ލޯބި ޖައްސާ ސިޙުރު ނުވަތަ އަހަރެމެންގެ ބަހުން ބުނާނަމަ "އިސްތިރި" އަކީ ރާއްޖޭގައި ވަރަށް ޢާއްމު އެއްޗެކެވެ. މިހާރަކަށް އައިސް ޚާއްޞަކޮށް ޒުވާންކުދިން މިކަމުގެ އަވައިގައި ޖެހިފައި ވާއިރު ތިމާ ހިތާވާ ކުއްޖާ ގެއްލިއްޖެ ނަމަ، ނުވަތަ ތިމާގެ ޙަޔާތުން ދުރުވެއްޖެނަމަ، އެގޮތް މިގޮތުންވެސް އަލުން އެކަން ޙާޞިލްކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފަންޑިތަ ގަބޫލުނުކުރިޔަސް، ފަންޑިތަވެރިއަކާ ދިމާއަށް ދުއްވައިގަންނަތަން ފެނެއެވެ.

މިގޮތުން ލޯބި ހޯދުމަށް ސިހުރު ހެދިކަން އިނގޭނީ ކިހިނެއް ހެއްޔެވެ؟ އިސްތިރި ޖެހުމުން މައިގަނޑުގޮތެއްގައި އިސްތިރި ޖެހޭ މީހާގެ ކިބައިން ފެންނަ ޢަލާމާތްތަކަކީ ކޮން އަލާމާތް ތަކެއް ހެއްޔެވެ؟

މިގޮތުން ފުރަތަމަ ކަމަކަށް ކުރިން އެހައި ލޯބި ނުވާ މީހެއް ދެކެ އާދަޔާ ޚިލާފަށް މާބޮޑަށް ލޯބިވެ އެކަމުގައި ހައްދުފަހަނަ އަޅައިގެން ދާނެވެ. އަދި ހަމައެޔާއި އެކު މީހާ ކައިރިއަށް ދާހިތްވެ އަބަދުވެސް ކައިރީ ހުންނަހިތްވާނެއެވެ. އަދި އެމީހަކު ފެނުމުން ހައްދުފަހަނަ އަޅާފައިވާފަދަ އިޙުސާސެއް ވެވުން ވެސް ހިމެނެއެވެ.

ދެވަނަ ކަމަކަށް އާދަޔާ ޚިލާފަށް ގިނައިން ޖިންސީ ގުޅުން ހިންގާހިތްވާނެއެވެ. މި ސިހިރު ގިނަ ބަޔަކު ހަދަނީ މި ބޭނުމުގައެވެ. ތިމާ ހިތްހަމަޖައްސާލުމަށްޓަކައި ޖިންސީ ގުޅުން ހިންގުމަށެވެ. މި ސިހުރު ޖެހިއްޖެނަމަ ޖިންސީ އެދުން ނުފުއްދާ އެންމެ އިރުކޮޅަކުވެސް ހުރުމަށް އުނދަގޫވެ އަބަދުވެސް ހުންނާނީ އެކަހަލަ ހިޔާލުތަކަކުއެވެ. އަދި ހުވަފެނުގައި އެމީހަކު ގިނައިން ފެނި އެމީހާއަށް ހިތްކިޔާވަރުން ނުނިދޭގޮތްވެ އެމީހާ ކައިރިއަށް ދާން ބޭނުން ބޭނުން ވާނެއެވެ.

ތިން ވަނަ ކަމަކަށް ކޮންމެ ފަދަ ކަމެއް ކޮށްގެން ނަމަވެސް، އަދި ކޮންމެ ޙާލެއްގައިވެސް އެމީހާ ބޭނުންވާނެއެވެ. އޭނާ ކިތަންމެ ނުބައި ކަމެއް ނުވަތަ ތިމާ ކިތައްމެ ނުރުހޭ ކަމެއް ކުރިކަމުގައިވިޔަސް އެކަމާ ނުރުހުން ނުވުމާއި އެކު އޭނާގެ ކިބައިން ތިމާއަށް ރަނގަޅުކަމެއް ނޫނީ ނުފެންނާނެއެވެ. އަދި އާދަޔާ ޚިލާފަށް މެއަށް ނުވަތަ ހިތަށް ތަދުވުމަކީ ވެސް މި ސިހުރުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިއީ އަހަރެމެންގެ މުޖްތަމައުގައި އާންމު ކަމަކަށް ވާއިރު މިކަމަށް އަހަރެމެން އެންމެންވެސް ސަމާލުވާން ވާނެއެވެ. އިސްތިރި ސިހުރު ޖެހިފައި ވާކަން ދެނެގަންނާނީ ޢަލާމާތްތަކާއި މެދު ސުވާލު އުފެއްދުމަށް ފަހު، މި ދެންނެވި ކަންކަން ވާނަމަ ރުޤުޔާ ކޮށްގެންނެވެ. ސިހުރު ހެދުމަކީ އެންމެ ބޮޑު 7 ފާފަތެރޭގައި ހިމެނޭ އެއް ފާފަ ކަމުގައި ވާއިރު ސިހުރު ހެދުން ވަނީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރެވިފައެވެ. އެހެން ނަމަވެސް ސިހުރަކީ ޖެހޭ އެއްޗެއްކަން އަހަރެމެންނަށް އެނގެނީ މި އުންމަތަށް ފޮނުއްވެވި އެންމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާ މުހައްމަދުގެފާނަށްވެސް ސިހުރު ޖެހިފައިވުމުންނެވެ.

ތިއީ އިސްތިރި ޖެހިފައިވާ މީހެއް ކަމަށް ޝައްކު ކުރެވޭނަމަ އަވަހަށް ރުގްޔާ ކުރާށެވެ. އަދި މިހެން ލޯބި ހޯދަން ސިހުރު ހަދާ މީހުންނަށް އޭގެ ހިތި އަވަސް މުސްތަގުބަލެއްގައި ފެންނާނެކަންވެސް ހަނދާން ބަހައްޓާށެވެ.

މައުލޫމާތު: މައިތިރި.ކޮމް

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދުވަގާރު

    މމަށަށް މީގެ އެއްޗެއް ޖެހުނު، އެކަ މަކު ސަލާމ މަތް ވީ ހަ މަ ކިރިޔާ.އައްޑޫ ވަރަށް މޮޅު ރާގީ އެއް މަށަށް ކިޔެވީ.