ޝައިޠާނާއަކީ އިންސީންނަށް ހުރި ހަލާކެކެވެ. ޝައިޠާނާގެ ވަސްވާހަށް ހެއްލޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. އަދި ސައިތާނީ އަމަލުތަށް ކުރަމުންދާ މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ޝައިޠާނާއަކީ ވަސްވާހުން ސަލާމަތްވެ ސަލާމަތުގެ އައްސޭރިއެއްގައި ހަމަހިމޭންކަމާއި އެކު ތިބެވޭނެ އެތަކެއް ގޮތެއް ގުރުޢާނުގައްޔާއި ރަސޫލާﷲ ސުންނަތުގައިވެއެވެ.

އެގޮތުން ޝައިޠާނާގެ ވަސްވާހުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

ގޭގައި ޞޫރަތުލް ބަޤަރާ ކިޔެވުން

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ﷺ ޙަދީޘްފުޅުކުރެއްވިއެވެ. ”لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ“ (رواه مسلم)

މާނައީ: ”ތިޔަބައިމީހުންގެ ގެތައް ޤަބުރުސްތާނުތަކަކަށް ނުހަދާށެވެ. ހަމަކަށަވަރުން އެގެއެއްގައި ބަޤަރާ ސޫރަތް ކިޔެވޭ ގެއަކުން ޝައިޠާނާ ދުވެފިލައެވެ.“

ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔަވާށެވެ

ނިދުމުގެ ކުރިން އާޔަތުލް ކުރުސިކިޔުމުން ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވާނޭ ފަރާތެއް ލައްވާނެ ކަން ޞައްޙަ ޙަދީޘްފުޅުތަކުން ޘާބިތުވެއެވެ. އަދި މީހަކު އެގޮތަށް އެކަން ކޮށްފިނަމަ ފަތިސްވަންދެން ޝައިޠާނާ އެމީހަކާ ކައިރި ނުވާނެކަންވެސް ޘާބިތުވެއެވެ. (ބައްލަވާ ޞަޙީޙުލްބުޚާރީގެ ޙަދީޘް ނަމްބަރު 2311)

ކެއުމާއި ބުއިމުގެ ކުރިން ބިސްމި ކިޔާށެވެ

މާތްﷲ ރުއްސުންލެއްވި ޖާބިރު ބުނު ޢަބްދުﷲގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ﷺ ޙަދީޘްކުރައްވާތީ ތިމަންއަޑުއެއްސެވީމެވެ. “إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ“ (رواه مسلم)

މާނައީ: މީހަކު އޭނާގެ ގެއަށް ވަންނަހިނދު، އަދި ކާހިނދު ﷲގެ ޛިކުރުކޮށްފިނަމަ، ޝައިޠާނާ ބުނެއެވެ. ”ތިޔަބައިމީހުން(ޝައިޠާނުން) ރޭކުރާނެ ތަނެއް އަދި ރޭގަނޑުގެ ކެއުމެއްވެސް މިތާކު ނެތެވެ.“

އެއްދާން ކުރުމުގެ ކުރިން މިދުޢާ ކިޔުން

ރަސޫލުﷲ ﷺ އިރުޝާދު ދެއްވާފައިވަނީ އެއްދާންކުރުމުގެ ކުރިން އަންނަނިވި ދުޢާ ކިޔުމަށެވެ. ”اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا “ މާނައީ: “ ﷲ ގެ އިސްމުފުޅުގެ ބަރަކާތުން (މިކަންކުރަމެވެ.) އޭ ހައްދަވާބޮޑުކުރެއްވި އިލާހެވެ! ޝައިޠާނާގެ ކިބައިން އަޅަމެން ދުރުކޮށްދެއްވާނދޭވެ! އަދި އިބަﷲ އަޅަމެންނަށް ދެއްވާ ދަރިންގެ ކިބައިން ޝައިޠާނާ ދުރުކޮށްދެއްވާނދޭވެ! “

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މިފަދައިން ދުޢާކުރުމަށްފަހު އެއްދާންކުރުމުން ދަރިއަކު ދެއްވައިފި ނަމަ ދުވަހަކުވެސް ޝައިޠާނަކަށް އެކުއްޖާއަށް ގެއްލުމެއް ނުދެވޭނެއެވެ.“ (މިޙަދީޘް ޞަޙީޙުލް ބުޚާރީއާއި މުސްލިމްގައި އައިސްފައި ވެއެވެ.)

ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުން

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ”فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ“ سورة النحل 98

މާނައީ: ”ފަހެ، ކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّه ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!“