މުންކަރާތަކީ މާތްﷲ ނަހީކުރެއްވި އެންމެހާ ކަންތައްތަކެވެ. އަދި އެކަމެއްގެ ސަބަބުން ތިބާ މަގުފުރެދިގެންދާނެ ކޮންމެ ކަމެކެވެ. މުންކަރާތްތަކުން މަނާވެގަނެވޭނެ ނުވަތަ އިންކާރު ކުރެވޭނެ ގޮތްތަށް ޤުރުއާނާއި ސުންނަތުގައި ބަޔާން ކުރައްވާފައިވެއެވެ.

އެގޮތުން މުންކަރާތްތަކަށް އިންކާރުކުރުން ތިން ދަރަޖައަކަށް ބެހިގެން ވެއެވެ. އެއީ:

ފުރަތަމަ ދަރަޖަ: އަތުން މަނާކުރުން – އެއީ އެކަމަކަށް އިންކާރުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ޙާލެވެ. މިސާލަކަށް ގޭގައި ހިނގާ މުންކަރާތެއް ފިރިމީހާ މަނާކުރުމެވެ.

ދެވަނަ ދަރަޖަ: ދުލުން އިންކާރުކުން – އަތުން މަނާކުރުމަށް ޢުޛުރުވެރިވާ ޙާލަތުގައި ދުލުން މަނާކުރާށެވެ. މިސާލަކަށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރަނިކޮށް ފެނިއްޖެ ނަމަ އެކަން ދުލުން އިންކާރުކުރުމެވެ.

ތިންވަނަ ދަރަޖަ: ހިތުން އިންކާރުކުރުން – އަތުން މަނާކުރުމަށް ޢުޛުރުވެރިވާ ޙާލަތުގައި ހިތުން މަނާކުރާށެވެ. މިއީ މިކަމުގެ އެންމެ ކުޑަމިންވަރެވެ. ކުށްތަކަށް ހިތުން އިންކާރުކުރުމީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަދި އެއްވެސް ޙާލަތެއްގައި މިކަމުގެ ވާޖިބުކަން ކެނޑިގެން ނުދާނެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ، فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإيمَانِ((

[رَوَاهُ مُسْلِمٌ]

މާނައީ: “ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ފަހެ އޭނާގެ އަތުން އެކަން މަނާކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާ، ފަހެ އޭނާގެ ދުލުން އެކަން މަނާކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާ، ފަހެ އޭނާގެ ހިތުން އެކަން މަނާކުރާހުށިކަމެވެ. އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރެވެ.”

ކިޔުންތެރިންގެ ހިޔާލު