އެމީހުންނަށް ކުރިން އެއީ ތިމާގެ ބައެއް ކަމެއް ނޭނގެއެވެ. ނަމަވެސް ކުއްލިއަކަށް ފެންމަތިވި ބޮޑު އާއިލާއިން އެންމެން ތިބީ ހައިރާންކަމެއްގެ ތެރޭގައެވެ. މިއީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ކާފަ ހުސެން ބެއްޔާ، އަށް ގަރުނެއް ފަހުން އޭނާގެ ބިޔަ އާއިލާ އެއްތަން ކުރެވުން ވާހަކައެވެ.

ޙުސައިންބެއްޔާ، އޭނާގެ ޒުވާން ދުވަސްވަރު އައްޑޫން ގެއްލުނު މީހެއް ކަމަށްވެއެވެ. އޭނާ ގެއްލިގެން އޭނާ ހޯދުމަށް މީގެ ކުރިން އޭނާގެ އާއިލާގެ މީހުން އެތައް މަސައްކަތެއް ކުރުމުންވެސް ކޮށްޔާބިޔާ ފެނިފައެއް ނުވެއެވެ.

ޙުސައިންބެއްޔާ ގެއްލުން ގޮތުގެ ވާހަކަ "ވަގުތަށް" ކިޔާ ދެމުން ކޮށްޔާބިޔާގެ އާއިލާއަށް ނިސްބަތްވާ އައްޑޫ މަރަދޫ މީހަކު ބުނީ ކޮށްޔާބިޔާ ގެއްލުނީ އޭނާގެ ބޭބެމެންނާއި އެކުގައި ކޮޅުނބަށް (ކޮލަމްބޯ، ސްރީ ލަންކާ) ދިޔަ ދަތުރަކަށް ފަހު އެބުރި ރާއްޖެ އައިސް، ހުވަދުއަތޮޅަށް ކުރި ދަތުރެއްގައިކަމަށެވެ.

"އަހަރެމެންގެ ބައްޕަމެން ކިޔާދޭ ގޮތުން ބޭބެ ގެއްލިފައިވަނީ ބޭބެއާއި އަދިވެސް އެހެން ދެބޭބެއަކު ކޮޅުނބަށް ކުރި ދަތުރަކަށް ފަހު އެނބުރި ރާއްޖެ އައިސް ބޭބެ ފިލީ. ދެން ބޭބެ ފިލީމަ މިމީހުން މި ހީކުރީ ބޭބެ މަރުވީއޭ. ނަމަވެސް އެއީއެއް ނޫން އެކަން ހިނގާ ދިޔަ ގޮތަކީ. ބޭބެ ފިލައިގެން ގޮސް ކައިވެނިކުރީ ތިނަދޫ މީހަކާއި. އެއަށް ފަހު ތިނަދޫގައި އުޅުނީ" ކޮއްޔާބެޔާއަށް ބޮޑުބޭބެ ކިޔާ ތިމާގެ މީހަކު "ވަގުތަށް" މައުލޫމާތު ދެމުން ބުންޏެވެ.

ތިނަދޫ ބަނޑަށް ކުއްޖަކު ލިބިފައިވާ ކަމަށާއި އޭގެ ފަހުން ޙުސައިންބެއްޔާ ކައިވެނި ކުރީ ހައުއްތާ (މިހާރުގެ ރިސޯޓެއް) ގެ މީހަކާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެރަށުން އެއިރު މީހުން ބޭލުމުން މާމެންދޫއަށް ގޮސް ވަޒަންވެރިވީކަމަށްވެސް އޭނާ ބުންޏެވެ.

"ބޭބެ ހައުއްތާ ކިޔާ ރަށުން މީހަކާއި އިނދުނީ (ކައިވެނި ކުރީ). މަސައްކަތް ކުރަންވެގެން އެރަށަށް ދިޔައި. އެރަށުން މީހުން ބޭލުވީމަ މި މީހުންގޮސް ވަޒަންވެރިވީ މާމެންދޫގައި. މި މީހުން އެއިރުއްސުރެއް ދިރިއުޅެމުން މިދަނީ މާމެންދޫގައި" ކޮށްޔާބިޔާގެ އާއިލާގެ މީހަކު ބުންޏެވެ.

ކާފަ ހުސެންބެއްޔާގެ އާއިލާ އެހާ ބޮޑު ކަމެއް ކުރިން އެނގިފައި ނުވާ ކަމުގައި ޑރ. ޝަހީމް ވިދާޅުވިއެވެ.

"ކާފައަކީ ޒުވާން އުމުރުގައި އައްޑޫން ގެއްލުނު މީހެއް ކަމަށްވޭ. ކާފަގެ އެއްބަނޑު މީހުންނާއި އާއިލާ މީހުން އުޅެނީ މަރަދޫގައި. އެކަމަކު އެކަމެއް އަޅުގަނޑުމެންނަކަށް އެނގިފައެއް ނޯވޭ، އެނގޭ މިންވަރަކީ ކާފައަކީ އައްޑު އަތޮޅު މީހެއްކަން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ކާފަގެ އާއިލާގެ 100 އެއްހާ މީހުން އައްޑޫ ސިޓީގެ މަރަދޫއިން ފުރައިގެން އޭނާގެ ރަށް، ގއ. މާމެންދޫއަށް އިއްޔެ ދަތުރު ހަދައިގެން ދިޔައީ ކާފަ ދުނިޔޭގައި ހުރިކަން އެނގި ކާފައާ ބައްދަލު ކުރުމަށެވެ.

"އެއީ ޒުވާން އުމުރުގައި ގެއްލުނު އަޅުގަނޑުގެ ކާފަ ދުނިޔޭގައި ހެޔޮ ހާލުގައި ހުރިކަން އާއިލާގެ އެ ބޭފުޅުންނަށް އެނގިގެން،" ޝަހީމް ވިދާޅުވެފައިވެއެވެ.

އައްޑޫ މަރަދޫ އިން ޝަހީމްގެ ކާފަ އާއިލާއަށް ނިސްބަތްވާ މެންބަރަކު އޮންލައިން ނޫހެއްކަމަށްވާ "އަވަސް" ދިން އިންޓަވިޔުއެއްގައި ބުނީ މިހާތަނަށް އެނގިފައިވާ ގޮތުން ހުސެއިން ބެއްޔާ (ޝަހީމްގެ ކާފަ) ގެއްލުނީ އުމުރުން 12 ނޫނީ 13 ވަރަކަށް އަހަރު ހުވަދޫ އަތޮޅަށް ކުރި ދަތުރެއްގެ ތެރެއިންް ކަމަށެވެ.

"އަޅުގަނޑުމެންގެ އާއިލާ މަޝްހޫރުވެފައި އޮންނަނީ "ކޮއްޔާބިޔާ" ގެ ނަމުން، އެ އާއިލާގައި ޖުމުލަ ފަސް ބެއިން ތިބޭނެ އަޅުގަނޑުގެ ކާފައަކީ އެތަނުން އިބްރާހިމް ބެއްޔާ، އެއީ ޝަހީމްގެ ކާފަ ހުސެއިންބެއްޔާގެ ދޮށީ ބޭބެ، އަޅުގަނޑުމެންނަށް ކިޔާދީފައި އޮންނަ ގޮތުން ހުސެއިންބެއްޔާ ވަނީ ހުވަދޫ އަތޮޅަށް ދިޔަަ ގޮތަށް ގެއްލިފައި، ފަހުން ބެލެވުނީ މަރުވީ ކަމަށް،" އޭނާ ބުންޏެވެ.

ހުސެއިންބެއްޔާގެ، ގެއްލިފައިވާ އާއިލާ ހޯދުނީ މި ވަގުތު ޙުސައިންބެއްޔާގެ ދިރިއުޅެމުންދާ މާމެންދޫގެ އާއިލާ މެންބަރަކާއި މަރަދޫ އާއިލާ މެންބަރަކު އެއް ފްލައިޓަކުން ދިމާވެ، ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. އަދި އޭގެ ފަހުން ވައިބާ ގްރޫޕެއް ހަދައިގެން އާއިލާގެ މެންބަރުން އެއްކުރުމުގެ މަސައްކަތް އެމީހުން ވަނީ ފަށާފައެވެ.

އެ ގްރޫޕަށް ދެ ފަރާތުގެ އާއިލާ މީހުން އެއް ކުރަން ފަށާ މާމެންދޫ އާއި މަރަދޫ އިން ގާތްގަނޑަކަށް 300 އެއްހާ މީހުން ޖަމާކުރިއެވެ، އެ ގްރޫޕުގައި ދެ އާއިލާ އިން ވެސް ހުސެއިން ބެއްޔާއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކާއި އަދި ނަންތައްވެސް ދިމާވެ އެވެ. އަދި ދެ އާއިލާ މީހުންގެ ބައެއް ސިފަތައް ވެސް ކާފައާ ދިމާވެއެވެ. މާމެންދޫ މީހުން ކިޔަނީ ހުސެއިން ބެއްޔާ އެވެ. އައްޑޫ މީހުން ކިޔަނީ ހުސެއިން ފުތާ އެވެ.

"ގާތްގަނޑަކަށް މަސް ދުވަހަށް ފަހު އަޅުގަނޑުމެންނަށް ޔަގީން ކުރެވުނު މިއީ ހުސެއިންބެއްޔާކަން، އެ ވައިބާ ގްރޫޕުގައި ގާތްގަނޑަކަށް 300 އެއްހާ މީހުން ތިބޭނެ، އެއީ އައްޑޫ ފަޅިން ތިމާގެ މީހުންނާއި މާމެންދޫ ފަޅީގެ މީހުން އެއްކޮށްލައިގެން، ވަރަށް ކުރިން ގެއްލުނު ކޮއްޔާބިޔާ އާއިލާގެ ކާފަ ދުނިޔޭގައި ހުރިކަން އެނގުމުން ގިނަ ބަޔަކަށް ގަބޫލު ވެސް ނުކުރެވޭ" ވަގުތަށް" ދިން އިންޓަވިޔުއެއްގައި ކޮށްޔާބިޔާގެ އާއިލާގެ މީހަކު ބުންޏެވެ.

ކޮއްޔާބިޔާ، ޑރ. ޝަހީމްއާއެކު

ވައިބާ ގްރޫޕުގައި ރޭވުމަށް ފަހު އިއްޔެ ކާފައާ ބައްދަލުކޮށްލަން އާއިލާގެ 100 އަށް ވުރެ ގިނަ މީހުން މާމެންދޫއަށް ދަތުރުކުރި އެވެ.

އުމުރުން 105 އަހަރުގެ ކޮށްޔާބިޔާއާއި އޭނާގެ އާއިލާ ގިނަ މީހުން ބައްދަކުކޮށް ކުރި ސުވާލުަކުގެ ތެރޭގައިވެސް އެއީ މީގެ އެތައް އަހަރެއް ކުރިން ގެއްލުނު "ކާފަ" ކަން ކަށަވަރުވިއެވެ.

އެތައް ޒަމާނަކަށްފަހު ޙުސައިންބެއްޔާ ފެނުމުން އޭނާގެ އާއިލާގެ މީހުން ތިބީ އުފަލުން ލޮލުން ކަރުނަ އޮހޮރޭ ހާލުގައެވެ. ބަޔާން ނުކުރެވޭ ވަރުގެ އުފާވެރިކަމެއް އެ މޫނުތައް މައްޗަށް ވަނީ ވެރިވެފައެވެ.

"އަޅުގަނޑުމެން މިތިބީ ހަގީގަތުގައި ވަރަށް އުފަލުން. އެހާ ދުވަސްވެފައި ތިމާގެ މީހަކާއި ބައްދަލުވީމަ. ވަރަށް ބޮޑު އިމްތިހާނެއް މިއީ" ކޮށްޔާބިޔާގެ އާއިލާއަށް ނިސްބަތްވާ މަރަދޫ މީހަކު ބުންޏެވެ.

ޙުސައިންބެއްޔާ އަށް ޖުމަލް ހަ ކުދިން ލިބިފައިވާއިރު އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ހަތަރު ކުދިންނެވެ. އެއީ ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ކޮށްޔަބިޔާއަށް ކާފަ އަދި މުނި ކާފަ ކިޔާ 100 އަށް ވުރެއް ގިނަ ދަރިން މިހާރު ދުނިޔޭގައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޮނަކ

    ފަހުޒަމާނުގެ މޫޖިޒާތެއް.

  2. ޖިންނި

    ސުބްޙާނަﷲ !

  3. Miadhu

    އުފާވެރިކަންހުރި

  4. ކަލޯ ހުސޭން

    ތިކަހަލަ ގެއްލިިފަ ހުންނަ ދަރިއެއް އަޅުގަނޑުގަވެސް ހުންނާނެ

  5. މ

    މާޝާﷲ

  6. ސޮއްބެ މާލެ

    ދެން ޝަހީމުވެސް ގެއްލޭ

  7. Anonymous

    އޅުގަނޑުގެ ބޭބެ ހޯދަނއބޭނުން

  8. ޗުއްކީ ބޯ؟؟؟؟

    އަޖައިބެއް ހަމަ ނޭގިގެންބާ އަހަރެންގެ އާއިލާ ވެސް ފެނިއްޖެ އެއީ ލަންނެލި އާއިލާ