މިއަދުގެ މުސްލިމު އުންމަތް ވަނީ މާލީ ގޮތުންނާއި އީޖާދުތަކުން ޤުރުބާންވާން ކެރޭނެ މީހުންނަށް ބޭނުންވެފައި ކަމަށް އަޟްހާ އީދުގެ ޙުތުބާގައި ބުނެފިއެެވެ.

އެގޮތުން ޙުތުބާގައި ވަނީ އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަ ކުރަމުން އަންނަ މަންޒަރު ފެންނަ ކަމަށާއި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތައި އަދި ކީރިތި ރަސޫލާ އަށް ފާޅުގައި ހަޖޫ ޖަހަމުން އަންނަ ކަމުގައި ބުނެފައެވެ. އަދި މުސްލިމު އުންމަތް ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް ބޭނުންވަނީ މާލީ ގޮތުންނާއި އީޖާދީ ގޮތުން ޤުރުބާން ކެރޭނެ ބައެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

" އިސްލާމީ ދީނާއި އެ ދީނުގެ ރަސޫލާއަށާއި ކީރިތި ޤުރުއާނަށް މިދަނީ ވަރަށް އިހާނެތިކޮށް ކަންތައް ކުރަމުން. މުސްލިމުންގެ ވެރިންގެ ހުރުމަތް މިދަނީ ކަނޑަމުން. މުސްލިމުންގެ ބިންތަކަށް ކާފަރުން އެދަނީ ވެރިވަމުން. އިސްލާމްދީން ވުޖޫދުން ފޮހެލުމަށް އެދަނީ އެތަކެއް ފިއްތުންތަކެއް ކުރިމަތިކޮށްފަ. މިކަން ކަމުން އަަރައިގަތުމަށް ބޭނުންވަނީ އެމީހެއްގެ ވަގުތުންނާއި މުދަލުންނާއި އެމީހެއްގެ އީޖާދުން ޤުރުބާންވާން ކެރޭނެ މީހުން. އަދި އިސްލާމީ ބުރުސޫރަ ހުތުރު ކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް ވަނީ ބޭނުންވެފައި" ޙުތުބާގައި ބުނެފައިވެއެވެ،

އަދި އިބްރާހީމް އަލަހިއްސަލާމްއަށް ކުރިމަތިކުރުވި ބޮޑު އިމްތިހާނުގެ މަތިން ހަނދުމަކޮށް އިބްރަތް ހާސިލް ކުރަން ޖެހޭ ކަމުގައިވެސް ހުތުބާގައި ވަނީ ބުނެފައެވެ.

" އަޅުގަނޑުމެން މިއަދު ޢީދުގެ އުފާ ފާޅުކުރަމުންދާއިރު އިބްރާހީމް އަލަހިއްސަލާމާއި ކުރިމަތިކުރެއްވި އިމްތިހާނުގެ މަތިން ހަނދާން ކުރަން ޖެހޭ. އެ އިމްތިހާނަކީ އުމުރުން ދުވަސްވެފައިވަނިކޮށް ލިބިވަޑައިގެންނެވި ދަރިކަލުން ( އިސްމާއީލް އަލަހިއްސަލާމް) ﷲގެ މަގުގައި ޤުރުބާން ކުރެއްވުމަށް އަންގަވައި ކުރިމަތި ކުރެއްވި އިމްތިހާން. އެ އިމްތިހާނުން އިބްރާހީމްގެ ފާނު ފާސްވެ ވަޑައިގަތީﷲގެ ހަޟްރަތުން ލިބުނު މަތިވެރި ނިއުމަތްތަކާއި އެކު. އެގޮތުން އިސްމާއީލްގެ ފާނުގެ ބަދަލުގައި ޤުރުބާން ކުރައްވާނެ ކަންބަޅިއެއް ފޮނުއްވުމާއި އެކަލޭގެފާނުގެ ޒިކުރާ އާޙިރަތާއި ޖެހެންދެން ދެމެހެއްޓެވުމާއި އިތުރު ދަރިކަލުން ދެއްވުން ހިމެނޭ" ޙުތުބާގައި ބުނެފައިވެއެވެ.

އަދި އިސްމާއީލްގެ ފާނު އެކަލޭގެފާނުގެ ބައްޕާފުޅު އިބްރާހީމްގެ އަލައިހިއްސަލާމްއަށް ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާއަކީ އަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫމާއެއް ކަމުގައި ވެސް ޙުތުބާގައި ވަނީ ބުނެފައެވެ.

އީދު ހުތުބާގަ އިވަނީ މިއަދު މުސްލިމުން ފާހަގަކުރަމުންދާ އީދަކީ ހަވާނަފްސްގެ އެދުންތަކުން ސަލާމަތްވެ ހުރެ މިނިވަންކަމާއި އެކުގައި ހޭދަކުރާ އީދަކަށް ހެދުމަށް އެންމެހާ މުސްލިމުންނަށް ވަސިއްޔަތް ކޮށްފައެވެ.

" އަޅުގަނޑުމެން މިއީދު ހަދަން ވާނީ ޝަހުވަތްތަކުން މިނިވަންކޮށްދޭ އީދަކަށް. ހަވާނަފްސްގެ ދަހިވެތިކަމުން މިނިވަންކޮށްދޭ އީދަކަށް. ދޫތަށް ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުން ފަދަ ކަންކަމުން މިނިވަންކޮށްދޭ އީދަކަށް " ހުތުބާގައި ބުނެފައިވެއެވެ.

އީދު ދުވަހަކީ އެއް މުސްލިމަކު އަނެއް މުސްލިމަކާއި ގުޅުން ބަދަލިކޮށް ހެޔޮކޮށް ކަންތައްތަށް ކުރަން ޖެހޭ ދުވަހެއް ކަމަށާއި އީދު ދުވަހުގެ އުފަލުގައި ފަޤީރުންނާއި މިސްކީނުންނާއި ނިކަމެތިން ބާކީކޮށްގެން ނުވާނެ ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.

އަދި އީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަސްކަމަށާއި ނަމަވެސް އުފާފާޅުކުރުމުގައި އިސްލާމީ ހުދޫދު ތަކުގެ ތެރޭގައި ތިމާގެ އަމަލުތަށް ބެހެއްޓުމަށާއި އިސްލާމްދީން ނަހީކުރާ ކަމެއްކޮށްގެން އުފާ ފާޅުކޮށްގެން ނުވާނެ ކަމަށްވެސް އީދު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އީދު ދުވަހު ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތަށް ނަހީކުރުމަކީ މުހިންމު ކަމެއް ކަމަށާއި އީދު ދުވަސް މުސްލިމުންނަށް ދަސްކޮށްދެނީ ރިވެތި އަހުލާޤުގެ މަތީގައި ކަންތަށްތަށް ކުރުމަށް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ޢީދު ހުތުބާ ނިންމާލައިފައިވަނީ އިސްލާމްދީނުގެ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީގު އެންމެހާ މުސްލިމުންނަށް ދެއްވުން އެދި ﷲގެ ހަޞްރަތުގައި ދުޢާ ދަންނަވަމުންނެވެ.