ރ.މަޑުއްވަރީ ، ޑޯރެންސީ މުޙައްމަދު ރަޝީދަށް މިއަދު ދިމާވެފައިވަނީ މިފަދަ ލިޔުމަކުން ބަޔާންކޮށްދެވޭ ވަރަށް ވުރެވެސް ނިކަމެތި ޙާލަތެކެވެ. ހިތެއް އޮތް މީހަކު ނަމަ ، ކެތް ނުކުރެވިގެން ކަރުނަ އަޅާނެއެވެ. އިންސާނީ ކުލުނުގެ ޒައްރެއްގެ މިންވަރު ހުރި މީހަކަނަމަވެސް ، ތާއަބަދަށް ހިތާމަކުރާނެއެވެ. އެއީ ވޭނުން ފުރިގެންވާ ދިރިއުޅުމެވެ.

ޢުމުރުން 47 އަހަރުވެފައިވާ ، މުޙައްމަދު ރަޝީދުގެ އެއްބަނޑު އެއްބަފާ ދެފިރިހެނުންނާއި ، ތިން އަންހެނުން އެބަ ތިއްބެވެ. ރަޝީދަކީ މީގެ 15 އަހަރު ކުރިންވެސް ހިނގޭ މީހެއްނޫނެވެ. އެހެންވާން ދިމާވި ހަޤީޤީ ސަބަބު އަދިވެސް ހޯދިފައެއް ނުވެއެވެ. ކުއްލިއަކަށް ފައި އައްސިވީއެވެ. އޭގެ ދުވަސްކޮޅެއް ފަހުން މޭމަތިން ފެށިގެން ތިރި އެއްކޮށް ވާގި ނެތި، ހުރިހާ އިހްސާޞްތަކެއް ކެނޑުނީއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް އައިއިރުވެސް ރަޝީދަށް އޮންނަންޖެހިފައިވަނީ އެނދުމަތީގައެވެ.

ރަޝީދަށް މިހެން ދިމާވެފައި ވަނިކޮށް، ރަޝީދުގެ ކޮއްކޮއެއް ކަމަށްވާ ޙައްވާ ޒާހިޔާ، ޝުޖާޢު ނަމަކަށް ކިޔާ މާލޭ މިހަކާއި ކައިވެނި ކުރިއެވެ. އެ ދެމީހުންގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން، ޝުޖާއަށްވެސް ، މަޑުއްވަރީއަށް ދިއުމުގެ ފުރުޞަތު ލިބުނެވެ. އެންމެ ފުރަތަމަވެސް ޝުޖާޢު ގެ ލޮލުގައި އަޅައިގަތީ، ޒާހިޔާގެ ބޭބެ ރަޝީދެވެ. މާބޮޑު ހަރަކާތެއް ނެތި އަބަދު ، އެނދުގައި އޮންނަން ޖެހިފައިވާ ރަޝީދުގެ ޙާލާއި މެދު ޙަމްދަރުދީވެ، ރަޝީދަށް ކޮންމެވެސް ވަރެއްގެ ފަރުވާއެއް ލިބޭތޯ ޝުޖާޢު މަސައްކަތް ފެށިއެވެ. މިވާހަކަތައް ޝުޖާއު "ވަގުތު" އާއި ޙިއްސާ ކުރީ އަސަރާއި އެކުއެވެ.

"2015 ވަނަ އަހަރު އަހަރެންނަށް ރަޝީދު ދިމާވީ. ވަރަށް ބަލިކޮށް އަޅާލާނެ މީހަކު ނެތިފަ އޮތީ. އާއިލާގެ މީހުންގެ ފަރާތުން މާ ބޮޑު އެހީއެއް ރަޝީދަކަށް ނުލިބޭ. އޭރު އަހަރެން އިނދެގެން އުޅުނީ އޭނަގެ ކޮއްކޮ އަކާ. އެހާ ހިސާބުން ފެށިގެން މީހުން ކައިރި އާދެސް ކުރަމުން އަހަރެން މި ހިނގަނީ، ރަޝީދަށް އެހީއެއް ލިބޭތޯ" ޝުޖާއު ކިޔައިދިނެވެ.

ޝުޖާއާއި ޒާހިޔާގެ ބުރަ މަސައްކަތުން އާސަންދައިގެ އެހީތެރިކަމާއި އެކު ރަޝީދު ވަނީ އެއްފަހަރު ރާއްޖެއިން ބޭރަށް ގެންދެވިފައެވެ. އޭރުވެސް ރާއްޖެއިން ބޭރަށް ދެވުނީ ވަރަށް ގިނަ ބައެއްގެ އެހީއާއި އެކުގައެވެ. އެގޮތުން "ވަގުތު އެހީ" ގެ ފަރާތުން ރަޝީދަށް ލިބުނު ބޮޑު އެހީތެރިކަން މިއަދުވެސް އުފަލާއި އެކު އޭނާ ފާހަގަ ކުރެއެވެ.

"އިންޑިޔާއަށް ގޮސް ދެއްކީމަ ބުނީ މައިބަދައަށް އެއްޗެއް ލައްވަން. އޭރު ރަޝީދަށް ކަރުވެސް ނުހިފެހެއްޓޭނެ. އަބަދުވެސް އޮށޯވެގެން އޮވެވޭނީ. ދެން ކަރުތެރެއިން މައިބަދައާއި ދިމާލަށް އެއްޗެއް ލެއްވީ." ޝުޖާޢު ކިޔައިދިނެވެ.

އިންޑިޔާގައި ހޭދަ ކުރި ދުވަސްތަކުގައިވެސް އެންމެ ބޮޑަށް ދިމާވި ދަތިކަމަކީ ފައިސާގެ ދަތިކަމެވެ. ރަޝީދަކީ ވަކި ވައްތަރެއްގެ ނެޕީ އެއް ޖައްސަންޖެހޭ މީހެކެވެ. ކެވެނީ ވަކި ވައްތަރެއްގެ އެއްޗެކެވެ. އެއީ އާސަންދައިން ހަމަޖެއްސޭ ޚަރަދުތަކެއް ނޫނެވެ.

ރާއްޖެއިން ބޭރުން އެނބުރި އައިސް އަނބުރާ ރަޝީދުގެ ރަށަށް އޭނާ ގެންދިޔައެވެ. އާއިލާގައި އަޅާލާނެ ފިރިހެނަކު ނެތުމުން ހުރިހާ ކަމެއްވެސް ކޮއްދެމުން އައީ ޝުޖާއެވެ. ފެންވެރުވުމާއި، ސާފު ކުރުވުން ފަދަ ހުރިހާ ޒިންމާތަކެއް ނަގަމުން އައީ އޭނާއެވެ. ނަމަވެސް ރަޝީދުގެ ޙާލަތު އިތުރަށް ގޯސްވެ، މިއަދު ރަޝީދު އޮތީ އައި.ޖީ.އެމް.އެޗް ގައި އެޑްމިޓް ކޮށްފައެވެ. އަޅާލާނެ މީހަކު އާއިލާއަކު ނެތެވެ. ހުރީ ހަމައެކަނި ރަޝީދުގެ ކޮއްކޮ ޒާހިޔާއެވެ.

"ވަރަށް ޙާލުދެރަކޮށް ރަޝީދު އޮތީ. ކަރުތެރެއަށް ލައްވާފައިވާ ބޯލްޓް ބިންދައިގެން ގޮއްސަކަމަށް ޑޮކްޓަރު ބުނުއްވީ. ވީ އެންމެ އަވަހަކަށް ބޭރަށް ދިއުމަށް ޑޮކްޓަރ އެދެނީ. އެކަމު އަހަރެމެންގެ ތަނަވަސްކަމެއް ނެތް. އާދޭސްކޮށް ސަލާން ޖަހަމުން މި ދަނީ އެކި އެކީ މީހުން ކައިރި." ވަރަށް އަސަރާއި އެކު ޝުޖާޢު ބުންޏެވެ.

ރަޝީދު މިހާރު އޮތީ އައި.ޖީ.އެމް.އެޗް ގެ އިމަޖެންސީ ގައި ބާއްވާފައެވެ. އާސަންދަ ވަނީ ހަމަޖެހިފައެވެ. ނަމަވެސް ހުރުމާއި ކެއުމާއި ރަޝީދަށް ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރެވޭނެ ފައިސާ އެއް ނެތެވެ. ދަޢުލަތުން ރަޝީދަށް ލިބެނީ މަހަކު ދެ ހާސް ރުފިޔާއެވެ. އާއިލާގެ އެހީ ނުލިބި މިއަދުވެސް ހުރިހާ ކަމެއްގައި އުޅެންޖެހިފައިވަނީ ރަޝީދުގެ ކޮއްކޮގެ ކުރީގެ ފިރިމީހާ ޝުޖާއަށެވެ. އެހީތެރިކަމެއް މިއަދު ލިބުނަސް، ރަޝީދު ގޮވައިގެން ބޭރަށްދިއުމަށް ޝުޖާޢު ހުރީ ތައްޔާރަށެވެ. ބޭނުންވަނީ ދީލަތި އެހީތެރިކަމެކެވެ. ހުރިހާ އެންމެންގެ ހެޔޮ ދުޢާއެވެ. ހެޔޮ އެދިލައްވާ ހުރިހާ ފަރާތްތަކުންވެސް ރަޝީދުގެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް ޝުޖާޢު އެދެމެވެ. :" ވަގުތުން" ވެސް އެދެނީ ރަޝީދަށް އަވަސް ޝިފާއެއް ﷲ މިންވަރު ކޮށްދެއްވުމެވެ.

އެކައުންޓް ނަމްބަރ: 7717465724101

އެކައުންޓް ނަން: މުޙައްމަދު ރަޝީދު

އިތުރު މަޢުލޫމާތު ؛ 9818778 ( ޝުޖާޢު) ނުވަތަ 9838610 (މުހައްމަދު ރަޝީދު)

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޓްރޭސް

    އޯގާތެރިކަމުން ފުރިގެންވާ ސަރުކާރެއްނު މިއޮތީ! ރަނެއް މަލެއްހެން މުޙައްމަދު ރަޝީދު ގެންގުޅެ ބޭސްކޮށްދިއެއް ނުހަދާތަ؟

  2. އުޙްތު

    ސިޔާސީ ކުރާކަށްނޫން މިބުނަނީ މިސަރުކާރުގެ ވައުދެ ފަންޑްފޮށި ނުބަހައްޓާ ބޭސްފަރުވާކޮއްދިނުން.. މާތްﷲ އަވަސް ޝިފާއެ މިއަޙާއަށް ދެއްވާށި އާމީން.

  3. ފުވައްމުލަކު މީހާ

    ރައީސް ނަޝީދު މިކަމަށް އެހީތެރިކަމެއް ވެދެއްވާ. ސިޔާސީ ކަންކަމަށާ ކޮރަޕްޝަނަށް ތި ފައިސާ ޚަރަދު ނުކޮށް.

  4. ކޮއްކޮ

    މާތްﷲ ތިފުރާނައަށް އަވަސް ޝިފާޢު މިންވަރުކުރައްވާށިއެވެ. އަޅުގަނޑުގެ ކޮއްކޮއަކާ އިދެގެންއުޅޭ ފިރިހެނަކަށް ތިގޮތަށް ދިމާވެ އަތްފައި އިލޮށިވަރަށް ހިމަވެ ، ނުތެދުވެވި ، ނުއިށީދެވި ، ނުއޮށޯވެވި ، އަޅުގަނޑުގެ ސީދާ ޚަރަދުގައި އިންޑިޔާއަށް ފޮނުވާ އާސަންދަ ތިންފަހަރު ހަމަޖައްސައިގެން މައިބަދާގެ އަދި ފުއްޕާމޭވެ ބޮޑަތި އޮޕަރޭޝަންތަކެއްކޮށް ބޮޑަތި ނަދުރުތަކަކާއެކު މާތްﷲގެ ރަޙްމަތްފުޅާއެކު ދުވަސްތަކަކުން ސަލާމަތްވިއެވެ. ސަލާމަތްވެގެން އައުމާއެކު އަޅުގަނޑުގެ ކަރަށް އަރާ ފިތާލިއެވެ. މިއަދު އެއީ އަޅުގަނޑުގެ ބޮޑު އަދާވާތްތެރިއެކެވެ. ގިނަ އިންސާނުންގެ ޙާލަތަކީ މިއީއެވެ.

  5. ނ

    އަދިވެސް ސަލާމް ޖަހަނީ؟< އާ ސަރުކާރު އައުމުން ބަދަލުވާނެކަމަށް ބުނި ދުވަސް މިއޮތީ ކީކޭ ބުނާނީ ކޮންމެ ސަރުރާކެއް އޮތަސް ރައްޔިތުންބިކަ ހާލުގައި ދޯ

  6. ހެޔޮނުވާނެ

    އެންމެ ފަހުފަހަރުވެސް އެންމެން ކައިރީ ސަލާން ޖަހައިގެން ހޯދި ފައިސާގެ ބޮޑު ބަޔަކަށް ތި ސުޖާއުވީ ހިޔާނާތްތެރި. އިންޑިއާއަށް ގޮސް ދެމަފިރިން ލާރިކޮޅު ތަޅާލާފަ އައި. ޕޮލިހުގަ މައްސަލަ ޖައްސާ ޖަލަށް ގެންދަން އުޅުނީމަ ލާރިކޮޅު ދިނީ. ނިކަމެތި މީހެއްގެ ހައްގަކަށް ހިޔާނާތްތެރިވާ އިރު ހެއްދެވި ފަރާތް މަތިން ހަނދުމަ ކުރޭ. ޒާހިރާ މީ އަޅެ ދޮގެއްތަ؟

  7. އޭނަ

    ޝުޖާއު ހާދަ ރަނގަޅު މީހެކެވެ. ރަހުމަތްލައްވާށި

  8. އަހުމަދު

    އާސަރުކާރު ކޮބާތަ އެހީއެއްނުވޭތަ

  9. ޜަޝީދު

    ދިވެހިދައުލަތުން މިފަދަ ބަލިހާލުގައި އުޅެންޖެހިފައިވާ މީހުންގެ ހުރިހާ ޚަރަދެއް ކޮށްދޭންޖެހޭނެކަމަށް ދެކެން