ލ.ގަން، މިގުރާ އުމުރުން 57 އަހަރުގެ މުހައްމަދު އަބްދުލް ގައްޔޫމަކީ ދެ ކިޑްނީ ފެއިލްވެ އެހީތެރިކަމަށް ބޭނުންވެފައިވަނީ ހަތް ކުދިންގެ ބައްޕަ އެކެވެ.

މީގެ 6 އަހަރުކުރިން 2012 ގައި ގިނައިން ހޮނޑުލެވި ބަލިވާން ފެށުމުގެ ސަބުބުން ގަން ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުން މާލެ ހޮސްޕިޓަލަށް އަވަހަށް ދެއްކުމަށް އެދުނެވެ. އަދި މާލެއިން އެންގީ ވަގުތުން ބޭރަށް ފުރުމަށެވެ.

"އެންމެ ކުރިންވެސް މޭ ދަށުގައި ރިއްސާ ވާހަކަ ބުނާނެ. އެކަމަކު ޑޮކްޓަރަށް ދައްކަންދާން ދެކޮޅު ހަދާނެ. ދެން މާބޮޑަށް ބަލިވެ ހޮނޑުލާތީ މީގެ ހަ އަހަރުކުރިން މާލެ ހޮސްޕިޓަލަށް ދެއްކުމަށްފަހު ހޮސްޕިޓަލުގެ އެދުމުގެ މަތިން ބޭރަށް ދިޔުމަށް އެދުވަހު ފުރިން. ލަންކާއިން ދެއްކުުމުން އެއްގީ ވާތު ކިޑްނީ މަސައްކަތް ކުރަނީ %5 ކަމަށް. އަދި އޭރު އަނެއް ކިޑްނީގައި މަސައްކަތް ކުރަނީ %35." "ވަގުތު އެހީ" އަށް މައުލޫމާާތު ދެމުން މުހައްމަދުގެ އަނބިމީހާ، ހައްވާ ޒާހިރާ ކިޔައިދިނެވެ.

މުހައްމަދުގެ ގައިގާ ފުރަތަމަ ރިހެން ފެށުމުން ފަރުވާއެއް ނުކުރެވި މާ ގިނަ ދުވަސްވުމުގެ ވަނީ އެއް ކިޑްނީން އަނެއް ކިޑްނީއަށް ބަލި ވާރުތަ ކޮށްފައި އެވެ. އަދި މިހާރުގެ ހާލަތުން ބޭސް ބޭނުންކޮށްގެން އެކަމުން އެދެވޭ ހައްލެއް ނުލިބޭނެ ކަން ޑޮކްޓަރުން ވިދާޅުވެއެވެ.

"ފުރަތަމަ ލަންކާއަށް ދެއްކުމުން ބުނީ ފަރުވާ ނުކުރެވި މާ ލަސްވެފައޭ. ވާތު ކިޑްނީން އަނެއް ކިޑްނީ އަށް ވާރުތަ ކުރީ ކަމަށް ޑޮކްޓަރ ބުނި. އަދި ބޭސް ބޭނުންކުރުމަކީ މިކަމުގެ ހައްލެއް ނޫން ކަން ވެސް ކިޑްނީ ބަދަލުކުރަން ޖެހޭނެ ކަން ތަކުރާރުކޮށް ބުނަމުން ދިޔަ. ނަމަވެސް އޭރު ސްކޫލަށްދާ ދަރިންވެސް އުޅޭ. ކިހިނެތް ހުރިހާ ކަމެއް ބަލާނީ." އަސަރާއިއެކު ޒާހިރާ ކިޔައިދިނެވެ.

އެއަށްފަހު ބޭސް ބޭނުންކުރަމުން ކޮންމެ 3 މަހުން ލަންކާ ހޮސްޕިޓަލަށް ދައްކަމުން ކޮންމެ މަހަކު ރަށު ހޮސްޕިޓަލުން ދައްކާ ޓެސްޓްތައް ހަދާ ކަމަށާއި މާލީހާލަތު ދަތި ވުމުގެ ސަބަބުން މިދިޔަ އަހަރު ފަހުކޮޅު ލަންކާއަށް ދެއްކުމަށް ބުނެފައިވީ ނަމަވެސް ނުދެއްކި މަޑުޖެހުނު ކަމަށް ޒާހިރާ ކިޔައިދިނެވެ.

އަދި ފެބްރުއަރީމަހު ވަރަށް ބޮޑަށް ހާލު ދެރަވާން ފެށުމުން ރަށު ހޮސްޕިޓަލަށް ދެއްކުމުން އެންގީ ގައިގާ ލޭ ވަރަށް މަދުވެފައި ހުރި ކަމަށާއި އަވަހަށް މާލެ ދިޔުމަށެވެ. މާލެއިން ޓެސްޓްތަކެއް ހެދުމަށްފަހު އެންގީ ޑައިލެސިސް ހެދުމަށާއި ބޭރަށް ދެއްކުމަށެވެ.

"މިދިޔަމަހު 15 ގައި ދަރިފުޅަކާއިއެކު ލަންކާއަށް ދިޔަ. ދެއްކީމަ ބުނީ މިހާރު އަނެއް ކިޑްނީގައި ވެސް ބާކީ އިނީ %5 ކަމަށް. ޑައިލެސިސް ހެދޭނީ އެއްމަސް ފަހުންނޭ ބުނުމުން ޑައިލެސިން އެދުމަށް ފިސްޓިއުލާ ލައްވައިގެން އެބުރި ރަށަށް އައީ މިދިޔަމަހު 25 ގައި." ޒާހިރާ ކިޔައިދިނެވެ.

އަދި މިމަހު ޑައިލެސިސް ހެދުމަށް ހަމަޖެހިފައިވީ ނަމަވެސް ޑައިލެސިސް ހެދުމުން މިކަމުން އެދެވޭ ހައްލެ ލިބިގެންނެއް ނުދާނެއެވެ. އޭގެ އިތުރުން ރާއްޖެއިން ކިޑްނީ މެޗްކުރުމަށް ޓެސްޓްތައް ހެދުނު ނަމަވެސް ކިޑްނީ ޓްެރާސްޕްލާންޓް ކުރެވޭކަން ނެތެވެ.

5 ފިރިހެން ކުދިންނާއި 2 އަންހެން ކުދިން ތިބިއިރު ފިހިރެން ދަރީން ތިބީ ބައްޕައަށް ކިޑްނީ ހަދިޔާކުރަން ތައްޔާރަށެވެ. ނަމަވެސް އެވަރުގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް އާސަންދައިން ކަވަރު ކޮށްދޭނީ ދެމީހުންގެ އޮޕަރޭޝަންގެ ހަރަދެއެވެ. އިތުރު ހަރަދުތަކެއް ނެތި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް އުނދަގޫވާނެއެވެ.

"އަޅުގަނޑު ބުނިން ހުރިހާ ކުދިން ޓެސްޓް ހަދަން މާލެ ދާން. ޓެސްޓް ހަދައި ނިންމައިގެން ބައްޕަ ގޮވައިގެން ލަންކާއަށް ދާން. އެކަމަކު އެހާވަރަކަށް ރުފިޔާއެއް ނެތް." ޒާހިރާ ބުންޏެވެ.

ހުރިހާ ކުދިންވެސް ބުނަނީ އޮޕަރޭޝަން ކުރަން ރުފިޔާ ލިބުނުހާ އަވަހަކަށް ޑޮކްޓަރުގެ ލަފައިގެ މަތިން ކިޑްނީ ޓްރާންސް ޕްލާންޓް ކުރާނެ ކަމަށެވެ.

މުހައްމަދު އަބްދުލް ގައްޔޫމްގެ ބަލި ހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން މުހައްމަދުގެ ދަރި އަހުމަދު އާސިފްގެ ފޯން ނަމްބަރު 9640776 އަށް ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުމަށް އެދެމެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އަނބިމީހާ ހައްވާ ޒާހިރާގެ ބޭންކް އޮފް މޯލްޑިވްސް ރުފިޔާ އެކައުންޓް ނަމްބަރު 7707493518001 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.

މާތް ﷲ މުހައްމަދުއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!