ފިރިމީހާ ނުރުހެނީ ނަމަ އަނބިމީހާއަށް ސުންނަތް ރޯދަ ހިފުންވެސް ހުއްދަވެގެން ނުވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދް ވިދާޅުވެއްޖެއެވެ.

" ވަގުތަށް " ދެއްވި އިންޓަވިޔުއެއްގައި ޝައިހް ޒައިދް ވިދާޅުވީ އަނބިމީހާއަށް އަމުރުވެވޮޑިގެންވަނީ މާތްﷲގެ އަމުރުފުޅަކަށް އުރެދުމަށް ފިރިމީހާ ގޮވާނުލާ ހުރިހާ ހާލެއްގައި ފިރިމީހާއަށް ކިޔަމަންވުން ކަމުގައެވެ.

އަދި ސުންނަތް ރޯދައެއް ހިފައިގެން ހުރި ކަމުގައިވިޔަސް ފިރިމީހާ އެކަމާއި ހިތްހަމަ ނުޖެހެނީ ނަމަ ނުވަތަ އެ ރޯދަ ދޫކޮށްލަން ބުނެފިނަމަ އެކަމަށް އަނބިމީހާ ކިޔަމަންވާން ޖެހޭނެކަމުގައިވެސް ޝައިހް ޒައިދް ވިދާޅުވިއެވެ.

" ސުންނަތް ރޯދައެއް ހިފައިގެން ހުރި ކަމުގައިވިޔަސް ފިރިމީހާ އެދިއްޖެ ހާލަތެއްގައި އެ ރޯދަ ދޫކޮށްލުން އަނބިމީހާއަށް އައުލާކަން ބޮޑުވެގެންވޭ. އެއީ އެކަމަކީ ސުންނަތަކަށްވާތީ. ނަމަވެސް ފަރުޞެއް ނުވަތަ ވާޖިބެއް ދޫކޮށްލުމަށް ފިރިމީހާ ބުންޏަސް އެކަމަށް އިޖާބަ ދީގެން ނުވާނެ" ޝައިހް ޒައިދް ވިދާޅުވިއެވެ.

އަދި ފިރިމީހާއަށް ކިޔަމަންވުމުގެ ގޮތުން އަނބިމީހާ ވަޒީފާއަށް ދިޔުންވެސް ހުއްދަވެގެން ނުވާ ކަމަށް ޝައިހް ޒައިދް ވިދާޅުވިއެވެ.

ނަމަވެސް މަޖްބޫރީ ހާލަތުގައި ( ފިރިމީހާއަށް ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެހޭ ހާލަތެއްގައި ) އަނބިމީހާ ވަޒީފާއަށް ދިޔުން އެއީ މައްސަލައެއް ނޫނެވެ. އަދި ފިރިން އަނބިންގެ ވާޖިބުތަށް އަދާކޮށްނުދެނީ ނަމަ ފިރިމީހާގެ ކިބައިން ސަލާމަތްވުމުގެ ފުރިހަމަ އިހްތިޔާރު އަނބިމީހާއަށް ލިބިގެންވެއެވެ. އެގޮތުން ފިރިމީހާއަކީ އުޅެން ބޭނުން ނުވިޔަސް ނުވަތަ ފިރިމީހާގެ ހައްގެއް އަދާކޮށްނުދެވިދާނެ ކަމަށް ހީވެއްޖެ ނަމަ ނުވަތަ ފިރިމީހާ އަނބިމީހާގެ ހައްގެއް އަދާކޮށް ނުދޭ ނަމަ ފިރިމީހާއަށް އެއްޗެއް ދީގެން "ހުލްއު" ވަރިއަކުން ވަރިވެވިދާނެއެވެ.

(ޒަރޫރީ ބޮޑު ހާލަތެއް މެދުވެރިވެގެން ނޫނީ) ފިރިމީހާ ނުރުހޭނަމަ އަނބިމީހާ ވަޒީފާއަށް ދިޔުންވެސް ހުއްދައެއް ނޫނެވެ. އެއީ އަނބިމީހާ ބެލުމުގެ ޒިންމާ އަކީ އިސްލާމް ދީނުގައި ފިރިމީހާގެ މައްޗަށް ލާޒިމް ކުރައްވާފައިވާ ކަމަކަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިޔާލު

    މިފަދަ ފިރިހެނަކާއި އެކީ އެއްެވެސް އަންހެނެއް އުޅޭހިތެއް ނުވާނެ. އިސްލާމްދީނުގައި

    އޮންނަ ރިވެތި އުސޫލަކީ ކައިވެނީގެ ސަބަބުން ދެމީހުން ދޭތެރޭގައި އޮންނަ

    އަޅާލުމާއި ލޯބި އިތުރުވުން. އެކަކު އަނެކާއަށް ކުރާ ގަދަރު އިތުރުވުން. އެކެއްގެ

    ހިތާމައަކީ އަނެކާގެ ހިތާމަ. އެކެއްގެ ހިންހަމަ ޖެހުމަކީ އަނެކާގެ ހިންހަމަޖެހުން.

    ދެމަފިރިންގެ އެކަކުއަނެކާއަށް ކުރާ ގަދަރާއި އިހްތިރާމް ހަމަހަމަ ނަމަކާ އަމުރު

    ކުރަންޖެހޭ ހާލަތަކީ ކޮބާކަން އެދެމަފިރިން ނުވެސް ދަންނާނެ. ހިތާމައަކީ މީ ވަރަށް

    މަދު ބައެއް. މަދު ބަޔަކަށް ހަގީގަތުގައިވެސް މިފަދަ އުފާވެރިކަމެއް ލިބެނީ.

    އެހެންވެ ކައިވެނަކީވެސް ބުރަކަމެއް. ބޮޑު އިމްތިހާނެކޭ.