ށ. މާއުނގޫދޫ، އުދަރެސް، އުމުރުން 10 އަހަރުގެ ހަސަން ރިމްޝާދަކީ ހުންކޮށީގެ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ މައުސޫމު ކުއްޖެކެވެ. އެ އުމުރުފުރައިގެ އެހެން ކުދިންނެކޭ އެއްފަދައިން އޭނާވެސް މަގުތައްމަތީގައި ދުވެ، ސަކަރާތްޖަހައި، މަޖާ ކުރަން ބޭނުންވާނެއެެވެ. އާދައިގެ، އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާނެއެވެ. ނަމަވެސް، ރިމްޝާދުގެ ބަލީގެ ސަބަބުން އޭނާ މިވަނީ ބާކީވެފައެވެ. އޭނާގެ މުސްތަގުބަލު މިވަނީ ބަނަވެފައެވެ.

ރިމްޝާދު އަކީ އާދައިގެ ކުއްޖެއް ނޫންކަން އޭނާގެ މައިންބަފައިންނަށް އެންމެ ފުރަތަމަ އެނގުނީ އޭނާގެ އުމުރުން ހަ މަހުގައެވެ. ހަ މަހުގައި ގާތުން ކިރު ނުބޮއެ، އެއްވެސް ވަރަކަށް ނިދި ނުލިބުމުން އޭނާގެ މައިންބަފައިން ކަންބޮޑުވާން ފެށިއެވެ.

"ފުރަތަމަ ދެއްކި އިރު ހަމަ ރަނގަޅޭ ބުނީ ހަމަހުގައި އެގޮތަށް ވާތީވެ. ދެން ހުންކޮށި ދުވަހެއް ދުވަހަކަށް ބޮޑުވަމުން އައީ. ބަނޑު ދުޅަވެފަ އިންނަނީ." "ވަގުތު އެހީ" އަށް މައުލޫމާާތު ދެމުން ރިމްޝާދުގެ ބޭބެ، މުޙައްމަދު ނަދީމް ކިޔައިދިނެވެ.

ރިމްޝާދުގެ ބަނޑު ބޮޑުވުމުގެ ސަބަބުން އޭނާއަށް ހިނގައި ބިނގައި އުޅުމަކީވެސް ބޮޑު ތަކުލީފެކެވެ. އަދި ތަންތަނުގައި އިށީދެ، ނުވަތަ ތެދުވެ ހެދެނީވެސް އެހެން މީހެއްގެ އެހީ އާއެކު އެވެ.

"ހަތަރު އަހަރުގައި ހިނގުނީ. ހިނގުނީ އޭ ބުނާ އިރު އެއްވެސް މީހެެއްގެ އެހީއެއްގައި ނޫނިއްޔާ މިހާރުވެސް ނުހިނގޭނެ. އުނަގަނޑުގައި ނުހުންނާނެ އެއްވެސް ކަހަލަ ބާރެއް. އަމިއްލައަށް ނުވެެސް އިށީދެވޭނެ. މީހަކު ނަގަން ޖެހޭނީ އަތުގައި ހިފާފަ." ނަދީމް ކިޔައިދިނެވެ.

ހަސަން ރިމްޝާދުމީގެ އިތުރުން ރިމްޝާދުގެ ހަށިގަނޑުގައި ވަރުޖެއްސުމަށް ހަމައެކަނި ދެވެނީ ދިޔާތަކެއްޗެވެ. އެއީ އޭނާއަށް އެއްވެސް ކަހަލަ ހަރު ކާނާއެއް ނުކެވޭތީއެވެ. އެހެން ކަމުން ހަފްތާއަކު އެއްފަހަރު އައިވީ ގުޅަން ހޮސްޕިޓަލުގައި އެޑްމިޓް ކުރަންވެސް ޖެހެއެވެ.

"ތަދުވެގެނެއް ރޮއެއް ނަހަދާ އެއްގޮތަކަށްވެސް. ތަދެއް ނުވެއޭ ބުނާއިރު އޭނަ އަމިއްލައަށްވެސް ފިތާނެ ހަމަ، ފިތާފަ ބުނާނެ ކޮއްކޮ ބަނޑަކަށް ތަދެއް ނުވެއޭ އެކަމަކު މިތަން އިންނަނީ އަރާފައޭ. އެގޮތަށް ކިޔާނެ ހަމަ." ނަދީމް ބުންޏެވެ.

ރިމްޝާދުގެ މަންމަ ބުނީ އޭނާ 10 އަހަރު ވަންދެން ގެންގުޅެފައި ވަނީ އެ ހާލުގައި ކަމަށެވެ. އަދި ކޮންމެ އެއްޗެއް ދިނަސް މާ ގިނަ އިރުތަކެއް ނުވަނީސް ހޮޑުލެވޭތީއާއި އޭނާ ބަލިކަމުން ސްކޫލަށް ވެސް ނުފޮނުވާ ކަމަށް މަންމަ ބުންޏެވެ.

"ސްކޫލަށް ގެންދަން ބޭނުން. ސްކޫލުން ވެސް އިރުއިރުކޮޅުން އާދޭ، މިހާރުވެސް އާދޭ. އޭނަ އަމިއްލައަށް ވެސް ބުނޭ ތިމަންނަ ކިޔަވަން ބޭނުމޭ.... އެހެން ކުދިން އުޅޭ ގޮތަށް ދުވެ ސަކަރާތްގަނެ އެހެން ނޫޅެވޭ ވިއްޔާ... އަމިއްލައަށް ދެރަވެގެން އެވާހަކަ ދައްކަންވެސް ދައްކާނެ. އަހަރެމެން ކައިރީގައި އާދޭސް ކުރާނެ ކޮއްކޮ މިތަންކޮޅު ނަގައިދޭށޭ ކިޔާފައި." ވަރަށް އަސަރާއި އެކު މަންމަ ކިޔައިދިނެވެ.

ރިމްޝާދު އެނާގެ ދުވަސްތައް މުޅިންހެން ހޭދަކުރަމުންދަނީ ގޭތެރޭގައެވެ. އޭނާ ގިނަ ވަގުތު ހޭދަ ކުރަނީ ޓީވީ ބެލުމުގައެވެ. ނަދީމް ބުނީ ރިމްޝާދު ގެއިން ބޭރަށް ދަނީ ހަމައެކަނި އޭނާގެ ބައްޕައާއެކު ކަމަށެވެ.

އެތައް ފަހަރަކު ރިމްޝާދު މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވާއިރު އޭނާއަށް ޖެހިފައިވާ ބަލި ދަނެގަނެވިފައި ވަނީ މި އަހަރުއެވެ. ދާދި ފަހުން ރިމްޝާދު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ޓެސްޓުތަކެެއް ވަނީ ހަދާފައެވެ. އަދި އޭނާއަށް ހަށިގަނޑުގައި ހުރި ބައްޔާއި އެ ބައްޔަށް ބޭނުންވާ ފަރުވާ ޑޮކްޓަރުން ވަނީ ބަޔާންކޮށްފައެވެ.

ރިމްޝާދު އުފަންވެފައި ވަނީ "ގޯޝޭސް ޑިޒީސް" ނަމަކަށް ކިޔާ ބައްޔަކާއެކުއެވެ. މި ބަލީގެ ސަބަބުން ރިމްޝާދުގެ ފުރަމޭ އަދި ހުންކޮށި ދަނީ އިންތިހާއަށް ދުޅަވަމުންނެވެ. މި ދުޅަވުމަށް ކިޔަނީ "ހެޕަޓޮސްޕެލެނޮމެގަލީ" އެވެ. ރިމްޝާދުގެ ބަނޑުގެ ސޮނޮގްރަފީ ޓެސްޓުތަކުން ދައްކާފައި ވަނީ އޭނާގެ ފުރަމޭ އަދި ހުންކޮށި އާދައާއި ހިލާފަށް ބޮޑުކަމަށެވެ.

"ގޯޝޭސް ޑިޒީސް" އަކީ ދާއިމީ ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. އެ ބައްޔަށް އާންމުކޮށް ދެވޭ ފަރުވާއަކީ "އެންޒައިމް ރިޕްލޭސްމެންޓް ތެރަޕީ" އަދި ބޭހެވެ. މި ފަރުވާއަކީ ރާއްޖެއިން ލިބެން ހުންނަ ފަރުވާއެއް ނޫންކަމުން ޑޮކްޓަރުން ލަފާދީފައި ވަނީ ފަރުވާ ހޯދުމަށް ރިމްޝާދު ގޮވައިގެން ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. ވީހާވެސް އަވަހަށް ފަރުވާ ނުފެއްޓިއްޖެ ނަމަ ރިމްޝާދުގެ ފުރާނަށް ނުރައްކާވާނެއެވެ.

ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ފަރުވާގެ ކަންތައް ބެލެހެއްޓުމަށް މިހާރު ވަނީ އާސަންދަ ހަމަޖެހިފައެވެ. އަދި އިންޑިއާގެ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލަށް ގެންދިއުމަށް ޓިކެޓު ވެސް އާސަންދައިން ވަނީ ކަވަރު ކޮށްފައެވެ. ނަމަވެސް ފަރުވާއަށް އިންޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަޑު ކުރަން ޖެހިފައި، އެފަދަ ދަތުރެއް ކުރުމުގެ މާލީ ގާބިލުކަން ނެތުމުން ރިމްޝާދުގެ އާއިލާއަށް ވަނީ ދިވެހި ރައްޔިތުުންގެ ދީލަތި އެހީއަށް ބޭނުންވެފައެވެ.

ރިމްޝާދުގެ ބަލި ހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ރިމްޝާދުގެ ބޭބެ މުހައްމަދު ނަދީމްގެ ފޯން ނަމްބަރު 9843953 އަށް ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުމަށް އެދެމެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މުހައްމަދު ނަދީމްގެ ބޭންކް އޮފް މޯލްޑިވްސް ރުފިޔާ އެކައުންޓް ނަމްބަރު 7705328492101 އަށް ނުވަތަ ބޭންކް އޮފް މޯލްޑިވްސް ޑޮލަރު އެކައުންޓް ނަމްބަރު 7730000188720 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.

މާތް ﷲ ރިމްޝާދުއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!