ހަލުވިކަމާއެކު ބަވަނަވަމުން މިދާ ދުނިޔޭގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ވަގުތު ހޭދަކުރަނީ ދުނިޔޭގެ ވަގުތީ އުފަލާ އަރާމުގައެވެ. ނަމަވެސް މި ހުރިހާ އުފަލާއި އަރާމު އަދި ލައްޒަތް ދެއްވި މާތް ﷲ ސުބްހާނަހޫވަތައާލާ ހަނދުމަ ކުރެވޭހެއްޔެވެ؟ މިއީ ތިމާގެ ނަފްސާއި ކޮށްލަން ޖެހޭ ސުވާލެކެވެ. އެހެނީ އަހަރެމެން އެންމެން މި ދުނިޔޭގައި ލައްވަވައި އެހެން ހުރިހާ ހަލްގުތަކުންނަށް ވުރެ މަތިވެރި ކުރެއްވީ އެކަލާންގެ ކަމުގައި ވާތީއެވެ.

އެތަށް ބިލިޔަން ގުނަ ބޮޑު މި ކައުނުގައި އަހަރެމެން ދިރިއުޅޭ މި ދުނިޔެ އަކީ މި ކައުނުގެ ނިސްބަތަށް ބަލާއިރު ކުޑަ ތިއްކެކެވެ. ނަމަވެސް މި ކައުނުގައި އަހަރެމެން ބިމުގެ އަހުލުވެރިން ތިބީ އެކަންޏޭ ވެސް ބުނެވިދާނެ އެވެ. މި ކައުނު އަހަރުމެންނަށްޓަކައި އުފައްދަވައި ޒީނަތްތެރި ކުރައްވަވައި ކައުނުގައި ހިނގާ ހުރިހާ ކަމެއް ތަދުބީރު ކުރައްވަނީ ހަމަ މާތް ﷲ އެވެ.

ކައުނުގައި އެތަށް ބިލިޔަން ބްލެކްހޯލް ފަދަ ފަލަކީ މަހުލޫގުން މާތް ﷲ ވަނީ ލައްވަވާފައެވެ. ސައިންސުވެރިން ބުނާ ގޮތުގައި މި ފަދަ ބްލެކް ހޯލް އެއް ދުނިޔެއާ ބިލިޔަނެއްހާ ކިލޯ މީޓަރު ކައިރި ވެއްޖެ ނަމަ ދުނިޔެ ފަނާވެގެން ހިނގައިދާނެ ކަމަށެވެ. އަދި ގިނި ހިލަ ފަދަ ނުރައްކާތެރި އެއްޗެއް ދުނިޔޭގައި ޖެހުމަކީ ކޮންމެ ވަގުތެއްގައިވެސް ވެދާނެކަމަށް ސައިންސުވެރިން ބުނެއެވެ. ނަމަވެސް މި އިން އެއްވެސް ކަމެއް ނުވެ ދުނިޔެ ސަލާމަތުން މިހާ ދުވަހު އޮތީ ކީއްވެ ބާއެވެ. އެމެރިކާގެ ޔަހޫދީން ހެކިވި ޕްލެނެޓް އެކްސް ފަދަ ތަކެތި އައިސް ދުނިޔޭގައި ނުޖެހެނީ ކީއްވެބާއެވެ.

ހަމަ ކަށަވަރުން އެއީ ކުޅަދުންވަންތަ ކަލަކު ވޮޑިގެން ވާތީ ކަން ކަށަވަރެވެ. އެކަލާންގެ ވައުދުވެ ވޮޑިގެންވާ ވަގުތު ނާންނަނީސް އަހަރުމެން ފަނާ ވެގެނެއް ނުދާނެ ކަން ކަށަވަރެވެ. އެހެންކަމުން އެކަލާންގެ ކުޅަދުންވަންތަކަމާމެދު ގިނަގިނައިން ހަނދުމަކޮށް ޛިކުރު ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށްވާ ވާޖިބެކެވެ.

ދުނިޔޭގައި އަވަދިނެތި ދިރި އުޅެމުންދާއިރު ކުރިން ދެންނެވިފަދަ ކަންކަމާ މެދު ފިކުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ﷲ ސުބްހާނަހޫވަތައާލާ ފަދަ ކުޅަދުންވަންތަ އަދި އޯގާވަންތަ ކަލަކު ނުވާނަމަ އަހަރެމެންގެ ހާލު މި އަދު ވާނީ ކިހިނެއްތޯއެވެ؟ ޣައިރު މުސްލިމުން ދުނިޔެ ނިމޭނެ ކަމަށް ލަފާ ކުރާ ދުވަސް ތަކުގައި ދުނިޔެ ސަލާމަތުން އޮތުމަކީ އެ ބައިމީހުންގެ ބަސްތަކުގެ ދޮގުކަން ހާމަވާ ހެކިތަކެވެ. އެހެނީ މާތް ﷲ އިންސާނުންނަށްޓަކައި ލައްވަވާފައިވާ އިމްތިހާނު ނިމޭނެ ވަގުތު އެނގޭ ހަމަ އެކަނި ފަރާތަކީ ހަމަ އެކަލާންގެ ކަމުގައި ވާތީއެވެ.

ދުނިޔޭގައި އަހަރެމެން ސަލާމަތް ކަމާއެކު ލެއްވެވި ފަރާތް ހަނދުމަކޮށް އެކަލާންގެ ކުޅަދުންވަންތަކަމުގެ ހެކިތަކާމެދު ވިސްނާ ފިކުރު ކުރުމަށް ވަގުތު ހުސްކުރަމާ ހިނގާށެވެ. ދުނިޔޭގެ ގެއްލުމާއި ހަލާކުގެ ތެރެއަށް ނުވަދެ މާތް ﷲ އަށް ވީހާވެސް ގިނައިން ޛިކުރުކޮށް އަޅުކަން ކުރަމާ ހިނގާށެވެ. އަހަރެމެންގެ ވަގުތު ފާއިތުވެ ތައުބާގެ ދޮރުތައް ބަންދު ނުވަނީސް އެކަލާންގެއަށް ކުއްތަންވެ ހަމަމަގަށް ރުޖޫއަ ވަމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަންތިރި

    އެއަށް ވުރެން ބޮޑަށް ކަލޭމެންނަށް ހަނދާންވަނީ ކަނޑު އަޑީގައި ހުއްޓަސް ބުދެކެވެ. ސިފައެއް ހުރިއްޔާ ވިލާކޮޅެއް ފެނުނަސް ކަލޭމެންގެ އަގީދާ ބުރައިގެން ހިނގައިދާނެ.

  2. އަފު

    ހަޤީޤީ އިސްލާމް (މުޙައްމަދު ގެފާނުންގެ) މިދުނިޔެއަށް ބޭނުންވޭ. މުސްލިމުން ބަލިވެ، ޔައުޖޫޖް މައުޖޫޖް މިވަނީ ކުރި އަރާފައި. ދައްޖާލު ކަސްތަޅުން މިނިވަންވީ ޙިޖްރައިން 4 ވަނަ އަހަރުގެ ކުރިން ކަމެއް މުސްލިމުންނަށް ނޭންގި، އެދައްޖާލުގެ ފިތުނައިގާ ޖެހިފައި މިތިބެވެނީކަން ވެސް މުސްލިމުންނަށް ނޭންގޭ. ޝިރުކުގެ ޑިމޮކްރަސީގެ ކުޅިވަރުގައި ވޯޓު ލާން މޮޔަވެގެންތަ މުސްލިމުންތައް ތިއުޅެނީ؟! ?

  3. ޙުސައިން މ. މުލި

    ޝުކުރިއްޔާ