ބައްޕަ މަހަށް ގޮސް ގެންނަ މަސްކޮޅު، އަރުން އެތެރެއަށް ލެވޭ ވަރުވަނީ މަންމަގެ މިންނެތް މަސައްކަތުންނެވެ. މަސްކަނޑައި ސާފުކޮށް އޭގެން ކޮންމެވެސް ލޮނުކަމެއް ހެދުމުންނެވެ. ހަމަ މިފަދައިން, ފެންވަރައި ތާހިރުވުމަށް ބޭނުންވާ "ރީތިވާ ސާމާނު" ބައްޕަ ގަނެދިނަސް، އެންމެ ތުއްތު އިރު، އޭގެ ބޭނުން ކޮށްގެން ފެންވަރުވައި ދިނީ މަންމައެވެ. ބައްޕަ ކިތަންމެ ވަރަކަށް ލާރި ހޯދިޔަސް، ޚަރަދު ބަރަދު ބޮއްސުން ނުލާ ގޮތަށް ބަލަހައްޓަނީ ހަމަ އެ މަންމައެވެ. އާނއެކެވެ. ދައްކަން މިއުޅެނީ އެ ކަނބުލޭގެ ކޮށްއުޅޭ ބުރަ މަސައްކަތް ތަކުގެ ވާހަކައެވެ. އާއިލާއެއްގެ ތެރޭގައި އެ އަންހެނުން އެ އަދާ ކުރާ ޒިންމާދާރު ވަޒީފާގެ ވާހަކައެވެ.

އަބަދުވެސް ބުރަ މަސައްކަތް ކޮށް އުޅެނީ ފިރިހެނުންނޭ ބުނެ, މުޖްތަމައުގައި އަންހެނުން މަދުން ނަމަވެސް އެއްފަރާތް ކޮށްލެވޭ ކަމީ ހިތާމަހުރި ކަމެކެވެ. ބައެއް ކަހަލަ ވަޒީފާތަކުން އެއްކިބާކޮށް، ،އަންހެނުންނަކީ ހަމައެކަނި އާއިލާ ބެލެހެއްޓުމަށް ހަތަރު ފާރުން އެތެރޭފައި ފިރިދަށުވެފައި ތިބެން ޖެހޭ ބައެއް ކަމަށް އޭރު ވިސްނަމުން އައި ބޯދާވިސްނުން މިހާރު ދޫކޮށްލަން ވެއްޖެއެވެ. އެޔަށް ވުރެ އަންހެނުންގެ ޤާބިލިއްޔަތުކަން އުޅެނީ މާ އުހުގައެވެ.

ވަޒީފާގެ މާހައުލުގައި ވެސް އަންހެނުންނެކޭ ފިރިހެނުންނެކޭ ވަކި ތަފާތެއް ނެތެވެ. ފިރިހެނުން ހޯދާ ފަދަ ޝަރަފުވެރި ކާމިޔާބީތައް ހަމަ އަންހެނުން ވެސް ހޯދައެވެ. ހިތްވަރާއި މަތިވެރި އަޒުމުގައެވެ. ޚާއްސަ ގޮތެއްގައި "ޓީޗިންގް" އަދި "ނާރސިންގް" ގެ ދާއިރާގައި ފިރިހެނުންނަށްވުރެ އަންހެނުން ގިނަވެ، މި ފަދަ މުހިންމު ދާއިރާ ތަކަށް އަންހެނުން އަތްގަދަ ކުރުމަކީ އެ ކަނބަލުންނަށް ވެސް ވާނެ ކަން ހާމަވާ އަލި ގަދަ ހެއްކެކެވެ.

އާއިލާއެއް ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އަދާކުރަމުން، ވަޒީފާއަށް ދަމުން ނުވިތާކު މަތީ ތަޢުލީމު އުނގެނެމުން އެ ވޭތު ކުރާ ބުރަ ދިރިއުޅުމުގެ އަގު އަދާ ކުރުމަކީ ނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ. އެމީހުންނަށްވެސް ކަންތައްތައް ވާނެކަން ހާމަ އެ ކޮށްދެނީ، ކޮންފަދަ ބުރަ ކަމެއް އިޙްސާސްކޮށްގެން ހެއްޔެވެ؟ އާއިލާގެ އެއްވެސް ކަމަކަށް ބުރޫއެރިޔަ ނުދީ އަދި ހަމަ އެހެންމެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ބުރަވެސް އެ އުފުލަނީ ހަމަ އެ އަންހެން ކަނބަލުންނެވެ. ވީއިރު، އެކަމުގެ އަގުވަޒަން ކޮށް ޝުކުރުގެ ގުލްދަސްތާއެއް ބަރުތީލަކުރަން އެބަ ޖެހެއެވެ.

އަންހެނުން އެ ކޮށްދޭ މަތިވެރި މަސައްކަތްތައް ބަަލައިގަނެ، އެކަމުގެ އަގުވަޒަން ކުރާ ބަޔަކަށް ވާން ހިނގާށެވެ. އަދި އެމީހުންނާއި ނުލާ ފިރިހެނަކު ފިރިހެނަކަށް ނުވާނެކަން ދަނެ އެމީހުންނަށް ހިތްވަރު ދެމާތޯއެވެ!

ކިޔުންތެރިންގެ ހިޔާލު