އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. އެދީނުގައިވަނީ އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް ވަރަށް ރަނގަޅަށް ބަޔާންކުރައްފާއެވެ. އަދި އެކަކު އަނެކަކާއި ސަލާމް ކުރުމާއި ހާލު އަހުވާލު ބެލުމާއި އެ ނޫންވެސް އަދަބު އަހުލާގުގެ ތެރޭގައި ހިމެނޭ ކަންކަމީ އިސްލާމްދީން ލޯބި ކުރާ ކަންކަމެވެ.

ނަމަވެސް ސަލާމް ކުރުމުގައި ބައެއް ފަހަރު މުންކަރާތަކަށް އަރައިގަންނަ މަންޒަރު މަދުން ނަމަވެސް ފެނެއެވެ. އެއީ އަނގައިން ބަހެއް ބުނުމަކާއި ނުލައި( އައްސަލާމް އަލައިކުމް ވަރަހްމަތުﷲ ވަބަރަކާތް) ކިޔުމަކާއި ނުލައި ސަލާމުގެ ގޮތުގައި އިޝާރާތް ކުރުމެވެ. ބައެއް މީހުން ސަލާމްކުރުމަށް އަތް ދިއްކޮށްލުމުން އިސްޖަހާލައެވެ. އަދި އަނެއް ބައި މީހުން އާއެކޭ ބުނުމުގެ ގޮތުން ހިނިތުންވެއެވެ. މުޖުތަމައުގެ އިލްމުވެރިންގެ އަރިހުގައި މިފަދައިން ކަންތަށް ކުރުމަކީ ބިދުޢައިގެ ތެރޭގައި ހިމެނޭ މުންކަރާތެކެވެ.

އިމާމުއް ތިރްމިޛީގެ ސުނަންގައި ރިވާވެގެން އައިސްފައިވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ޢަބްދުﷲ ބުން ޢަމްރު ރިވާކުރެއްވިއެވެ.

((لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا، لَا تَشَبَّهُوا بِاليَهُودِ وَلَا بِالنَّصَارَى، فَإِنَّ تَسْلِيمَ اليَهُودِ الإِشَارَةُ بِالأَصَابِعِ، وَتَسْلِيمَ النَّصَارَى الإِشَارَةُ بِالأَكُفِّ)) [رواه الترمذي وقال الألباني : حسن]

މާނައީ: “އަހަރުމެން ނޫން ބަޔަކާ ވައްތަރުވެގެންފިމީހާ އަހަރުމެންގެ ތެރެއިން ނުވެއެވެ. ޔަހޫދީންނާއި ނަޞާރާއިންނާ ވައްތަރުވެ ނުގަންނާށެވެ. ފަހެ، ޔަހޫދީންގެ ސަލާމަކީ އިނގިލިތަކުން އިޝާރާތްކުރުމެވެ. އަދި ނަޞާރާއިންގެ ސަލާމަކީ އަތްތިލައިން އިޝާރާތްކުރުމެވެ.”

އެކަލޭގެފާނުގެ ޙަދީޘްފުޅުގައި މިވާ (އަހަރުމެންގެ ތެރެއިން ނުވެއެވެ.) ގެ މުރާދަކީ އަހަރުމެންގެ މަގަށް ތަބާވާ މީހެއްކަމުގައި އޭނާ ނުވެއެވެ. އަދި (އެހަރުމެން ނޫން ބަޔަކާ ވައްތަރުވެގެންފިމީހާ) ގެ މުރާދަކީ އަހަރުމެންގެ މިއްލަތް ނޫން އެހެން މިއްލަތްތަކުގެ ބަޔަކާ ވައްތަރުވެގަތުމެވެ. މާނައަކީ: “އެބައިމީހުންކުރެ އެއްވެސް ބަޔަކާ އެބައިމީހުންގެ ޢަމަލުތަކުގައި ވައްތަރުވެ ނުގަންނާށެވެ. ޚާއްޞަކޮށް މިދެސިފައިގައެވެ.”

އަނގަބަހުން ސަލާމް ކިޔުމަކީ އާދަމުގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ނަބިއްޔުންނާއި ޞާލިޙުންގެ ސުންނަތެކެވެ.

އަދި އިމާމުއްނަސާއީ ރަނގަޅު ސަނަދަކުން ޖާބިރުގެފާނުގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރެއްވިއެވެ.

((لَا تسلموا تَسْلِيم الْيَهُود وَالنَّصَارَى فإِن تسليمهم بالأكف والرؤوس وَالْإِشَارَة)) [رواه النسائي في السنن الكبرى]

މާނައީ: “ޔަހޫދީންނާއި ނަޞާރާއިން ސަލާމްކުރާފަދައިން ސަލާމްނުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެބައިމީހުން ސަލާމްކުރަނީ އަތުންނާއި ބޮލުންނާ އަދި އިޝާރާތުންނެވެ.”

ދުލުންބަހެއްނުކިޔައި ހަމައެކަނި އިޝާރާތުން ސަލާމްކުރުމަކީ ޔަހޫދީން ނުވަތަ ނަޞާރާއިންނާ ވައްތަރުވެގަތުމެވެ. އަދި ޢަސްކަރިއްޔާގައި ކުރާ ގިނަ ސެލިއުޓުތައް މީގައި ހިމެނޭކަމަށް އިލްމުވެރިން އިއްތިފާގްވެއެވެ.

ކިޔުންތެރިންގެ ހިޔާލު