ގއ.ދާންދޫ ބްރީޒް، ޢުސައިދު ޙުސައިނާއި ޙުޒައިމާ ޢަބްދުﷲ ގެ ކައިވެންޏަށް ލިބިފައިވާ ހަތަރު ކުދިންގެ ތެރެއިން މަރިޔަމް އަލީނާ ޢުސައިދަކީ، އެންމެ ހަގު ކުއްޖާއެވެ. ދާންދޫގައި ދިރިއުޅެމުންގެންދާ މި ކުޑަކުޑަ އާއިލާގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަމުން އައީ، މަސްވެރިކަމުގެ މަސައްކަތުން ޢުސައިދަށް ލިބެމުން ދިޔަ ޢާމްދަނީންނެވެ. ގޭތެރޭގެ ކަންކަން ބެލެހެއްޓުމާއި، ދަރިންގެ ކަންތައްތައް ބެލެހެއްޓުމުގައި ޙުޒައިމާ އަކީ ނަމޫނާ މަންމައެކެވެ. ނަމަވެސް މިއަދު މި އާއިލާ މިވަނީ ތިޔަ ހުރިހާ ފަރާތްތަކުގެ ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ. ކުޑަ ކުޑަ، މަޢުޞޫމު އަލީނާ އަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށްޓަކައި، ތިޔަ ހުރިހާ ފަރާތްތަކެއްގެ ކިބައިން އަދާހާއި އެކު އެދެނީ، ވެވެން އޮތް މިންވަރަކުން ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ.

އަލީނާގެ ޢުމުރުން 4 އަހަރުގައި، އާދަޔާ ޚިލާފު ކަމެއް އަލީނާގެ ހަށިގަނޑުން ފާހަގަކުރެވެން ފެށިއެވެ. އަލީނާގެ ގައިގެ ކަށިތަކުގައި ރިއްސާފައި، އެއްވެސް ވަރަކަށް ހަށިގަނޑު ނުހިފެހެއްޓެނީއެވެ. އޭގެ ސަބަބުން ހިނގަން އުނދަގޫވެ، އަދި އެންމެ ފަހުން ހިނގުމުން މަޚޫރޫމުވެސް ވީއެވެ. އޭގެ ކުރިން އަލީނާ އަކީ އެހެން ކުދިންނެކޭ އެއްގޮތަށް ޞިއްޙަތު ރަނގަޅު ކުއްޖެކެވެ.

އާއިލާއަށް މި ލިބުނު ކުއްލި ޝޮކާއި އެކު، އެކަން މެދުވެރިވާން ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ވީ އެންމެ އަވަހަކަށް އަލީނާ މާލެ ގެނައެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަސް ތެރޭގައި، އައި.ޖީ.އެމް ހޮސްޕިޓަލްގައި އަލީނާގެ ޓެސްޓް ތައް ވަނީ ހަދާފައެވެ. ޓެސްޓް ތަކުގެ ނަތީޖާ އިން މުޅި އާއިލާ ވަނީ ކަރުނުން ތެއްމާލާފައެވެ. އަލީނާގެ ލޭގައި ވަނީ އިންފެކްޝަނެއް އުފެދިފައެވެ. އޭގެ އަސަރު ވަނީ ހަށިގަނޑުގެ ހުރިހާ ކައްޓަކަށްވެސް ކޮށްފައެވެ. މި ބަލީގެ އިތުރު ތަފްޞީލު "ވަގުތު" އާއި ޙިއްޞާކުރީ އަލީނާގެ އެއްބަނޑު އެއްބަފާ ދައްތަ، އައިޝަތު އަމާނީއެވެ.

"އެންމެ ފުރަތަމަ ބަލި ޑައިގްނޯސް ކުރެވުނީ މި ދިޔަ އަހަރުގެ އޯގަސްޓް މަސް ހިސާބުގައި. ޑޮކްޓަރުން ބުނީ ލޭގައި އިންފެންޝަނެއް އުފެދިފަ ހުރި ކަމަށް. އަދި އޭގެ ސަބަބުން ހަށިގަނޑުގެ ކަށިތަކަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް. އެންމެ ގިނައިން އެ އިންފެކްޝަން އުފެދެނީ ފައިގައި. ދެން ހުޅުހުޅުގައި އިންފެކްޝަން އުފެދުނީމަ ކޮއްކޮގެ ހުޅުތެރެ ގިރޭގޮތް ވަނީ. އަދި ފައިގަ ހުންނަ ކަށިތަކަށް ލޭގައި ހުންނަ އިންފެކްޝަންތައް ޖަމާވަނީވެސް." އަމާނީ ކިޔައިދިނެވެ.

އައި.ޖީ.އެމް ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ލިބުނު ނަތީޖާ އާއި މެދު ގޮތެއް ނިންމުގެ ކުރީގައި، ލޭގެ ސާމްޕަލް ވަނީ ރާއްޖޭން ބޭރަށްވެސް ފޮނުވާފައެވެ. އައި.ޖީ.އެމް ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ޤަބޫލުކުރެވުނު ގޮތުގައި، އެކަން އެގޮތަށް މެދުވެރިވާން ދިމާވި ސަބަބަކީ، ތައިރޮއިޑް ކަމަށް ބެލެވޭތީ، އިތުރަށް ޓެސްތައް ހަދަން ބޭނުންވީއެވެ.

"އައި.ޖީ.އެމް.އެޗުން ސާމްޕަލްތައް ފޮނުވީ އިންޑީޔާއަށް އިތުރަށް ޓެސްޓު ކުރަން. އެންމެ ފުރަތަމަ ބެލީ ތައިރޮއިޑްގެ މައްސަލައެއްކަމަށް. އައިޖީއެމްއެޗް އިން އިންޑިއާ އަށް ފޮނުވި ސާމްޕަލްތައް ޓެސްޓް ކުރުމުން އެނގުނީ ލޭގައި ކެންސަރ ހުރިކަން." ވަރަށް އަސަރާއި އެކު އަމާނީ ބުންޏެވެ.

ކަންމިހެންހުރި އިރު، އައި.ޖީ.އެމް ހޮސްޕިޓަލުން ލަފާ ދިނީ ވީ އެންމެ އަވަހަކަށް އަލީނާ ގޮވައިގެން އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. އިންޑިޔާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ވީ އެންމެ އަވަހަކަށް އަލީނާ ދެއްކުމަށެވެ.

"ޑޮކްޓަރުން ވަގުތުން ރެފާރ ކުރީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލަށްދާން. އާސަންދައިގެ އެހީގަ ދިއުމާއި އެކޮޅުގެ ބޭސް ފަރުވާގެ ކަންކަން ހަމަޖެހުނު. ދެން އެކޮޅަށް ގޮސް ބޯން މެރޯ ސާމްޕަލެއް ނަގާފައި ކެންސަރަށް ޓެސްޓް ކުރީ. އެހާ ހިސާބުން އެނގުނީ ލެއަށް ކެންސަރު ޖެހިފައި ހުރިކަން." އަމާނީ ކިޔައިދިނެވެ.

އަލީނާގެ މަންމަ އާއި ބައްޕަ މިވަގުތި ތިބީ އިންޑީޔާގެ އަމްރިތާ ހޮސްޕިޓަލުގައެވެ. އަލީނާއަށް ދެވެން އޮތް ފަރުވާއެއް އޭނާ އަށް ހޯދައިދެވޭތޯއެވެ.

"މިހާރު ކީމޯ ދެމުން އެ ގެންދަނީ. ކޮއްކޮ އެއްކޮށް ރަނގަޅުވާން ފަސް އަހަރު ނަގާނެކަމަށް ޑޮކްޓަރުން ބުނަނީ. ނަމަވެސް ހަ މަސްފަހުން ރާއްޖެ އާދެވޭތޯ މަންމަ އާއި ބައްޕަ އެ މަސައްކަތް ކުރަނީ. އެކަމަކު ބުނި، ރަނގަޅުވަމުން ނުދާކަމަށް ވަންޏާމު، އިތުރަށް މަޑު ކުރަންޖެހިދާނޭ. ހަމަސް ފަހުން އައިކަމުގަވިޔަސް، ކޮންމެ ދެ މަހަކުން އެއް ފަހަރު އިންޑީޔާއަށް ދާންޖެހޭނެ. މިހާރު ފަސްމަސް ވެއްޖެ ކޮއްކޮ ގޮވައިގެން އިންޑީޔާގައި ތިބޭތާ." އަމާނީ ބުންޏެވެ.

އިންޑީޔާއަށް ދިއުމާއި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު އާސަންދައިގެ ދަށުން ހަމަޖެހިފައި އޮތްކަމުގައި ވިޔަސް، އިންޑިޔާގައި ތިބުމާއި ކެއުމާއި، އަދި އެނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް، ފައިސާގެ އެހީތެރިކަމަށް އަލީނާގެ އާއިލާ އިން ވަނީ އިންތިހާއަށް ބޭނުންވެފައެވެ. އާއިލާގައި ތިބި ހަތަރު ކުދިންނަކީވެސް އަންހެން ކުދިންނެވެ. އެންމެ ދޮށީ އަމާނީއެވެ. އަމާނީވެސް އަދި ކިޔަވަނީއެވެ. އާމްދަނީ ލިބޭ މީހަކު އެ އާއިލާއަކު އަދިއަކު ނެތެވެ. އެހެންކަމުން، އެ އާއިލާގެ ހިތްހަމަޖެހުމާއި، ކުޑަ ކުޑަ އަލީނާގެ ހިނިތުންވުން ގުޅިފައި ވަނީ ތިބޭފުޅުންގެ ދީލަތި އެހީއާއެވެ. އެހީއެއް ވެދެވެން އޮތް ބޭފުޅެއްނަމަ ލަސްނުކުރައްވާށެވެ. އެހީއެއް ދެވެން ނެތް ނަމަ، ހެޔޮ ދުޢާ ކޮށްދެއްވާށެވެ.

އެކައުންޓް ނަމްބަރ؛ 7701155607101 (ޚާލިދާ ޢަބްދުﷲ)

ގުޅޭނެ ނަމްބަރ؛ ޙުޒައިމާ ޢަބްދުﷲ - 917994497194+

ޢުސައިދު ޙުސައިން - 918129674501+

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Mary

    ސަރުކާރޭ ކިޔާފައި މިތިބޭ ބަޔަކަށް މިފަދަ ނިކަމެތިންގެއަޑު އިވޭބާ. މިފަދަކަން ކަންކަމަށް ހުރިހާ ހަރަދެއް ކުރެވެން ޖެހޭނެ. ވަކި ސަރުކާރެކޭ ނުބުނަން. އެހެން ނަމަވެސް ޒަމާނުއްސުރެ ނިކަމެތި ރައްޔިތުން އުޅެން ޖެހެނީ މި ގޮތަށް ސަލާން ޖެހުމުގައި. ހަމަ އެކަނި ދެކޮޅު ޓިކެޓާ ބޭސް ދިނުމަކުން ނުފުދޭ.

  2. ފަންޑްފޮށި

    މިސަރުކާރުގެ ވައުދެ ފަންޑްފޮށި އުވާލުން. ބޭސްފަރުވާގެ ހުރިހށކަމެ ސަރުކާރުން ކޮއްދިނުން. ކޮބާ ވައުދުއޮތް ހިސާބެއިގޭބާ. އިއްޔެ ރިޔާސީބަޔާން ނިމުނުއިރު ބޭސްފަރުވާގެ ނަންވެސް ނުކިޔާ. ސޯލިހުގެ ސަރުކާރު ދަމަހައްޓަން ހުވާކުރާ އިމުރާނާ މައުމޫނާ ގާސިމާ މިމީސް މީހުންގެ ޕާޓީމީހުންނަ ވޯޓުނުދޭންވީ މިވެރިކަން ގެނައީ ދޮގާ މަކަރާ އޮޅުވާލަމުން ގައުމުގެ މިނިވަންކަން ވިއްކާލާފަ. މާތްﷲ ތިކުޑަދަރިފުޅަށް އަވަސް ޝިފާ ދެއްވާށި. އާމީން.

  3. ފަ ޤީރުކޮއެ

    ﷲ އާ މެދު އުންމީދު ކުރޭ
    ކަލާންގެ އަތްޕުޅުގައި ވަނީ ފުރިހަމަ ބާރު

    1
    1
  4. ނަން ނޭންގޭ

    ﷲ މިކުޑަކުއްޖާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން.

    1
    2
    • މީ

      ޔާﷲ އާމީން

  5. ދެރަވޭ

    މާތްﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން.

  6. މުހައްމަދު ސަރޫފް

    މާތްﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން.

  7. ނޭގޭ

    ﷲމިކުޑކުއްޖާއައްއަވަސްސިފާއެއްދެއްވާންދޭ

  8. އާދޭސް

    ތުއްތު ކުދިންނަށް މިފަދަ ކެންސަރ ތައް ޖެހުމުގެ ސަބަބެއް ކަމުގައި އެކުދިންނަށް ޖަހާ ނެޕީގައި ކެންސަރ ޖައްސާ މާއްދާއެއް ހުރުން ކަމުގައި ދިރާސާތަކުން ދައްކާފައި ވާއިރު މިފަދަ އެތައް ކަމެއް އަހަރެމެންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމަށް ވަނީ. އެކަންކަމަށް ހޭލުންތެރި ކުރުވުމަށް ބާރު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން.

  9. މަރޫ

    އަވަސް ޝިފާއެއް ދެއްވާށި. އާމީން

  10. ފާތުން

    ޝިފާއަކއްﷲ ދަރިޔާ،