَ) سورة المائدة: 27.

މާނައީ: "ތަޤުވާވެރިވާމީހުންގެ ކިބައިން މެނުވީ ﷲ ޤަބޫލުނުކުރައްވައެވެ."

ރިޒުޤު ތަނަވަސްވެ ކަންކަމުގެ ޙައްލު ލިބުންވާ ސަބަބެއް:

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا، وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ) سورة الطلاق 2-3

މާނައީ: "އަދި ﷲއަށް ތަޤުވާވެރިވެއްޖެމީހާއަށް (ކަންކަން ޙައްލުވާނެ) މަގުދައްކަވާހުއްޓެވެ. އަދި އެމީހަކު ހީވެސްނުކުރާ ފަދައަކުން އެމީހަކަށް ރިޒުޤުދެއްވާހުއްޓެވެ."

ކުރީގެ މީސްތަކުންނާއި މިޒަމާނުގެ މީސްތަކުންނަށް ވާ އަމުރެއް:

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّـهَ) سزرو النساء: 131.

މާނައީ: "އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީސްތަކުންގެ ތެރެއިން ފޮތް ދެއްވުނު މީހުންނަށާއި އަދި ތިޔަބައިމީހުންނަށް ﷲއަށް ތަޤުވާވެރިވުމަށް ތިމަންއިލާހު ވަޞިއްޔަތްކުރެއްވީމެވެ."

ޙައްޤާއި ބާޠިލު ދެނެގަނެވި ފާފަފުއްސެވޭ ސަބަބެއް:

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّـهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ) سورة الأنفال: 29.

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވުމުން ތިޔަބައިމީހުންނަށް ޙައްޤާއި ބާޠިލު ވަކިކުރާނެ މަގުދައްކަވާހުށީމެވެ. އަދި ތިޔަބައިމީހުންގެ ނުބައި ޢަމަލުތައް ފިއްލަވާދެއްވާހުށީމެވެ. އަދި ތިޔަބައިމީހުންނަށް ފާފަ ފުއްސަވައިދެއްވާހުއްޓެވެ."

ޤުރުއާން ހިދާޔަތްދައްކަނީ ތަޤުވާވެރިންނަށް:

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ) سورة البقرة: 2.

މާނައީ: "އެއީ (މިފޮތަކީ) އެފޮތާއި މެދު އެއްވެސް ޝައްކެއްނެތް ޤުރުއާނެވެ.  އެއީ ތަޤުވާވެރިންނަށް ހުރި ހިދާޔަތެކެވެ."

ސުވަރުގެ ލިބުންވާ ސަބަބެއް:

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

( تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّا) سورة مريم: 63.

މާނައީ: "އެއީ ތިމަންރަސްކަލާނގެ އަޅުތަކުންކުރެ ތަޤުވާވެރިވީ މީސްތަކުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވާ ސުވަރުގެއެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ) سورة الشعراء: 90.

މާނައީ: "އަދި ތަޤުވާވެރިންނަށް(ކުފުރާއި ފާފަތަކުން ދުރުވެ އަދި ﷲއަށް ކިޔަމަންވީ މީސްތަކުންނަށް) ސުވަރުގެ ކައިރިކުރެވޭ ހުއްޓެވެ."

ކޮންމެ ތަނެއްގައިވެސް ތަޤުވާވެރިވާން ޖެހޭ:

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(اتَّقِ اللَّهِ حَيْثُمَا كُنْتَ) رواه الترمذي(1987) و صححه.

މާނައީ: "ތިބާވީ ކޮންމެ ތަނެއްގައި ﷲއަށް ތަޤުވާވެރިވާށެވެ."

އަޅުގަނޑުމެން ބައެއް ފަހަރު ބޭރު ޤައުމުތަކަށްގޮސް އަމިއްލަ ޤައުމުގައި ނުކުރާ ޙަރާމްކަންކަމަށް ވަރަށް ފަސޭހައިން އަރައިގަނެއެވެ. މިއީ ތަޤުވާވެރިކަން އެންމެ ފުރިހަމައަށް އަދި ޙައްޤުގޮތުގައި ތަޤުވާ ނުވެވޭކަމުގެ ޢަލާމާތެކެވެ. އެހެންކަމުން މިކަންކަން ރަނގަޅުކޮށް ތަޤުވާއަކީ ހުރިހާ ތަނެއްގައިވެސް ވާކަމެއްކަމުގައި ހަދަންޖެހެއެވެ. ތަޤުވާއިން މެނުވީ ހުރިހާ ހެޔޮކަމެއް ޖަމާނުވެއެވެ.

ﷲ ސުބުޙާނާއަށް ޙައްޤުގޮތުގައި ތަޤުވާވެރިވާ އަދި މުސްލިމުންގެ ގޮތުގައި މަރުވާ މީހުން ކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން.

وصلى الله وسلم على محمد و آله و صحبه.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް