ޖާބިރުގެފާނު ރަސޫލުﷲ ﷺ ގެ އަރިހުގައި ނަޖުދާވީ ފަރާތަށް ކުރެވުނު ހަނގުރާމަ އެއްގައި ބައިވެރިވިއެވެ. އަދި އެ ހަނގުރާމައިން އެނބުރި ވަޑައިގެންނެވުމުގައި މެންދުރު ވަގުތު އަވަހާރަލައްޕަވައި އަރާމު ކޮށްލެވުމުގެ ވަޤުތު ވަންއިރު އެބޭކަލުންނަށް ތިއްބެވުނީ ކަށިބޯ ގަސްތަކެއްވާ ހިސާބެއްގައެވެ. ދެން އެބޭކަލުން އެތަނަށް ފައިބައި ވަޑައިގެންނެވިއެވެ. އަދި މީސްތަކުން އަރާމުކުރެއްވުމަށް އެކި ދިމާ ދިމާއަށް ވަޑައިގެންނެވިއެވެ. ރަސޫލުﷲ ﷺ ވެސް ވަރަށްބޮޑު ގަހެއްގެ ހިޔަލަށް ފައިބައި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ކަނޑިކޮޅު އެ ގަހުގައި އެލުވައިލެއްވިއެވެ. އަދި މީސްތަކުން ކުޑައިރުކޮޅަކަށް ނިދައިފިއެވެ.

ކުއްލިއަކަށް ރަސޫލުﷲ ﷺ މީސްތަކުންނަށް ގޮވައިލެއްވިއެވެ. މީސްތަކުން ވަޑައިގެންނެވި އިރު އެކަލޭގެފާނުގެ އަރިހުގައި އަޢުރާބީއަކު ހުއްޓެވެ.

ރަސޫލުﷲ ﷺ ޙަދީޘްފުޅުކުރެއްވިއެވެ. "ތިމަން ކަލޭގެފާނު އަވަހާރަފުޅަށް އޮންނަވަނިކޮށް، މިހިރަ މީހާ ތިމަންކަލޭގެފާނުގެ ޤަތުލުކޮށްލެއްވުމަށް ކަނޑިމަޅައިގަތެވެ. ތިމަންކަލޭގެފާނަށް ހޭފުޅުލެވުނުއިރު އޭނާ ހުރީ ކަނޑި މަޅައިގެންނެވެ. އޭނާ ބުންޏެވެ. ތިމަން ގެ ކިބައިން ކަލޭގެފާނު ސަލާމަތްކުރާނީ ކާކު ހެއްޔެވެ ؟ ތިމަންކަލޭގެފާނު ތިން ފަހަރު ﷲ އޭ ވިދާޅުވީމެވެ."

ދެން އެމީހާގެ އަތުން އެ ކަނޑިކޮޅު ވެއްޓުނެވެ.

ޖާބިރުގެފާނު ވިދާޅުވިއެވެ. "ރަސޫލުﷲ ﷺ އޭނާއަށް އެއްވެސް ކަމެއް ނުކުރައްވާ ދޫކޮށްލެއްވީއެވެ."

މައުލޫމާތު: (ޞަޙީޙުލް ބުޚާރީގެ ޙަދީޘް ނަމްބަރު 2910 އަދި ރިޔާޟުއްޞާލިޙީންގެ ފުރަތަމަ ބާބުގެ 78ވަނަ ޙަދީޘް)