ކުލަބް ފުޓުބޯޅަ ކެރިއަރުގައި ގިނަ ކާމިިޔާބީތަކެއް ލިބިފައިވާ ކަމަށާއި ބޭނުންވަނީ ޕީއެސްޖީއާއެކު ކެރިއަރުގެ އާ ސަފުހާއެއް ފަށައިގެން ކުރިޔަށްދިއުމަށް ކަމަށް ޕީއެސްޖީގެ އާ ފޯވާޑް އާޖެންޓީނާގެ ލިއޮނަލް މެސީ ބުނެފިއެވެ.

ފްރާންސްގެ ގަދަބާރު ޕީއެސްޖީއާއި މެސީ ގުޅުނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ މެސީ ބޭނުންނަމަ އެއްބަސްވުން އިތުރު އެއް އަހަރަށް އިތުރުކުރުމުގެ ފުރުސަތާއެކު އެވެ. އެއާއެކު ކޮންމެ އަހަރަކު މެސީއަށް 35 މިލިއަން ޕައުންޑް ލިބޭނެއެވެ. އޭގެ އިތުރުން އެޑް އޮންސްގައި އިތުރު އަދަދުތަކެއް ހިމެނެއެވެ.

ޕީއެސްޖީގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަމުން ލިއޮނަލް މެސީ ބުނީ ޕީއެސްޖީއާއި ގުޅުނީ ފޮނި އުއްމީދުތަކަކާއި އެކު ކަމަށާއި އެ ކުލަބުގައި ހާސިލުކުރަން ބޭނުންވާ ގިނަ ލަނޑުތަކެއް އެބަހުރި ކަމަށެވެ.

"މި ކުލަބު (ޕީއެސްޖީ) ގެ ވިސްނުން އަހަރެންގެ ވިސްނުމާއި ދާދި އެއްގޮތް، ދެ ފަރާތުންވެސް ބޭނުންވަނީ ކާމިިޔާބީ، އަހަރެން މި ކުލަބުގައި އެކަން ހާސިލުކޮށްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން، އަދި ސަޕޯޓަރުން އުފާކޮށްދީ ކުލަބުގެ ކުރިމަގަށް ގިނަ މަސައްކަތްތައްކޮށް ކާމިޔާބީ ހޯދައިދޭން ގަދައަޅާ މަސައްކަތްކުރާނަން" މެސީ ބުންޏެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެލައިފީގެ އަރިހުގައި ޕީއެސްޖީއަށް ސޮއިކުރުމަށްފަހު މެސީ ބުނީ ޕީއެސްޖީއާއެކު ކުޅުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަށް ކުޅެވޭނެ ކަމުގެ އުއްމީދުކުރާ ކަމަށްވެސް މެސީ ބުންޏެވެ.

މެސީ ޕީއެސްޖީގައި ބޭނުންކުރާނީ 30 ނަންބަރު ޖާރޒީއެވެ. އެއީ މެސީގެ ހަޔާތުގައި ބާސެލޯނާގައި އެންމެ ފުރަތަމަ ކެރިއަރު ފެށި ނަންބަރެވެ. މެސީގެ ސޮޔާއި އެކު ޕީއެސްޖީ ވަނީ ވަރަށް ބޮޑުތަން ވަރުގަދަވެފައެވެ.

އެ ޓީމަށް އަލަށް ސޮއިކުރި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި އިޓަލީގެ އެއްވަނަ އަދި ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާ ޑޮނަރުއްމާ ހިމެނެއެވެ. މި ކުޅުންތެރިން އެ ކުލަބާއި ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. މިއީ މިހާ އަގުހުރި ކުޅުންތެރިންތަކެއް ފްރީ ޓްރާންސްފާއެއްގައި އެ ކުލަބަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި މެސީ ރަސްމީކޮށް ދައްކާލާނީ ބުދަދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މެސީ ނޫސްވެރިންނާއި ބައްދަލުކުރާނެ އެވެ.

ބާސެލޯނާގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުުޅުންތެރިއަކީ މެސީ އެވެ. އަދި ބާސެލޯނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިއަކީވެސް މެސީ އެވެ. އޭނާ ވަނީ ބާސެލޯނާގައި 778 މެޗު ކުޅެ 672 ލަނޑު ޖަހާފައެވެ. އެ ކުލަބުުގައި މެސީ ވަނީ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން 10 ސްޕެނިޝް ލީގާއި ހަތަރު ޔުއެފާ ޗެމްޕިއަންސް ލީގު ހޯދާފައެވެ.