އިންސާނާ މިދުނިޔެއަށް ފޮނުއްވެވީ މާތް ﷲ އަށް އަޅުކަން ކުރުމަށާއި އެކަނލާގެ ނަހީކުރެއްވި އެންމެހާ ކަންމުން ދުރުވެގަތުމަށެވެ. މާތް ﷲގެ ހަސްރަތުގައި ދީނަކީ އިސްލާމް ދީނެވެ. އަދި އެކަލާނގެ ހަސްރަތުގައި އެހެން ދީނެއް ނުވެއެވެ. މުސްލިމުންގެ ދީނަކީ އިސްލާމް ދީނަށް ވީހިދު އެދީނަކީ އެހެން ހުރިހާ ދީނަކަށް ވުރެއް ފުރިހަމަ މަތިވެރި ދީނެކެވެ. އެދީނުގައި ވަނީ އިންސާނުން އުޅެންވީ އެންމެ ރަގަނޅު ގޮތް ބަޔާންކޮށްދެއްވާފައެވެ.އަދި އެދީނުގައި ވަނީ އިސްނާނުން އެމަގަކުން ހިގައިގެން ނުވާނެ މަގުތަށް ނުވަތަ ކޮށްގެން ނުވާނެ ކަންކަން ވަރަށް ރަގަނޅަށް ބަޔާންކޮށްދީފައެވެ. ކަންމިހެން ހުރި އިރު ދީނުގައި އެންގެވި ގޮތަށް ބޯލަބަނީ އަޅުގަނޑުމެންގެ ތެރެއިން ހެޔޮވިސްނޭ މަދު ބަޔަކެވެ. ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ އެތަށް ކަމެއް މިދަނީ ސިއްރާއި ފާޅުގައި ކުރަމުންނެވެ. އެގޮތުން ކަންބޮޑުވުން އިންތިހާއަށް އޮތް އެއް ކަމަކީ ހަރާމް ބެލުންތަކަށް ބެލުމެވެ.

ހަރާމް ބެލުމަކީ ކޮބައިތޯއެވެ؟ ހަރާމް ބެލުމަކީ އެއިގެ ސަބަބުން ޝަހުވަތްތެރިކަން އުފެދޭ ކޮންމެ ބެލުމެކެވެ. މީގެ ތެރޭގައި ތިމާގެ ހަލާލު އަނބިމީހާ އަދި ފިރިމީހާ ހިމެނިގެން ނުވެއެވެ.

ހަރާމް ބެލުންތަކަށް ބެލުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި އެއީ އެކަމެއްގެ ސަބަބުން އެތަކެއް ފާފަތަކަށް މަގުކޮށައިދޭ ކަމެއްވެސް މެއެވެ.

މާތް ﷲ ޤުރުޢާނުގައި ވަހީ ކުރައްވާފައިވެއެވެ.

قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ - 24:30

މާނައީ :" مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، طاهر ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އަދިވެސް  ވަޙީކުރައްވާފައިވެއެވެ.

وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا - 17:36.

މާނަ :" އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރައްވާނެ ކަމެއްކަމުގައިވިއެވެ."

ހަރާމް ބެލުންތަކަށް ބެލުމަކީ ވަރަށް ފަސޭހައިން އެކަމަށް ދެވިހިފާ ކަމެކެވެ. ހާއްސަކޮށް ފޯދެމުން އަންނަ ޅަ ކުދިން މިކަމަށް ދެވިހިފާ މިންވަރު އިތުރުވެގެންވެއެވެ. ބަރަހަނާ މަންޒަރުތަކާއި ވީޑިއޯ ތަކަކީ މިއަދު އެންމެ ތުއްތު ކުއްޖާއަށް ވެސް ފަސޭހަ ކަމާއި އެކު ބެލޭނެ ފަދަ ގޮތަކަށް ހުރި އެއްޗެވެ.އެހެނީ ކުއްޖާ ރުއްސުމުގެ ގޮތުން ދެވޭ މޯބައިލް ފޯނު ނުވަތަ ލެޕްޓޮޕާއި ޓެބްލެޓް ފަދަ ތަކެތީގެ ޒަރީއާއިން އިންޓަނެޓަށް ވަދެ ފަސޭހަ ކަމާއި އެކު ބަރަހަނާ ވީޑިއޯތަށް ބެލެން ހުންނާތީއެވެ.

ބަރަހަނާ މަންޒަރު ކުޅެ އެ މަންޒަރުތަކާއި ފޮޓޯތަށް އިންޓަނެޓުން އާންމުންނަށް ލިބެން ހުންނަ ގޮތް ހެދުމަކީ ހުޅަގުގެ ކާފަރުން އަޑީގައި ތިބެގެން ހިންގާ ބޮޑު ޖަރީމާއެކެވެ. ކެމެރާތަށް ކުރިމަތީގައި އެތަށް އަންހެނުންނަކާއި އެކު ޖިންސީ ގުޅުން ހިންގާ އެތަށް ވީޑިއޯއެއް އިންޓަނެޓުން އަދު ލިބެން އެބަހުއްޓެވެ. އިންޓަނެޓުން މިފަދަ ވީޑިއޯތަކާއި މަންޒަރުތަށް ލިބެން ހުރި ނަމަވެސް މުސްލިމަކަށް ވެހުރެ މިފަދަ އެއްވެސް މަންޒަރެއް ބަލައިގެން ނުވާނެއެވެ. އެހެނީ ތިމާގެ ގުނަވަން ތަކަކީ ޤިޔާމަތް ދުވަހުން އެ ގުނަވަނަކުން ކުޅަ ކަންތަށްތަކާއި މެދު ސުވާލު  ކުރެވޭނެ އެއްޗަކަށް ވާތިއެވެ. އަދި ހަރާމް ބެލުންތަކުން ރައްކާތެރިވެ ތިބުމަށް ދީނުގައި އަންގަވާފައިވާތީވެސް މެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި  ބަހަނަހާ ވީޑިއޯތަކަށް ދެވިހިފައިފައިވާ 72 މިލިއަން މީހުން މިދުނިޔޭގައި އެބައުޅެއެވެ. އަދި އަހަރެއްގެ މަށްޗަށް 14000 ބަހަނަހާ ވީޑިއޯ ދުނިޔޭގައި އުފައްދާއިރު މިކަމުގެ އެންމެ އިސްކޮށް އުޅެނީ މުސްލިމުންގެ އަދުއްވެއް ކަމަށް ވާ އެމެރިކާއެވެ.

ދުނިޔޭގެ އާބާދީގެ ނިސްބަތުން ބޮޑު ބައެއް  ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތަކަށް ދެވިހިފައިވާއިރު މި މީހުންގެ ތެރެއިން މުސްލިމުންގެ އަދަދުވެސް  މަދެއް ނޫނެވެ. މުސްލިމުންގެ ނަމުގައި ތިބެ ބަރަހަނާ މަންޒަރުތަކުގެ އަވައިގައި ޖެހިފައި ތިބި އެތަށް ބަޔަކު މިދުނިޔޭގައި އެބައުޅެއެވެ.

މިގޮތުން އަޅުގަނޑުމެންގެ  ރާއްޖޭގައިވެސް  ހަރާމް ބެލުންތަށް ބެލުމަށް ދެވިހިފައިފައިވާ އެތަކެއް މީހުންނެއް އެބައުޅެއެވެ.

ހަރާމް ބެލުންތަކަށް ދެވިހިފުމަކީ މީހާގެ ހަލާކެވެ. އެހެނީ އެއީ މަސްތުވާތަކެތި ފަދައިން  ގިނަ ފާފަ ތަކަށް އަރައިގަތުމުގެ އަސްލުކަމަށްވާތީއެވެ.އަދި އެއީ އެކަމުގެ ސަބަބުން ތިމާގެ ވިސްނުމަށްވެސް ބަދަލު އަންނަ ކަމެކެވެ. މިކަން އަދުގެ ސައިންސްވެރިން މިވަނީ ކަށަވަރުކޮށްދީފައެވެ. އެހެނީ ބަރަހަނާ މަންޒަރުތަކަށް ދެވިހިފުމުންވާ ގެއްލުމާއި މަސްތުވާ ތަކެތި ބޭނުންކޮށްގެން ތިމާއަށް ލިބޭ ސިއްހީ ގެއްލުމާއި ދާދި އެއްވަރުވާތީއެވެ. އެހެންކަމުން ސިއްހީ ގޮތުންވެސް މިކަމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

އިސްލާމް ދީނުގައި ހަރާމް ބެލުންތަށް ބެލުން ހަރާމް ކުރައްވާފައި ވަނީ އެތަކެއް ސަބަބުތަކަކަށް ޓަކައެވެ. އޭގެތެރެއިން އެންމެ މުހިންމު އެއް ކަމަކީ ޒިނޭއިން ރައްކާތެރިވުމެވެ.ސަބަބަކީ ބަރަހަނާ މަންޒަރުތަށް ބަލަލީނަމަ ތިމާގެ ޝަހުވާނީ އެދުންވެރިކަން އުތުރި އަރައިގެން ގޮސް އެދުން ފުއްދުމަށް  ޒިނޭގެ މަގު އިހުތިޔާރު ކުރެވޭތީއެވެ.

އޭ މުސްލުމު އަހުންނާއި އުޙުތުންނޭވެ. ޒިނޭ އާ ގާތް ނުވާށެވެ. އެއީ ފާފަތަކުގެ ތެރެއިން އުގޫބާތް ގަދަފަދަ ވެގެންދާ ފާފައެކެވެ. އަދި އެއީ އެ ފާފައެއްގެ ސަބަބުން މެރުން ހުއްދަވާ ފާފައެއްވެސް މެއެވެ.

ޒިނޭ ހަރާމްކުރައްވާ މާތް ﷲ ވަހީކުރައްވާފައިވެއެވެ.

(وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا) الإسراء 32

މާނާ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވެއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ."

އަދި ރަސޫލުﷲ ޟައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އިބްނު ޢައްބާސް ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ..

(( ثَلَاثَةٌ لَا يُكَلِّمُهُمُ اللهُ يَوْمَ القِيَامَةِ وَ لَا يُزَكِّيْهِمْ وَ لَا يَنْظُرُ إِلَيْهِمْ وَ لَهُمْ عَذَابٌ أَلِيْمٌ: شَيْخٌ زَانٍ وَ مَلِكٌ كَذِابٌ وَ عَائِلٌ مُسْتَكْبِرٌ)) رواه مسلم

މާނައީ: "ޤިޔާމަތްދުވަހުން ތިން މީހަކާއި ﷲ ތަޢާލާ ވާހަކަފުޅު ނުދައްކަވާނެއެވެ. އަދި އެބައިމީހުންގެ ފާފަތަކުން ޠާހިރުނުކުރައްވާނެއެވެ. އަދި އެބަމީހުންނަށް އެއިލާހު ބައްލަވައިވޮޑިނުގަންނަވާނެއެވެ. އެއީ: ޒިނޭ ކުރާ މުސްކުޅިޔާ އާއި ދޮގުވެރި ވެރިޔާއާއި ކިބުރުވެރި ފަޤީރުމީހާއެވެ."

ޒިނޭގެ ނުރައްކާތެރިކަން މިފަދަ ގޮތަކަށް ހުރި އިރު ޒިނޭއަށް އެންމެ ބޮޑަށް މަގުފަހި ކުރުވަނީ ބަރަހަނާ މަންޒަރުތަކަށް ބެލުމެވެ. ނުވަތަ ހަރާމް ބެލުންތަކަށް ބެލުމެވެ.

އަދުގެ ރާއްޖޭގައި ދިވެހިންގެ އެތަށް ބަޔެއްގެ ބަރަހަނާ މަންޒަރާއި ފޮޓޯ މިވަނީ އާންމުވެފައެވެ. މިކަމުގެ އަޑީގައި ވަނީވެސް ހަމަ އެއްކަހަލަ ހަރާމް ބެލުންތަކަށް ދެވިހިފުމެވެ. ސަބަބަކީ އެކަމަށް ދެވިހިފައިފައިވާލެއް ބޮޑު ކަމުން ޝަހުވާނީ އެދުން ވެރިކަން ފުއްދުމަށް ޅައުމުރުގައި ކުދިންނާއި ރައްޓެހިވެ ހަލާލު ނޫން ގޮތުގައި ޖިންސީ އެދުންވެރިކަން ފުއްދޭތީއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. މިކަމުގެ ސަބަބުން އިންސާނީ ދަރިފަސްކޮޅު އޮޅުން ބޮޅުން އަރައިގެން ދެއެވެ. އެހެނީ ޝަރުއީ ބައްޕަ ނެތް އެތަށް ދަރިއެއް މިކަމުގެ ސަބަބުން އުފަންވާތީއެވެ.މިކަމުގައި އެންމެ އިސްކޮށް ކުޑަކުދިން އުޅުން ކަމުގައި ވިޔަސް ބޮޑެތި މީހުންވެސް މިކަންކަން ކުރާލެއް މަދެއް ނޫނެވެ.މިގައުމުގައުމުގައި އިއްފަތްތެރި އަންހެނެއް މަދުވާނެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސަބަބަކީ މިގައުމުގައި ޒިނޭ ކުރުން ހައްދުފަހަނަ އަޅައިފައިވާތީއެވެ.

ހަރާމް ބެލުންތަކަށް ބަލަން ފަށައިފިނަމަ އެއީ މީހާ ހަލާކުގެ އަނދަވަޅަށް ވައްޓާލާނެ ކަމެއް ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެނީ އެކަމުގެ ސަބަބުން ތިމާގެ ލަދު ހަޔާތް ގެއްލި ކުށްތަކަށް އަރައިގަތުމަށް މަގުފަހިވެއެވެ. އަދި މީހުންނަށް އިހުތިރާމް ކުރުމާއި މީހުންނާ މުއާމަލާތް ކުރުމުގައި ބޭނުން ކުރާ ރިވެތި އާދަތަށް ނެތިކޮށްލާތީއެވެ. މިކަމުގެ ސަބަބުން ތިމާގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެވިގެންދާތީއެވެ.

ކަންމިހެން ހުރި އިރު މުސްލިމަކަށްވެ ހުރެ ހަރާމް ބެލުން ތަކަށް ބެލުމުން އެއްފަރާތް ވަމާ ހިނގާށެވެ. މާދަމާވެސް މަރުވެދާނެ ކަމަށް ބަލާ އާހިރަތަށް ތައްޔާރުވަމާ ހިނގާށެވެ. ދުނިޔެ މަތީގެ ވަގުތީ ދުވަސްތަށް  މަޖަލާއި ސަކަރާތުގައި ބޭކާރުކޮށްނުލާ ދާއިމީ  ފޮނިމީރުކަން ހޯދުމަށް އަވަސްވެ ގަންނަމާ ހިނގާށެވެ.

ADS BY SHEESHA

 

9 ކޮމެންޓް

  1. ވ ރަނގަޅު ލިއުމެއް ތަންކޮޅެއް ކުރުކޮށް ގިނަ ގިނައިން މިފަދަ ލިޔުން ޒުވާން ވަމުން އަންނަ ކުދިންނަށް އަމާޒުކޮށް ގެނައުމަކީ ވ ރަނގަޅުކަމެއް ކަމަށް ފާހަގަ ކުރަން.

  2. އެމެރިކާއަކީ މުސްލިމުންގެ އަދުއްވެއް ނޫން، އެމެރިކާގެ ވެރިކަމުގެ ނިޒާމާއި ސިޔާސަތަކީ އިސްލާމްދީނުގެ އަދުއްވަކީ އެހެނީ އެމެރިކާގަ 2 ވަނައަށް އެންމެ ގިނައީ ހަމަ އަހަރުމެން ކަހަލަ މުސްލިމުން.

  3. ވ.ފުރިހަމަ ލިޔުމެއް ވަކިސައިޓުތަކައް ނުވަދެވޭގޮތަށް އުރީދޫ އާއި ދިރާގުން ހަމަޖެއްސެމުން ތި ކަމައް ކޮއްމެސް ވަރެއްގެ ހައްލެއް ލިބިދާނެ.

  4. ޓީ ވީ ތަކުންނާ އެފަދަ މަންޒަރު ތައް ނުދެއްކުމަށާ އަދި ނޫސްތަކުގަ އެފަދަ ފޮޓޯ ތްށް ނުޖެހުމަށް ގޮވާލަން

  5. ލިޔުންތެރިޔައަށް ތިޔަގޮތުގައި ސާބިތުވެހުރުމުގެ ތައުފީގުދެއްވަށި. ޢާމީން.. ލިޔުންތެރިޔާގެ ތިޔަ ލިޔުންތަކަކީ ދުނިޔޭއޢި ޢާޚިރަތުގއިވެސް ފައިދާކުރާނެ ކަންކަން. ޢިންޝާﷲ...

  6. ތިޔަ އަނދަވަޅެއް ނުހުންނާނެ ތުބުޅިލައި ބުރުގާ އަޅާފަ ތިބޭ ބަޔަކަށް

  7. ވަރަށް ފުރިހަމަ ލިއުމެއް. ޝުކުރިއްޔާ

  8. ވަރަށް ރަނގަޅު ލިޔުމެއް...ކޮންމެ ހުކުރު ދުވަހަކަށް މިކަހަލަ ލިޔުމެއް ކިޔުންތެރިންނަށް ގެނެސް ދިނުން އެދެން... ސުކުރިއްޔާ.