އަޅުގަނޑުމެންނަކީ ކޮންމެވެސް ދުވަހަކުން މި ވަގުތީ ދުނިޔެ އާއި އަބަދުގެ އަބަދަށް އަލްވަދާއު ކިޔަންޖެހޭނެ ބައެކެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އެންމެ އައުލާކަން ބޮޑީ ދުނިޔޭގައި މި ހޭދަވާ މަދު ދުވަސްކޮޅުގެ ތެރޭގައި އަމަލުތައް ސީދާކޮށް ﷲ އާއި އެކަލާނގެ ރަސޫލާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވި މަގުން ހިނގުމެވެ.

ޚާއްސަކޮށް މުސްލިމަކަށް ވީތީ ކުރަން ޖެހޭނެ ކަންތަށްތަކާއި އެއްގޮތަކަށް ވެސް ކޮށްގެން ނުވާނޭ ކަންތަށްތަށް ވަރަށް ގިނައެވެ. އެގޮތުން އެހެންމީހެއްގެ ހައްޤާއި މުދަލަށް އަރައިގަތުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ. އަދި ހައްޤަކާއި ނުލާ މީހުން މެރުމަކީވެސް  އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދުނިޔޭގައި އެންމެ ހަލުވިކޮށް ފެތުރެމުންދާ ދީނަކީ އިސްލާމް ދީނަށްވެފައި، މުސްލިމުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާއިރު ސައްތަ އިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި މި ކުޑަކުޑަ ދިވެހި ރާއްޖެ  ފާހަގަ ވެފައި  އޮތުމަކީ ހަމަގައިމުވެސް މިގައުމަށް އުފަން ކޮންމެ މީހަކުވެސް އެކަމާ ފަޚުރުވެރިވާން ޖެހޭނެ ބޮޑު ނިއުމަތެކެވެ.

ނަމަވެސް ފަރުދާގެ އަނެއްފަރާތުގައި ނަގާފައިވާ ކަޅު ވިލާގަނޑަށް އެބަ ނަޒަރު ހިންގާލަން ޖެހެއެވެ.

ސައްތައިން ސައްތަ މުސްލިމުން ކަމަށް ދައުވާ ކުރާ ގައުމެއްގެ ގޮތުގައި އޮތަސް މި ގައުމުން ފެންނަމުން ދާ ބައެއް މަންޒަރުތަކުން ލޮލުން ކަރުނަ އޮހޮރޭހާވެއެވެ.

ދަންނަވާލަން މިއުޅޭ ވާހަކައަކީ މިގައުމުގައި ނުބައި އާދަތަށް އާދަޔާ ޚިލާފަށް ގިނަވެފައިވާ ކަމެކެވެ. މީހުންމެރުން މިވަނީ ކުޅިވަރަކަށް ވެފައެވެ. ވައްކަމާއި ފޭރުން މިވަނީ "ކޫލް ކަމަކަށް" ވެފައެވެ. އެެއްވެސް ޖެހިލުމެއްނެތި އަންހެނުންގެ އިއްފަތްތެރިކަން ނަގާލުން މިވަނީ އިތުރުވެފައެވެ. ޒިނޭ މިދަނީ އާއްމު ވަމުންނެވެ. ގައުމެއް ހަލާކުވެ ނެތި ދިއުމުގެ ހުރިހާ ސިފައެއް އަދުގެ ރާއްޖޭއިން މިހާރު މިދަނީ ފެންނަމުންނެވެ.

މީހުންމެރުމާއި ވައްކަމާއި ފޭރުމުގެ ވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ.

ގައުމެއް ފަސާދަ ވަނީ އެގައުމުގައި ކުށްކުރުން އިތުރުވުމުން އެކަންޏެއް ނޫނެވެ. އެގައުމެއްގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ އާދަތަށް ހުންނަ ގޮތުންވެސް ބައެއް ފަހަރު އެގައުމެއް ހަލާކުގެ އަނދަވަޅަށް އެބަ ވެއްޓެއެވެ.

މިހެން ބުނަން މިޖެހޭ ސަބަބަކީ އަދުގެ ގިނަ ދިވެހީން  ދީނާއި ވަރަށް ބޮޑަށް ދުރުވެފައިވާތީއެވެ. ނަމާދު ވަގުތައް ބެލުމެއް ނެތި ވިޔަފާރީގައި މާ "ބިޒީކޮށް" އުޅެވެނީއެވެ. ކުޅިވަރާއި މަޖަލުގައި ވަގުތުތައް ނަގާލަނީ ތިމާ ހެއްދެވި ފަތާތެއް ވާ ކަން ހަނދާންވެސް ނައްތާލާފައެވެ. ދުނިޔެވީ ކަންތައްތަކުގައި ގެއްލިފައި ތިބެވެނީ އެފަރާތަށް އަދާ ކުރަން ޖެހޭ ވާޖިބު ކޮށްފައިތޯ އަމިއްލަ ނަފްސާއި ސުވާލު ކޮށްލަން ކެރޭނެތޯއެވެ؟

ވެރިކަން ކުރާ މާލެއަށް ނަޒަރު ހިންގާލިޔަސް ފެންނަމުން މިދަނީ ހަމަ އެއް މަންޒަރެކެވެ. ކުރިން ނަމާދު ވަގުތަށް  ފިހާރަތަށް ބަންދު ކުރި ނަމަވެސް މިއަދު މިކަން މިގޮތަށް ކުރަނީ ވަރަށް މަދު ބައެކެވެ.

ފިހާރަ ބަންދޭ ކިޔާ ފިހާރައިގައި އިންނަ ނަންބޯޑު "ބަންދު" ކަމަށް ބަދަލު ކޮށްލިޔަސް އެއީ އެއްވެސް ތާކުން ތާކުން ޖެހޭ ކަމެއް ނޫނެވެ. ނަމާދު ވަގުތަށް ފިހާރަތަށް ބަންދު ކުރަން ގާނޫނުގައި އޮންނާތީ އެކަން ކޮށްލަނީއެވެ. ނަމަވެސް ފިހާރައިގެ އެތެރޭގައި ބަރާބަރަށް ދަނީ ވިޔަފާރި ކުރަމުންނެވެ. ތަފާތަކީ ހަމައެކަނި ބަންދު ބޯޑު އަޅުވައިފައިވުމެވެ.

ދެން އޮތް ސުވާލު އަދި މާބޮޑެވެ.

ނަމާދު ވަގުތުގައި ފިހާރައިގައި އަރުވާޖަހާލައިފައި ވިޔަފާރިޔައިގެން ހޭބޯނާރާ މީހުންނަށް ނަމާދު ފަރުޟު ނުކުރައްވަނީ ހެއެްޔެވެ؟

ހަމަ ޔަގީނުންވެސް ނޫނެވެ. ނަމާދަކީ އިސްލާމް ކަމުގެ ރުކުނެއް ކަމުގައިވާއިރު އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް ކުރުން ވާޖިބް ކަމެކެވެ. ގަސްތުގައި ނަމާދު އަޅާ މީހުންނަށް ހުރި އަޒާބުގެ ބޮޑުކަމުގެ ވާހަކަ ހަމަ އެ ވިޔަފާރިވެރިންނަށް ނީވެނީބާއެވެ.

ނޫނެކެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގައުމުގެ ދީނީ އިލްމުވެރިން މިދައްކަނީ އެވާހަކައެވެ. ދީނުގެ ކަންކަން ކުރަން އޮންނަ ގޮތާ އެކަންކަން ނުކުރުމުން ދެންވާނެ ގޮތުގެ ވާހަކައެވެ. އެހެންކަމުން ނަމާދު އެޅުމަކީ ކިހާވަރެއްގެ ބޮޑު ފާފައެއްކަން ނޭނގޭ މީހަކު މިގައުމުގައި ހުންނާނެ ކަމަކަށް އަޅުގަނޑަކަށް ހިޔެއްނުވެއެވެ.

ދެންވެސް އޮތީ ހަމަ މިފަދަ ވާހަކައެވެ. ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. ނަމާދު ވަގުތު ފާއިތުވެގެން ދާއިރުވެސް ކުޅިވަރާއި މަޖަލުގައި ހޭދަކުރާ މީހުންގެ ވާހަކައެވެ.  ފުޓްސެލް ގްރައުންޑް ތަކުގައްޔާއި ކުޅިވަރު ކޯޓުތަކުގައި އަޅުގަނޑުމެންގެ  ބައެއް މީހުން ނަމާދު ވަގުތަކަށް ފަރުވާލެއް ނުބަހަށްޓާ ވަގުތުތަށް ހޭދަ ކުރަމުން ދާއިރު މާދަމާވެސް ﷲ ގެ ހަސްރަތަށް ދާން ޖެހިދާނެ ކަން ފަހެ އެމީހުންނަށް ނުވިސްނެނީ ހެއްޔެވެ؟

ދުނިޔޭގެ ތާރީހުގެ ސަފްހާތަކަށް ބަލާލިޔަސް މިފެންނަނީ މިފަދަ މަންޒަރުތަކެކެވެ. އިސްލާމް ދީނުގެ ބޮޑެތި އަދުއްވުން ވަނީ ނެތި ފަނާ ކުރައްވާފައެވެ. ހާމާނާއި ފިރުއައުނާއި އުބައްޔު ބުނު ހަލަފް ފަދަ މީހުން ނެތި ފަނާ ކުރެއްވި ގޮތުން އަޅުގަނޑުމެން އިބްރަތް ހާސިލް ކުރަމާ ތޯއެވެ.

ދުންޔަވީ އުފަލާއި އަރާމު އެއްފަރާތް ކޮށްލުމަށްފަހު ހެޔޮކަންކަމާއި ގެން "ބިޒީވެ" އުޅެމާތޯއެވެ. އަދި ކޮންމެ ހިނދަކުވެސް މަރު އައިސް ތިމާއާއި ބައްދަކުކޮށްފާނެ ކަމަށް ތައްޔާރުވަމާތޯއެވެ.

ކުޅިވަރާއި މަޖަލާއި ސަރަކާތުގައި ތިއްބާ މަރު އައިސް ތިމާއާއި ބައްދަލު ވެއްޖެ  ހަދާނީ ކިހިނެއްތޯއެވެ؟ ތިމާއަށް އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ގަބޫލު ކުރަނީހެއްޔެވެ؟ ނޫނެކެވެ. އެންމެ ހިނދުކޮޅެއްވެސް ލަހެއް ފަހެއް ނުކުރެވޭނެއެވެ. "ވަން މޯ ޗާންސް" އެއްވެސް ނުލިބޭނެވެ.

ނަމާދު ނުކޮށް ވިޔަފާރިއާއި މުދަލާއި ފައިސާ އަދި ކުޅިވަރާއި މަޖަލުގައި ތިއްބާ މަރު އައިސް ތިމާއާއި ބައްދަލުކޮށްފިނަމަ ކިހާ ދެރަހެއްޔެވެ؟ އޭރުން ތިމާ އެނބުރި ﷲ ގެ ހަސްރަތަށް ދާން ޖެހޭނީ ހުސްއަތާއެވެ. ތިމާ ކުޅަ ހެޔޮކަމެއް ފިޔަވައި އެއްވެސް އެއްޗެއް  އެދުވަހުން ތިމާއަކަށް ނުގެންދެވޭނެއެވެ.

ޅެންވެރިޔާ ވިދާޅުވާނީ:" މަރުވެދާނެ މާދަމާ ގައިމޭ، ދޫކޮށްފަ ލޯތްބާއި އުފާ

ހުސްއަތާ ލޯމަރާލާފަ ދާނޭ ރޮމުން، ކޮށްފާ މިތާނގާ އުފާ"

 

 

ADS BY SHEESHA

 

5 ކޮމެންޓް

  1. މި ގަައުމުގެ ޙާލަތަކީ ދީންވެރި ކަމަށް ލޯބިކުރާ ކޮންމެ މީހަކީ ވެރިމީހާ މަރާލަން އުޅޭ ޓެރެރިސްޓެއްގެ ގޮތުގއި ހިފަހައްޓަމުން ޖަލުގެ ގޮޅިތަށް ފުރަމުން ދިއުން،،،😢

  2. ވ ރަނގަޅު ލިޔުމެއް
    😊😊😊😊

  3. ވަރަށް ހަބޭސް

  4. ވ.ރަނގަޅު ވާހަކަ ކޮޅެެއް... 😍