ގއ.ދާންދޫއަށް އުފަން މާޝިޠާ ޢަބްދުﷲ އަކީ މިއަދު އެކަނިވެރި މައެކެވެ. ދެ ކުދިންގެ މަންމަ އެކެވެ. ޢުމުރުން 12 އަހަރުގެ މާޒިލް އާއި ޢުމުރުން 9 އަހަރުގެ އައިމިނަތު މިޝްޔާ ގޮވައިގެން އެކަނި މާ އެކަނި، މާޝިޠާ އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. އެ ދެ ކުދިންގެ ބައްޕަގެ ފަރާތުން އެހީތެރިކަމެއް ނުލިބޭތާ، އެ ކުދިންގެ ހާލުވެސް ބަލާނުލައެވެ.

މާޒިލް އާއި މިޝްޔާ އުފަންވިތާ ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި އެ ދެ ކުދިންނަށްވެސް އެއް މައްސަލައަކާއި ކުރިމަތިލާން ޖެހުނެވެ. ކަންފަތަށް އަޑު ނީވޭކަން ފާހަގަކުރެވެން ފެށިއެވެ.

"ފިރިހެން ދަރިފުޅަށްވެސް އަންހެން ދަރިފުޅަށްވެސް ހަމަ އެއް މައްސަލައެއް އެއް ޢުމުރެއްގަ ދިމާވީ. ހަމަ އެ ދެ ކުދިންގެ ޢުމުރުންވެސް ގާތްގަނޑަކަށް އެއް އަހަރު ވާނީ. ކަންފަތަށް އަޑު ނީވެން ފެށީ. އެކަމަކު ވަރަށް ބާރަށް ގޮވާލީމަ ބަލާލާނެ." މާޝިޠާ "ވަގުތު" އާއި މި މަޢުލޫމާތުތައް ޙިއްސާކުރިއެވެ.

އެ ދެކުދިން ބަލަމުން ދިޔައީ އެކަނި މާ އެކަނި ކަމަށްވިޔަސް، އެގޮތުގައި އެ ކުދިން ބޮޑުވާ މަންޒަރު ބަލަހައްޓައިގެން ހުންނަން މާޝިޠާއަކަށް ކެތެއް ނުވިއެވެ. އެހީތެރިކަން ހޯދުމަށް އެންސްޕަރއަށާއި، އެކި އެކި ފަރާތްތަކަށް ސިޓީތައް ފޮނުވުމާއި، އެހީތެރިކަމަށް އެދި މީހުން ކައިރި ސަލާން ޖެހުމުގައި އޭނާގެ ހުރިހާ ވަގުތެއްވެސް ހޭދަ ކުރިއެވެ.

"އަޅުގަނޑު ބޭނުންވީ ދެ ކުދިން ގޮވައިގެން އިންޑިޔާއަށް ދާން. ހަމަ އެކަނި މާއެކަނި އެ މަސައްކަތް ކުރީ. މީހުން ކައިރި އާދޭސްކޮށް ސަލާން ޖަހައިގެން ކޮންމެވެސް ވަރެއްގެ އެހީ އެއް ލިބުނު. އަދި އެންސްޕާރ އިން ވެސް އެހީތެރިކަން ފޯރުކޮށްދިން. ވަރަށް ދުވަސްފަހުން އަޅުގަނޑަށް އިންޑިޔާއަށް ދެވޭގޮތް ވީ. އިންޑިޔާއަށް ދެއްކީމަ ބުނީ ދެ ކުދިންގެވެސް ކަންފަތަށް އަޑު ފޮނުވައިދޭ ނާރު ހުރީ ފިތިފަކަމަށް. ދެން ޑޮކްޓަރުން ބުނީ އޮޕަރޭޝަން ކުރާށޭ ޖެހޭނީ. އަދި ވީހާވެސް އަވަހަށް އޮޕަރޭޝަން ކުރުމުން ޑޮކްޓަރުން އިރުޝާދު ދިނީ." މާޝިޠާ ކިޔައިދިނެވެ.

އެކަނިވެރި މަންމައެއްގެ ޙައިޞިއްޔަތުން މާޝިޠާ ކުރި މަސައްކަތުން، އެ ދެ ކުދިންގެ އޮޕަރޭޝަން ކުރެވުނު އިރު، މާޒިލްގެ ޢުމުރުން 6 އަހަރު ވެއްޖެއެވެ. އަދި މިޝްޔާގެ ޢުމުރުން 3 އަހަރު ވެއްޖެއެވެ. އެ ދެކުދިންގެ އޮޕަރޭޝަންވެސް ކުރީ އިންޑިޔާގެ ކިމްސް ހޮސްޕިޓަލުގައެވެ. އެ ދެ ކުދިންގެ އޮޕަރޭޝަންވެސް ކުރީ އެއް ވަގުތެއްގައެވެ.

"ވަރަށް އަގު ބޮޑު އޮޕަރޭޝަނެއް މީ. ކޮންމެ ކުއްޖަކަށް ފަނަރަ ހާސް ޑޮލަރު ދީގެން އޮޕަރޭޝަން ކުރީ. އެ ފައިސާ ދިނީ ސަރުކާރުން. ދެން ހުރުމާއި ކެއުމުގެ ކަންކަން ހަމަޖެއްސީ އެހީދެއްވާ ފަރާތްތަކުގެ އެހީ ހޯދައިގެން. އޮޕަރޭޝަން ކުރުމަށްފަހު، ދެ ކުދިންގެ ކަންފަތަށްވެސް މެގެނެޓިވް އެއް ލެއްވީ. ދެން ކަންފަތުގެ ބޭރުގަ އަޅުވާފަ އިނީ ހިޔަރިންގ އެއިޑެއް. އެކަމަކު ފިރިހެން ކުއްޖާގެ އުނަގަނޑުގަ ބެލްޓެއް އަޅުވާފަ ފަހަތުގަ ހަރުކުރީ ބެޓެރިއެއް. ދެން ކޭބަލް އެއް، ޑިވައިސް އަކާއި ގުޅައިގެން އަޑު އިވޭގޮތަށް ހެދީ. ދެން އޭނަ ބޮޑުވަމުން ދިޔަ ވަރަކަށް ބެލްޓް ބާރުވެ، ބެލްޓްވެސް ހަލާކުވީ. އެ ބެޓެރިއަށް ހޫނު ވެގެން ދަރިފުޅުގެ ބުރަކަށި ހަންގަނޑުވެސް ވަރަށް ބޮޑަށް ހަލާކުވެފަ ހުރީ." ވަރަށް އަސަރާއި އެކު މާޝިޠާ ކިޔައިދިނެވެ.

މާޝިޠާގެ ފިރިހެން ދަރިފުޅަށް އުފުލަން ޖެހިފައި އެވާ ތަކުލީފުން އޭނަ ސަލާމަތް ކުރުމަށްޓަކައި ކެނޑިނޭޅި އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ.

"އެ ބޮޑު ބެޓެރި އަޅުވައިގެން އުޅެން ކިހާ އުނދަގޫވާނެތޯ؟ އެހެންވެ އަޅުގަނޑަށް ކެތް ނުވެގެން އަނެއްކާވެސް އެކި އެކި މީހުންނަށް ސިޓީ ފޮނުވާ، އާދޭސް ކޮށްހެދިން، އޭގެ ކުޑަ އެއްޗެއް ހޯދުމަށް. އަންހެން ދަރިފުޅަށްވެސް ހަމަ އޭގެ އެއްޗެއް އެމީހުން ދީފަ އިނީ. ވަރަށް ކުރު ކޭބަލް ކޮޅެއް އިންނާނީ. ދެން ކަންފަތު ބޭރުގަ އެ ހިޔަރިންގ އެއިޑް އިންނާނީ. ޗާޖު ދިޔައީމަ ޗާޖު ކޮށްލަންޖެހޭ ގޮތަށް އެ ހަދާފަ އިންނާނީ. އޭގެ އެއްޗެއް ލިބެނީ އަށް ހާސް ޑޮލަރަށް." މާޝިޠާ ކިޔައިދިނެވެ.

މިފަހަރުވެސް އެކި އެކި މީހުން ދިން ފައިސާގެ އެހީއާއި އެކު އެކަންވެސް އެ ދެކުދިންނަށް ކޮށްދިނީ އެ އެކަނިވެރި މަންމަގެ ބުރަ މަސައްކަތުންނެވެ.

މިވަގުތަށް މާޝިޠާގެ އޮތީ އެންމެ ކަންބޮޑު ވުމެކެވެ. އެ ދެކުދިންގެ ކަންފަތުގައި އަޅުވާފައިވާ ހިޔަރިންގ އެއިޑް އަށް އެކި އެކި މައްސަލަތައް ދިމާވެ، ހަލާކުވުމާއި ގާތް ވުމެވެ.

"އޭގަ ހުންނަނީ ޗާޖު ކުރާ ބެޓެރި. ދެން ރޭގަނޑު ނިދާއިރު އެހެން އެއްޗަކަށް ލާފަ މި ބައިންދަނީ އެ ދޭތި ސާފުކުރަން. ވަރަށް ސެންސިޓިވްކޮށް ހަދާފަ ހުންނަ އެއްޗެއް އެއީ. އެއަށް އަޅާފަ ހުންނަ ޕްރޮގްރާމުގެ މައްސަލައެއް ދިމާވިޔަސް މި ޖެހެނީ ބޭރަށް ދާން. ރާއްޖެއަކުން އެއްވެސް ކަމެއް ކުރެވޭކަށް ނުހުރޭ. ދެން މި ޖެހެނީ ކޮންމެވެސް މީހެއްގެ ފައިބުޑަށް ވެއްޓި ސަލާންޖަހަން." މާޝިޠާ ބުންޏެވެ.

އެ ކުދިންގެ ކަންފަތަށް އަޑު އިވެނީ އޭގެ ޒަރިއްޔާއިން ކަމަށްވާތީ، އެ ދޭތި ހަލާކުވެ، އޭގެ އެއްޗެއް ނުލިބި ފާއިތުވާ ކޮންމެ ދުވަހަކީ އަޑު އިވުމުން އެ ކުދިން މަޙުރޫމު ވާ ދުވަހެކެވެ. އެހެންކަމުން މިއަދު މާޝިޠާގެ އެންމެ ބޮޑު އެދުމެއް ކަމަށް ވެފައިމިވަނީ އޭގެ އިތުރު ދޭތި ހޯދުމެވެ. ހަލާކުވުމުގެ ކުރިން، އެ ދެކުދިންގެ މުޞްތަޤުބަލަށްޓަކައި ދެ ހިޔަރިންގ އެއިޑް ލިބޭތޯ މަސައްކަތް ކުރުމެވެ.

"އަޅުގަނޑު ކިހިނެއްތޯ މި ކުދިން މި ހާލަތުގަ ދޫކޮށްލާފަ ވަޒީފާއަށް ދާނީ. އެކަނިވެރި މައިންނަށް ދޭ ފައިސާއެއް އަޅުގަނޑަކަށް ނުލިބޭ. ސަރުކާރުން ދެނީ ކޮންމެ ކުއްޖަކަށް ދެ ހާސް ރުފިޔާ. ދެން މާލޭގަ ކުލި ދައްކައިގެން އުޅެން މި ޖެހެނީ. މި ކުދިންގެ ބައްޕަގެ ފަރާތުން އެއްވެސް އެހީއެއްނުލިބޭ. ޒަކާތު ފަންޑަށްވެސް އެހީއަށް އެދި ބައިވަރު ސިޓީ ފޮނުވާފަ ވާނީ." މާޝިޠާ ބުންޏެވެ.

މިއީ، ބައްޕައެއްގެ އެހީ އަކާއި ނުލާ، ކުޑަ ދެ ކުދިން ބަލަމުންދާ މަންމައެއްގެ ހިތުގެ އުދާސް ތަކެވެ. ދެން އޮތީ ތިބޭފުޅުންގެ ދީލަތި އެހީތެރިކަން މި ކަމުގައި ފޯރުކޮށްދެއްވުމެވެ. އެ ކުދިންނަކީވެސް މުޖުތަމަޢު ބަލައިގަންނަ ކުދިންތަކަށް ހެދުމަށްޓަކައި މާޝިޠާ އެ ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެއީ ތަޢުރީފު ހައްޤު މަސައްކަތެކެވެ.

އެކައުންޓް ނަމްބަރ ( އިސްލާމިކް ބޭންކް ) -

އެކައުންޓް ނަން؛ މާޝިޠާ ޢަބްދުﷲ

ގުޅޭނެ ފޯނު ނަމްބަރ؛ 9505447

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަން

    ދެން ކީއްކުރަންތަ މިޓާ ހުންނަނީ. ރަށުގަ ހުރެގެން ގޮތެއް ވޭތޯބަލަމާ. މިތާ ހުރީމަ ހަމަ އިތުރު ލާރި

    13
    13
  2. މީ

    ސުބުހާނަﷲ

  3. މަލީހު

    މިކުދިންގެ މަންމަ މިކުދިންގެހާލަށް މިހާބޮޑުގުރުބާނީއެއްވާއިރު މިކުދިންގެބައްޕަގެހިތުގައި ރަހުމުގެ
    ކަންފުޅެއްވެސްނެތީތޯ މިހެންމިބުނި މަޝިތާގެ ބަސްތައްއަޑުއިވިފަ މަންމައަކު ދަރިންނަށްޓަކައި
    ވާގުރުބާނީއެގި ބައްޕަ ދަރިންނަށް އަޅާނުލާތީ އަހަރެމީ ބައްޕައެއް ނަމަވެސް މިކުދިންގެ ބައްޕަ
    އެއްނޫން ނަމަވެސް އަހަރެންދެރަވެ ފެންކަޅިވީއިރު މިކުދިންގެ ބައްޕަގެހިތަކީ .......

    10
    1
  4. ޓީޗަރު

    ޙުސްތެދެއްނޫން. މިކުދިން ކުރިން ކިޔެވި ސުކޫލު ޓީޗަރުންނަ އިގޭ އެކުދިން ގެ ބައްޕަ އެހީވާކަން. ޙަގީގަތް އިގޭތީ މިބުނީ. ސަރުކާރުން 3ކޮޓަރީގެ ފުލެޓް ކޮންމެމަހަކު 4000 ރުފޔާ. ޙިލޭބޭސް ފަރުވާ. ޢަދިވެސް ލާރި. ބޯހަލާކު..

    1
    3