މީހަކަށް މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން ލިބިއްޖެއޭ ބުނެފިނަމަ ތިބާ އެކަން ޤަބޫލުކުރައްވާނަންތޯއެވެ؟ ފަހަރުގައި ތިބާ އެކަން ޤަބޫލުނުކުރައްވައިފާނެއެވެ. އަދި އެވަޒީރުކަމުގެ އަގުހެޔޮކަމާމެދު ޢަޖައިބުވެލައްވައިފާނެއެވެ. އެކަމަކު ހަމަ ޙަޤީޤަތުގައިވެސް މީހަކަށް މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން ވަނީ ލިބިފައެވެ. ނަމަވެސް އެއީ ތިޔަ ހީފުޅުކުރެއްވިހާ ފަސޭހަކޮށެއްނޫނެވެ. އެއީ ކެތްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އޯގާތެރިކަމާއި ތަޤުވާވެރިކަން ފަދަ މަތިވެރި ސިފަތަކަކުން ވީ ޤުރުބާނީއެއްގެ އާޚިރު ނަތީޖާއެވެ.

މިދެންނެވި ވަޒީރުގެ ނަމަކީ ޢަޥްނުއްދީން އަބުލް މުޡައްފަރު ޔަޙްޔާ ބިން މުޙައްމަދު ބިން ހުބައިރާ ޝައިބާނީއެވެ. އޭނާ އުފަންވެވަޑައިގަތީ ހިޖުރައިން ހަތަރުސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު ބަޣްދާދުގެ ކައިރީގައި އޮންނަ "އައްދޫރު" ނަމަކަށް ކިޔުނު ރަށަކަށެވެ. އަދި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރައްވަމުން ވަޑައިގެން އެންމެފަހުން ޢައްބާސީ ޚަލީފާ މުޤްތަފީ ލިއަމްރިﷲ އާއި އޭނާގެ ދަރިކަލުން މުސްތަންޖިދު ބިﷲ ގެ ޒަމާނުގައި ވަޒީރުކަންކުރެއްވިއެވެ.

ވަޒީރުކަން ލިބިވަޑައިގަތުމުގެ ކުރިން އޭނާ ދިރިއުޅުއްވާފައިވަނީ އިންތިހާއީ ފަޤީރު، ބީރައްޓެހި ދިރިއުޅުމެކެވެ. ނުލާހިކު ކެތްތެރިކަމާއި ޝުކުރުވެރިކަމާއެކު އެދުވަސްތައް ހޭދަކުރެއްވިއެވެ. އެދުވަސްވަރު ވަރަށް ގިނަ ބަޔަކު އޭނާއަށް އަނިޔާވެރިވެ ނިކަމެތިކޮށް ހިތިއެވެ. ނަމަވެސް ވަޒީރުކަން ލިބިވަޑައިގަތުމަށްފަހު އޭނާއަށް އަނިޔާވެރިވެ އުނދަގޫތައް ދިން މީހުންގެ ކިބައިން ބަދަލުހިތްޕެވުމުގެ ބަދަލުގައި މަޢާފުކުރުން އިޚްތިޔާރުކުރެއްވިއެވެ. އާރާއި ބާރު ލިބިވަޑައިގަތުމުންވެސް ދީލަތިކަމާއި ހިތްހެޔޮކަން އިސްކުރެއްވިއެވެ.

ވަޒީރުކަންލިބިވަޑައިގަތް ފަހުން އެއްދުވަހަކު ފުލުހުން، މީހަކު ހައްޔަރުކޮށް ބިޑިއަޅުވައިގެން އޭނާގެ އަރިހަށް ގެނައެވެ. އެމީހާގެ މައްޗަށް ކުރެވިފައިވަނީ މީހަކު ޤަތުލުކުރުމުގެ ތުހުމަތެވެ. ދަޢުވާކުރާ މީހުންވެސް އޭނާ އާއެކު އައިސް ތިއްބެވެ. ޤަތުލުވަނީ ސާބިތުވެސްވެފައެވެ. އިބްުނު ހުބައިރާ ކުށްވެރިޔާގެ މޫނަށް ބައްލަވައިލެއްވިއެވެ. އެހިނދު އެއީ އޭނާގެ ރަށުގެ މީހެއްކަން އެނގިވަޑައިގެންނެވިއެވެ.

އެހެންނޫނަސް އެމީހާގެ މަތިން އޭނާ ހަނދުމަނެތޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެތައްލައްކަ މީހުންގެ އެއްވުމެއްގައި ތެރޭގައި ހުއްޓަސް އޭނާއަށް އެމީހާ ފާހަގަކުރެއްވޭނެއެވެ. އޭނާ އަމިއްލަ ޖީބުން މަރުގެ ދިޔައިގެ ގޮތުގައި ހަސަތޭކަ ދީނާރު މަޤުތޫލުގެ ވާރިޘުންނަށް ދެއްވައިގެން އެމީހުން ރުއްސެވިއެވެ. އަދި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެފައިވާ އެންމެންގެ ކުރިމަތީގައި އަމިއްލަ އަތްޕުޅުން ޤާތިލުގެ ބިޑި ނައްޓަވައިލައްވައި މިނިވަންކުރެއްވިއެވެ. އަދި ކުށްވެރިޔާއަށް ފަންސާސްދީނާރު ދިނުމަށްވެސްް އަމުރުކުރެއްވިއެވެ.

އެހިނދު އެމީހާ ވަޒީރަށް ހެޔޮދުޢާކުރަމުން އެނބުރިދިޔައެވެ. ދެން އަބުލްމުޡައްފަރު އޭނާގެ ވަށައިގެން ތިބި މީހުންނާ ސުވާލުކުރެއްވިއެވެ. ((هَلْ تَعْلَمُوْنَ أَنَّ عَيْنِيَ الْيُمْنَى لاَ أُبْصِرُ بِهَا)) ތިމަންގެ ކަނާތު ލޮލަށް ނުފެންނަކަން ކަލޭމެންނަށް އެނގޭ ހެއްޔެވެ؟ މީސްތަކުން ދެންނެވިއެވެ. [ތިކަމެއް އަޅުގަނޑުމެންނަކަށް ނޭގެއެވެ.] އޭނާ ވިދާޅުވިއެވެ. [ޙަޤީޤަތަކީ ތިމަންގެ ކަނާތު ލޯ ވަނީ ބޭކާރުވެފައެވެ. އެގޮތަށް ކަންތައް ދިމާވީ ތިމަން ދެންމެ އެމީހެއްގެ މަތިން މަރުގެދިޔަ އަދާކޮށް އިތުރަށް އޯގާތެރިވި މީހާގެ ސަބަބުންނެވެ.]

އެކަންވީގޮތަކީ ތިމަން އެއްދުވަހަކު ތިމަންގެ ރަށުގެ މަގެއްގެ އެއްފަރާތެއްގައި އިށީނދެގެން، ތިމަންގެ އަތުގައި އޮތް ފިޤުހު ފޮތެއް މުޠާލިޢާކުރުމުގައި މަޝްޣޫލުވެގެން ވީމެވެ. އެހެން އިންދާ އެމީހާ މޭވާ ވަށިގަނޑުތަކެއް ހިފައިގެން އެތަނަށް އައެވެ. އަދި ތިމަންނާއަށް ބުންޏެވެ. [މި ވަށިގަނޑުތައް ކޮނޑަށް ލައިގެން މަށާއެކު އަންނާށެވެ!] އަހަރެން، އޭނާއަށް ބުނީމެވެ. [މަށަކީ ތަންތަނަށް އެއްޗިހި އުފުލައިދޭ މަސައްކަތު މީހެއް ނޫނީމެވެ.] އެހެން ބުނުމާއެކު އޭނާ ތިމަންގެ މޫނު މަތީގައި ވަރަށް ބާރު އެތިފަހަރެއް ޖެހިއެވެ. އަދި އެކަމުގެ ސަބަބުން ތިމަންގެ ލޮލުގެ ފެނުން ގެއްލުނެވެ. އެކަމަކު މިއަދު އޭނާ އެފަދަ ނިކަމެތި ޙާލެއްގައި ހުރިތަން ފެނުމުން އޭނާގެ ކިބައިން ބަދަލުހިފުމުގެ ބަދަލުގައި ތިމަން ބޭނުންވީ އޭނާއަށް ހެޔޮކޮށްހިތައި އިޙްސާންތެރިވުމަށެވެ.

އެއްދުވަހަކު ތުރުކީ ސިފައިންގެ މީހެއް ވަޒީރު އަބުލް މުޡައްފަރުގެ އޮފީހަށް ވަނެވެ. އެހިނދު ވަޒީރު އޭނާގެ ހަށިފާރަވެރިޔާއަށް ވިދާޅުވިއެވެ. [އެސިފައިންގެ މީހާއަށް ވިހި ދީނާރު ދީފައި އަވަހަށް ބޭރަށް ނެރޭށެވެ. ހަނދާންކުރާށެވެ! އޭނާ ދެވަނަ ފަހަރަށް މިތަނަށް ވަނަސް ނުދޭއްޗެވެ.] ދެން އޭނާގެ އަރިހުގައި ތިބި މީހުންނަށް ވިދާޅުވިއެވެ. އެއްފަހަރަކު އަހަރަމެންގެ ރަށް އައްދޫރުގައި މީހަކު ޤަތުލުކޮށްލެވުނެވެ. އެކަން ތަޙުޤީޤުކުރުމަށް އައި ތުރުކީ ސިފައިން ރަށުގެ އެންމެން، ރަށުން ބޭރަށް ނެރެގެން ގެންދަންފެށިއެވެ.

ތިމަން ދިޔައީ ދެންމެ މިތަނަށް އެއައި މީހާގެ ބަޔަށެވެ. އޭނާ، އަހަރަމެންގެ ދެއަތް ފުރަގަހަށް ލައި ބަނެވެ. ދެން ޚުދް އަހަށް ސަވާރުވެ އޭނާ އާއި އެއްވަރަށް ދުވުމަށް އަހަރަމެންނަށް އަމުރުކުރިއެވެ. ދިޔަ މަގުމަތީގައި ތިމަންގެ އެކުވެރީން އޭނާއަށް ދިރުހަމާ ދީނާރު ދޭންފެށިއެވެ. އޭނާއަށް ހަދިޔާ ދޭ ކޮންމެ މީހަކު ދޫކޮށްލަމުން ގެންދިޔައެވެ. ނަމަވެސް ތިމަންގެ އަަތުގައި އަމިއްލަ ނަފްސު ސަލާމަތްކުރާކަށް އެންމެ ފައިސާފޮއްޗެއްވެސް ނެތެވެ. އޭނާ އެއްވެސް ރަޙުމެއް ޙަމްދަރުދީއެއްނެތި ތިމަންގެ ގައިގައި ތަޅައި އަނިޔާކުރިއެވެ. އެކަމުގެ ތެރޭގައި އުޅެނިކޮށް އަޞްރު ނަމާދު ވަގުތުވިއެވެ. ތިމަން ނަމާދުކުރުމަށް ހުއްދައަށް އެދުނީމެވެ. ނަމަވެސް ހުއްދައެއް ނުލިބުނެވެ. އަދި ކިއެއްތަ! ދިމާ އިދިކޮޅަށް ހަޑިހުތުރު ބަސްތަކުން ޖަވާބުދިނެވެ. އެކަމަކު މިއަދު ޙާލަތު ބަދަލުވެފައިވާ ގޮތް ނިކަން ދެކޭށެވެ! ﷲ ތަޢާލާ، އޭނާގެ މައްޗަށް ތިމަންނައަށް މިވަނީ ބާރު ދެއްވާފައެވެ. ތިމަން ބޭނުންނަމަ އޭނާގެ ކިބައިން ބަދަލުހިފިދާނެއެވެ. އެހެންނަމަވެސް ތިމަން އޭނާއަށް މަޢާފުކޮށްފީމެވެ.

ދެން އިބްނު ހުބައިރާ އަށް ވަޒީރުކަން ލިބުނު ގޮތް އަޑުއައްސަވާށެވެ! އޭނާ އުފަންވީ ވަރަށްވެސް ދެރަ ނިކަމެތި ފަޤީރު ޢާއިލައަކަށެވެ. އެއީ އައްދޫރު ނަމަކަށް ކިޔުނު ރަށުގެ އަހުލުވެރި ބައެކެވެ. ޢާއިލާގެ މީހުންނަކީ އާދައިގެ ދަނޑުވެރިންނެވެ. ދަނޑު ހައްދައިގެން ލިބޭ އެއްޗަކުން އުފަލާއެކު ދުވަސްތައް ވޭތުކުރަމުން ގެންދިޔައެވެ. ޢާއިލާގެ އެއްވެސް މީހަކަށް ޢިލްމު ޙާޞިލްކުރާނެ ވަގުތެއްނުލިބެއެވެ. ނުވަތަ އެފަދަ ޝައުޤުވެރިކަމެއްވެސް ނެތް ކަހަލައެވެ.

ނަމަވެސް ޔަޙްޔާ ބިން މުޙައްމަދު ބިން ހުބައިރާގެ ކަންތައް މުޅިން ތަފާތެވެ. އޭނާއަކީ ކުޑައިރުއްސުރެވެސް ވިސްނުންތޫނު ބުއްދިވެރި ކުއްޖެކެވެ. ޢިލްމުގެ ރަޙްމަތްތެރިއެކެވެ. ޢިލްމުވެރިންގެ މަޖްލިސްތަކަށް ގޮސްއުޅުނެވެ. އޭނާ ގިނަ ވަގުތު ހޭދަކުރަނީ އެތާނގައެވެ. އަޑުއިވޭ އެއްޗެއް ދަސްކުރުމަށްފަހު ނޯޓްކުރެއެވެ. ހިތުދަސްކުރުމުގެ ބާރު ގަދައެވެ. އަދަބަށް ވަރަށް ޝައުޤުވެރިވެއެވެ. ޅެންވެރިކަމަށް ލޯބިކުރިއެވެ. ޚުދް އޭނާއަކީ ޅެންވެރިއެކެެވެ. އަދި އެހެނިހެން ޝާޢިރުންގެ އެތައް ޅެމެއް ހިތު ދަހެވެ. ޢިލްމުވެރިންގެ މަޖްލިސްތަކާއި ޙަލަޤާތައް އޭނާގެ ޢިލްމު އިތުރުކޮށްދިނެވެ. އެންމެ ފަހުން ޙަންބަލީ ފިޤުހުގެ މަޤުބޫލު އުސްތާޒެއްކަމުގައި ވެއްޖެއެވެ.

ޢިލްމުޙާޞިލްކުރުމުގެ ބޭނުމުގައި ވަރަށް ޅަޢުމުރުގައި އަމިއްލަ ރަށް ދޫކޮށްލުމަށްފަހު ބަޣުދާދުގައި ދިރިއުޅެން ފެށިއެވެ. އެންމެފަހުން އޭނާއަކީ އެތާނގެ ޢިލްމީ މުޖުތަމަޢުގައި އެނގިދެނިވާ މީހެއްކަމުގައި ވެއްޖެއެވެ. ދިރިއުޅުން ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި މުސްތަޤިއްލުގޮތެއްގައި ފައިސާލިބޭނެ މަގެއްނެތެވެ. އެހެންކަމުން ވަޒީފާއެއް ހޯދުމަށްޓަކައި ސަރުކާރުގެ ތަފާތު އިދާރާތަކަށް ހުށައެޅިއެވެ. ނަމަވެސް އެއްވެސް ތާކުން ވަޒީފާއެއް ލިބޭގޮތެއްނުވިއެވެ. އެންމެފަހުން ޚަލީފާގެ ދަރުބާރުން ވަޒީފާއެއް ލިބޭތޯވެސް ހުށައެޅިއެވެ. ނަމަވެސް ޚަބަރު ބަލައިލަން ދާ ކޮންމެ ފަހަރަކަުވެސް ލިބޭ ޖަވާބަކީ އަދި އެއްވެސް މަޤާމެއް ހުހެއްނުވެއެވެ. ފަހުން އަންނާށެވެ!

އެތައް ގިނަ މަސައްކަތަކަށްފަހުވެސް ނޯކިރީއެއް ނުލިބުނެވެ. އޭނާގެ އަތުގައި ހުރި ފައިސާކޮޅުވެސް އެންމެ ފަހުން ހުސްވުމަކަށް އަތުވެއްޖެއެވެ. ވަޒީފާއެއް ލިބޭނެކަމުގެ އުއްމީދުވެސް ގެއްލިއްޖެއެވެ. އެހެންކަމުން އަމިއްލަ ރަށަށް އެނބުރި ދިއުމަށް ގަސްތުކުރިއެވެ. އަތުގައި އޮތް އެންމެ ފަހު ދިރުހަމް ބަޣުދާދަށް ޚަރަދުކުރުމަށްފަހު ރަށަށް ދިއުމަށް މިޞްރާބުޖެހިއެވެ. ފައިސާ ނެތުމުން ދަތުރުކުރަންޖެހުނީވެސް ފައިމަގުގައެވެ. ކުޑަތަންކޮޅަކަށް ދެވުނުތަނާ އަޞްރުނަމާދު ވަގުތުވެއްޖެއެވެ. ނަމާދުކޮށްލުމަށްޓަކައި ކައިރި ހިސާބަކުން މިސްކިތެއް ފެނޭތޯ ބަލަމުން ދަނިކޮށް މަގާ ތަންކޮޅެއްދުރުން ބާވެ ވީރާނާވެފައި ހުރި މިސްކިތެއް ފެނުނެވެ. މިސްކިތުގެ ވަޅުން ވުޟޫކޮށްލައިގެން ނަމާދަށް ހަމަ ފެށިތަނާ އެއްފަރާތަކުން މީހެއްގެ ކުކުރުމުގެ އަޑުއިވެންފެށިއެވެ. ނަމާދު ނިންމާލުމަށްފަހު އެއަޑު އައި ދިމާއަށް ބަލައިލި ހިނދު އޭނާއަށް ފެނުނީ މިސްކިތުގެ އެއްކަނެއްގައި އޮށޯވެގެން އޮތް މީހެކެވެ. އަވަސްއަވަހަށް އެމީހާގެ ކައިރިއަށް ގޮސް އޭނާގެ ހަށިގަނޑުގައި އަތްޖައްސައިލުމުން އޭނާ އޮތީ ވަރަށް ބޮޑަށް ހުންއައިސްފާކަން އެނގުނެވެ.

ޙާލު އަހައިލުމުން އެމީހާ، ބުނަންފެށިއެވެ. [އަހަރެންގެ މުޅި ގައިގައި ވަރަށް ބޮޑަށް އެބަ ރިއްސައެވެ. މިދުނިޔޭގައި އަހަރެންގެ އެއްވެސް ތިމާގެމީހެއް އެކުވެރިޔެއް ނެތެވެ. އަޅައިލާނެ ޔާރެއް އިޔާރެއްނެތެވެ. އެހެންވެ އާބާދީއާ ދުރު މި މިސްކިތުގައި ޙަޔާތުގެ އެންމެފަހު ނޭވާތައްލުމަށްޓައި އޮތީމެވެ.] އިބްނު ހުބައިރާ، އޭނާއަށް ތަސައްލީ ދެވޭތޯ މަސައްކަތްކުރަންފެށިއެވެ. އަދި އޭނާ އާއި ސުވާލުކުރިއެވެ. [ކަލޭ ބޭނުން އެއްވެސްކަމެއް އެބައޮތްހެއްޔެވެ؟] ބަލިމީހާ، އޭނާއަށް ބަލައިލުމަށްފަހު ބުންޏެވެ. [އާނއެކެވެ! މޭބިސްކަދުރު ކޯޅިއެއް ލިބޭނެނަމައެވެ. އެހެނީ މަރުވުމުގެ ކުރިން ހިތްފުރެންދެން މޭބިސްކަދުރު ކާން ލިބޭނެނަމައޭ ތިމަންގެ ހިތަށް އަރާތާ ހާދަ ދުވަހެއްވެއްޖެއެވެ.]

އިބްނު ހުބައިރާއަށް ބަލިމީހާގެ ބޭނުން އަޑުއިވުމާއެކު ޚިޔާލުތަކުގެ ދުނިޔެއަށް ގެއްލިއްޖެއެވެ. [މޭބިސްކަދުރު ކޯޅިއެއްގެ އުންމީދެވެ. އެކަމަކު މޭބިސްކަދުރު ހޯދާނީ ކޮންތާކުންބާއެވެ؟ އަހަރަމެން މިތިބީ އާބާދީއާ ދުރުގައެވެ. އަދި އަހަރެންގެ އަތުގައި އެންމެ ދީނާރެއްވެސް ނެތެވެ. އެކަމަކު މިބަލިމީހާ އެދުން…] އިބްނު ހުބައިރާ، އޭނާގެ އަމިއްލަ ނަފްސަށް ބުންނަފެށިއެވެ.

[ކޮންމެގޮތެއްވިޔަސް މޭބިސްކަދުރު ލިބޭތޯ މަސައްކަތްކޮށްލަންވީއެވެ. އެކަމުގައި އޮތީ ކޮން ގެއްލުމެއްހެއްޔެވެ؟ ޙަޔާތުގެ އެންމެފަހު ނޭވާތައް ލަމުންދާ މީހެއްގެ އެދުމެކެވެ. ފަހަރުގައި އޭނާގެ ދުޢާގެ ސަބަބުން ﷲ ތަޢާލާ، އަހަރެންނަށް ކުރިމަތިވެފައި މިވާ ދަތި އުނދަގޫތަކާއި ކަންބޮޑުވުންތައް ފިއްލަވައިފާނެއެވެ. ނިކަމެތި ފަޤީރު ބީރައްޓެހި މީހަކަށް ހެޔޮކޮށްހިތުމަކީ ހަމަ ޔަޤީނުންވެސް ﷲ ގެ ރުހިވޮޑިގަތުން ލިބޭނޭ ޢަމަލެކެވެ. ހަމަކަށަވަރުންވެސް މީނާގެ ފަރާތަކުން މިކަމުގެ އަގެއް ނުވަތަ ބަދަލެއް ނުލިބޭހުއްޓެވެ. އެކަމަކު މިއީ ﷲ ގެ ރުހިވޮޑަގަތުން ލިބޭނެކަމެކެވެ. އަހަރެން އެކަމަށްޓަކައި ކޮންމެހެންވެސް މަސައްކަތްކުރާނަމެވެ.]

އޭނާ ޚިޔާލީ ދުނިޔެއިން ނުކުމެ ބަލިމީހާއަށް ބުންޏެވެ. [އަހަރެންނަށް އިންތިޡާރުކުރާށެވެ! އަހަރެން މިހާރު މިދަނީ ކަލެއަށް މޭބިސްކަދުރު ކޯޅިއެއް ހިފައިގެން އަންނާށެވެ.] އިބްނު ހުބައިރާ މިސްކިތުން ނުކުމެ ބާރުހިނގުމުގައި އާބާދީއާ ދިމާއަށް މިސްރާބުޖެހިއެވެ. އެއީ އިރުއޮއްސުމުގެ ކުރިން މޭބިސްކަދުރު ހިފައިގެން އެނބުރި އާދެވޭތޯއެވެ. ބާޒާރަށް ފޯރުމާއެކު އަވަސްއަވަހަށް މޭވާ ވިއްކާ ފިހާރަޔަކަށް ވަނެވެ. މޭބިސްކަދުރު ކޯޅިތައް އެލުވައިފައި ހުއްޓާ ފެނުނެވެ. އޭނާ އެތަނުން ބޮޑު ކޯޅިއަކަށް އިޝާރާތްކޮށް އޭގެ އަގަކީ ކިހާވަރެއްތޯ ސުވާލުކުރިއެވެ. ވިޔަފާރިވެރިޔާ ޖަވާބުދިނެވެ. [އޭގެ އަގަކީ ބައި ދިރުހަމެވެ.] އިބްނު ހުބައިރާ ބުންޏެވެ. [މިވަގުތު އަހަރެންގެ އަތަކު ފައިސާއެއްނެތެވެ. އެކަމަކު ތިބާގެ އަތުގައި އަހަރެންގެ "އަބާ" (ޢަރަބިހެދުމުގައި ކަމަރުބަންނަ ލިބާހުގެ މަތީން ލާ ބޮޑު ލިބާސް. މިއީ ވަރަށް ފުޅާކޮށް އޮންނަ ބަނޑުފެޅި ލިބާހެކެވެ.) ރަހުނެއްގެ ގޮތުގައި ބާއްވާށެވެ. އަހަރެން، ތިބާއަށް ބައި ދިރުހަމް ދިނުމަށްފަހު އަބާ ގެންދާނަމެވެ.

ވިޔަފާރިވެރިޔާ އެގޮތަށް އެއްބަސްވިއެވެ. އެހެންކަމުން އިބްނު ހުބައިރާ އޭނާގެ އަބާ ރަހުނުކުރުމަށްފަހު މޭބިސްކަދުރު ކޯޅި ހިފައިގެން މިސްކިތާ ދިމާއަށް ދުއްވައިގަތެވެ. އޭނާއަށް މިސްކިތަށް އާދެވުނުއިރު އިރުއޮއްސިއްޖެއެވެ. ދުނިޔެ މައްޗަށް އަނދިރިކަން ވެރިވާން ފަށައިފިއެވެ. އޭނާ އެންމެ ފުރަތަމަވެސް ވުޟޫކޮށްގެން މަޣްރިބްނަމާދު ކުރިއެވެ. ދެން މޭބިސްކަދުރު ކޯޅި ދޮވެލައިގެން ގޮސް ބަލިމީހާއަށް ދިނެވެ. މޭބިސްކަދުރު ކޯޅި ފެނުމުން ބަލިމީހާ ވަރަށް އުފާވިއެވެ. އަދި އެކޯޅި އެއްކޮށް ކައި ހުސްކޮށްލިއެވެ.

އަދި ބުނަންފެށިއެވެ. [ﷲ އަށް ޙަމްދުހުއްޓެވެ. މަރުވުމުގެ ކުރިން މޭބިސްކަދުރު ކެއުމަށް ތިމަން ކުރަމުން އައި އުންމީދު އެކަލާނގެ ފުރިހަމަކޮށްދެއްވައިފިއެވެ. ހިތްފުރެންދެން މޭބިސްކަދުރު ކެއުމަށް ތިމަން ޝައުޤުވެރިވެގެން ހުންނަތާ އެތައް ދުވަހެއްވެއްޖެއެވެ. އެކަމަކު ފައިސާނެތުމުގެ ސަބަބުން އެކަން ނުވެ އޮތީއެވެ.] ދެން އިބްނު ހުބައިރާ އާއި ދިމާއަށް މޫނު އަނބުރާލުމަށްފަހު ބުނަންފެށިއެވެ. [ދަރިފުޅާއެވެ! ރަގަޅަށް އަޑުއަހާށެވެ! ހީވާގޮތުގައި ﷲ ތަޢާލާ، އަހަރެންގެ ކައިރިއަށް ތިބާ ފޮނުއްވާފައިވަނީ ރަޙުމަތެއްގެ ގޮތުގައެވެ. އަހަރެންގެ ކައިރީ އިށީންނާށެވެ! އެއީ މަރުވުމުގެ ކުރިން އަހަރެންގެ ޙަޔާތުގެ ވާހަކަ ތިބާއަށް ކިޔައިދިނުމަށްޓަކައެވެ. އަހަރެންނަށް އިޙްސާސްކުރެވޭ ގޮތުގައި މިއީ އަހަރެންގެ ޙަޔާތުގެ އެންމެ ފަހު ރެއެވެ.]

އިބްނު ހުބައިރާ ބަލިމީހާގެ ކައިރީގައި އިށީނެވެ. ބަލިމީހާ އޭނާގެ ވާހަކަ ފެށިއެވެ. އަހަރެންނަކީ ޚުރާސާނުގެ މީހަކީމެވެ. ނަމަކީ އަޙްމަދެވެ. އަހުރެންނަކީ މުރޫ އޭ ކިޔުނު ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔަކީމެވެ. އަހަރެންގެ ކޮއްކޮ މަޙްމޫދަކީވެސް އަހަރެން ފަދަ ވިޔަފާރިވެރިއެކެވެ. ގާތްގަނޑަކަށް މީގެ އެއްއަހަރު ކުރިން އަހަރެންނާ އަހަރެންގެ ކޮއްކޮ އާ ދެމީހުން ބަޣުދާދަށް ދަތުރެއްކުރުމަށް ގަސްތުކުރީމެވެ. އެއީ ބަޣްދާދުން ވިޔަފާރި މުދާ ގަނެގެން ގެނެސް މުރޫ ގައި ވިއްކުމަށެވެ. އޭރު ބަޣުދާދަށް ފުރަން ތައްޔާރުވެފައި ޤާފިލާއެއް އޮތެވެ. އަހަރެން، ބަޣުދާދަށް ވިއްކުމަށްޓަކައި ފުދޭވަރަކަށް ގިނަ މުދާވެސް ގަތީމެވެ. އެކަމަކު އަހަރެންގެ އަޚް މަޙުމޫދު ރަށަކުން އެއްވެސް އެއްޗެއް ނުގަނެއެވެ. އޭނާ އަތުގައި އެއްހާސް ދީނާރު ނަޤުދު ފައިސާ އޮތެވެ. އޭނާ ހަމުގެ ކީސާއަކަށް ދީނާރުތައް އަޅައި ރަގަޅަށް ބަންދުކުރުމަށްފަހު އެރައްކާތެރިކުރުމަށްޓަކައި އަހަރެންނާ ޙަވާލުކުރިއެވެ. އޭއީ އޭނާއަށްވުރެ އަހަރެން ޢުމުރުގެގޮތުން ބޮޑުވެފައި ވިސްނުމާ ބުއްދީގެގޮތުންވެސް ހުޝިޔާރުވީމައެވެ. އަހަރެންގެ އުނަގަނޑުގައި އެކީސާ ރަގަޅަށް ބަނދެ ރައްކާތެރިކުރީމެވެ.

ކޮންމެއަކަސް ޤާފިލާ ބަޣުދާދަށް ދިއުމަށްޓަކައި ފުރައިފިއެވެ. އެޤާފިލާގައި ވަރަށް ގިނަ މީހުން ދަތުރުކުރިއެވެ. ވިޔާފާރި މުދާވެސް ގިނަ ޢަދަދަކަށް ހުއްޓެވެ. ޤާފިލާގެ ޙިމާޔަތަށްޓަކައި ޒުވާނުންގެ ޖަމާޢަތެއް ވަކިން އޮތެވެ. އެމީހުން މެދުކެނޑުމެއްނެތި ޤާފިލާގެ ހަތަރުފަރާތުން، ޤާފިލާ ރައްކާތެރިކުރަމުން ގެންދިޔައެވެ. އެއީ ވަރަށް ދިގު ރާސްތާއެކެވެ. ނަމަވެސް އަހަރަމެންނަށް އެއްވެސް ނުރައްކަލެއް ދިމާނުވެ ބަޣުދާދާ ވަރަށް ކައިރިއަށް ދަތުރުކުރެވިއްޖެއެވެ. ބާކީ އޮތީ އެންމެ ދެމަންޒިލެވެ. އެހާހިސާބުން ފާރަވެރިންގެ ކުރިން ހުރި ހުޝިޔާރުކަން ގެއްލިއްޖެއެވެ. އެމީހުންގެ މަސައްކަތުގައި ފަރުވާކުޑަކުރަން ފެށިއެވެ.

އެއީ އެއްދުވަހެއްގެ ޢަޞްރުފަހުގެ ވަގުތެކެވެ. ހަތިޔާރުއަޅައިގެން ތިބި ލުޓޭރުންތަކެއް އަހަރަމެންގެ ޤާފިލާއަށް ކުއްލިއަކަށް ޙަމަލަދިނެވެ. މިޙަމަލާ އައިލެއް ވަރުގަދަކަމާއި އަވަސްކަމުން އެއްވެސް މީހަކަށް އަތްފައި ހަލުވައިލާނެ ވަގުތެއްވެސްނުލިބުނެވެ. އެޙަމަލާގައި ޤާފިލާގެ ވަރަށް ގިނަ ބަޔަކު މަރުވެދިޔައެވެ. އެތައް ބަޔަކު ޒަޚަމްވިއެވެ. އަދި ލުޓޭރުންގެ ކަނޑިތަކުގެ މިޔައިން ސަލާމަތްވެގެން ފިލުމުގައިވެސް ބައެއް މީހުންނަށް ކާމިޔާބުލިބުނެވެ. ލުޓޭރުންތައް ޤާފިލާގެ މުދާކޮޅު ކަމާލުކޮށްލައިގެން އަވަހަށް ދުވެ ފިލައިފިއެވެ. އަހަރެންވެސް އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ހޭވެރިކަންވީއިރު ރޭވެއްޖެއެވެ.

ވަށައިގެން ތިބީ މަރުވެފައިވާ މީހުންނާ ޒަޚަމްވެފައިވާ އެތައް ބައެކެވެ. އަހަރެން، އަހަރެންގެ ހަށިގަނޑު ސަމާލުކުރުވީމެވެ. އަދި އަހަރެންގެ އަޚް މަޙްމޫދު ހޯދުމުގެ މަސައްކަތްފެށީމެވެ. ނަމަވެސް މަރުވެފައިވާ މީހުންގެ ތެރެއަކުންވެސް ޒަޚަމީންގެ ތެރެއަކުންވެސް އޭނާއެއް ނުފެނުނެވެ. އަހަރެން ހީކުރީ އޭނާ ފިލައިގެން ބަޣުދާދަށް ދިޔައީ ކަމުގައެވެ. އަހަރެންގެ ޒަޚަމް ފުދޭވަރަކަށް ފުނެވެ. އެމަގުން ދަތުރުކުރި އެހެން ޤާފިލާއަކާ އެކު އަހަރެން ބަޣުދާދަށް ދަތުރުކުރީމެވެ. އަދި އެތާހުރެ ޒަޚަމަށް ބޭސްކުރަން ފެށީމެވެ. އަހަރެން ގެނައި ހުރިހާ މުދަލެއްވަނީ ފޭރެވިފައެވެ. ނަމަވެސް މަޙްމޫދު އަމާނަތެއްގެ ގޮތުގައި އަހަރެންނާ ޙަވާލުކުރި އެއްހާސް ދީނާރު އަހަރެންގެ އަތުގައި އޮތެވެ. އަދި އެނޫން ފައިސާކޮޅެއްވެސް ޖީބުގައި ހުއްޓެވެ. އެއިން އެއްބައި ޚަރަދުވީ ފަރުވާއަށެވެ. އަނެއްބައި ކެއުންބުއިމަށް ޚަރަދުވެ ހުސްވީއެވެ. އެއަށްފަހު މީހުންނަށް މަޖޫރީކޮށްދީގެން ލިބޭ އެއްޗަކުން ވަގުތުތައް ހޭދަކުރީމެވެ.

އެދުވަސްތަކުގައި އަހަރެންގެ ކޮއްކޮ މަޙްމޫދު ހޯދުމަށް ނުހަނު ހިތްވަރާއެކު މަސައްކަތްކުރީމެވެ. ނަމަވެސް އެއްވެސްތާކުން އޭނާއެއް ނުފެނުނެވެ. މިއަދުވެސް މަޙްމޫދު، ޙަވާލުކުރި ދީނާރުތައް ހަމަ އެކީސާގައި އަހަރެންގެ އަތުގައި އެބަހުއްޓެވެ. އަހަރެންނަށް ހީވަނީ މިރޭ އަހަރެން މަރުވާނެހެންނެވެ. ދެކޭށެވެ! އަހަރެން މަރުވެއްޖެނަމަ ކަށުކަމާކެމީގެ ކަންތައްކުރުމަށްފަހު މިތާގައި އަހަރެން ވަޅުލާށެވެ! އަދި ދީނާރު ކީސާ ތިބާ ނަގާށެވެ! ތިމަންގެ އަޚާ ފެނޭތޯ މަސައްކަތްކުރާށެވެ! ފެނިއްޖެނަމަ ދީނާރުތައް އޭނާ އާ ޙަވާލުކުރާށެވެ. ނުފެނިއްޖެނަމަ ތިބާ ބޭނުންތާކަށް ދީނާރުތައް ޚަރަދުކުރާށެވެ.

އިބްނު ހުބައިރާ އޭނާގެ ވާހަކަ ބަޔާންކުރަމުން ބުނެފައިވެއެވެ. ތިމަން އެރޭ ނިދީ އޭނާ ކައިރީގައެވެ. ރޭގަނޑު އޭނާގެ ޙާލު ވަރަށް ގޯސްވިއެވެ. ތިމަންނާއަށް ޝަހާދަތުގެ ދެކަލިމަ އާއި އެހެނިހެން ޒިކުރުތަކުގެ އަޑުއިވުނެވެ. ދެން މަޑުމަޑުން އެއަޑުތައް މަޑުވަމުން މަދުވަމުން ދިޔައެވެ. އެންމެފަހުން އޭނާގެ އަޑު އެއްކޮށް ކެނޑުނެވެ. ތިމަން އޭނާގެ ވައިނޮޅީގައި އަތް ބޭއްވީމެވެ. އޭރު އޭނާވަނީ އަބަދަށްޓަކައި މިދުނިޔެއާ އަލްވަދާޢު ކިޔައިފައެވެ. ތިމަން ކަށުކަމާކެމީގެ ކަންތައް ފުރިހަމަކޮށް ކަށުނަމާދުކުރުމަށްފަހު އޭނާ ވަޅުލީމެވެ. ދެން ދީނާރުބޮނޑި ހިފައިގެން ދަތުރަށް ފެށީމެވެ. ނަމަވެސް މިހާރު ތިމަންގެ މިސްރާބު ހުރީ އައްދޫރުގެ ބަދަލުގައި އަނެއްކާވެސް ބަޣްދާދާ ދިމާއަށެވެ.

ތިމަންގެ ޖީބުގައި މިހާރު އެއްހާސް ދީނާރު އެބައޮތެވެ. އެންމެ ފުރަތަމަވެސް ތިމަން ދިޔައީ މޭބިސްކަދުރު ގަތް ފިހާރައަށެވެ. އެއްދީނާރު ސޭޓު އަތަށް ދިނީމެވެ. އޭނާ އެއިން ބައި ދިރުހަމް ނެގުމަށްފަހު ތިމަންގެ އަބާ ތިމަންނައަށް އަނބުރައި ދިނެވެ. ދެން ތިމަން ދިޔައީ ދިޖްލަތު ކޯރުގެ އައްސޭރިއަށެވެ. އޭތާނގައި ފައިސާދިނުމުން ކޯރުގެ އެއްފަރާތުން އަނެއްފަރާތައް ދަތުވެރީން ގެންގޮސްދޭ ބޮއްކުރާތަކެއް ހުއްޓެވެ. ތިމަން އެތަނުން ބޮއްކުރައަކަށް އެރީމެވެ. އެދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް ބައި ގަޑިއިރެވެ. އެހެންކަމުން ވަގުތު ކުރުކޮށްލުމުގެ ގޮތުން ބޮއްކުރާ ދުއްވަން އިން މީހާ އާއި ވާހަކަދައްކަން ފެށީމެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި ތިމަންނާއަށް ފާހަގަވީކަމަކީ އޭނާގެ ބަހުރުވަ ބަޣްދާދުގެ ރައްވެހީންގެ ބަހުރުވަ އާއި ތަފާތުކަމެވެ. އެހެންވެ ތިމަން އޭނާ އާއި ސުވާލުކުރީމެވެ. [ކަލެއަކީ ކޮން ރަށެއްގެ މީހެއް ހެއްޔެވެ؟] އޭނާ ބުންޏެވެ. [ޚުރާސާނުގެ މީހަކީމެވެ.] ތިމަން ސުވާލުކުރީމެވެ. [ކަލޭގެ ނަމަކީ ކޮބައިހެއްޔެވެ؟] އޭނާ ބުންޏެވެ. [މަޙްމޫދެވެ.] ތިމަން ސުވާލުކުރީމެވެ. [ކަލެއަށް ބަޣުދާދަށް އާދެވުނީ ކިހެނެއް ހެއްޔެވެ؟] އޭނާ ބުންޏެވެ. [އެއީ ދިގު ވާހަކައެކެވެ. އެކަމަކާ ކަލެއަށް ކީއްހެއްޔެވެ؟] ތިމަން ހުވައިކޮށްފައި އެނާއަށް ބުނީމެވެ. [ކޮންމެހެންވެސް އެވާހަކަ އަހަންނަށް ކިޔައިދޭންޖެހޭނެއެވެ. ކުރުކުރުކޮށް ނަމަވެސް ވަރިހަމައެވެ. އެކަމަކު ކިޔައިދޭށެވެ.]

އޭނާ ވާހަކަ ކިޔައިދޭން ފެށިއެވެ. [އަހަރެންނަކީ މުރޫގެ ވިޔަފާރިވެރިޔަކީމެވެ. އަހަރެންގެ ބޭބެ އަޙުމަދަކީވެސް ވިޔަފާރިވެރިއެކެވެ. އެއްފަހަރަކު އަހަރަމެން ދެ އަޚުން ބަޣުދާދަށް ދަތުރެއް ކުރުމަށް ގަސްތުކުރީމެވެ. އެއީ ބަޣުދާދުން މުދާގަނެގެން ގެނެސް ރަށަށް ވިއްކުމަށެވެ. އަހަރެންގެ އަތުގައި އެއްހާސް ދީނާރުއޮތެވެ. އަހަރެން އެދީނާރުތައް ކީސާއަކަށް އަޅައި ބަންދުކުރުމަށްފަހު ރައްކާކުރުމަށްޓަކައި ބޭބެ އާއި ހަވާލުކުރީމެވެ. އޭރު ޤާފިލާއެއް ބަޣްދާދަށް ފުރަނީއެވެ. އަހަރަމެންވެސް އެޤާފިލާގައި ބައިވެރިވީމެވެ. ދަތުރުކުރަމުން އައިސް ބަޣުދާދާ ވަރަށް ކައިރިވެފައިވަނިކޮށް ކުއްލިއަކަށް ޑާކޫންގެ ބަޔަކު ޤާފިލާއަށް ޙަމަލަދިނެވެ. ޤާފިލާގެ ވަރަށް ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ. ނަމަވެސް އަހަރެން ދަނޑިވަޅު ބަލާފައި ފިލީމެވެ.]

ޖެހިގެން އައި ދުވަހު އަހަރެން، އެ ޤަތުލުގާހަށް ދިޔައީމެވެ. މަރުވެފައިވާ ހަށިތައް އުކާލެވިފައި ހުއްޓެވެ. ޒަޚަމީންގެ ވޭނީ ކުކުރުމާއި ރުއިމުގެ އަޑު އިވިއިވި ހުއްޓެވެ. މަރުވެފައިވާ މީހުންނާ ޒަޚަމީންގެ ތެރެއިން ބޭބެ ފެނޭތޯ ވަރަށް ހޯދައި ބެލީމެވެ. ނަމަވެސް ނުފެނުނެވެ. އަހަރެންނަށް ޤަބޫލުކުރެވުނީ އެއްހާސް ދީނާރު އޭނާގެ ހިތް އީމާންކަމުން މަޙުރޫމުކުރީކަމަށެވެ. ބޭބެ އެފަދައިން ޢަމަލުކޮށްފާނެކަމަކަށް ފަހަރެއްގައިވެސް އަހަރެން ހީއެއްނުކުރަމެވެ. އަހަރެން އިންތިހާއަށް ދެރަވެ ކަންބޮޑުވިއެވެ. އަހަރެންގެ ހުރިހާ އެއްޗެއްވަނީ ގެއްލި ފޭރެވިފައެވެ. ފަޤީރުކަން އައިސް އަހަރެން ވަށައިލިއެވެ. ބަޣުދާދުންވެސް ބޭބެ ފެނޭތޯ ވަރަށް ހޯދީމެވެ. ނަމަވެސް އޭނާގެ ހިލަމެއްނުވިއެވެ. އެއްދުވަހަކު ކަންބޮޑުވެ ހަދާނެގޮތް ހުސްވެގެންވާ ޙާލު މިކޯރުގެ އައްސޭރީގައި އިށީނދެގެން އިނީމެވެ. އެހެން އިންތަން މިބޮއްކުރާގެ ވެރިމީހާއަށް ފެނިގެން އަހަރެންގެ މައްޗަށް އޭނާގެ ހިތުގައި ރަޙުމް އުފެދިގެން އައިސް އަހަރެން ގާތުގައި އިށީނެވެ. އަދި އަހަރެންގެ ހިތް ހަމަޖައްސައިދެވޭތޯ މަސައްކަތްކުރަންފެށިއެވެ. އަހަރެންގެ ޙާލު އޮޅުންފިލުވިއެވެ. އަހަރެންގެ ހިތާމަވެރި ހިތްދަތި ވާހަކަ އޭނާއަށް ކިޔައިދީނީމެވެ.

އޭނާ ބުންޏެވެ. [ކަލޭ، އަހަރެންގެ ކައިރީ މަސައްކަތްކުރަންވީނޫން ހެއްޔެވެ؟ މިއޮތީ އަހަރެންގެ ބޮއްކުރައެވެ. އަހަރެން މިހާރު މިވަނީ މުސްކުޅިވެފައެވެ. އަތްފައިގެ ބާރު ދެރަވެފައެވެ. އެއްވެސް ފިރިހެން ދަރިއަކު ނެތެވެ. މިކަން ކުރެވޭނީ ކަލޭފަދަ ޞިއްޙަތު ރަގަޅު ގައިބާރު ހުރި މީހަކަށެވެ.] އެހެންކަމުން އަހަރެން އޭނާގެ ކައިރީ މަސައްކަތްކުރަން ފެށީމެވެ. އަހަރެންގެ މަސައްކަތާއި އަމާނަތްތެރިކަމުން އަސަރުކޮށްގެން އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ކައިވެނި އަހަރެންނާ ކޮށްދިނެވެ. އަދި އަހަރެން އެގޭގައި ދިރިއުޅެން ފެށީމެވެ. ދެތިން މަސް ވީތަނާ އަންހެނުންގެ ބައްޕަ މަރުވެއްޖެއެވެ.

އިބްނު ހުބައިރާ ބަޔާންކުރެއެވެ. ތިމަން އެދީނާރު ކީސާގެ ސިފަ ކިޔައިދިނުމަށް އެދުނީމެވެ. އޭނާ އޭގެ ސިފަތައް ކިޔައިދިނެވެ. އެއީ ހަމަ ތިމަންގެ އަތުގައި އޮތް ދީނާރު ކީސާއެވެ. ދެން ފަހެ އޭގެ ވެރިޔަކީ ތިމަންގެ ކުރިމަތީގައި އިން މީހާކަން ޔަޤީންވީ ހިނދު، ތިމަން، އޭނާގެ ކުރިމަތީގައި އެކީސާ ބޭއްވީމެވެ. މަޙުމޫދަށް އެކީސާ ފެނުމާއެކު އުފަލުންގޮސް މަރުނުވީ ކިރިޔާއެވެ.

އޭނާގެ ހޭވެރިކަން ފިލައިގެން ދާން ކައިރިވިއެވެ. ތިމަން އޭނާގެ ބޮލަށް ފެންއަޅަންފެށީމެއެވެ. ދެން އޭނާ ކުޑަކޮށް ހަމަޔަކަށް އެޅުމުން އަހަރެންނާ ސުވާލުކުރިއެވެ. [އެކަމަކު ކަލެއަށް ތިޔަ ކީސާ ލިބުނީ ކިހިނަކުން ކޮންތާކުން ހެއްޔެވެ؟] ތިމަން، އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަދި ބުނީމެވެ. [ތިބާގެ ބޭބެ، ތިބާ ފެނޭތޯ މުޅި ބަޣުދާދުގައި އަތްފުނާއެޅިއެވެ. އޭނާގެ ހިތް ފަސާދަވެ ދީނާރުތައް ހިފައިގެން ފިލީކަމުގައި ތިބާއަށް ކުރެވުނު ހީއަކީ މުޅިން ކުށްހީއެކެވެ.] ކޮންމެއަކަސް

ދިނާރުތައް ލިބުމުން މަޙުމޫދު ހުރީ ވަރަށް އުފާވެފައެވެ. އޭނާ ތަކުރާރުކޮށް އެކީސާއަށް ބަލަމުން ގެންދިޔައެވެ. ދެން އޭނާ ދީނާރުތައް ގުނަންފެށިއެވެ. ނަމަވެސް އޭގައި އޮތީ ނުވަސަތޭކަ ނުވަދިހަ ނުވަ ދީނާރެވެ. މަދުވި އެއްދީނާރާ ބެހޭގޮތުން ތިމަން ބުނީމެވެ. [ތިމަން އެއިން ތިބާގެ ބޭބެއަށް މޭބިސްކަދުރު ގަތީއެވެ.] އޭނާ ބުންޏެވެ. [މައްސަލައެއްނެތެވެ.] އަދި އިތުރު ދިހަ ރަން ދީނާރު ފޮތި ނަގައި ތިމަންގެ އަތަށް ދިނެވެ. އަދި ތިމަންނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ.

ދެންފަހެ ތިމަންގެ އަތުގައި ޚަރަދުކުރާނެ ފައިސާވެސް ހުރުމާއެކު އަނެއްކާވެސް ބަޣުދާދުގައި މަޑުކޮށް، ވަޒީފާއެއްލިބޭތޯ މަސައްކަތްކުރުމަށް ގަސްތުކުރީމެވެ. ޖެހިގެން އައިދުވަހު އަނެއްކާވެސް ރަސްކަމުގެ ދަރުބާރަށްގޮސް ޚަބަރު ބަލައިލުމަށް ހިތަށްއެރިއެވެ. ފަހަރެއްގައި މިހާރު އެމީހުންނަށް ތިމަންގެ ބޭނުންޖެހިދާނެއެވެ. ތިމަން ދަރުބާރަށް ދިޔައީމެވެ. ތިމަން ފެނުމާއެކު އެމީހުން ބުންޏެވެ. [ތިބާ އުޅުނީ ކޮންތާކުހެއްޔެވެ؟ އަހަރެމެން މިދަނީ ތިބާ ހޯދަމުންނެވެ. ތިބާއަށް މިހާރު ވަޒީފާއެއް އެބައޮތެވެ.] މިފަދައިން މޭބިސްކަދުރު ކޯޅިއެއްގެ ސަބަބުން ދެވަނަ ފަހަރަށް ބަޣުދާދަށް އައުމުގެ ފުރުޞަތު އަހަރެންނަށް ލިބުނެވެ.

ވަރަށް އަވަހަށް މެދުކެނޑުމެއްނެތި ޝައުޤުވެރިކަމާއެކު ކުރި ހިތްވަރާއި މަސައްކަތުގެ ސަބަބުން ޚަލީފާ އަލް މުޤްތަފީ ލިއަމްރިﷲ ގެ ޚަޒާނާގެ އޮފްސަރުކަން ލިބިއްޖެއެވެ. އެއަށްފަހު ޚަލީފާގެ ސެކެޓްރީގެ މަޤާމުލިބުމާއެކު ޚަލީފާގެ އަރިހުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނެވެ.

ޚަލީފާއަށް އަހަރެންގެ އަމާނަތާއި ލަޔާޤަތު ފެނުނު ހިނދު ހިޖުރައިން ފައްސަތޭކަ ސާޅީސް ހަތަރުވަނަ އަހަރު އޭނާގެ ވަޒީރުކަން ދެއްވިއެވެ. ދެން ޚަލީފާ އަވަހާރަވުމަށްފަހު އޭނާގެ ދަރިކަލުން މުސްތަންޖިދު ބިﷲ ގެ ޚިލާފަތުގައިވެސް އެމަޤާމުގައި ބެހެއްޓެވިއެވެ. ހިޖްރައިން ފައްސަތޭކަ ފަސްދޮޅަސް ވަނަ އަހަރު އިބްނު ހުބައިރާ އަވަހާރަވެއްޖައުމަށް ދާންދެން ވަޒީރުކަމުގެ މަޤާމުގައި ހުންނެވިއެވެ.

ވާހަކައިގެ އަޞްލުވަނީ شذرات الذهب في أخبار من الذهب ، المنتظم ابن الجوزي ، وفيات الأعيان 6/230 ، كتاب الذيل على طبقات الحنابلة 3/251-291 މިފޮތްތަކުގައެވެ. ތަރުޖަމާކުރުމުގައި އަޞްލަކަށް ބަލާފައިވާނީ ޢަބްދުލްމާލިކް މުޖާހިދް ލިޔުއްވާފައިވާ "ސުންހެރޭ އައުރާޤް" މިފޮތެވެ. މަސްދަރު: ދިއިސްލާމް.ކޮމް