އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނެއް ކަމަށް ބުނާ ބުނުމުގެ މާނައަކީ މާތްﷲ ފަރުޟު ކުރައްވާފައިވާ އަޅުކަންތައް ބޭނުންގޮތަކަށް ކުރުމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުޟޫ އަކީ އިސްލާމް ދީނުގެ ލުއި ފަސޭހަ ކަމެވެ.

"މުސްލިމް އަޅުތަކުންނޭވެ! ލުއި ފަސޭހަކަމުގެ މާނައަކީ ﷲ ފަރުޟު ކުރައްވާފައިވާ އަޅުކަންތައް އެމީހަކު ބޭނުންގޮތަކަށް ކުރުމެއް ނޫނެވެ. އެކަމަކު އެއީ އެމީހަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް އެ އަޅުކަން އަދާ ކުރުމުގެ މަގު ތަނަވަސްކޮށްދެއްވުމެވެ." ހުތުބާގައި ވިދާޅުވިއެވެ.

އެކަމުގެ މިސާލެއްގެ ގޮތުގައި ހުތުބާގައި ވިދާޅުވެފައި ވަނީ އިސްލާމީ ޝަރީއަތުގައި ބަލިވުމުގެ ސަބަބުން ރޯދަ ނުހިފޭ މީހެއް ނަމަ ބަލިން ފަސޭހަވަންދެން ރޯދަ ހިފުން ފަސް ކުރެވޭނެ ކަމަށެވެ.

"ލޮބުވެތި މުސްލިމް އަހުންނޭވެ! ﷲ ސުބުހާނަހޫ ވަތައާލާ އަހަރެމެންގެ ދީން ކަމުގައިވާ އިސްލާމް ދީން ލައްވާފައި ވަނީ ލުއި ފަސޭހަ ދީނެއްގެ ގޮތުގައެވެ. އެހެނީ އެދީނަކީ ﷲގެ އެންމެ ފަހު ރިސާލަތެވެ. އެކަލާންގެ މި ދީން ފަހުމުކޮށް ދޭހަވުން ފަސޭހަކޮށްދެއްވިއެވެ. މިދީނުގެ ފޮތް، ކީރިތި ގުރުއާން ހިތުދަސް ކުރުން ފަސޭހަކޮށްދެއްވިއެވެ. އެކަލާންގެ، އިސްލާމީ އުންމަތް، މެދުމިން އުއްމަތެއް ކަމުގައި ލެއްވިއެވެ."

ހުތުބާގައި ވިދާޅުވީ މި ދީނުގެ ޝަރީއަތަކީ އެހެން ދީންތަކުގެ ޝަރީއަތްތަކާއި ހިލާފަށް ލުއި ޝަރީއަތެއް ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ މޫސާގެފާނުގެ ޝަރީއަތުގައި މުރުތައްދުވާ މީހުންނަށް ތައުބާ ވެވެނީ އަމިއްލަ ނަފްސު ގަތުލުކޮށްގެން ކަމެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި މަރުވުމުގެ ކުރިން ތައުބާާ ވެއްޖެ ނަމަ ފާފަ ފުއްސަވައި ދެއްވާ ކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އިސްލާމީ ޝަރީއަތަކީ ހުރިހާ ތަނަކަށް އަދި ޒަމާނަކަށް ފަހި ޝަރީއަތެއް ކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެއީ މެދުމިނުގެ މަންހަޖެއްގެ މަތީގައި ބާވައިލައްވާފައިވާ މެދުމިނުގެ ހުކުމްތަކެއް ހިމެނޭ ދީނެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ އިސްލާމީ ރިސާލަތަކީ މާތްﷲގެ އެންމެ ފަހުގެ ރިސާލަތް ކަމަށާއި އެހެން ކަމުން އެ ދީން ބާވައިލައްވާފައި ވަނީ އެ ދީނަށް އެންމެންނަށް ވެސް އުޅެވޭނެ ފަދަ ލުއި ފަސޭހަ ގޮތަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ލުއިފަސޭހަ ކަމުގެ މާނައަކީ މާތްﷲ ބާވައިލެއްވި ޝައިރަތް ކުދިކުދިކޮށް އަހަރުމެން ހިތް ރުހޭ ގޮތަށް ބައްޓަންކުރުންތޯ؟ ﷲ ޤުރުއާނުގައި އަންގަވާފައިވަނީ ތިމަން ﷲ ގެ ހުކުމްފުޅުގައި އެއްވެސް ފަރަާތެއް ބައިވެރި ނުކުރޭނެވެ.

  2. ނަން

    ކުރެވުނުހާ ދަތި އުނދަގޫ ގޮތަކަށް ކުރުން