ކޯޓްތަކުގައި ތިއްބަވާ ޢާޒީންނާއި، ގައުމުގެ އަމަން އަމާންކަން ގާއިމްކުރުމަށް ތިއްބަވާ ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، މިނިސްޓަރ އިންނާއި، މަޖިލީހުގައި ތިއްބަވާ އެންމެހައި ބޭފުޅުންވެސް އެބޭފުޅަކާއި ހަވާލުކުރެވިގެންވާ މަސަތްކަތްތަށް އަދާކުރުމުގައި އަބަދުވެސް ދީނާއި ގައުމައް އިޙްލާސްތެރި ބަޔަށް ވާންވާއެވެ.

މިއަދު ރާއްޖޭގެ ހާލަތަށް ބަލާއިރު ރައްޔަތުން ތިބީ ނުހަނު ބިރުވެރި ކަމެއްގެ ތެރޭގައިކަން ފާހަގަ ކޮއްލެވެއެވެ. ރައްޔަތުންގެ ޝަކުވާ އަކަށް ވެފައިވަނީ ދައުލަތުގެ އިދާރާތައް ފަސާދައާއި ކޮރަޕްޝަނުގެ ތެރެއަށް ވެއްޓިފައިވާކަމުގެ ޝަކުވާއެވެ. އެގޮތުން ބަލާނަމަ، ކުށްކުރާ ކުށްވެރިންނަށް ހައްޤު އަދަބު ނުދެވުމާއި، އިސްލާމް ދީނަށް ހަޖޫޖަހަމުން ދާމީހުންނާމެދު ފިޔަވަޅު ނޭޅުމާއި، ވަޒީފާގެ ހައްގުވެރިން ނޫން ބަޔަކަށް ވަޒީފާތައް ދިނުމާއި، މިފަދަ އެތަކެއް ކަމެއް ކަރެޕްޓް ވެފައިވާކަމުގެ ޝަކުވާ އިންތިހާޔައް ރައްޔަތުން ދަނީ ކުރަމުންނެވެ. ނަމަވެސް މިކަމުގެ ހައްލަކީ ކޮބާ ތޯއެވެ؟

އާދެ! ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުން "ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ، ރައްޔަތުންގެ ކިބައިންނެވެ. އަދި މި ބާރުތަށް ދެމިއޮންނާނީ ރައްޔަތުންގެ ކިބާގައެވެ." އެހެން ކަމުން ދައުލަތުގެ އެންމެހައި ކަންތައްވެސް، ރަނގަޅުކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެންކަން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ. އަދި ހަމައެހެންމެ މިފަދަ އެންމެހައި ކަންކަންވެސް ރަނގަޅުކުރުން ފެށިގެންދާނީ ވެސް ހަމަ ރައްޔަތުންގެ ކިބައިންކަމަށް ޝައްކެއްނެތެވެ.

މިދުވަސްވަރު ރާއްޖޭގައި އެންމެ ފޯރިއާއެކު ކުރަމުންދާ ކަމަކީ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކެންޕެއިންގެ ކަންތައްތަކެވެ. އެގޮތުން ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާގެ ގޮނޑިއަށް އެކިއެކި ޕާރޓީ ތަކުންނާއި، އަމިއްލަގޮތުން ވާދާކުރުމަށް ނިންމައިފައިވާ މީހުންގެ އަދަދު ގާތްގަޑަކަށް، 250 އައްވުރެން މައްޗައްދާނެ ކަމަށްބެލެވެއެވެ.

އާންމު ކޮންމެ ރައްޔިތެއްގެ އެދުމަކީވެސް ދީނާއި ގައުމަށް ޢިޙްލާސްތެރި ބަޔަކު މަޖިލީހުގެ ގޮނޑީގައި އިށީނުމެވެ. އެހެން ނަމަވެސް، ގައުމުގެ ހާލަތަށް ބަލާއިރު، ބަޔެއް މީހުންނަކީ، ތިމާގެ ޖީބަށް، ތިމާއަށް ލިބިދާނެ ކުޑަ ވަގުތީ ފާއިދާއަކައްޓަކައި، ތިމާގެ އިޙްލާސްތެރިކަން ވިއްކާލާ ނުވަތަ ވޯޓް ވިއްކާލާމީހުންނެވެ. މިގޮތަށް ކަންތަށް ކުރުމުން އެމީހަކަށް ނޭނގި ނަމަވެސް އެވެވެނީ ދީނާއި ގައުމައް ބޮޑު ޚިޔާނާތެކެވެ. ސަބަބަކީ ތިމާ އެފަދައިން ތިމާގެ އެ ހައްގު އެވިއްކާލަނީ، ހަމަ އެފަދައިން އެއީ މީހެއްގެ މިނިވަން ހައްގެއްކަން އެނގިހުރެ އަދި ނުހައްގުން މީހެއްގެ ހައްގު ހޯދަން ރުފިޔާ ދިންމީހަކަށެވެ. އެހެން ކަމުން އެމީހަކު މަޖިލީގެ ގޮނޑީގައި އިށީނދެ ރައްޔިތުމީހާގެ ހައްގު އެމީހާގެ އަމިއްލަ ފައިދާއަށް ވިއްކާނެކަމީ ޝައްކެއްނެތް ކެމެކެވެ.

އެހެންކަމުން، ރައްޔިތުމީހާ މިހާރު ވިސްނަންވީ އެންމެ މުހިންމު ކަމަކީ، ކުޑަ ހިނދު ކޮޅެއްގެ އުފާ ހޯދުމުގެ ބަދަލުގައި، ތިމާގެ ހައްގާއި ދާއިރާގެ އެހެނިހެން ރައްޔަތުގެ ހައްގުވެސް ރައްކައުތެރި ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަބީބު

    ޙަޔާތްކުޑަގޮތުގައި ގޮނޑިވިއްކި އެކަކުވެސް މިފަހަރު ނުހޮވުމަށް ރައްޔިތުންގެ ކިބައިން އާދޭހާއެކު ދަންނަވަމެވެ.

  2. ކަޑަ

    އަހަރުމެންގެ އިހްލާސްތެރިކަން ވިއްކާނުލައި ވޯޓްދިން މީހުން ވެރިކަމަށް އަރައި މިގައުމުގައި އިންޑިޔާ ސަރުކާރުގެ ބާރު ބޮޑުކުރަނީ ދެން އަންނަން އޮތް ޒަމާނެއްގައިވެސް ސަލާމަތް ނުވެވޭހައި ބޮޑެތި އެއްބަސްވުންތަކުގެ ދަށުން.
    މެމްބަރުން ހޮވުމުން ރައްޔިތުންނާއި ގުޅުން ކެނޑުނީ. ދެން އޮޅިގެން ބަޓަންތަކަށް ފިތޭނީ. ކޮށްމެ މެމްބަރަކަށް ލިބޭމުސާރައިން ނުކުރެވޭ އެތައްކަމެއް ކުރާތަންފެނޭ.
    އަހަރުމެން ތާއަބަދަށް އިހްލާސްތެރިކަންމަތީ. މިމޫސުމުގައި ލިބޭ ބޮޑުމަހެއް ނޫނީ އަތަކުނުޖެހޭ. ދެން ކީއްކުރާ އިހްލާސްތެރިކަމެއް ؟