ރާއްޖޭގެ އެކި ހިސާބުގައި ދިވެހިން ވާހަކަ ދައްކާ އުޅެނީ ތަފާތު ބަހުރުވަތަކުންނެވެ. ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ އަތޮޅު ތަކުގެ މީހުން، މިސާލަކަށް އައްޑޫ މީހުން ވަކިން ޚާއްސަ ބަހުރުވައަކުން މުޚާތަބު ކުރާއިރު، ހުވަދޫ، ފުމައްމުލައް އަދި ހައްދުއްމަތީ މީހުންގެ ވާހަކަ ދެއްކުމުގައި މިކިޔާ މާލޭ ބަހުރުވައާއި ވާހަކަ ދެއްކުމުގައި ތަފާތުތަކެއް ހުރެއެވެ. ނަމަވެސް މިފަހަރު މިބަލާލަނީ ދިވެހިންގެ ބަހުރުވައިގެ ވާހަކައަކަށް ނޫނެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވާހަކަ ދެއްކުމުގައި ހުންނަ ތަފާތަށެވެ.

ރާއްޖޭގެ މަސައްކަތުގެ މާޙައުލަށް ނިކުންނަ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ބަސް ދަސްކުރެއެވެ. ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަހާއި ދިވެހި ބަހާއި އަހަރެމެންގެ ދިވެހި ބަހާއި ވައްތަރު ގޮތެއް ހުރުމުން ކަމަށް ވެދާނެއެވެ. ނުވަތަ ދިވެހިންނާއި މުޚާތަބު ކުރެވެން އޮތް ހަމައެކަނި މަގަކީ އެއީ ކަމުގައި ވީކަމަށް ވާތީވެސް ވެދާނެއެވެ. އެކަމުގެ ބަހުސް ފަހަށް ބާއްވަމާ ހިނގާށެވެ.

ބިދޭސީންގެ ތެރެއިން ދިވެހި ބަސް ދަސްކުރާ މީހުން ގިނަ ފަހަރަށް ދިވެހި ބަސް ކުރަނީ އެމީހަކު އުޅޭ ރަށެއްގެ ބަަޔަކު ވާހަކަ ދައްކާ އަޑު އަހައިގެންނެވެ. މިއީ އެކަމުގައި އެމީހުންގެ ބަހެވެ.

"އަހަރެން ވާހަކަ އަޑުއަހަނީ. އެހީމަ ދަސްވަނީ. ދިވެހި ވަަރަށް ފަސޭހަ ހުންނަނީ." 10 އަހަރު ދުވަހު ރާއްޖޭގައި ކޮންސްްޓްރަކްޝަން ދާއިރާގައި ޙަރަކާތްތެރިވި މާލޭގައި ދިރިއުޅޭ މާލޭ މީހަކު "ވަގުތު" އާ ވާޙަކަ ދައްކަމުން ބުނެފައިވެއެވެ.

ރަނގަޅެވެ! ބިދޭސީން ދިވެހި ބަހުން ވާހަކަ ދައްކަން ދަސްކުރާ ކޯހެއް ވަކި ނަހަދައެެވެ. މިހެން ކަމުން އެމީހުން ދިވެހި ދަސްކުރަން އޮތް ހަމައެކަނި މަގަކީ މިއީ ތާއެެވެ. މިހާތަނުން އުފެދޭ ސުވާލަކީ ބިދޭސީންގެ ތެރެއިން ރާއްޖޭގެ އެކި ހިސާބުގައި ދިރިއުޅޭ ބިދޭސީންގެ ވާހަކަ ދެއްކުމުގައި ބަހުރުވައިގެ ތަފާތު ތަކެއް ހުންނާނެ ހެއްޔެވެ؟

މިސުވާލުގެ ޖަވާބު ލިބުނީ އައްޑުއަށް ފުރަތަމަ ކުރި ދަތުރުންނެވެ. އާއްމުކޮށް އައްޑޫ މީހުން، އައްޑޫ މީހުންނާ ވާހަކަ ދައްކާއިރު އައްޑޫ ބަހުރުވައިން ވާހަކަ ދެއްކި ނަމަވެސް ރަށުން ބޭރު މީހުންނާ ވާހަކަ ދައްކަނީ މިކިޔާ "މާލޭ" ބަހުންނެވެ. ސާފު ދިވެހި ބަހުންނެވެ. ނަމަވެސް އައްޑުއަށް ކުރި ދަތުރުގައި ފިހާރައެއްގައި ސޭލްސް ބޯއީއެއްގެ ގޮތުގައި މަސައްކަތް ކުރަން ހުރި މީހެއް ކުރެން ފިހާރާގައި އެއްޗެއް ހުރިތޯ ސުވާލު ކުރީމެވެ. އެމީހަކު ޖަވާބު ދިނީ ކިޔާ ނުކިޔާ އެއްޗެއް ނޭނގޭ ބަހުރުވައަކުންނެވެ. ކީލެއް އަވަސްކަމުން ކީ އެއްޗެއް ނޭނގުނީ ކަމަށް ހިތާ އަނެއްކާ ސުވާލު ތަކުރާރުކޮށްލުމުންވެސް ޖަވާބަކަށް ބަަދަލެއް ނާދެއެވެ. ބުނި އެއްޗެއް ރަނގަޅަށް ފަހުމް ނުވުމުން އަދި ކިތަންމެ ފަހަރަކު ސުވާލު ކުރިޔަސް ޖަވާބު ނުލިބޭނެކަން ޔަޤީންވުމުން އާނ އެކޭ ބުނެލުމަށްފަހު ފިހާރައިން ނިކުމެގެން ދިޔާމެވެ. އަދި ކަންވީ ގޮތުގައި ވާހަކަ އެކުގައި އުޅޭ ރަޙްމަތްތެރިޔަކާއި ހިއްސާ ކުރީމެވެ.

ވާނުވާ ރޭކާލީ މިހާހިސާބުންނެވެ. އެފިހާރައިގައި އިނީ ބިދޭސީ މީހެކެވެ. ދިވެއްސަކާ މޫނުން ކިތަންމެ ވައްތަރު ކަމަވެސް އެއީވެސް އެހެން ބިދޭސީންނެކޭ އެއްފަދައިން ރާއްޖޭގައި ވަޒީފާ އަދާ ކުރަމުންދާ މީހެކެވެ. ވާހަކަ ދައްކަމުން ދިޔައީ، "އައްޑޫ ބޮންދު" ބަހުންނެވެ.

އާއްމުކޮށް މާލޭގައި ދިރިއުޅޭ ބިދޭސީން އަދި އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ބިދޭސީން ވާހަކަ ދައްކަމުން އަންނަނީ، ބަހުރުވަ ތަކުގެ ތެރެއިން "މާލޭ ބަހުރުވަ" އިންނެވެ. ދިވެހި ބަހާއި އިނގެރޭސިބަސް އަދި އެމީހުންގެ އަމިއްލަ ބަސް މަސްހުނިކޮށް ބިދޭސީން ވާހަކަ ދައްކާއިރު، މިވެރިން ވާޙަކަ ދެއްކުމުގައި އެންމެ ތަފާތު އެއް ކަމަކީ ދިވެހިންނާ ވާޙަކަ ދައްކާއިރު ޖުމްލަ ފުރިހަމަނުކޮށް ވާހަކަ ދައްކާކަމެވެ. މިއަށް ގިނަ ބަޔަކު "ބޮންދު" ބަހޭ ކިޔާ އުޅެއެވެ. ނަމަވެސް "ބޮންދު ބަސް" ވެސް އެކި ހިސާބުތަކުގައި ބޭނުންކޮށް އުޅެނީ ތަފާތު އެކި ގޮތްގޮތަށްކަން އެނގުނީ މިހާ ހިސާބުންނެވެ. އައްޑޫ ގައި އުޅޭ ބިދޭސީން ވާހަކަ ދެއްކުމުގައި ބޭނުން ކުރަނީ އައްޑޫ ބަހެވެ. އަދި ހުވަދޫގައި އުޅޭ ބިދޭސީން ހުވަދޫ ބަހުންނެވެ. އަދި އިތުުރު އެހެން ބަހުރުވަ ހުންނަ ރަށްރަށުގައި އުޅޭ މީހުންވެސް އެރަށެއްގެ ބަހުރުވައިންނެވެ.