ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން އެނބުރޭ އެނބުރުން ދަނީ މަޑުވަމުންނެވެ. ކީރިތި ރަސޫލާއަށް މީގެ އެތައްހާސް އަހަރެއް ކުރިން މާތްﷲ މިކަން އަންގަވާފައިވާއިރު ކޮންމެވެސް ދުވަހަކުން މިކަން އިންސާނުން ހޯދާނެކަން އެކަލާނގެ ދެނެވޮޑިގަންނަވާކަން ކަށަވަރެވެ. މިހޯދުމަކީ ޤުރްއާނަކީ ﷲގެ ކަލާމްފުޅުކަމަށް ހެކިދޭ ހެއްކެއް ކަމަށާއި، މުޙައްމަދުގެފާނަކީ އެންމެ ފަހުގެ ނަބިއްޔާކަމަށް ހެކިވާނެ ދަލީލަކަށް ވާނޭކަން އެކަލާގެ ދެނެވޮޑިގެން ވާނޭކަން ކަށަވަރެވެ.

މިއަށްވުރެ ޢަޖައިބުކަންބޮޑު ކަމަކީ ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން އެނބުރޭ އެނބުރުން މަޑުވާނެކަމަށް ލަފާކުރެވޭ މިންވަރު ދައްކައިދޭ ގްރާފެއް ކުރެހުމުން، ޢިލްމުވެރިންނަށް އެނގުނީ ބިން އޭގެ އަމިއްލަނަފްސު އެނބުރޭ އެނބުރުން މަޑުވާނެ ޒަމާނެއް އަންނާނެކަމެވެ. އަދި މި މަނޑުވުމުގެ ސަބަބުން ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން އެނބުރޭ މިޞްރާބު ބަދަލުވެގެން ދާނެކަމެވެ. އާދެ! ބިން ހުޅަގުން އިރަށް އެނބުރި، އިރުމަތީ ފަރާތުން އިރުއަރާ ހުޅަނގު ފަރާތަށް އިރުއޮއްސުމުގެ ބަދަލުގައި ބިން އިރުން ހުޅަނގަށް އެނބުރޭގޮތް މެދުވެރިވެ ހުޅަނގު ފަރާތުން އިރުއަރާ، އިރުމަތީ ފަރާތަށް އިރުއޮއްސޭގޮތް މެދުވެރި ވާނެކަމެވެ. މިއީ މާތްﷲގެ ރަސޫލާ محمد صلى الله عليه وسلم އަހަރެމެންނަށް އެޚަބަރު ދެއްވާފައިވާ، ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރެއިންވާ ކަމެކެވެ.

އާދެ، ފުރަތަމަ ބިން އުފެއްދެވިއިރު ދުވަހެއްގެ ދިގުމިން 4 ގަޑިއިރު އަދި އަހަރެއްގެ ދިގުމިން ދެހާސް ދުއިސައްތަ ދުވަސްކަމުގައި ވެފައި، ދުނިޔެ އޭގެ އަމިއްލަ ނަފްސު ވަށައިގެން އެނބުރޭ ބާރު ދަށްވަމުންގޮސް ދުވާލެއްގެ ދިގުމިން 24 ގަޑިއިރަށް ބަދަލުވެ އޭގެ ދެބައިކުޅަ އެއްބަޔަކީ ދުވާލު ކަމުގައި ވެފައި އަނެއް ބަޔަކީ ރޭގަނޑު ކަމުގައި ވަނީވެފައެވެ. ހަމަ މިގޮތަށް ބިން އެނބުރޭ ބާރުމިން ކޮންމެ ޤަރުނަކުން ވަކިވަރަކަށް މަނޑުވަމުންދާނަމަ ދެން އުފެދޭ ސުވާލަކީ މިހިސާބުތަކަށް ބަލާ ޤިޔާމަތްވާނޭ ވަގުތެއް ހިސާބުކުރެވިދާނެ ބާވައެވެ؟

ފަހެ ވަރަށް ގިނަބަޔަކު ދެކޭގޮތުގައި މިކައުނަށް އަންނަ ބަދަލުތައް ވަކި މިންވަރެއްގައި ހުރެފައި އެމިންވަރު އަހަރެމެންނަށް ހޯދިއްޖެނަމަ އާޚިރަތް ދުވަސް އަންނާނޭ ވަގުތެއް އަހަރެމެންނަށް ހިސާބު ކުރެވިދާނެއެވެ. އެކަމަކު މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ސަބަބަކީ އާޚިރަތުގެ ޤާނޫނުތަކާއި ހިނގާނެ ގޮތްތައް، ދުނިޔޭގެ ދުވަސްތައް ހިނގާގޮތާއި ވަރަށް ތަފާތު ވާނެއެވެ. އެކަމަކު މާތްﷲގެ ރަޙްމަތްފުޅުން، ޤިޔާމަތް ކައިރިވާކަމުގެ ޢިލްމީ ހެކިތަކާއި ޢަލާމާތްތައް އަހަރެމެންނަށް ދައްކަވައެވެ. ނަމަވެސް ޤިޔާމަތްވާނޭ ވަގުތު އެނގުން ޚާއްޞަވެގެން ވަނީ ހަމައެކަނި މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. އެކަލާނގެ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އެވަގުތެއް ނޭނގޭނެއެވެ.

މިސާލަކަށް ޢިލްމުވެރިން ވިދާޅުވަނީ މި ވުޖޫދުގައި އަހަރެމެން ދިރިތިބުމުގެ ޤާނޫނުތަކުގެ ތެރެއިން ހިމެނޭ އެއްޤާނޫނެއް ކަމުގައިވާ ހޫނު އެއްތަނުން އަނެއްތަނަށް ބަދަލުވުމުގެ ޤާނޫނެވެ. މި ޤާނޫނުގައި ވަނީ ހޫނު އަބަދުވެސް ދަތުރުކުރަނީ ހޫނު އެއްޗެހިން ފިނި އެއްޗެއްސަށެވެ. މިގޮތަށް ހޫނު ދަތުރުކުރުން ކުރިއަށްގޮސް ދުނިޔޭގައިވާ ހުރިހާ އެއްޗެއްގެ ހޫނުމިން އެއްވަރުވުމުން، މިދުނިޔޭގައިވާ ދިރުން ހުއްޓޭނެއެވެ. އަދި ކައުނުގައި ހިނގާ ހުރިހާ ކަންތައްތަކެއް ހުއްޓިގެން ދާނެއެވެ. ފަހެ މިކައުނަކީ އަބަދަށް ދާއިމަށް ދެމިގެންވާ ތަނެއް ނޫނެވެ. މިކައުނުގެ ފެށުމެއްވާ ފަދައިން ނިމުމެއްވެސް ވާނެކަން ކަށަވަރެވެ. މިއީ ޢިލްމުވެރިން ސާބިތު ކޮށްދެއްވާފައި ވާކަމެކެވެ.

ޖިބްރީލުގެފާނު ކީރިތި ރަސޫލާއާ ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުން މިކަން ދޭހަވެއެވެ. ފަހެ، ޖިބްރީލުގެފާނު ސުވާލުކުރެއްވީ ޤިޔާމަތްވަނީ ކޮން އިރަކުން ހެއްޔެވެ؟ މިސުވާލުގެ ޖަވާބަކަށް ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ސުވާލުކުރާ މީހާއަށް ސުވާލުކުރެވޭ މީހާއަށްވުރެ މާބޮޑަށް އެނގޭނެއެވެ."

މިކަމުގެ އިތުރު ދަލީލަކީ ޤިޔާމަތްވުމުގެ ކުރިން ފެންނާނޭ ޢަލާމާތްތައް ކަމަށް ރަސޫލާ ޙަދީޘްކުރައްވާފައިވާ ޙަދީޘްތަކެވެ.

ޙުޒައިފާ ބުނު އުސައިދުލް ޣައްފާރީގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު އަހަރެމެން އެއްޗެއް ކިޔަން ތިއްބާ ރަސޫލުﷲގެފާނު ވަޑައިގެން އެއްސެވިއެވެ. ތިޔަބައިމީހުން ކިޔަނީ ކޮން އެއްޗެއްތޯއެވެ؟ އަހަރެމެން ދެންނެވީމެވެ. ޤިޔާމަތްދުވަސް ހަނދުމަ ކުރަނީއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ހަމަކަށަވަރުން ދިހަ ޢަލާމާތެއް ފެނުމުގެ ކުރިން ޤިޔާމަތެއް ނުވާނެއެވެ. ދުންގަނޑު، ދައްޖާލު، ބިމުދާއްބަ، ހުޅަނގުކޮޅުން އިރުއެރުން، މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު ފައިބާ ވަޑައިގަތުން، يأجوج مأجوج ބާގައިގެ މީހުން ފާޅުވުމެވެ. އަދި ބިންގަނޑުން 3 ބައެއް ކަނޑައިގެންގޮސް ވަކިވާނެއެވެ. އެއީ އިރުމަތީ ފަރާތުން ބައެއް ކަނޑައިގެން ދިޔުމާއި ހުޅަނގު ފަރާތުން ބައެއް ކަނޑައިގެން ދިޔުމާ، ޢަރަބި ބައްރުން ބައެއް ކަނޑައިގެން ދިޔުމެވެ. މީގެ އެންމެ ފަހު ކަމަކީ ޔަމަނުން ނުކުންނަ ބޮޑު އަލިފާނެކެވެ. މި އަލިފާން ހުރިހާ މީސްތަކުން ފަހާ މަޙްޝަރަށް ގެންދާނެއެވެ."

عبدالله بن عمرو ރިވާކުރެއްވިއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. [ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރިން ފުރަތަމަ ޢަލާމާތަކީ ހުނޅަގުކޮޅުން އިރުއެރުމެވެ. އަދި ޟުޙާ ވަގުތުގައި ބިމުދާއްބަ ނުކުތުމެވެ. މިއިން އެއްވެސް ކަމެއް އަނެއްކަމުގެ ކުރިން ހިނގައިފިނަމަ، ވަރަށް އަވަހަށް ދެވަނަ ކަންތައް ހިނގާނެއެވެ."

نواس بن سمعان ރިވާކުރެއްވި ދައްޖާލު ވާހަކައިގެ ޙަދީޘްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު އެއްދުވަހަކު ދައްޖާލުގެ ވާހަކަ ދެއްކެވިއެވެ. ދެން އަހަރެމެން ދެންނެވީމެވެ. އޭނާ ބިންމަތީ ހުންނާނީ ކިހާ މުއްދަތަކަށް ތޯއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. 40 ދުވަހެވެ. އެއްދުވަސް އަހަރެއްހާ ދިގުވާނެއެވެ. އަނެއްދުވަސް އެއްމަސް ދުވަސްހާ ދިގުވާނެއެވެ. އަނެއްދުވަސް ހުކުރު ދުވަހެއް ފަދައިން ވާނެއެވެ. އަދި ގިނަ ދުވަސްތައް ތިޔަބައިމީހުންގެ ދުވަސްތައް ވަރު ވާނެއެވެ. ދެން އަހަރެމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އަހަރެއްހާ ދިގު ދުވަހުގައި އަހަރެމެން އެއްދަވަހުގެ ނަމާދު (5 ނަމާދު) އެކަނިކުރުމުން ފުއްދޭނެ ތޯއެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ. އެދުވަސް އަހަރުގެ ދުވަސްތަކުގެ މިންވަރަށް ބަހާލާ ކޮންމެ ދުވަހަކަށް ވާވަރަށް ވަގުތުތައް ބަހާލައިގެން ކޮންމެ ދުވަހަކަށް 5 ނަމާދު ކުރާށެވެ.

އަޖާއިބު ކުރުވަނިވި ކަމަކީ ތަޖްރިބާ ކުރައްވާ ޢިލްމުވެރިން މިއަދު ވިދާޅުވަނީ ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން އެނބުރޭ އެނބުރުމުގެ މިޞްރާބު އަނެއް ފަރާތަށް ބަދަލުވުމުގެ ކުރިން ވަރަށްބޮޑު ބަދަލެއް އަންނާނެ ދުވަސްވަރެއް އަންނާނެއެވެ. މިދުވަސްވަރު ދުވާލެއްގެ ދިގުމިން ޢަޖާއިބުވާ ވަރަށް ދިގުވެގެން ދާނެއެވެ. ދެން އެއަށްފަހު ހަމައަކަށް އެޅޭނެއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުތަކާއި މިޒަމާނަށް އައިސް މި ސާބިތުކުރެއްވި ޢިލްމީ ޙަޤީޤަތްތަކާ ދެމެދުހުރި އެއްގޮތްކަން ބޮޑުކަމުން އިންސާނުން ޢަޖާއިބުވެއެވެ.

ދެން އެފުދޭ ސުވާލަކީ ލިޔުއްވަން ކިޔުއްވަން އެނގިވަޑައި ނުގަންނަވާ އުއްމިއްޔަ ނަބިއްޔާއަށް މިހުރިހާ އެއްޗެއް އުގަންނަވާ ދެއްވީ ކާކުތޯއެވެ. މިފަދަ ޣައިބުގައިވާ ކަމެއް މީގެ ސާދަސަތޭކަ އަހަރުކުރިން އެކަލޭގެފާނަށް އެންގެވީ، ކޮންމެވެސް ދުވަހަކުން މި ޙަޤީޤަތް އިންސާނުން ހޯދާނޭކަން ﷲ ސުބްޙާނަހޫ ވަތަޢާލާ ދެނެވޮޑިގަންނަވާތީ ކަން ކަށަވަރެވެ. އަދި ކީރިތި ރަސޫލާގެ މިޙަދީޘް އެކަލޭގެފާނުގެ ރަސޫލުކަމަށާއި ނަބީކަމަށް ހެކިވާ ހެކިތަކެއް ކަމުގައި މިފަދަ ޢިލްމީ، ޓެކްނޮލޮޖީގެ ޒަމާނެއްގައި ވާނޭކަން އެކަލާނގެ ދެނެވޮޑިގަންނަވާތީ ކަން ކަށަވަރެވެ.

ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ފުރަތަމަ ބިން އުފެދުނުއިރު ކަނޑައްތުކުރި މަރުޙަލާތައް ވަރަށް ފުރިހަމައަށް ބަޔާން ކުރައްވާފައި މި ޙަޤީޤަތްތައް އިންސާނުން ތާރީޚް ޖަހަން ފެށުމުގެ ކުރިން، ޤަދީމީ ޒަމާނުގައި ދިރިއުޅުނު ތަކެތީގައި ބިންވަޅު ނެގިފައިވުމާއެކުވެސް މި ޙަޤީޤަތްތައް ހޯދުނީ މީގެ ވިއްސަކަށް އަހަރު ކުރިން ކަމަށްވުމީ، ކީރިތި ޤުރްއާނަކީ ޚާލިޤުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުކަމަށް ހެކިދޭ ފުރިހަމަ ދަލީލެވެ.

މަސްދަރު: ފަންވަތް / މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ސުބްހާންﷲ

    22
    3
  2. ޙެހެ

    ސުކުރިއްޔާ! 👌

    15
    3
  3. ކޮރަލް

    ފައިދާ ހުރި ކިޔާ ހިތް ވާފަދަ ބޭނުންތެރި މައުލޫމާތު ކޮޅެއް ލިބިެއްޖެއެވެ. މިފަދަ އިތުރު ލިޔުން ތައް ކިޔާލަން ބޭނުމެވެ. އަދި ކުރީގެ ބައެއް ލިޔުންތައް އަލުން ނޫހުގަ ޖަހާލަ ދިނުން އެދެމެވެ.

    30
    4
  4. އައްމަޑޭ

    ދުނިޔެ އުފެދިގެން އައިއިރު ދުވާލެއްގެ ދިގުމިން 4 ގަޑިއިެަށް ވެފައި އަހަރެއްގެ ދިގުމިން ދެހާސް ދުއިސައްތަ (2200) ދުވަސް؟ މާނައަކީ ދުނިޔެ އޭގެ ނާރެސްގެ ވަށައިގެން އެނބުރެމުން ދިޔައީ 4 ގަޑިއިރުން ބުރެއް ޖަހާހާ ހަލުވިކޮށޭ. އިރުގެ ވަށައިގެން ދުނިޔެ ބުރެއް ފުރިހަމަ ކުރަމުން ދިޔައީ 4 ގަޑިއިރުގެ 2200 ބުރުޖަހަމުންނޭ. އެހެންވިއްޔާ އޭރު ދުނިޔެ ހުންނާނީ އިރާއި ވަރަށް ކައިރީގައި. އިރާއި ދުރަށް ދުނިޔެ ޖެހެމުންދާ ވަރަކަށް އިރުގެ ދަމާ ބާރު (ގްރެވިޓީ) ދުނިޔެއަށް ކުޑަވާނެ. އޭގެ ނަތީޖާއަކީ ދުނިޔޭގެ ރޮޓޭޝަން ލަސްވުން.

    4
    1
  5. އާދަންބެ

    10 ކަމެއް ފެނުމުގެ ކުރިން ގިޔާމަތް ނުވާނެކަމަށް ރަސޫލުﷲ (ސއވ) ހަދީސް ކުރެއްވި ކަމަށާއި އޭގެ އެންމެ ފަހު ކަމަކީ ޔަމުން ނިކުންނަ އަލިފާން ގަނޑެއް މީސްތަކުން ލަވައިގެން މަހްޝަރަށް ގެންދާނެ ކަމަށް. އަލިފާންގަނޑު މަހްޝަރަށް މީސްތަކުން ލަވައިގެން ގެންދަނީ ގިޔާމަތް ނުވެތޯ؟ ޖަވާބެއް ދެއްވުން އެދެން.

    2
    1
    • ގިޔާމަތްވުމުގެ ކުރިން

      (ތިޔަ ބުނި މަޙުޝަރު އޮންނާނީ) އެއީ ގިޔާމަތްވުމުގެ ކުރިން.

      ހުރިހާ އެންމެން ދިރުއްވާ މަޙުޝަރު ކުރައްވާނީ އޭގެ ފަހުން.

  6. ޫހަސަން

    އައްމަޑޭ ކިޔާ ބޭފުޅާގެ އެއީ ގޯސް ވިސްނުމެއް. މިވަގުތު ދުނިޔޭގެ ހިސާބުން ކުރާ ގޮތަށް ކުރީމަ އެގޮތަށް އެވަނީ.
    ދުނިޔެ އޭގެ ނަފުސުގަ އަމިއްލައަށް އެނބުރޭ ބާރުމިނާއި އިރުގެ ވަށައިގެން އެނބުރޭ ބާރުމިނަކީ ތަފާތު 2 ކަމެއް.

  7. އޭ އާރް

    Ta Ha 20:15

    إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍۭ بِمَا تَسْعَىٰ

    ހަމަކަށަވަރުން، قيامة ވުމުގެ ވަގުތަކީ، އަންނާނޭ އެއްޗެކެވެ. ތިމަންރަސްކަލާނގެ އެވަގުތު ވަންހަނާ ކުރެއްވުމަށް އިރާދަކުރައްވާފައިވަނީ، ކޮންމެ نفس އަކަށްވެސް، އެ نفس އެއް ކުޅަ عمل ގެ ޖަޒާ ލިބުމަށްޓަކައެވެ.

  8. ދަންނަނުދަންނަ

    Holy Quran 7:187
    -------------------
    يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّي ۖ لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَ ۚ ثَقُلَتْ فِي السَّمَاوَاتِ وَالْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً ۗ يَسْأَلُونَكَ كَأَنَّكَ حَفِيٌّ عَنْهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ اللَّهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

    Divehi Divehi translation
    -------------------
    قيامة ގެ ވަގުތާމެދު، އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. އެދުވަސް ލައިގަންނާނީ ކޮން އިރަކުންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައެވެ. އެކަލާނގެ މެނުވީ، އެކަމުގެ ވަގުތަށް އެކަން ފާޅުނުކުރައްވާ ހުށްޓެވެ. އުޑުތަކާއި، ބިމުގައި އެކަން ބުރަކަމަކަށް ވެފައިވެއެވެ. ކުއްލިއަކަށްމެނުވީ، އެކަން ތިޔަބައިމީހުންނާ ހަމަޔަކަށް ނާންނަހުށްޓެވެ. (އެކަމާމެދު) ކަލޭގެފާނާ އެއުރެން سؤال ކުރާއިރު، އެކަމުގެ ހުރިހާ خبر އެއް، ކަލޭގެފާނު ދެނެވަޑައިގަންނަވާ ކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި اللَّه ގެ حضرة ގައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.