މީހުން ކުރާ ތަފާތު މަސައްކަތުގެ ވާހަކަދައްކާލަން އެބަ ޖެހެއެވެ. ތަފާތު މަސައްކަތުގެ ތެރެއިންވެސް ގިނަ ބައެއްގެ ލޮލުގައި އަޅާގަތް މަސައްކަތަކީ ގެއެއްގެ ވަށާފާރު ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކެކެވެ. މީސް މީޑިއާގައި މި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

މިއީ ކ. ކާށިދޫ ހަނދުވަރީ ގޭގެ ވަށާ ފާރެވެ. ބޭނުންކޮށްފައި ވަނީ އެތައް ސަތޭކަ ހުސް ފުޅިއެކެވެ. ބަލާލަން ހިތްގައިމު މި މަސައްކަތަކީ ތިން ދުވަހުގެ މަސައްކަތެކެވެ.

ގޭގެ ވެރިފަރާތް ކަމުގައިވާ އިބްރާހިމް ޒާހިރު ބުނީ، އެގޮތަށް ގޭގެ ވަށާ ފާރު ހަދަން ބޭނުންވީ ޔޫޓިއުބް މެދިވެރިކޮށް ފެނުނު ވީޑިއޯއްގެ ސަބަބުން ކަމަށެވެ. ވީޑިއޯގައި އެފަދަ ޑިޒައިނެއް ފެނުމުން އެކަން ރީތިވެ، މަސައްކަތް ފެށިކަމަށް ޒާހިރު ބުންޏެވެ.

"އެއް ދުވަހަކު ފޯނުން ޔޫޓިއުބް ބަލަމުން ރޭނުމުގެ މަސައްކަތެއް ކުރަމުންދަނިކޮށް ފެނުނީ އަޅުގަނޑަށް އޭގެ އެއްޗެއް، ދެން އަޅުގަނޑަށް އެ ރީތިވީ، އެހިސާބުން މަސައްކަތް ފެށީ،" ރޭނުމުގެ މަސައްކަތް ކުރަމުން އަންނަ ޒާހިރު ބުންޏެވެ.

ޒާހިރު ހަދާފައިވާ ފައިރު، ގޭގެ ގޭޓާ އިންވާ ދިމާ --- ފޮޓޯ/ މީސް މީޑިއާ

އޭނާ އެ މަސައްކަތަށް ބޭނުންކޮށްފައި ވަނީ ހުސްކުރި ތާޒާ ފެންފުޅިތަކެވެ. ފުޅީގެ ފަހަތް މަގުމައްޗަށް ފެންނަން ހުންނަހެން، ފުޅީގެ މަތިގަނޑު އިންނަ ބައި ހުންނަނީ ގޭގެ ތެރެއަށް ވާހެންނެވެ.

ޒާހިރު ބުނިގޮތުގައި، އޭނާ އެ މަސައްކަތް ފަށައިގަތުމަށް ރަށުގެ ރެސްޓޯރެންޓްތަކާއި ވާހަކަދައްކައިގެން ފުޅި ލިބޭގޮތް ހެދިއެވެ. އަދި ގިނަ ބަޔަކު އެކަމަށް އިޖާބަދީ އޭނާގެ ގެއަށް ބޮޑެތި ކަޅު ކޮތަޅުތައް ފުރާ ފުޅިތައް ގެނައެވެ.

ޒާހިރު ބުނީ، އެ ފުޅިތައް ބޭނުންކޮށްގެން ގޭގެ ވަށާފާރު އެއްކޮށް ހަދަން ބޭނުންވެގެން ފެށި އެ މަސައްކަތަށް ރެސްޓޯރެންޓްތަކުގެ އެއްބާރުލުން ލިބި، ގެނައި އެތައް ސަތޭކަ ފުޅިއާއެކު މަސައްކަތް ފަށައިގެން ތިން ދުވަސް ތެރޭގައި އެ މަސައްކަތް ނިންމާލި ކަމަށެވެ. އަދި އޭނާ އުއްމީދު ކުރަނީ އަދި އިތުރަށް ފުޅި ބޭނުންކޮށްގެން އެ ވަށާފާރު އުސްކޮށްލުމަށް ކަމަށްވެސް ޒާހިރު ބުންޏެވެ.

"އެއިން ގޮޅިއެއްގައި ހުންނާނެ ޑަސްޓްބިން ބޮޑު ދެ ކަޅު ކޮތަޅެއްގެ ފުޅި ހުންނާނެ. މި ފުޅިތައް އެއްކުރީ ކެފޭތަކަށް އޯޑަރު ދީގެން، އެ މީހުން ވަރަށް ރަނގަޅަށް އެކަން ކުރި، އަދި ގެއާއި ހަމައަށް ފުޅިތައްވެސް ގެނެސްދިން"، އޭނާ ބުންޏެވެ.

ޒާހިރުގެ ޑިޒައިން: އޭނާ ބެލީ ޔޫޓީބުގެ ވީޑިއޯއެއް --- ފޮޓޯ/ މީސް މީޑިއާ

ޔަގީނުންވެސް ޒާހިރުގެ މި މަސައްކަތް ފެނިގެން ގިނަ ބަޔަކު އެ ވާހަކަދައްކާނެއެވެ. އަދި ޒާހިރުގެ އެ ކްރިއޭޓިވް މަސައްކަތް ބަލައިވެސް ގަންނާނެއެވެ. ޒާހިރުގެ އެފަދަ މަސައްކަތުގެ ތެރެއިން އޭނާއަކީ ފުޅިން އެކި އެއްޗެހި ހަދާ އުޅޭ މީހެކެވެ. އެގޮތުން ސްކޫލް ކުދިންނަށް ފުޅި ބޭނުންކޮށްގެން މާ ފަދަ އެއްޗެހި ހަދާފައި ހުންނާނެކަން ފާހަގަކުރިއެވެ.

މިހާރު ކާށިދޫގައި މިފަދަ ގޮތަށް ގޭގެ ވަށާފާރު ހަދާފައި ހުންނަނީ އެގޭގެ އެކަންޏެވެ. އެހެން ނަމަވެސް އެހެން ބަޔަކު އެކަން ކުރަން ބޭނުންވެއްޖެ ނަމަ އެކަމަށް އެހީވާނެ ކަމަށްވެސް ޒާހިރު ބުންޏެެވެ.

"އަޅުގަނޑު ވިސްނޭގޮތުގައި މިއީ ވަރަށް ރަނގަޅު ކަމެއް ތިމާވެއްޓަށް، އަދި ވަރަށް ފައިދާ ހުރި ކަމެއް، އެެހެން ނޫނިއްޔާ މި އެއްޗެއްސަކީ ރަށު ތެރޭގައި ގިނަވެފައި ހުންނަ އެއްޗެހި އުކާލާފައި. އޭގެންވެސް ފައިދާ ހުރި މަސައްކަތެއް ކުރެވޭނެ އެކަން މިހިރީ ފެންނަން". ޒާހިރު ބުންޏެވެ.

ތިމާވެއްޓަށް ސަޅި މުހިއްމު މަސައްކަތެއް --- ފޮޓޯ/ މީސް މީޑިއާ

މިއީ ރާއްޖޭގައި ވަރަށް މަދުން ފެންނަ މަސައްކަތެއް ނަމަވެސް، މިހާރު ގިނަބަޔަކު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމެކެވެ. އަދި މިއީ ތިމާވެއްޓަށް ވަރަށް ބޮޑަށް ފައިދާވެސް ކުރާނެ ކަމެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ޕްލާސްޓިކް ހުސް ފުޅި މަގުތަކަށާއި، މޫދަށް އުކާލުމުގެ ބަދަލުގައި "ރިސައިކަލް" ކޮށްލުން މާ ސަޅިއެވެ. މިވެސް ގޮތެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޞަބީ

    އެހެންވީމާ ޕުލާސްޓިކު ފުޅިޔަކީ ތިމާވެއްޓާއި ރައްޓެހި އެއްޗަކަށްތާ މިވީ

  2. ސފ

    މޑޕ ގެވަރިންނަށް ސްޕާރީ ދީގެން މަޑުމަޑުން
    ގަދަކުރަނީ

  3. ވީރަސް

    ރަނގަޅު ކިތަންމެހާވެސް ފާރު ވަރުގަދަވީސް ފުޅި އަށް ސިމެންތި އަޅާފަެުރިނަމމަ

  4. ވާދޫ

    ފުޅި ފާރެއް ހެދި ބޮޑޭވެސް