ނަމާދަކީ އިސްލާމްދީނުގެ އެއް ރުކުނެވެ. ނަމާދު އަޅައިފި މީހާ ދީނުން ބޭރުވެގެން ދާނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. އެހެންކަމުން ހުރިހާ މުސްލިމުން ވެސް ހުރިހާ ނަމާދެއް ވެސް ކުރަން ޖެހެއެވެ. ނަމަވެސް ހާއްސަކޮށް ފަތިސް ނަމާދަކީ ގިނަ މީހުންނަށް ފަރުވާތެރިވެވޭ ނަަމާދެއް ނޫނެވެ.

ތިރީގައި އެވަނީ ޣައިރު މުސްލިމަކު އިސްލާމްދީން ގަބޫލު ކުރުމަށް ފަހު ފުރަތަމަ ފަހަރަށް ފަތިސް ނަމާދު ކުރަން ފަށާ، އޭގެ ފަހުން އޭނާގެ ހަޔާތައް އައި ބަދަލުތަކުގެ މައްޗަށް ބިނާކޮށް ލިޔުނު ލިޔުމެއްގެ ދިވެހި ތަރުޖަމާ އެވެ.

ތާޒާކަން އިހްސާސް ކުރެވޭ

އަހަރެން އާންމުކޮށް ނިދާ ހޭލަނީ ހެނދުނު 07:00 ގައެވެ. އޭގެ ބަދަލުގައި ފަތިހު 04:00 ގައި ނިދާ ހޭލަން ފެށުމުން އަހަރެންނަށް އިހްސާސް ކުރެވެނީ ތާޒާ ކަމެވެ. ދުވަހުގެ މަސައްކަތައް އަހަރެން ތައްޔާރުވެއެވެ. އަހަރެންނަށް މުޅިން ވެސް އިހްސާސް ކުރެވެނީ ރަނގަޅެވެ.

އާދަޔާއި ހިލާފު ވަގުތެއް

ފަތިސް ވަގުތަކީ ކޮންމެ ދުވަހެއްގައި އޮންނަ 24 ގަޑިއިރުގެ ތެރެއިން އެންމެ އުފާވެރި އިހްސާސްތައް ކުރެވޭނެ އާދަޔާއި ހިލާފު ވަގުތެވެ. އެއީ އެވަގުތު އިވޭ ރީތި މިއުޒިކީ އަޑުތައް އަހާލުމަށް ވަގުތު ހުސް ނުކުރެވިއްޖެނަމަ ދިރިއުޅުމުން ވަރަށް ބޮޑު އެއްޗެއް އުނިވެގެން ހިނގައްޖެ ކަމުގެ އިހްސާސް ފަހުން ކުރެވޭނެ ކަމެކެވެ.

މަސައްކަތައް ތައްޔާރު ވެވޭނެ

އެހެން މީހުންނަށް ވުރެ މާކުރިން ދުވަސް ފެށުމަކީ ދުވަހުގެ މަސައްކަތައް ތައްޔާރުވާން ވެސް ލިބޭ ފުރުސަތެކެވެ. ދުވަހުގެ މަސައްކަތްތައް ރާވާލާ ކުރިއަށް ގެންދަންވީ ގޮތްތައް ނިންމާލަން ފަތިހުގެ ވަގުތައް ވުރެ ވަކިން ރަނގަޅު އެހެން ވަގުތެއް ނޯންނާނެއެވެ.

ރޭގަނޑު ބޭކާރު ކަންތައްތަކެއް ނުކުރެވޭނެ

ފަތިހު ނިދިން ހޭލާނަމަ ރޭގަނޑު އަވަހަށް ނިދަން ޖެހެއެވެ. އެހެންކަމުން ދިރިއުޅުގެ ގަޑި ބަދަލުކޮށް ފަތިހު ނިދާ ހޭލަން ފަށައިފިނަމަ ކޮންމެ ރެއަކު ވެސް އަވަހަށް ނިދަން ފެށޭނެއެވެ. އެއީ މަގުމަތީގައި ރޭގަނޑު އުޅެ ބޭކާރު ކަންތައް ކުރުމުން ސަލާމަތް ވެވޭނެ ކަމެކެވެ.

މިލިޔުމުގައި ގެނެސްދީފައި ވަަނީ ފަތިސް ނަަމާދު ކުރުމުން ދީނީ ގޮތުން ލިބޭނެ ސަވާބާއި ފައިދާތަކުގެ ވާހަކައެއް ނޫނެވެ. ނަމަވެސް ދީނުގެ ރުކުނެއްގައި ހިފުމުން ދުނިޔެވީ ގޮތުން ވެސް ލިބޭނެ ފައިދާއެވެ.