އިންސާނުންނަކީ މާތް ﷲ ވަރަށް ބޮޑަށް ހުރުމަތްތެރިކުރައްވާފއިވާ މަހުލޫގެކެވެ. އިންސާނުންގެ ނަފްސަކީ ވަރަށްވެސް އަގުހުރި ހަޒާނާއެކެވެ. އެހެންކަމުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުން ރައްކާތެރިވުމަކީ ކޮންމެ އިންސާނެއްގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ވާޖިބެކެވެ

ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ފަހަރު ވަރަށްވެސް ގިނައިން އާދެއެވެ. އަދި އަމިއްލަ ނަފްސު ކުށްވެރިކޮށް އަމިއްލައަށް މަރުވާ މީހުންވެސް އަންނަނީ ދުވަހަށްވުރެއް ދުވަހެއް އިތުރުވަމުންނެވެ. ނަމަވެސް އަމިއްލައަށް މަރުވުމަކީ ކިހާވަރެއްގެ ނުބައި ކަމެއްކަން އެނގޭހެއްޔެވެ؟

އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެކެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ

. ﴿ …وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّـهَ كَانَ بِكُمْ رَحِيمًا﴾ (سورة النساء ٢٩)

މާނައީ: “… އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލުނުކުރާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ.”

އަމިއްލައަށް މަރުވުމަކީ ހައްލެއް ނޫނެވެ. އަމިއްލައަށް މަރުވުމަކީ އުޚްރަވީ ޙަޔާތުގެ ޢުޤޫބާތަށް ތިމާގެ އަމިއްލައަތުން ތިމާގެ ނަފްސުހުށަހަޅާލެވޭ ހުށަހަޅާލުމެކެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ޘާބިތު ބުން އައްޟައްޙާކު رضي الله عنه ރިވާކުރެއްވިއެވެ. ((…وَمَنْ قَتَلَ نَفْسَهُ بِشَىْءٍ عَذَّبَهُ اللَّهُ بِهِ فِى نَارِ جَهَنَّمَ))

މާނައީ: “… ދުނިޔޭގައި އެއްޗަކުން އޭނާގެ ނަފްސު ޤަތުލުކޮށްލައިފިމީހާއަށް އެއެއްޗަކުން އޭނާއަށް ޤިޔާމަތްދުވަހު ޖަހައްނަމައިގެ އަލިފާނުގައި ޢަޛާބު ދެވޭނެއެވެ.” [رواه مسلم / كتاب: الإيمان / باب: بيان غلظ تحريم قتل الإنسان نفسه… / رقم: ١١٠]

އަމިއްލައަށް މަރުވާމީހުންގެ މައްޗަށް ކަށުނަމާދު ކުރެއްވުމުން ނަބިއްޔާ صلى الله عليه وسلم ދުރުވެވަޑައިގެންނެވިއެވެ. އެއީ މީސްތަކުންނަށް މިކަމުގެ ނުރައްކާތެރިކަމުގެ އިންޛާރުދެއްވުމުގެ ގޮތުންނެވެ. ނަމަވެސް އެފަދަމީހާގެ މައްޗަށް ކަށުނަމާދުކުރުމުގެ އިޛުނަ އެކަލޭގެފާނު ދެއްވިއެވެ. ޚަލީފާއާއި، ޢިލްމުވެރިންނާއި، ވެރިންނާއި، ޤާޟީންނާއި، އަދި މިނޫނަސް ޤައުމުގެ އިސްފަރާތްތަކުން އެފަދަމީހާގެ މައްޗަށް ކަށުނަމާދު ކުރުމުން ދުރުހެލިވުމަކީ ސުންނަތެކެވެ.

ޖާބިރު ބުން ސަމުރާ رضي الله عنه ވިދާޅުވިއެވެ. ((أُتِىَ النَّبِىُّ -صلى الله عليه وسلم- بِرَجُلٍ قَتَلَ نَفْسَهُ بِمَشَاقِصَ فَلَمْ يُصَلِّ عَلَيْهِ))

މާނައީ: "މިޝްޤަޞްތަކެއް ބޭނުންކޮށްގެން އަމިއްލައަށް މަރުވިމީހަކު ނަބިއްޔާ صلى الله عليه وسلمގެ އަރިހަށް ގެނެވުނެވެ. ފަހެ އެކަލޭގެފާނު އޭނާގެ މައްޗަށް (ކަށު)ނަމާދު ނުކުރެއްވިއެވެ. (އަލްމިޝްޤަޞް: އެއީ ތީރުގެ ކޮޅުގައި ހުންނަ ދަގަނޑުކޮޅު ދިގުކޮށް ހުރުމެވެ.)" [رواه مسلم / كتاب: الجنائز / باب: ترك الصلاة على القاتل نفسه / رقم: ٤٧٨]

"އަމިއްލައަށް މީހަކު މަރުވެއްޖެނަމަ އޭނާ ހިނަވާ، ކަފުންކުރަންޖެހޭނެއެވެ. އަދި އޭނާގެ މައްޗަށް ކަށުނަމާދުވެސް ކުރަންޖެހޭނެއެވެ. އަދި އެމައްޔިތާ ވަޅުލާނީ މުސްލިމުންނާއެކު (މުސްލިމުންގެ ގަބުރުސްތާނެއް)ގައެވެ. އެއީ އޭނާއަކީ ފާފަވެރިއެކެވެ. ނަމަވެސް އޭނާއަކީ ކާފަރެއްނޫނެވެ. އަމިއްލަ ނަފްސު ޤަތުލުކުރުމަކީ ފާފައެކެވެ. ނަމަވެސް އެއީ ކުފުރެއްނޫނެވެ…" 1 [مجموع فتاوى ومقالات متنوعة لسماحة الشيخ عبد العزيز بن عبد الله بن باز/ مجلد: ١٣ / ص: ١٢٢]

ނުބައިވެގެންވާ ބޮޑެތި ފާފަތަކުން އަހަރެމެން އެންމެން ވެސް ދުރުވާން ޖެހެއެވެ.