މިދިޔަ ޑިސެމްބަރ މަހު ޗައިނާއަށް ދިއުމަށް އަޅުގަނޑަށް ފުރުސަތު ލިބުނެވެ. އެ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއަށް ކުރި އެ ދަތުރުގައި ޗައިނާގެ ބޮޑު ދެ ސިޓީ ކަމުގައިވާ ބެއިޖިންގ އާއި ޝަންހާއީ ބަލާލުމުގެ ފުރުސަތު ލިބުނެވެ. އަދި ވަރަށް ގިނަ ތަންތަނަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތު ލިބުނެވެ.

ޗައިނާ އެމްބަސީގެ ފަރާތުން ދިން މި ފުރުސަތަށް ޝުކުރުވެރިވަމެވެ. ޗައިނާއަށް ކުރި އެ ދަތުރުގެ ތެރެއިން މީޑިއާގައި އުޅޭ ގިނަ ބަޔަކާއި ދިމާވިއެވެ. އެ މީހުންނާއި ގާތް ގުޅުމެއް އުފެދުނެވެ. އެ ގުޅުމުގެ ތެރެއިން މަޖަލާއި ސަކަރާތުގައި ހަ ދުވަސް ހޭދަކުރެވުނެވެ.

ޗައިނާ ދަތުރުގައި ދިޔަ މީޑިއާ އެކުވެރިން

އެ މީހުންނާއެކު ވަރަށް ގިނަ ތަންތަނަށް ޒިޔާރަތްކޮށް ފޮޓޯވެސް ނެގީމެވެ. ބެއިޖިންގގައި ތިން ދުވަސް ހޭދަކޮށް އަނެއް ތިން ދުވަސް ހޭދަކުރީ ޝަންހާއީގައެވެ. ބެއިޖިންގއަށް ދެވުނީ، ފަސް ވަނަ ދުވަހުގެ ރޭގަނޑެވެ.

ޗައިނާއަށް ދިޔަ ދުވަސްވަރަކީ ފިނި ދުވަސްވަރެކެވެ. އެހެންވެ އުޅެން ޖެހުނީ ފިނި ހެދުން އެއްޗެހި އަޅައިގެންނެވެ. ބޮލާއި، އަނގަ އަދި ނޭފަތާއި، ކަންފަތްވެސް ފޮރުވައިގެންނެވެ.

ޗައިނާ ދަތުރުގެ ތެރެއިން

ބެއިޖިންގ އާއި ޝަންހާއީއަށްވެސް ގޮސް ތިބީ ބޮޑު ހޮޓަލެއްގައެވެ. ހެނދުނު ސައި ހޮޓަލުން ލިބެއެވެ. ދެން ހުރި ގަޑިތަކުގައި ކާން ދަނީ ބޭރަށެވެ. ޗައިނާގެ ކެއުންތައް ވަރަށް ކަމުދިޔައެވެ. ކޮންމެ ދުވަހަކުވެސް ކަނީ ތަފާތު އެއްޗެކެވެ. އަހަރުމެންނަށް ހާއްސަކޮށް ގެންނަނީ ހަލާލު ކާ އެއްޗެއްސެވެ. އަދި ކޮންމެ ފަހަރެއްގައި އަހަރުމެންނަށް ހާއްސަކޮށް ބަތްވެސް ގެނެއެވެ. ޗައިނާގެ ކެއި ތަފާތު ކެއުންތަކުގެ ތެރެއިންވެސް އެންމެ މީރު ކެއުމަކަށް ފާހަގަކުރެވުނީ ހޮޓްޕޮޓްއެވެ.

އަދި ޗައިނާގެ ރެސްޓޯރެންޓްތަކުގައި ބަދިގޭގެ ކަށްކާ މަންޒަރު ފެންނަން ހުރުމަކީ ޔަގީނުންވެސް ގިނަ ބަޔަކު ގަޔާވާނެ ކަމެކެވެ. ބަދިގޭގައި ކަށްކަން ހުންނައިރު، ބޭރުގައި އަޅުވާފައި ހުންނަ ޓީވީއަކުން އެ މަންޒަރުތައް ވަރަށް ސާފްކޮށް ފެންނަން ހުރެއެވެ.

ޗައިނާގައި އެންމެ އުދަގޫވި އެއް ކަންތަކުގެ ތެރޭގައި ރޭގަނޑުގެ ކެއުން އަވަހަށް ނަގަން ޖެހުމާއި، މާބޮޑަށް ފިނިވުމެވެ. ދިވެހިންނަކީ ފިންޏަށް ވަރަށް ބަލި ބައެކެވެ. ޗައިނާގެ ގިނަ ރެސްޓޯރެންޓްތައްވެސް އަވަހަށް ބަންދު ކުރެއެވެ. އެހެންވެ ކުރިން ކާން ޖެހެއެވެ.

ޗައިނާއަށް ގޮސް ލައްކަ ތާކަށް ދެވުނެވެ. އެންމެ ފުރަތަމަ ދުވަހުގެ ހެނދުނު ޗައިނާގެ ރޭޑިއޯ ސްޓޭޝަނަކަށް ޒިޔާރަތްކުރިއެވެ. އަދި އެތަނުގައި ފޮޓޯ ނެގިއެވެ. އަދި އެރޭ ކަންގފޫ ޝޯވ ބަލަންވެސް ދިޔައެވެ.

ޗައިނާ ދަތުރުގެ ތެރެއިން އެކި މަންޒިލްތަކުން

އަދި އެ ދަތުރުގެ ތެރެއިން ޗައިނާގައި އާއްމުން ދިރިއުޅޭ ގެއަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބުނެވެ. އަދި ގްރޭޓް ވޯލް އޮފް ޗައިނާއަށް އަރާލުމުގެ ފުރުސަތުވެސް ލިބުނެވެ. އަދި އެތަނުގައި ފޮޓޯ ނަގާލުމުގެ ފުރުސަތުލިބުނުއިރު، ޓެމްޕަލް އޮފް ހެވެން އާއި، ފޮރބިޑެން ސީޓީއަށްވެސް ޒިޔާރަތްކޮށްލުމުގެ ފުރުސަތު ލިބުނެވެ.

ޗައިނާއަށް ކުރި ދަތުރުގެ ތެރެއިން ގްރޭޓް ވޯލް އޮފް ޗައިނާގައި

ބެއިޖިންގއިން ޝަންހާއަށް ދިޔައީ ބުލެޓް ޓްރެއިންގައެވެ. އެތަނަށް ގޮސް، ޝަންހާއީގައި ހުންނަ އިމާރާތްތައް ބެލުމަށް ހާއްސަ ފެރީއަކަށް އެރިއެވެ. ހުއަންގ ޕޫ ކޯރުގައި އެ ފެރީ ދުއްވިއިރު، ޝަންހާއީގައި ހުންނަ އުސް އިމާރާތްތައް ވަރަށް ރީއްޗަށް ފެނެއެވެ.

މި ދަތުރުގައި ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ޝަންހާއި ޓަވަރަށް އެރުމުގެ ފުރުސަތުވެސް ލިބުނެވެ. އެ ޓަވަރުގައި ހަރުކޮށްފައި ހުންނަ ލިފްޓަކީ ދުނިޔޭގެ ދެވަނައަށް އެންމެ އަވަހަށް ދަތުރުކުރާ ލިފްޓެވެ. އަދި ޝަންހާއީ ހުންނަ ގޮތް އެއްތަނަކުން ބަލާލުމަށް އެ މީހުން ހަދާފައި ހުރި މޮޑިއުލްއެއް ބަލާލަންވެސް ދިޔައެވެ.

ޗައިނާ ދަތުރުގެ ތެރެއިން ތަރައްގީ ވަމުން އަންނަ ޝަންހާއި ފެންނަ ގޮތުގެ މޮޑެލް

މީގެ އިތުރުން ބެއިޖިންގ އާއި ޝަންހާއީގެ ބައެއް ޝޮޕިންގ ސެންޓަރުތަކަށް ޒިޔާރަތްކުރަތްކޮށް ގިނަ ބަޔަކާއި ވާހަކަދައްކާލަން ލިބުނު ފުރުސަތުގައި، ޗައިނާގެ ގިނަ ޒުވާނުން ރާއްޖެ އަންނަން ބޭނުންވެފައި ތިބި ކަން ހާމަވިއެވެ. އަދި އަހަރުމެންނަކީ ރާއްޖޭގެ ބައެއް ކަމަށް ބުނުމުން އެ މީހުން މާބޮޑަށް އަހަރުމެންނާއި ވާހަކަދައްކަން މަސައްކަތް ކުރެއެވެ.

ޗައިނާ ދަތުރުގެ ތެރެއިން އެކި މަންޒިލްތަކުން

އެތަންތަނުން ދިމާވި ގިނަ ޗައިނާ މީހުން ބުނިގޮތުގައި، އަލަށް ކައިވެނިކޮށްގެން އުޅޭ ގިނަ ޒުވާނުން ފައިސާތައް އެއްކޮށްގެން ހަނީމޫންއަށް ރާއްޖެ ދެއެވެ. އެއީ އެ މީހުންގެ ހުވަފެނެއްކަމަށްވެސް ބައެއް މީހުން ބުނެއެވެ. އަދި އެ މީހުން ރާއްޖެ އަންނަން ބޭނުންވަނީ، މިތަނުގެ ރީތި ވާހަކަދައްކާތީ އެ ރީތިކަން ތަޖުރިބާކޮށްލަންކަމަށްވެސް އެ މީހުން ބުންޏެވެ.

ޗައިނާއަށް ކުރި ދަތުރު ނިންމާލުމަށްފަހު އެނބުރި ރާއްޖެ އައުމަށް އެއާޕޯޓްގައި

މީގެ އިތުރުން މި ދަތުރުގައި ފާހަގަކުރެވުނު އިތުރު ކަމެއްގެ ވާހަކަދައްކާލަމާ ހިނގާށެވެ. ބެއިޖިންގ އިންނާއި ޝަންހާއިންވެސް އަހަރުމެންގެ ކަންތަކާއި ހަވާލު ހުރި ޓުއަރގައިޑުން ވަރަށް ބޮޑަށް ޗައިނާގެ އާދަކާދަކާއި، އިހުގެ ސަގާފަތާއި، ޗައިނާގެ ތާރީހާއި ގުޅުން ހުރި ވަރަށް ގިނަ ވާހަކަކިޔާދިނެވެ. އަދި އެ މީހުންނަކީ، އެ މީހުންގެ ސަގާފަތަށް ވަރަށް ލޯބިކުރާ ބައެއްކަންވެސް ފަހަގަކުރެވުނެވެ. އެގޮތުން، އެންމެ ކުރިން ފަށައިގެން ބޭނުން ކުރަމުން އައި ފައިސާ ފޮތިތަކާއި، އެކި ކަންކަމަށް ބޭނުންކުރި ތަކެތި މިއުޒިއަމް ތަކުގައި ހުރެއެވެ.

ޗައިނާގެ ދަތުރުގައި، ދިވެހިންނަށް ޗައިނާއަށް ގޮސް ޖެހިލުމެއްނެތި އުޅެވޭކަން އެނގިގެން ދިޔައެވެ. އަދި ޗައިނާއަކީ ދިވެހިންނާއި ރަހުމަތްތެރި ބައެއް އުޅެމުން އަންނަ ގައުމެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި ޗައިނާގެ މަގުމަތި ހަމަހިމޭންކަމުގެ ވާހަކައަކީވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.