އަހަރެމެންނަކީ އެއް ދީނަކަށް އުޅޭ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ޞަޤާފަތެއްގެ ވެރި ބައެކެވެ. އަހަރެމެން ނަކީ މި ދިވެރިރާއްޖެއަށް އުފަން ދިވެހިންނެވެ. "ދިވެއްސަކަށްވީތީ އަހަރެން ފަޚުރުވެރިވަމެވެ." މިއީ ތަފާތު އެކި އަދަބީ ފޯރަމް ތަކުގައްޔާއި، ދިވެހިވަންތަ އެކި އެކި މުނާޞަބަތުތަކުގަ ވަރަށް ގިނައިން އަޑު އިވޭ ޖުމްލަ އެކެވެ. އޭގެ މާނަ އާމެދު ވިސްނާލާފައި ބުނުމުގެ ބަދަލުގައި ލިޔެފައޮންނަ އެއްޗެއް ކިޔާ އުޞޫލުން ކިޔާލަން ވަރަށް ފަރިތަ ޖުމްލަ އެކެވެ. އަޅެ ހިތާ ހިތާ ސުވާލު ކޮށްލަ ބަލާށެވެ. ހަމަ އެހާ ފަޚުރުވެރިވޭ ހެއްޔެވެ؟

މިއީ ހުރިހާ ދިވެހިންވެސް އުޅެން އޮތް ޤައުމެވެ. އިންޑިޔާގެ މާ ކަނޑުތެރޭގައި އުފެދިފައިވާ ކުޑަ ޖަޒީރާއެކެވެ. ކުދި ކުދި އެތަކެއް ރަށްތަކެއްގެ މައްޗަށް ހިމެނޭ ނާޒުކު ޤައުމެކެވެ. މި ޤައުމަށްޓަކައި ޖިހާދުވި އެތަކެއް ޝަހީދުންނެއް އަހަރެމެންނަށް ދައްކުވައިދީފައިވަނީ ޤައުމު ދެކެ އެމީހުން ވީ ލޯތްބެވެ. އަހަރެމެންގެ ކާބަފައިން އަހަރެމެންނާއި ހަމައަށް މި ޤައުމު ގެނެސްދީފައި މި ވަނީ ނުހަނު ބޮޑު އަމާނާތެއްގެ ގޮތުގައެވެ.

ކަން މިހެން ހުރިއިރު، ދިވެހިންނަށް މި ދިވެހިރާއްޖެއިން ލިއްބައިދޭ ޚިދުމަތްތަކާއި، ފޯރުކޮށްދީފައިވާ ވަޞީލަތްތަކަށް ނަޒަރު ހިންގާލާނަމެވެ. ރާއްޖޭގެ މި ކުދި ކުދި ރަށްރަށުން ފެށިގެން ފުރަ މާލެ އާއި ހަމަ އަށް ނަޒަރު ހިންގާލާއިރު، ބޭނުންވާ ޚިދުމަތެއް ލިބިގަތުން ވެފައިމިވަނީ ބޮޑު ތަކުލީފަކަށެވެ. ދާދި ފަހަކާއި ޖެހެންދެން، އައިޑީ.ކާޑު ހެދެނީ އެ އަތޮޅެއްގެ ވެރިކަން ކުރާ ރަށަށް ގޮހެވެ. ސައިކަލެއް ނުވަތަ ޕިކަޕެއްގެ ލައިސަންސް ބޭނުންވާ މީހާ އެކަމަށްޓަކައި އުފުލަންޖޭ ބުރައާއި ހޭދަވާ ވަގުތު މަދެއް ނޫނެވެ. ކިރިޔާވެސް ބައްޔަކަށް ވާ ކަހަލަ ބައްޔެއްނަމަ ފަރުވާ އާއި ހަމައަށް އަންނަން އެތަކެއް ގަޑިއިރެއް ހޭދަވެއެވެ. ކުންފުންޏެއް ރަޖިސްޓްރީ ކުރަން ބޭނުންވާ މީހާ އެކަން ކުރަނީ ވަރަށް ހާލުންނެވެ. ދައުލަތަށް ދައްކަންޖެހޭ ފައިސާ އެއް ދެއްކެނީ އެތަށް އިރަކު ކިޔުގަ ޖެހިގެންނެވެ. ދައުލަތުން ހޯދަންޖެހޭ ފައިސާ އެއް ނަމަ މުޅި ޢުމުރު ހުސްވީއެވެ. ލިބޭނެ ދުވަހެއްވެސް އެނގެނީކީ ނޫނެވެ.

މިއީ ދިވެހިންގެ ދިވެހިރާއްޖެ އެވެ. މި ތަނުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި މިތާނގަ ހުރި ހުރިހާ ވަޞީލަތްތަކެއްގެ ހަޤީޤީ ވެރިންނަކީ ދިވެހިންނެވެ. ނަމަވެސް ޒަމާން ބަދަލުވެއްޖެ އެވެ. ދިވެހިންނަކީ މަސައްކަތުގެ ދާއިރާއަށް މިހާރު ބޭނުން ބައެއް ނޫނެވެ. މި ޤައުމުގައި އިމާރާތް ކޮށްފައިވާ ކޮންމެ އިމާރާތެއްގެ ޙިއްސާ ބޮޑު ބަޔަކީ ބިދޭސީންނެވެ. މާރުކޭޓުތަކާއި ހޮޓާ ޓެސްޓޯރެންޓް ތަކާއި ފިހާރަ ތަކުގެ ވިކުރާ އާއި ހަވާލުވެފައި ތިބޭ ބަޔަކީ ބިދޭސީންނެވެ. މާލޭގެ ގިނަ މިސްކިތްތައްވެސް ސާފުކޮށް ބަލަހައްޓަނީ ބިދޭސީންނެވެ.

އަހަރެމެންނަށް އެންމެ ބޮޑަށް ބޭނުންވާ ދެ ޚިދުމަތް ކަމަށްވާ ތަޢުލީމާއި ޞިއްހީ ޙިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ގިނައީ ބޭރު ޤައުމު ތަކުގެ މީހުންނެވެ. ރާއްޖެއަށް ވަންނަ ބޭރުފައިސާގެ ހައްޤުވެރިންނަކީ އެމީހުންނެވެ. ދިވެހިންގެ ނަމުގައި އައިސް ތިބޭ ބޭރު މީހުންނަށް ހުރިހާ ޚިދުމަތްތަކެއް އޮންނަނީ ހަމަޖެހިފައެވެ. ބަލި ވީމަ ބޭސް ކޮށްދެން ޖެހެނީ ދިވެހި މީހާއަށެވެ. އަހަރަކު އެއްފަހަރު ދިވެހި މީހާގެ ޚަރަދުގަ އެމީހުންގެ ޤައުމަށް އެމީހުން ފޮނުވަން ޖެހެއެވެ. ވިސާ ދެއްކުމާއި، ހުންނާނެ ތަނެއް ހަމަޖެއްސުމާއި، ކާންދިނުމަކީ އެމީހުންނަށް ދިވެހިން ކޮށްދެންޖެހޭ ކަންކަމެވެ.

ދެން އޮތީ އެންމެ މުޙިއްމު އެއް ހައްޤެވެ. ދިވެހިންނަށް ދިވެހި ރާއްޖެއިން އިންސާފު ލިބުމެވެ. ކުރާނެ ކަމެއް ނެތެވެ. ކޮންމެ ދުވަހަކީވެސް ކޮންމެވެސް ދިވެއްސެއްގެ ހައްޤު ނިގުޅައިގަނެވޭ ދުވަހެކެވެ. ދިވެހިންނަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި އުފައްދާފައިވާ މުޢައްޞަސާތައް އޮތީ ފެއިލް ވެފައެވެ. ކިތައްމެ ކުޑަ މައްސަލައެއް ނަމަވެސް އެތަށް އަހަރަކަށް ދެމިގެން ދެއެވެ. ގަސްތުގައި މަރާލެވިފައިވާ މީހުންގެ އަދަދު ބުނެދޭކަށް ނޭނގެއެވެ. ވީ ނުވީއެއް ނޭނގި ގެއްލިފައިވާ މީހުން މަދެއް ނޫނެވެ. މީހުންގެ އަބުރަށް އަރައިގަތުން ވަނީ އާއްމު ވެފައެވެ. މި ކަންކަމުގެ އިންސާފު ހޯދުމަށް ދެ ކޯޓު ދޭތެރޭ ހިނގަ ހިނގާ ވަރުބަލިވާފަހުން މެނުވީ އަޑުއެހުމެއް ތާވަލު ނުކުރެއެވެ. އިންސާފު ލިބޭނެކަމުގެ އުންމީދުވެސް އޮންނަނީ މަދު ކަމެއްގައެވެ.

ކަންމިހެން ހުރިއިރު އަދި އެއްފަހަރު މި ހުރިހާ ކަމަކާއި މެދު ފުންކޮށް ވިސްނާލަބަލާށެވެ. ދިވެހިން ފަޚުރުވެރިވުން ހައްޤުކަމެއް މި ދިވެހި ރާއްޖޭގައި އެބަ އޮތް ހެއްޔެވެ. އަދި އެއްފަހަރު ފިކުރުކޮށްލަބަލާށެވެ. ދިވެއްސަކަށް ވީތީ، މި ޤައުމުގެ ރައްޔިތަކަށް ވީތީ، އެއް ބަހަކުން ވާހަކަ ދައްކާ އެއް ޞަޤާފަތެއްގެ ބަޔަކަށް ވީތީ ހަމަ އެހާ ފަޚުރުވެރިވޭ ހެއްޔެވެ.؟

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގައުމުގެ ދަރިން

    ދިވެހި ދިދަ މަގުމަތީގައި ޖަހަން ނިކުމެ އެތިބީ ބިދޭސީން.

  2. އަލިތަކުރު

    އިރެއްގައިވިޔަސް މިހާރަކުނުވޭ. މިއީ ލައްކަވާހަކަ ކުދިންނޭ............

  3. ނުރަބޯ

    ވަރަށްތެދު ލިޔުމެއް. އިންސާފުހޯދަން ބޭނުންވާ ނިކަމެތި ފަގީރު މީހާ ދެ ކޯޓު ދޭތެރޭ ދެކޮޅަށް ދެކޮޅަށް ހިނގާހިނގާ ހުއްޓާ ތަނަވަސް މޮޅުމީހާ ވަލު ދޮރޯށިންވަދެ ބޭއިންސާފުން އިންސާފު ހޯދާލައިގެންވެސް ދަނީނޫންތޯ؟ ތިޔައީ މިއަދު މިގައުމުގެ ޙާލު.

  4. ައަހުމަދު

    އިރެއްގަ ވެސް ފަޚްރުވެރި ނުވޭ މި ކަހަލަ ގައުމަކަށް އުފަންވުމަކީ ވަރަށް ފަކްވާކަމެއް އަސްލުވެސް

  5. ޟުހައިލް

    ނުވޭ

  6. ޗިއްލޫ

    މިހާރަކުނުވޭ މީދިވެހިންގެ ރާއްޖެއެއްނޫން، މިއީ އިންޑާމީހުންގެ ތަނެއް މިތަނުގާ ދިވެހިންގެ ބާރު ދުވަހުންދުވަހަށް ދަށައްދަމުންދަނީ، ވަކިބައެއްގެ އަމިއްލަ މަސްލަހަތު ހިމާޔައްކުރުމަށް!

  7. Anonymous

    ދިވެއްސަކައް ވީތީ ފަހުރު ވެރިއެއްނުވޭ. މިއައްވުރެ ރަގަޅުވީސް އިނގިރޭސި މުސްލިމަކައް ވީނަމަވެސް