އަލްކައުން އިން އިންތިޒާމުކޮށްގެން ފިތުރު އީދާއި ދިމާކޮށް މަދަހައެއް ނެރެފިއެވެ.

ދިވެހި ހުރިހާ ރަށްޔިތުންނަށް ހާއްސަކޮށްފައިވާ މި މަދަޙައިގައި ފިތުރު އީދުގެ މަރުހަބާ އެންމެހާ ދިވެހި ރައްޔިތުންނަށް ކިޔާފައިވެއެވެ. އަދި މޮޅު ޅެންވެރިކަމަކާއި އެކު އާންމުންނަށް ދޫކޮށްލާފައިވާ މި މަދަހައިގައި އީދާއި ގުޅިގެން ކަންކަން ކުރަން ޖެހޭ ގޮތްތަކާއި އީދު ދުވަހުގައި ކުރަން ޖެހޭ ކަންކަން ބަޔާންކޮށްފައިވެއެވެ.

" މަރްޙަބަން ޔާ މުސްލިމީން" ގެ ނަމުން ނަންދީފައިވާ މި މަދަހަ ކިޔުއްވާފައިވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދް އާއި އަބްދުﷲ ފަރީދުގެ އިތުރުން އަބްދުﷲ ރަޝީދުއެވެ. އަދި އެ މަދަހައިގެ ލިރިކްސް ހަދާފައިވަނީ އައުފްއެވެ.

އަލްކައުންއިން އަލްހާ އީދާއި ދިމާކޮށް ދިވެހި ރައްޔިތުންނަށް ދޫކޮށްލި މަރުހަބާގެ މަދަހައިގެ މައިގަނޑު ބޭނުމަކީ ހަލާލު ގޮތުގައި އީދުގެ އުފާ ފާޅުކުރުމަށް ބާރު އެޅުން ކަމަށް އެ މަދަހަ ކިޔުއްވުމުގައި ހަރަކާތްތެރިވި ޝައިހް އަލީ ޒައިދް ވިދާޅުވިއެވެ.

ޝައިހް ޒައިދް ވިދާޅުވީ އީދަކީ މުސްލިމުން އުފާފާޅުކުރަން ވީ ދުވަހެއް ކަމަށާއި ނަމަވެސް އުފާފާޅުކުރަންވާނީ އިސްލާމްދީން ހުއްދަކުރާ ގޮތްގޮތަށް ކަމަށެވެ. އަދި އީދު ދުވަހުގައި މަޖާ ކުރަން ވާނެ ކަމަށާއި ނަމަވެސް ދީން ހުއްދަ ނުކުރާ ކަމެއް އީދުތެރޭގައިވެސް އަދި އެނޫންވެސް އިރެއްގައި ކޮށްގެން ނުވާނެ ކަމުގައެވެ.

" އަޅުގަނޑުމެން މި ފަދަ މަދަހައެއް ނެރުމުގެ މައިގަނޑު މަގުސަދަކީ އީދު ދުވަހު އުފާފާޅުކުރާއިރު ހަލާލު ގޮތުގައި އުފާފާޅުކުރުމަށް ބާރު އެޅުން. އަދި ދީން ހުއްދަނުކުރާ ކަމެއް ކޮށްގެން އެއްވެސް އިރެއްގައި އުފާ ފާޅުކޮށްގެން ނުވާނެ" ޝައިހް އަލީ ޒައިދް ވިދާޅުވިއެވެ.

މި މަދަހައިގެ އޯޑިއޯ ސައުންޑްކްލައުޑުން ލިބެން ހުރި އިރު މި މަދަހައިގެ އޯޑިއޯ ޔޫޓިއުބްއިން މިހާރު ލިބެން ހުންނާނެއެވެ.