ސްކޫލަށް ގޮސް ކޮންމެވެސް ވަރަކަށް ކިޔެވުނީތީ ހުރަވީ ދުވަސް އަންނަކަން އެނގެއެވެ. ސްކޫލަށް ދެވުނީތީ "ދޮން ބަންޑާރައިން" އޭ ކިޔާ މީހަކު އުޅުނުކަންވެސް އެނގެއެވެ. އެހެންނަމަވެސް، މިހާރު އެކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. އަމުދަކުން އެއީ "ބެހޭ ކަމެއްވެސް ނޫނެވެ".

މިއީ މިއަދު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ބައެއް މީހުންގެ ހާލަތެވެ. ޤައުމިއްޔަތު ދިރުވުމަށް އަންނަ ޤައުމީ ދުވަސްތައް އެއްގޮތަކަށްވެސް ނޭނގެއެވެ. އެފަދަ ދުވަހެއް އައިސް ދިޔަކަމުގައިވިޔަސް ނޭނގެއެވެ. ސަރުކާރުން އެދުވަހެއް ފާހަގަ ކުރާނެތާއެވެ. ރައްޔިތުން ދެން ކޮންމެހެން އެކަމާމެދު ވިސްނާނެކަމެއްވެސް ނެތްތާއެވެ. ޓީވީއަށް ދެ މީހަކު އަރާ ކޮންމެވެސް އަނގައެއްވެސް ތަޅާނެތާއެވެ.

ޤައުމީ ދުވަސްތައް ހަނދާން ނެތެނީ، ކީއްވެ؟

ޝައްކެއްވެސް ނެތްގޮތުގައި ދިވެހިން ދަނީ އެމީހުންގެ ޤައުމީ ދުވަސްތައް ހަނދާން ނެތެމުންނެވެ. ޖުލައި 26 އާއި ނޮވެމްބަރު ތިނެއް ނޫނީ އެހެން ދުވަހެއް ރަނގަޅަށް ހަނދާނެއް ނުހުރެއެވެ. ޖުލައި 26 އާއި ނޮވެމްބަރު 3 ގެ ތާރީޚު އެނގުނުކަމުގައިވިޔަސް ގިނަ މީހުންނަށް އެއީ ކޮން ދުވަހެއްކަން ނޭނގެއެވެ. މިނިވަން 50 ގެ ސަބަބުން އަދުގެ ޒުވާނުންނާއި ކުޑަކުދިންނަށް އެއީ މިނިވަން ދުވަސްކަން އެނގުނުކަމުގައިވިޔަސް، ނޮވެމްބަރު ތިނަކީ ޝަހީދުންގެ ދުވަސްކަމަށް ހީކުރާ ޒުވާނުންވެސް ގިނައެވެ.

މިފަދައިން ކަންތައް ދިމާވާން މެދުވެރި އެއް ސަބަބަކީ ޝައްކެއްވެސް ނެތްގޮތުގައި ސަރުކާރުތަކުން މި ދުވަސްތައް ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނެތުމެވެ. ދުވަސް ފާހަގަކުރާ ވައްޓަފާޅި، ޒަމާނަށް އަންނަ ބަދަލާއެކު ބަދަލު ކުރަމުން ނުދިއުމެވެ.

2015 ވަނަ އަހަރު ފާހަގަކުރި މިނިވަން 50ގެ ކުރިން، އޭގެ ހަތްވަރަކަށް އަހަރު ކުރިން ފެށިގެން އެދުވަސްވެސް ފާހަގަ ކުރަމުން އައީ ޒުވާނުންގެ ބަހުރުވައިންނަމަ ވަރަށް "ވައި" ކޮށެވެ. އެފަދަ އެހެން ދުވަސްތައް އަދިވެސް ފާހަގަ ކުރަމުން ދަނީ ހަމަ އެވައިކަންމަތީގައެވެ. ޤައުމީ ދުވަހެއް އައިކަން މަގުތައް މަތިން ނޭނގޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެންނަމަވެސް، ބައެއް ރަށްރަށުގައި ހުންނަ ސަރުކާރު އޮފީސްތަކުން ވަށައިގެން ދިދަޖަހާލާ އުޅެއެވެ.

ހަމައެހެންމެ، ޖަލްސާއެއް ބާއްވާލާފައި ނިންމުމުގެ ވިސްނުން ސަރުކާރުން ގެންގުޅުމަކީވެސް މިފަދަ ދުވަސްތައް ހަނދާން ނެތި، އެފަދަ ދުވަސްތައް ހަނދާން ކުރުމަށް ޒުވާނުން ފޫހިކުރުވި އެއް ސަބަބަކެވެ. އެހެންނަމަވެސް، މި އަހަރު ބޭއްވި ޖަލްސާގައި، ޒުވާން ތާރީޚު ދިރާސާކުރާ ފަރާތެއްގެ މޮޅު ވާހަކައަކީ އެތައް ބައެއްގެ ޝައުގު ދަމައިގަތް ކަމެކެވެ. އެކަން ހަމަ ވަރަށް ސަޅިއެވެ.

ކުރީމާ ކުރެވޭނެ، ސަބަބަކީ މިއީ

މިއީ މީސް މީޑިޔާގެ ޒަމާނެއެވެ. ހުރިހާވެސް އެއްޗަކީ އެއީއެވެ. ސަރުކާރުންވެސް ތަންކޮޅެއް ބޮޑަށް މީސް މީޑިޔާ ވެލަން ވެއްޖެއެވެ. ޒުވާނުންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގަންނުވަން މީސް މީޑިޔާ އާއި ޒުވާން ހުނަރު ބޭނުން ކުރަންވެއްޖެއެވެ. ސަރުކާރު އޮފީސްތަކުގެ އިއުލާންތަކުގެ އެއްކަނުގައި ޝިއާރު ލިޔާ ވިސްނުން ދޫކޮށްލަންވެއްޖެއެވެ – މި ބުނީ އެއީ ގޯސްކަމެކޭ ނޫނެވެ.

މި ނިމިގެންދިޔަ ހަފްތާގެ ތެރޭގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ކެންސަރު ބަލީގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށެވެ. ރީތި ބޯޑުތަކެއް ހިފައިގެން އެތައް ބަޔަކު ހުއްޓި ފޮޓޯތައް ނެގިއެވެ. އެކަން ނުކުރުމަކީ ލަދުގަންނަ ކަމެއްކަމަށްވާވަރަށް އެކަން އާއްމުވެގެން ދިޔައެވެ. ސްކޫލުތަކާއި އޮފީސްތަކާއި ކުންފުނިތަކުންވެސް އެކަމަށް އެއްބާރުލުން ދީ އާނ ބަސް ބުންޏެވެ.

އެހެންކަމުން ހުރަވީ ދުވަސްފަދަ ޤައުމީ ދުވަހެއްގައިވެސް އެކަން ނުކުރެވެންވީ ކީއްވެގެންބާއެވެ. ދުވަހާ ގުޅުންހުރި، ކުރިން ނޭނގޭ މައުލޫމާތެއް ފޯރުކޮށްދެވޭނެ ގޮތަށް، ޒަމާނީ ކޮށްލައިގެން ބޮޑު މީސް މީޑިޔާ ކެމްޕޭނެއް ފެށުމަކީވެސް ހަމަ ކުރެވިދާނެ ކަމެކެވެ. ދުވަހާ ގުޅުވައިގެން ގިނަ ބަޔަކު އެއްގޮތަކަށް ފޮޓޯ ނަގަން ފެށުމަކީ ހަމަގައިމުވެސް، "ވައިރަލް" ނުވެ ނުދާނެ ކަމެކެވެ.

ދެން އޮތީ ޓީވީ ޝޯވތަކުގެ ވާހަކައެވެ. މީޑިޔާ ވަސީލަތްތަކުގެ ތެރެއިން އަދިވެސް އެންމެ އަޑުގަދައީ ޓީވީއެވެ. ކަމުންކަން ފަށާ ހުރިހާ އުމުރެއްގެ މީހުން ބަލަނީވެސް ޓީވީއެވެ. އެހެންނަމަވެސް، މިފަދަ ޤައުމީ ދުވަހެއް އައިސްފިނަމަ، ޓީވީން ކުރާ ކަމަކީ ދެ މީހަކު އަރުވައިގެން ޓޯކް ޝޯވ ބާއްވައިގެން މީހުން ފޫހިކޮށްލުމެވެ. އޭގެ ބަދަލުގައި މިފަހަރު ސަމާލުކަން ލިބުނު ޒުވާން ތާރީޚު ދިރާސާކުރާ ފަރާތްތައް ފަދަ މީހުން އަރުވައިގެން އެއަށްވުރެ "އިންޓްރެސްޓިންގ" ކޮށް އެކަން ކުރަން ވެއްޖެއެވެ. ބައެއް ފަހަރު އެފަދަ ޕްރޮގުރާމުތައް ބަލަން މީހަކު ނޫޅޭކަން ހަމަ ޕްރޮގުރާމުތައް އުފައްދާ މީހުންނަށް ނޭނގެނީބާއޭވެސް ހިތަށް އަރައެވެ.

ސަރުކާރުން މިކަން ރަނގަޅު ކުރަންވެއްޖެ

ޒަމާނީ އުކުޅުތައް މިކަމުގެ ތެރެއަށް ވައްދައިގެން، މީސް މީޑިޔާ ކެމްޕޭންތައް ފައްޓައިގެން، އިންސްޓަގްރަމް ފޮޓޯ މުބާރާތްތައް ކުރިއަށް ގެންގޮސްގެން، ޤައުމީ ދުވަސްތަކުގެ އަޑު ތަންކޮޅެއް ގަދަކޮށްލަންވެއްޖެއެވެ.

އުންމީދަކީ ކޮމިޓީއެއް އުފައްދައިގެންވިޔަސް މިފަދަ ކަންކަން ތަންކޮޅެއް ރަނގަޅު ކޮށްލުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަގްލީ ބެޓީ

    މާރިޔާ ބުނި އެއްޗަކުން ސިފައިން އެތިބީ ކުލަބަރި ޖެހި ޔުނިފޯރމް ލާން ލަދުން. އަހަރުމެން ނިކުމެ ތިދުވަސް ފާހަގަ ކުރަން ދައްކާ ހިތްވަރުގަދަ ވާހަކަ ދައްކައިފިއްޔާ އެވާހަކަ ގަބޫލު ކުރާނޭ ގޮތެއް އަދި މީހެއްވެސް ނެތް. މޑޕ މީހުން ގިނައީ އެމީހުންނަށް އެވާހަކަ ވާނީ ބޮޑު ޖޯކަކަށް. ޢެއީ މާރިޔާ އެއޮތީ އެކަން ސާފުކޮށްދީފައި

  2. ޢިބްރާ

    ހުރަވީދުވަހަކީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަރައި ވަރަށް މޯޓިވޭޓްކޮށްލައި ސިފައިންގެ ހައިބަތު ދައްކާލައި ކުރީގެ އަބްތާލުންގެ މިސާލުން ހިތްވަރު ދެއްވަން ޖެހޭ ދުވަހެއް.
    ޢަދި އިންޑިޔާގައި ދެއްކިވާހަކަޔަށް މައުފަށްވެސް އެދެންޖެހޭ ދުވަހެއް.

  3. އަހުމަދު

    މިރާޖޭގެ މިހާރު އަސްލު ފުލުހުންނަކީ އިނޑިޔާ ސިފައިން ރާއްޖޭގެ ސިފައިނާއި ފުލުހުންނަކީ އިންޑިޔާ ސިފައިންގެ ބޫޓުގެ ދައްފު ދުދަށް އޮވެގެން ދުލުން ސާފުކުރަން މާރިޔާ ގިވް ގިވް ބާތިއްބާފަ ތިބި ބައެއް