އިންސާނުން ދުނިޔެ މަތީގައި އޭނާގެ ލޮލުން ބަލައި އުޅުނު ތަންތަނާއި، ތަކެއްޗާ މެދު ޤިޔާމަތްދުވަހު އޭނާއާއި ސުވާލުކުރެވޭނެ އެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ. إِنَّ ٱلسَّمۡعَ وَٱلۡبَصَرَ وَٱلۡفُؤَادَ كُلُّ أُو۟لَـٰۤىِٕكَ كَانَ عَنۡهُ مَسۡـُٔولࣰا (ސޫރަތުލް އިސްރާ 36) މާނައީ: "ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާ މެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައި ވިއެވެ."

މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި މެދު ވިސްނައެއް ނުލެވެއެވެ. ނަތީޖާއަކަށް ވެގެން ގޮސްފައި ވަނީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ މަންޒަރުތަކާއި އަޑުތަކަށް މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ވަކިން ހާއްސަ ސަމާލުކަމެއް ދެވިފައި ވުމެވެ.

ޤިޔާމަތްދުވަހަކީ ގަދަފަދަވެގެންވާ އަޑު އަންނަދުވަހެވެ. އެއީ އަޅާ އޭނާގެ އަޚާގެ ކިބައިން ފިލަންދާނޭ ދުވަހެވެ. އަދި އަޅާ އޭނާގެ މައިންބަފައިންގެ ކިބައިން ފިލަންދާނޭދުވަހެވެ. އެއީ އަޅާ އޭނާގެ އަނބިމީހާއާއި ދަރިން ދޫކޮށްފައި ފިލަންދާނޭދުވަހެވެ. އެއީ ބިންގަނޑު ހެލިގަތުމަކުން ހެލިގަންނަދުވަހެވެ. ބިން އެބިމުގައިވަޅުލެވިފައިވާ މީސްތަކުންނާއި ބިމުގައިވާ ޚަޒާނާތައްނެރެލާދުވަހެވެ. އެއީ ބިން އެބިމުގެ ޚަބަރުތަކާއި ބެހޭގޮތުން ވާހަކަދައްކާނޭ ދުވަހެވެ. ބިމަށް އެދުވަހު ވާހަކަދެއްކުމުގެ ބާރުދެއްވަނީ އިންސާނުންނަަށްވެސް ވާހަކަ ދެއްކުމުގެ ބާރު ދެއްވި ޖައްބާރުވަންތަ އިލާހެވެ.

ޤިޔާމަތްދުވަހަކީ ކޮންދުވަހަކީ ބޮޑުވެގެންވާ ޒަލްޒަލާއަންނަ ދުވަހެވެ. އެއީ މައިމީހާ އޭނާ ކިރުދޭ ދަރިފުޅު ދޫކޮށްލާފައި ދާނޭދުވަހެވެ. މާބަނޑު މީހުން ބަނޑުގައިވާ ދަރިފުޅު ބިރުންގޮސް ވިހާނޭދުވަހެވެ. މީސްތަކުން މަސްތުވެފައިވާ ބަޔަކު އުޅޭފަދައިން އުޅޭތީ ފެންނާނެއެވެ. ނަމަވެސް އެމީހުން އެދުވަހުގައި އެތިބެނީ އެއްޗެއްބޮއިގެން މަސްތުވެފައެއްނޫނެވެ. ނަމަވެސް ﷲ ތަޢާލާގެ ޢަޒާބު ގަދަފަދައީއެވެ.

އެއީ ވިއްސި ވިހާލިވެގެންދާ ކޮކާތަކެއްފަދައިން މީސްތަކުންވާނޭ ދުވަހެވެ. ބުރުވާލެވޭ ކެހެރިތަކެއްފަދައިން ފަރުބަދަތައްވާނޭދުވަހެވެ. އެއީ އިރުގެ އަލިކަން ފިލައިނެތިދާދުވަހެވެ. ފަރުބަދަތައް ލުހި ފުނޑުފުނޑުވެގެންދާ ދުވަހެވެ. ކަނޑުތައް ރޮއިވެ އަނދައިގެންދާ ދުވަހެވެ. އުޑު ފަޅަފަޅައިގެންދާ ދުވަހެވެ. ތަރިތައް ވެރި ބުރަބުރައިގެންދާ ދުވަހެވެ. ކައްވަޅުތައްް އެފުއް މިފުށަށްޖެހި ކައްތައް ނެރެލެއްވޭނޭދުވަހެވެ. އެއީ ހަނދުގެ އަލިކަން ފިލައި ނެތިދާދުވަހެވެ. އިރާއި ހަނދު އެއްތަންކުރައްވާދުވަހެވެ. އެދުވަހުގައި އިންސާނާ ބުނާނެއެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސިޔާމް

    ޢެންމެ ގިނައިން ބަލާ އެކައްޗަކި ވަގުތު.

  2. ކަހެރުވައް

    ސުވާލު ނުކުރިއްޔަކާ ނޭނގޭނެތަ އެއީ ނެޓުން ބެލި އެއްޗެއް ކަމެއް؟

  3. ރާބުރި

    ކަލޭމެންގެ ކަމަކީ ބިރު ދެއްކުން ދޯ؟ ތަރިތަކާއި ޕްލެނެޓްތައް އެފުށް މިފުށުން ޖެހޭ އިރު ވެސް ދުނިޔެ މަތީގައި މީހުން އެއްކޮށްގެ ސުވާލު ކުރެވޭތަ؟ ހަމަ ގައިމު އެފަދަ ދުވަހަކު ދުނިޔެއެއް ނޯންނާނެ. ސުވާލު ކުރަން މީހުން އެއްކުރަނީ ކޮން ތާކު އޮންނަ ކޮން ބިމަކަށް؟

    1
    6
  4. ހޫ

    އާޓިކަލް ފުރިހަމައެއްނޫން އިތުރު މައުލޫމާތު ހިމަނާފަ ނެތީ ކީއްވެ.