ދިވެހިންގެ އެހީގައި ފަލަސްތީނުގެ އަލް ޝިފާ ހޮސްޕިޓަލަށް ކަރަންޓުގެ ހިދުމަތް ފޯރު ކޮށްދީފިއެވެ.

އަލް ޝިފާ ހޮސްޕިޓަލަކީ ފަލަސްތީނުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލަށް ވެފައި ބޮޑެތި ޒަހަމްތައް ލިބޭ މީހުންނަށް ފަރުވާ ދެމުން ދަނީ މި ހޮސްޕިޓަލުގައެވެ. އިސްރާއިލުގެ ހަމަލާތަކުގައި އަނިޔާވާ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ފަރުވާ ދެމުން ދަނީ ވެސް އަލް ޝިފާ ހޮސްޕިޓަލުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން އަލް ޝިފާ ހޮސްޕިޓަލަށް ކަރަންޓުގެ ހިދުމަތް ފޯރު ކޮށްދީފައިވަނީ އިސްރާއިލުން ހޮސްޕިޓަލުތަކަށް އަމާޒުކޮށް ދިން ހަމަލާގައި އަލް ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑި، ބައެއް ހޮސްޕިޓަލުތަކާއި ކްލިނިކްތަކަށް ގެއްލުން ވެފައިވާ ދަނޑިވަޅެއްގައެވެ. އެ އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު، މިއަދުގެ ރިޕޯޓުތައް ބުނަނީ ޣައްޒާގައި ހުރި ހަމަ އެކަނި ކޮވިޑް ޓެސްޓު ކުރާ ލެބޯޓަރީ ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން މިވަނީ ދިވެހިންގެ ފަރާތުން 2547 ލީޓަރުގެ ތެޔޮ އެ ހޮސްޕިޓަލަށް ހަދިޔާ ކޮށްދީފައެވެ. އައިއީސީގެ ފޭސްބުކް ޕޭޖުން މި މައުލޫމާތު ހިއްސާކޮށް ބުނެފައިވަނީ ދިވެހިންގެ ފަރާތުން ހަދިޔާ ކޮށްދިން ތެލުގެ ސަބަބުން ކަރަންޓުގެ ދަތިކަން ދިމާވެ، ހޮސްޕިޓަލުގެ ހިންގުމަށް ދިމާވެގެންދާނެ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އައިއޭސީއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިކަން ފޯރު ކޮށްދީފައިކަން ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުން ހަމަލާތަކުގެ ސަބަބުން ގެތަށް ސުންނާފަތިވެ މަގުމަތިވެފައިވާ ފަލަސްތީނުގެ އާއިލާތަކަށް މާލީ އެހީތެރިކަމެއް ފޯރު ކޮށްދީފައިވެއެވެ. އެގޮތުން ޣައްޒާގެ 90 އާއިލާއަކަށް 100 އެމެރިކާގެ ޑޮލަރުގެ މަގުން ފައިސާ ފޯރުކޮށްދީފައިވެއެވެ.