ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން އިއްޔެ ސީރިއާގެ ވެރި ރަށް ދިމިޝްގު ގައި ހުންނަ އިރާނުގެ އެމްބަސީ އަށް ދިން ވައިގެ ހަމަލާގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ އިސް ކޮމާންޑަރަކު ވަނީ މަރާލާފައެވެ.

ޔަހޫދީން މި އޮޕަރޭޝަން ހިންގާފައި ވަނީ ވަރަށް ދުރާލައި ރާވައިގެން ކަން ޔަޤީނެވެ. އެއީ ހަމަލާގައި ނިޔާވެފައިވަނީ އާދައިގެ ބޭފުޅެއް ނޫނެވެ. އެ ބޭފުޅާ ދަތުރުކުރައްވާ މަގާއި ތަންތަނަކީ އާންމުންނަށް އެނގޭނެ ކަންކަމެއް ނޫނެވެ. އެއީ ޚުދު އިރާނާއި ސީރިއާގެ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ މަދު ބަޔަކަށް ނޫނީ ނުލިބޭނެ މައުލޫމާތެކެވެ.

ނަމަވެސް ޔަހޫދީން މި ވަނީ އެ ހުރިހާ މައުލޫމާތެއް ހޯދައި އިރާނުގެ މައްޗަށް ޖާސޫސީ ގޮތުން ކުރި ހޯދާފައެވެ. އަދި އިރާނަށާއި އެ ގައުމުގެ އަސްކަރީ ނިޒާމަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ވެސް ދީފައެވެ. ޔަހޫދީން މިވަނީ އިރާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ގޮފީގެ އެންމެ އިސް އެއް ކޮމާންޑަރު ވަރަށް ކާމިޔާބު އޮޕަރޭޝަނަކަށް ފަހު މަރާލާފައެވެ.

މިއީ އިރާނަށް ވަރަށް ހައްސާސް ވަގުތެކެވެ. މެދުއިރުމަތީގައި އިރާނުގެ އެހީ ލިބޭ އެތައް ހަނގުރާމަމަތީ ޖަމާއަތްތަކެއް ހަރަކާތްތެރިވެއެވެ. މި ޖަމާއަތް ތަކަކީ އިރާނުން ކުރަން ބޭނުންވާ ކަންކަން ކުރުމުގައި އެ ގައުމުން ބޭނުން ކުރަމުންދާ ޕްރޮކްސީ ޖަމާއަތް ތަކެވެ. މި ޖަމާއަތް ތަކުން ޤަބޫލުކުރަނީ އިރާނުގެ ފަލްސަފާތަކެވެ. އެމެރިކާ އާއި ބައިނަލް އަޤްވާމީ މުޖުތަމައުން އަތުވެދާނެ ފިއްތުންތަކުގެ ބިރަށް ސީދާ އިރާނުން ނުކޮށް ދޫކޮށްލާ ކަންކަން ކުރުމަށްޓަަކައި މި ޖަމާއަތް ތަކުގެ ބޭނުން އިރާނުން ހިފަމުންދާތާ ވަރަށް ދުވަސް ވެއްޖެއެވެ.

މެދުއިރުމަތީގައި ހަރަކާތްތެރިވާ މި ހަނގުރާމަ މަތީ ޖަމާއަތް ތަކުން ދެކެނީ އިރާނުން އެމީހުންނަށް އަސްކަރީ ހަތިޔާރާއި މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ރައްކާތެރިކަން ވެސް ދޭނެ ކަމަށެވެ. އިރާނަކީ ވަރަށް ބާރު ގަދަ ގައުމެއްގެ ގޮތުގައި މި ޖަމާއަތް ތަކުން ދެކެއެވެ. އިރާނުން އެ ގައުމުގެ ސިޔާސަތުތައް މެދުއިރުމަތީގައި ތަންފީޒުކުރުމަށް ޓަކައި ބޭނުން ކުރަނީ މި ހަތިޔާރު އެޅި ޖަމާއަތް ތަކެވެ.

އެހެންކަމުން އިރާނުގެ އެންމެ ވަރުގަދަ އަސްކަރީ ޔުނިޓްގެ އެންމެ އިސް އެއް ކޮމާންޑަރަކު މި ފަދަ ގޮތަކަށް މަރާލުމުން އޭގެ ބަދަލުގައި އިރާނުން ކަމެއް ނުކޮށްފި ނަމަ، އިރާނަކީ ބަލިކަށި ބައެއް ކަމަށް މި ޖަމާއަތްތަކުން ގަބޫލުކޮށްފާނެތީވެސް އިރާނުގެ ބާރު ދައްކަން މިހާރު ވަނީ މަޖުބޫރުވެފައެވެ. އެހެންނޫންނަމަ މެދުއިރުމަތީގައި ހަނގުރާމަ ކުރަމުންދާ ޖަމާއަތް ތަކުން އިރާނަށް އަސްކަރީ ގޮތުން ކުރަމުންދާ އިހުތިރާމް ގެއްލުން ނުވަތަ ވަރަށް ބޮޑަށް ކުޑަވެގެން ދިއުން އެކަށީގެންވެއެވެ. އެހެން އެކަން ވެއްޖެނަމަ އިރާނުން ބޭނުން ގޮތަކަށް މި ހަނގުރާމަމަތީ ޖަމާއަތްތައް ކޮންޓުރޯލް ކުރުމުގެ ބާރު އެ ގައުމަށް ގެއްލިގެން ހިނގައިދާނެއެވެ.

އިރާނުގެ މިހާ އިސް އަސްކަރީ ވެރިއެއް މަރާލުމުން އެކަމުގެ ބަދަލުހިފުމަށް އިރާނުން ހަމަލާދޭން މި ޖެހެނީ ޔަހޫދީންގެ ދައުލަތް އިސްރާއީލަށެވެ. ޔަހޫދީންގެ ދައުލަތާއި ދެކޮޅަށް އިރާނުން އަސްކަރީ އެއްވެސް ހަމަލާއެއް ދީފިނަމަ ޔަހޫދީންގެ އެކުވެރި އެމެރިކާ އިން އެކަން ބަލާކަށް ދުރަކު ނޯންނާނެއެވެ. އެމެރިކާ އަށް އޭރުން އިރާނަށް ހަމަލާދޭން ސަބަބެއް ލިބުނީއެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލަކީ އެމެރިކާ އިން އަސްކަރީ ހިމާޔަތް ދީފައި އޮންނަ ގައުމެކެވެ. އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރާ ކޮންމެ ގައުމަކާއި ދެކޮޅަށް އެމެރިކާ އިން ހަނގުރާމަ ކުރާނެއެވެ. މިހާރު އަސްކަރީ ތަޖުރިބާކާރުންގެ މެދުގައި އުފެދިފައި އޮތް ސުވާލަކީ އެމެރިކާ އާއި އަސްކަރީ ގޮތުން ބޮޑު ހަނގުރާމައެއް ކުރުމުގެ ޤާބިލުކަން އިރާނުގެ އަސްކަރިއްޔާގައި އެބަހުރިތޯ ކުރެވޭ ސުވާލެވެ.

އިރާނުން ހަނގުރާމަ ކުރަން ޖެހޭނީ އެމެރިކާ އާއި އެކަނި ނޫން ކަން އެމެރިކާ އިން މީގެ ކުރިން ކޮށްފައި ހުރި ހަނގުރާމަތަކުން ހާމަވެއެވެ. އެމެރިކާ އަކީ އަބަދުވެސް ކޯލިޝަން ހަދައިގެން ހަނގުރާމަ އަށް ނުކުންނަ ގައުމެކެވެ. ވިހި ވަނަ ގަރުނުގައި އެމެރިކާ އިން ކުރި ބޮޑު ދެ ހަނގުރާމަ އަށް ބަލާލުމުން ވެސް އެކަން ސާބިތުވެއެވެ. 2001 ވަނަ އަހަރު އަފްޣާނިސްތާނުގައި އޮތް ތޯލިބާނުންގެ ސަރުކާރު ވައްޓާލަން ކުރި ހަނގުރާމައިގައި، އަދި 2003 ވަނަ އަހަރު އިރާގުގައި އޮތް ސައްދާމު ހުސެއިންގެ ވަރުގަދަ ވެރިކަން ވައްޓާލަން ވެސް އެމެރިކާ އިން ނިކުތީ ވަރުގަދަ އަސްކަރީ ކޯލިޝަނަކާއި އެކުގައެވެ.

އެމެރިކާ އާއި ދެކޮޅަށް ބޮޑު ހަނގުރާމައެއް ކޮށްގެން އިރާނުގައި މިހާރު މިއޮތް އިސްލާމީ ވެރިކަން ނެތި ދިޔުމުގެ ބިރުވެސް އެ ގައުމަށް މިހާރު އެބަ އޮތެވެ. އަނެއް ކޮޅުން އެ ގައުމުން ކޮންޓްރޯލް ކުރަމުންދާ އަދި އެ ގައުމުގެ އޯޑަރު ތަކަށް ބޯލަނބަމުންދާ ހަނގުރާމަމަތީ ހަތިޔާރު އެޅި ޖަމާއަތްތައް ވެސް ގެއްލުމުގެ ބިރު އެބަ އޮތެވެ.

އިރާނުން ވަނީ ފާއިތުވި ދުވަސް ތަކުގައި އެ ގައުމުން ކޮންޓްރޯލް ކުރާ ޖަމާއަތް ތަކުގެ އެހީތެރިކަމާއި އެކީ އިސްރާއީލަށް ހަމަލާދީ އެ ގައުމުގެ ބާރާއި ނުފޫޒު އޮތް މިންވަރު ޔަހޫދީންނަށް ދައްކާލާފައެވެ. އެ ގޮތުން އިރާނަށް ވަފާތެރި ޔަމަނުގެ ހޫތީންނާއި، އިރާގުގެ އިސްލާމިކް ރެސިސްޓެންސް ޖަމާއަތާއި، އަދި ސީރިއާގައި ހަރަކާތްތެރިވާ އެކި ހަތިޔާރު އެޅި ޖަމާއަތް ތަކުން ވަނީ އިސްރާއީލަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ވެސް ދީފައެވެ.

މިއީ މެދުއިރުމަތީގައި ވަރުގަދަ ހަމަލާތަކެއްގެ ފެށުން ކަމަށް ވެސް ވެދާނެއެވެ. އިރާނުން އިސްރާއީލަށް ސީދާ ހަމަލާއެއް ނުދިން ނަމަވެސް، އެ ގައުމުން ކޮންޓްރޯލް ކުރާ ކޮންމެ ވެސް ޖަމާއަތެއް މެދުވެރިކޮށްގެން ނަމަވެސް މި ފަހަރު އިރާނުން އިސްރާއީލަށް ހަމަލާ ދޭނެ ކަމަށް ވަރަށް ގިނަ އަސްކަރީ މާހިރުން ވަނީ ބުނެފައެވެ. މިއީ އިރާނުން އެ ގައުމުގެ ބާރު ދައްކާލަންވީ ވަގުތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޯޑް

    ކޮންބާރެއްދެއްކޭނީ ، ތިޔަ ބުނާ ބައިގަނޑަށް އެއްބާރެއްވެސް ނުދެއްކޭނެ . އިސްރާއީލާ ކުޅެލަން ކެރޭ ގައުމެއް މެދު އިރުމަތީގަ ނޯންނާނެ. ޕްރޮކްސީތައް މެދުވެރިކޮށް އާދައިގެ ހަމަލާއެއް ( މިހާރުވެސް ދޭފަދަ ) ދެވިދާނެ. އޭގެން އިސްރާއީލަށް ކުރާނެ މާބޮޑު އަސަރެއްނޯންނާނެ ، އެފަދަ ހަމަލާއެއްދީފިނަމަ އިސްރާއީލުން އެބަޔަކަށް ވ ރަނގަޅަށް ރައްދުހަމަލާ ދޭނެ..

    17
    11
  2. ސައްހަ ހަބަރު

    އުންމީދުކުރަން ބާރު ދައްކާނެކަމަށް ޑައިރެކްޓްލީ އިޒްރޭލައް ހަމަލާނުދޭނެކަމުގެ 100ޕ އެބައޮތް މަށައް

    19
    2
  3. މަލް

    ނުކުރާނެ އެތްކަމެއްވެސް

    16
    3
  4. Anonymous

    ޢީރާނުގެ ރިވޮލިޝަން ގާޑުގެ ކޮމާންޑަރ ގައްސާމް ސުލައިމާނީގެ މަރުގެ ބަދަލުވެސް ނުހިފި ހުރި އިރު ދެން ކޮން ކަމެއް އިތުރަށް ކުރެވޭނީ

    26
    3
  5. ފާޒް

    ސައުދީއާއި ދެންތިބި ސުންނީ މުސްލިމު ގައުމުތަކުން ބާރު ދައްކަން ޖެހޭ ވަގުތު އަންނަނީ މަހުޝަރަތް ދުވަހުތޯ.؟

    20
    5
  6. Anonymous

    އެއްކަމެއްވެސް ނުކުރެވޭނެ އިރާނަށް. އިރާނަށް ކުރެވޭނެ ކަމަކީ ވަށައިގެން އޮތް އިސްލާމީގައުމުތަކަށް ބިރުދައްކައި ހެދުން. އިސްލާމީ ގައުމުތަކަށް ވަނީ ހުޅަނގުން ޑިމޮކްރަސީ ގެނެސްދީފައި. މިހާރު އިސްކާމީ ގައުމުތަކުން ދުވަނީ ހުޅަނގުގެ ގައުމުތަކުގެ ޑިމޮކްރަސީ ހިފައިގެން އަމިއްލަގައުމު ފަނާކޮށް ނިކަމެތި ކުރަމުން. މިހެން އަސްކަރީގޮތުން އެއްވެސް ބާރެއް އަދި އެއްބައިވަންތަކަމާއި ގަޓެއް އިސްލާމީ ގައުމުތަކު ނުހުންނާނެ. ހުޅަނގުން ކޮންމެ ކަމެއްކޮށް ގައުމުތައް ފުނޑާލިޔަސް އިރާނު ތުރުކީ ފަދަގައުމުތައްވެސް އޮންނާނީ ކަރާފަޅަން. ސައްދާމާއި ގައްޒާފީ އާއި އުސާމާއަށްފަހު މިފަހުގެ ތާރީހުގައި ހުޅަނގަށް ކަމެއްކޮށްލެވޭވަރުގެ ގަޓުހުރި ވެރިއެއް ނާދޭ. މިބުނި ތިން މީހުންގެ ސަބަބުން ހުޅަނގުގެ ބާރުގޮސް އަދި އިސްލާމީ ޕަޕެޓްގައުތަކުގެ ބާރުވެސް ގޮސްދާނެތީ އިސްލާމީ ޕަޕެޓުންގެ މަދަދާއެކު ހުޅަނގުން ވަނީ އެތިން މީހުން ދުވަސްދުއްލާފައި. މިހާރު ދެން ހުޅަނގުގެ ނިކަމެތި ބައެއްގެކުރިމަތީގައިވެސް އިރާނުއެކަންޏެއްނޫން އިސްލާމީ ހުރިހާގައުމެއްވެސް ޖެހޭނީ ކުޑަކަކޫ ޖަހަން. މިއީ ދީން ދޫކޮށް ދުނިޔޭގެ އަމިއްލަ އެދުމަށް ހެއްލުމުގެ ނަތީޖާ.

    34
    7