މިރޭ ޕީޕީއެމް އިން "މަގެ ދިނާ-މަގެ ޤައުމާ" ގެ ނަމުގައި ކާނިވަލް ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާގައި ދީނީ އިލްމުވެރިން ބައިވެރިވެލެއްވުމަށް ސަރުކާރު ކޯލިޝަނުން ގޮވާލައިފިއެވެ.

ޕީ.ޕީ.އެމްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭ ގެ ޑެޕިއުޓީ ލީޑަރ ޢަލީ މައުރޫފް ވިދާޅުވީ، މިރޭގެ ޖަލްސާއަކީ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ބާއްވާ ޖަލްސާއެއް ކަމަށާއި، މިފަދަ ޤައުމީ، ދީނީ އެއްވުންތަކުގައި ދީނީ ބޭކަލުންނާއި ދީނީ އިލްމުވެރިން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

"ދީނީ ބޭކަލުންނާއި ދީނީ އިލްމުވެރިން މިރޭގެ ޖަލްސާގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން. ދީނީ އިލްމުވެރިންގެ މައްޗަށް ދީނީ އަދި ޤައުމީ މަސްއޫލިއްޔަތު ވަރަށް ބޮޑުވާނެ. މިފަދަ އެއްވުންތަކުގައި، މިފަދަ ޤައުމީ، ދީނީ އެއްވުންތަކުގައި ބައިވެރި ނުވާކަމުގައިވާނަމަ އެބޭފުޅުންނާ ދޭތެރޭ ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ." އެމްޑީއޭ ގެ ޑެޕިއުޓީ ލީޑަރ ޢަލީ މައުރޫފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، މިއީ ޤައުމާއި ދީނުގެ ހައްޤުގައި ބާއްވާ ހަރަކާތެއް ކަމަށާއި މި ހަރަކާތުގައި ދީނީ ޝީއާރުތައް ފާޅުކުރެވޭނެ ކަމަށާއި، މިއީ އެއްގޮތަކަށްވެސް ޕީޕީއެމް ގެ ހަރަކާތެއް ނޫންކަމަށެވެ.

"ދިވެހި އިލްމުވެރިންނަށް ގޮވާލަން މިކަމުގައި ބައިވެލެއްވުމަށް ދައުވަތު އަރުވާ ގޮވާލަން. މިއީ އެއްގޮތަކަށްވެސް ޕީޕީއެމް ގެ ހަރަކާތެއް ނޫން. ޤައުމީ ހަރަކާރެއް މީ. ދީނީ ޝީއާރުތައް ފާޅުކުރެވޭނެ، ދީނުގެ ހައްޤުގައި ކުރާ މަސައްކަތެއް މީ. ތިބޭފުޅުންގެ ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް، ވީމާ ތިބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވާ." އަލީ އާރިފް ވިދާޅުވިއެވެ.

މިޤައުމުގެ އަމްނާއި މި ޤައުމުގެ ދީނާއި މި ޤައުމުގެ ވަތަނަށްޓަކައި މިރޭ މި އެއްވާ އެއްވުމަކީ ވަކި ޕީޕީއެމްގެ މެންބަރުންނަށް އެކަނި ބާއްވާ އެއްވުމެއް ނޫން ކަމަށާއި ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހިންގެ އިސްލާމް ދީން ދެކެ ލޯބިވާ ކޮންމެ ރައްޔިތަކު މިކަން ކުއްވެރި ކުރުމަށްޓަކައި، "މަގޭ ދީނާއި، މަގޭ ޤައުމާއި، މަގޭ އަމުނާ ނުކުޅެއްޗޭ" ބުނެލަން ކެރުމުގެ ޖޯޝާއި ފޯރި ހުންނަން ޖެހޭނެ ކަމަށް ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.

އަދުގެ ސަރުކާރަކީ އިސްލާމް ދީނަށް ލޯބިކުރާ، އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތައް ހިފަހައްޓަން މަސައްކަތްކުރާ ސަރުކާރެއް ކަމަށާއި، އަދުގެ ރައީސުލް ޖުމްހޫރިއްޔާއަކީ އެގޮތަށް މަސައްކަތްކުރާ ބޭފުޅެއްކަން އެންމެ ރަނގަޅަށް އެނގިލައްވާނީ ދީނީ އިލްމުވެރިންނަށް ކަމަށްވެސް ޕީ.ޕީ،އެމްގެ އިސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ޤައުމަށް ޣައްދާރުވި ފަރާތްތަކުގެ "ނާކާމިޔާބުވި ބަޣާވާތުގެ" އުފާ ފާޅުކުރުމަށް ބާއްވާ ޤައުމީ ޖަލްސާ މިރޭ 08:30 ގައި ކާނިވަލް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާގައި ޤައުމިއްޔަތަށާއި ދީނަށް ލޯބިކުރައްވާ އެންމެހާ ދިވެހިން ބައިވެރިވެލެއްވުމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.