ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަތަކާއި ވަރަށް އެކަހެރިކޮށް، އަދި ރާއްޖޭގެ އެންމެ ހުޅަނގުގައި އޮންނަ ރަށަކީ ހދ. މަކުނުދޫއެވެ. މި ރަށަށް މާމަކުނުދޫ އޭ ވެސް ކިޔާ އުޅެއެވެ. ޖޯގްރަފީގޮތުން ރަށްތައް އުފެދިފައިވާ ގޮތަށް ބަލާއިރު މި ސަރަޙައްދު ފާހަގަ ކުރެވެނީ މުޅިން ވަކި އަތޮޅެއްގެ ގޮތުގައެވެ.

މަކުނުދޫގެ ރައްޔިތުންނަކީ ޒަމާނުންސުރެ މަސްވެރިކަމުން ނަފާ ހޯދައިގެން ދިރިއުޅުމުގެ މުހުތާދުތައް ފުއްދަމުންގެންދާ ރައްޔިތަކު ދިރިއުޅޭ ވަރަށް އެކުވެރި ބައެކެވެ. ރަށުތެރެއަށް އަރައިގެން ދާއިރު ފާހަގަ ކުރެވޭނީ މަކުނުދޫ ރައްޔިތުންގެ މަސައްކަތްތެރިކަމާއި މުރާލިކަމެވެ. އުމްރާނީ ތަރައްޤީ އެއްވަރެއްގައި ހިފެހެއްޓި، ޒުވާނުންނާ މެދުއުމުރުގެ މީހުން މަސައްކަތުގައި މަސްއޫލުވެގެން އުޅޭ މަންޒަރަކީ އަބަދުވެ އެރަށުން ދައްކުވައިދޭ ނަމޫނާއެކެވެ.

ރާއްޖޭގެ އެހެން ރަށްރަށަށް ނުލިބޭ ޚާއްސަކަން ފާއިތުވި ހުރިހާ ވެރިކަމެއްގައިވެސް މަކުނުދޫއަށް ވަނީ ލިބިގެން ގޮސްފައެވެ. ސަބަބަކީ އެހެން ރަށްރަށާއި އެކަހެރިކޮށް އުފެދިފައިވާ ރަށަކަށްވާތީއެވެ. ބޭނުންވާ ކޮންމެ ފަހަރަކު އެކި ބޭނުންތައް ފުއްދުމަށް ރަށްރަށަށް ދިއުމަކީ ފަސޭހަކަމަކަށް ނުވާތީއެވެ.

މަކުނުދޫގެ ރައްޔިތުން އެންމެ ގިނައިންދާ އެއްރަށަކީ އެ އަތޮޅުގެ ވެރިކަން ކުރާރަށްކަމަށްވާ ހދ. ކުޅުދުއްފުއްޓެކެވެ. އަތޮޅު ފެރީގެ ނިޒާމު މެދުވެރިކޮށް މަކުނުދޫއިން ފުރައިގެން ކުޅުދުއްފުއްޓަށް ދިއުމަށް ތިން ގަޑިއިރާއި ހަތަރު ގަޑި އިރާ ދެމެދުގެ ވަގުތެއް ހޭދަކުރަންޖެހެއެވެ. އެހެންކަމުން މަކުނުދޫ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި އެސް.ޓީ.އޯ ގެ ކާޑު ގުދަނެއްވެސް ވަނީ އެ ރަށުގައި ޤާއިމުކޮށްފައެވެ. މިކަމުގެ ސަބަބެއްކަމަށް ވެފައިއޮތީ ރަށުން ކާޑު ހުސްވުމުން ކަނޑުގަދަ ދުވަސްތަކުގައި ކާޑުގެ ބާވަތްތައް ރަށަށް ގެނައުމަށް ހުންނަ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމެވެ.

މީގެ އިތުރުން، ހާލު ބޮޑު ބަލިމީހުން ގޮވައިގެން ރޭގަނޑު ދަންވަރު ނުވަތަ ކަނޑު ގަދަ ދުވަސްވަރު ދޯނިފަހަރުގައި ނުވަތަ ކުދި ލޯންޗް ފަހަރުގައި ފުރައިގެން ދިއުމަކީ ނުހަނު އުނދަގޫ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ކަނޑުމަތީގައި މާބަނޑު އަންހެނުން ވިހެއުމާއި، ފަރުވާ އާއި ހަމައަށް ނުގެންދެވެނީސް ބަލިމީހާ މަރުވުން ފަދަ ހިތާމަވެރި ހާދިސާތައް މީގެ ކުރިންވަނީ ހިނގާފައެވެ. އެހެންކަމުން މީގެ 15 ވަރަކަށް އަހަރު ކުރިން އޭރުގެ ސަރުކާރުންވަނީ މަކުނުދޫއަށް ލޯންޗެއް ހަދިޔާކޮށްފައެވެ. މިހާރުވެސް މަކުނުދޫ ހެލްތް ސެންޓަރުގެ ބެލުމުގެ ދަށުން މި ލޯންޗްގެ ޚިދުމަތް ރަށުގެ ރައްޔިތުންނަށް ދަނީ ލިބެމުންނެވެ.

މަކުނުދޫ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކައި މާލެ ގޮސް އައުމަކީވެސް އެހާ ފަސޭހަ އިންތިޒާމެއްގެ ދަށުން ހަމަޖެހިފައި އޮތް ކަމެއް ނޫނެވެ. މާލެއަށް ދަތުރުތައް ހަމަޖެހިފައި އޮންނަނީ ހއ. އިހަވަންދޫ "ތަހުތު" ނަމަކަށް ކިޔާ ބޯޓެއްގައެވެ. މަކުނުދޫގައި ދުއްވި ބޯޓު މީގެ ދުވަސްތަކެއް ކުރިން ވަނީ ވިއްކާލާފައެވެ.

މި އަހަރު ފެށިގެން މި އައީ މަކުނުދޫ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއްވެސް އުންމީދެއް ގެނުވަމުންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މަކުނުދޫއަށް ވަޑައިގެން އެ ރަށުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެކަމުގެ ވަޢުދު ވަނީ ވެވަޑައިގެންފައެވެ. ހަމައެހެންމެ، އެމަސައްކަތަށް ބޭނުންވާ ސާރވޭ ހެދުމަށް މި އަހަރުގެ ބަޖެޓުގައި ފައިސާ ވަނީ ހިމަނާފައެވެ. މިއީ އެ ރަށު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުންމީދެކެވެ. ދަތުރުފަތުރުގެ ދަތިކަން ހައްލުވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި އެ ރައްޔިތުން ހިނިތުންކުރުވި ކަމެކެވެ.

މަކުނުދޫއަކީ ރާއްޖޭގެ ތާރީޚާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ރަށެކެވެ. މަޝްޙޫރު ބޮޑުފެންވަޅުގެއަށް އުފަން ސީދީ އަކީ މަކުނުދޫގެ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. ނަމަވެސް މި ގެ މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާ ވެފައެވެ. އަދި ބޮޑުފެންވަޅުގޭގެ "ބޮޑު ފެންވަޅު" ބަލާލުމަށް އެރަށް ޒިޔާރަތް ކުރާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

މަކުނުދޫގެ ތަރައްޤީއާއި މަކުނުދޫއަށް އިތުރަށް ބޭނުންވާ ޚިދުމަތްތަކާއި ގުޅޭގޮތުން އެރަށު ކައުންސިލުން ވަނީ މަޢުލޫމާތު ޙިއްސާކޮށްފައެވެ. މަކުނުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޝާކިރު ވިދާޅުވީ މަކުނުދޫއަށް މިހާރުން މިހާރަށް އެންމެ ބޮޑަށް ބޭނުންވަނީ ނަރުދަމާއާއި ސާފު ބޯފެނުގެ ޚިދުމަތް ކަމަށާއި، އެހެންރަށްރަށާއި ކިތައްމެ ދުރުގައި އޮތް ނަމަވެސް މަކުނުދޫ ރައްޔިތުންވެސް ތަރައްޤީއަށް ނުހަނު އެދޭ ކަމަށެވެ.

"މިއީ ވަކި އަތޮޅެއް. މިރަށުގެ ރައްޔިތުންނަށް އެކަން އިހްސާސް ވިޔަ ނުދިނުމަށް ކައުންސިލުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އެހެން ރަށްރަށެކޭ އެއްފަދައިން މިރަށަށްވެސް އަސާސީގޮތުން ބޭނުންވާ ކަންކަން ފުރިހަމަ ކުރެވޭތޯ ކަމާއި ބެހޭ އިދާރާތަކާއި ވާހަކަ ދައްކަމުން މިގެންދަނީ." ޝާކިރު ވިދާޅުވިއެވެ.

ހދ.މަކުނުދޫ ބަނދަރު ފޮޓޯ: މަނުކުދޫ ކައުންސިލް

މަކުނުދޫ އަށް ވެރިވެފައިވާ ހަޤީޤީ އެކަނިވެރިކަމަކީ ރައްޓެހިންނާއި ގާތްތިމާގެ މީހުންނާއި ބައްދަލުކޮށްލަން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ހުރި ހުރަސްތަކެވެ. ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެކަންކަމަށް ނަގާ ދިގު މުއްދަތެވެ. ރަސްމީ ހައިސިއްޔަތުން އަތޮޅަށް ވަޑައިގަންނަވާ ބޭފުޅުން ބައެއް ފަހަރަށް މަކުނުދޫއާއި މެދު ބަހައްޓަވާ ބީރައްޓެހިކަމެވެ. މިކަންކަމަށް ހައްލެއްގެނެވޭނީ ޚިދުމަތްތައް ހަމަހަމަކަމާއި އެކު ފޯރުކޮށްދެވިގެންނެވެ. ތަޢުލީމާއި ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްގެންނެވެ. ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމުކޮށްދީގެންނެވެ. ހަޤީޤީ އެކަނިވެރިކަމާއި ހަމައަށް ވާސިލުވެގެންނެވެ.