މިއީ މިއަދު އަވައްޓެރި ސްރީލަންކާގެ ކޮލަމްބޯގައި ދިރިއުޅޭ ހުރިހާ ދިވެހިން ގޮސް ތިބޭ އެއް ތަނެވެ. މީގެ އަހަރުތަކެއް ކުރިންވެސް ހުރި އެތަނަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސް ގިނަ ހިދުމަތްތަކެއް ދަނީ ލިބެމުންނެެވެ. ހުރިހާ ހިދުމަތެއް ލިބެމުން ދަނީ މުޅިން ހިލޭއެވެ. އެތަނުން ގާތް ރަހުމަތްތެރިން ލިބިއްޖެއެވެ. ކުޅެން އަންނާނެ ފުރުސަތު ލިބިއްޖެއެވެ. ތައުލީމް އުގެނުމުގެ ފުރުސަތު ލިބިއްޖެއެވެ.

މިއީ ކޮލަމްބޯގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ދިވެހިންނަށް ހާއްސަ ސޯސަންވިލާ އެވެ.

ސޯސަން ވިލާގެ ބިމަކީ މުހައްމަދު އަމީންގެ ވެރިކަމުގައި ލަންކާ އިން ބައްލަވައިގެންނެވި ބިމެކެވެ. ސޯސަންވިލާގައި މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގެ ނަމުގައި ވުޖޫދަށް އައިސްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއީ 2014 ވަނަ އަހަރުގެ މާރިޗް މަހުގެ 20 ވަނަ ދުވަހުއެވެ. ރައީސް ޔާމީން ވެރިކަމަށް އައުމުގެ ކުރީގައި އެތަނަކީ ވަރަށް ބޮޑަށް ވީރާނާ ވެފައި އޮތް ތަނެކެެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދުވަސްކޮޅުން ފެށިގެން އެއްވެސް ވަރަކަށް އަޅައި ނުލެވި އޮތުމުގެ ސަބަބުން މުޅި އިމާރާތް ވިރާނާވެ މުޅި ގޯތި ތެރެ އޮތީ ކުނިގޮނޑަކަށް ވެފައެވެ.

ސޯސަންވިލާގެ ފުޓްސަލް ދަނޑު – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
ސޯސަންވިލާގެ ފުޓްސަލް ދަނޑު – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

ސޯސަންވިލާގައި ގާއިމް ކޮށްފައިވާ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއް ރަޝީދު ވިދާޅުވީ ސޯސަންވިލާ އަލުން މަރާމާތު ކުރުމަށްޓަކައި އެތަނަށް ވަޑައިގެންނެވިއިރު އެތަން ފެންނަން އޮތީ ބޮޑު ޖަންގައްްޔެއްގެ ގޮތުގައި ކަމަށެވެ. އިމާރާތް ވަރަށް ބޮޑަށް ވީރާނާވެފައިވާއިރު، ކަރަންޓާއި ފެންވެސް އެތަނުގައި އެއިރު ނެތެވެ. އިމާރާތް ސާފުކުރުމާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކޮށްފައިވާ ފަރާތްތަކަށް ދައްކަން ޖެހިފައިވާ ފައިސާގެ އަދަދު އެތައް މިލިއަން ރުޕީސް އަކަށް އަރައެވެ.

"އެއިރުގައި މުޅި ސެންޓަރުގެ އޮޕަރޭޝަނަށް ގެންނަން ޚަރަދުވި ވަރަށްވުރެ އެއިރު ނުދައްކާ ހުރި ޕޭމަންޓްތަކަށް ދައްކަން ޖެހުނު އަދަދު ބޮޑުވެގެން ދިޔަ." އަބްދުލް ރަޝީދު ވިދާޅުވިއެވެ.

ސޯސަން ވިލާ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މިހާރު ސޯސަން ވިލާގައި ހިންގަމުންދާ އެމްއީސީސީ އެފެދުމަށްފަހު ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެތަނަށް ވަނުމުން އުޅެވެނީ ރާއްޖެއިން ބޭރުގައޭ ހީވެސް ނުވާނެއެވެ. އެހާ ވަރަށް ހިދުމަތްތައް ދެވޭކަމަށް އެތަނަށް އަންނަ ދިވެހިންވެސް ބުނެއެވެ.

ސޯސަންވިލާގައި ރާއްޖޭގެ ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ކުލަގަދަކޮށް ފާހަަގަކުރެއެވެ. އޭގެ އިތުރުން އީދު ދުވަސްތަކާއި ހާއްސަ ގައުމީ ދުވަސްތައް ރާއްޖޭގެ އެކި ރަށްރަށުގައި ފާހަގަކުރާ ގޮތައް ކުލަގަދަކޮށް ސޯސަން ވިލާގައި ފާހަގަކުރަމުންދެއެވެ.

ސޯސަންވިލާގައި ގާއިމްކޮށްފައިވާ އެމްއީސީސީ ދިވެހިންނަށް ހާއްސަކޮށް ރާއްޖެއިން ބޭރުގައި ގާއިމްކޮށްފައިވާ މިފަދަ ފުރަތަމަ ސެންޓަރެވެ. މިތަނުގައި ދިވެހި ދަރިވަރުންނަށް ގުރުއާން ކިޔަވައިދެއެވެ. އަހަރު ދެ ފަހަރު ދީނީ ނަސޭހަތްދިނުން ސޯސަންވިލާފައި އޮވެއެވެ. ޒުވާނުންނަށް ހާއްސަ ފުޓްސަލް މުބާރާތްތަކާއި، ހޭންޑް ބޯލް މުބާރާތްތަކުގެ އިތުރުން، ރޯދަ މަސް އައުމުގެ ކުރިން އޮންނަ ބޮޑު މާހެފުންވެސް ސޯސަން ވިލާތެރޭގައި ކުރިއަށް ދެއެވެ. މިތަނުގައި ޖިމެއް ހުރެއެވެ. ފުޓްސަލް ދަނޑުގައި ކޮންމެ ދުވަހަކު އެތައް ޒުވާނުންނެއް ފުޓްސަލް ކުޅެމުން ގެންދެއެވެ. އަދި އޭގެ އިތުރުން، ސޯސަން ވިލާގައި އީދު ނަމާދާއި ހުކުރު ނަމާދު ކުރުންވެސް ކުރިއަށްދެއެވެ. އެ ދުވަސްތަކުގައި ހުތުބާ ކިޔަނީ ދިވެހިންނެވެ.

ސޯސަންވިލާގެ ކްލާސް ރޫމެއް – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
ސޯސަންވިލާގެ ކްލާސް ރޫމެއް – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

ސޯސަންވިލާގައި ނާސަރީން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ދިވެހިރާއްޖޭގެ ގައުމީ މަންހަޖާ އެއްގޮތަށް ކިޔަވައިދެއެވެ. އެއީ ދިވެހި އިސްލާމް ގުރުއާންއެވެ. އެ ކުދިންނަށް ކިޔަވައި ދިނުމަށް ތިބެނީ ފެންވަރު ރަނގަޅު ޓީޗަރުންނެވެ.

"ފާއިތުވެދިޔަ ތިން އަހަރު މިތަނުގައި އެސްއެސްސީ އިމްތިހާނު ހަދައިފި. ހެދިއިރުގައި ފުރަތަމަ ދެ އަހަރުވެސް ވަރަށް ރަނގަޅު ނަތީޖާއެއް ވަނީ ހޯދާފައި. ހާއްސަކޮށް މިދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު، 100 ޕަސެންޓް ކުދިން ވަނީ ފާސްވެފައި އެސްއެސްސީ އިމްތިހާނުތަކުން". އަބްދުއް ރަޝީދު ވިދާޅުވިއެވެ.

މިވަގުތު އެމްއީސީސީގައި 700 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ދެއެވެ. އެމްއީސީސީން ދޭ އެއްވެސް ހިދުމަތަކީ އެއްވެސް އަގަކާ ނުލޭ ދެވޭ ހިދުމަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

 

ސޯސަންވިލާގައި ތައުލީމް ހާސިލްކުރަމުންދާ ގްރޭޑް 10 ގެ ދަރިވަރުންތަކެއް - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ސްރީލަންކާގައި އުޅޭތާ ގިނަ ދުވަސްވީ މީހަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނިގޮތުގައި، ސޯސަން ވިލާއިން ދެވޭ ހިދުމަތްތަކާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހެއެވެ. ވަކިން ހާއްސަކޮށް ކުދިންނަށް ދިވެހި އިސްލާމް ގުރުއާން ދިވެހި ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދަރިންނަށް ކިޔަވާދެވޭތީ ވަަރަށް ބޮޑަށް އުފާވެއެވެ.

"،މިއީ އަޅުގަނޑުމެންނަށް ލިބުނު އަގު ނުކުރެވޭ ވަރުގެ ޚިދުމަތެއް. އަޅުގަނޑުމެން ޝުކުރުވެރިވަން ސޯސަންވިލާ އިން ލިބެމުންދާ ޚިދުމަތްތަކަށް." ލަންކާއަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ މީހަކު ބުންޏެވެ.

އިތުރު ބެލެނެވެރިޔަކު ބުނިގޮތުގައި، ދިވެހިން ބޭނުންވާ ކެއުން ބުއިމުގެ ހިދުމަތާއި، ގާތް ރަހުމަތްތެރިންވެސް ލިބުނީ، ސޯސަން ވިލާގެ ތެރެއިންނެވެ. ސޯސަން ވިލާ ތެރޭގައި އުޅެލުމުން ހީވަނީ ހަމަ ދިވެހި ރާއްޖޭގައި އުޅެވޭހެންކަމަށް ބައެއް މީހުން ބުނެއެވެ.

"ވަގުތު" މުވައްޒަފުން ސްރީލަންކާ އަށް ކުރި ޗުއްޓީ ދަތުރުގެ ސްޕޮންސަރަކީ އޭސް އޭވިއޭޝަން އެވެ. އޭސް އޭވިއޭޝަން އަކީ ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓެވެ. ދުނިޔޭގެ 53 ސަރަހައްދަކަށް ދަތުރު ކުރުމަށް އޭސް އޭވިއޭޝަން އިން ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސިލޯނު ދިވެހިމީހާ

    ރައީސް ޔާމީނަށް ފަށްފަށުން ޝުކުރިއްޔާ..!

  2. Ahmed

    ކަމެށް ކޮއްދީފިއާ އެކަންފާހަގަކުރުން ރަގަނޅު ވާގޮތަކީ ބައެއްމީހުނަށް ކޮްދޭކަންކަން ވެސްނުފެން ނާތީ

  3. ނުސްރާ

    ރައީސް ޔާމީނަށް ފަށްފަށުން ޝުކުރިއްޔާ..!

  4. ނަސީދު

    އަސްލު ދިވެހިން ދެކެ ލޯބިވާ ރައީސްސަކީ ރައިސް ޔާމީނުކަން ޔަޤީން ޝުކުރިއްޔާ ރައިސް ޔާމީން

    • ވަޠަން

      ތިޔައީ ހަމަ ތެދެއް!

  5. އ މ ރ ބ

    ހުރިހާ ހައްޤު ޝުކުރެއް ރައްދުވާ ފަރާތަކީ ރައީސް ޔާމީން

  6. ތިޔޭ އެއްކަލަ

    ނެތްތަ ޔާމިނުއާ ދެކޮޅަށް ކިޔާނެ އެއްޗެއް؟ ހެޔޮ ނުވާނެ ކޮންމެވެސް އެއްޗެކޭ ކިޔަންވީނު ރައީސް ޔާމިން އޭ ކިޔައިން. ވާހަކަ ދައްކާނެ ކަމެއް ނެތް. 21 ވަނަ ގަރުނުގެ ގަޓުހުރި ރައްޔިތުން ދެކެ ލޯބިވާ ރައީސް އެއް.