އިރުތިޝާމް އާދަމްއަކީ ތަފާތު ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރައްވަމުން ގެންދަވާ ހީވާގި ކަނބަލެކެވެ. އިޖްތިމާޢީ، އިޤްތިޞާދީ، ސިއްޙީ ދާއިރާ ފަދަ އެތައް ދާއިރާއެއްގައި ޚިދުމަތް ކުރައްވާފައިވާ ޤައުމު ފަޚްރުވެރިވާފަދަ ދަރިއެކެވެ. ލިބިވަޑައިގެންނެވި ތަޢުލީމާއި ތަޖްރިބާގެ އަލީގައި، ޤައުމުގެ އަންހެންދަރީންނަށް ހެޔޮ ނަމޫނާ ދައްކަވައި، އަންހެނުން ބާރުވެރިކުރުމަށް ނުހަނު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. ސްކޫލް ނިންމެވުމަށްފަހު ޚާރިޖީ ވުޒާރާގައި ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ މައިދާނުގައާއި، އެކަމަނާގެ ޚިދުމަތުގެ ދިގު މާޒީ ތަޖްރިބާކުރައްވާފައިވަނީ ޤާބިލުކަމާއި، ކެރުންތެރިކަމާ އެކުގައެވެ. އެކަމަނާގެ ޢިލްމާ ޙިލްމުގެ މުޑުވަކުން ދިވެހި ޤައުމު ރޯޝަން ކުރުމުގައި އެކަމަނާގެ ޙިއްސާ އެހާމެ ބޮޑެވެ. މިކަމުގެ އިތުރު ހެއްކެތް ބޭނުމެއް ނުވެއެވެ.

އިރުތިޝާމް ކިޔަވަން އުޅުއްވި ދުވަސްވަރު

ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ރީތިނަމާއި ޝަރަފް ހިފެހެއްޓުމަށްޓަކައި އެތަކެއް ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. ޑިޕްލޮމެޓިކް ދާއިރާގައި ޙަޔާތުގެ ގިނަ ދުވަސްތަކެއް ވޭތުކުރައްވާފައިވާއިރު، އިރުތިޝާމް ވަނީ އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބް ރައީސާ ކަމުގެ ޝަރަފްވެރި މަޤާމު ފުރުއްވާފައެވެ. އެކަމަނާއަކީ، ރާއްޖެއިން އ.ދ. އަށް ކަނޑައެޅުއްވި އެންމެ ފުރަތަމަ އަންހެން ސަފީރުކަމުން މިއީ ދިވެހި ރާއްޖެއާއި ދިވެހި ދަރިން ފަޚުރުވެރިވާފަދަ ކަމެކެވެ. ލަންޑަން ހައިކޮމިޝަންގެ އެންމެ އިސްކޮށް ހުންނެވި ފޮރިންގެ މިނިސްޓްރީގެ ޑިޕްލޮމެޓް އަދި ފަރސްޓް ސެކެޓްރީގެ މަޤާމާއި، ނިއު ޔޯރެކްގައި ހުންނަ އ.ދ.ގެ ދާއިމީ މިޝަންގެ ޑެޕިއުޓީ އެމްބެސެޑަރކަމާއި، ޖެނީވާގައި ހުންނަ އ.ދ ގެ ދާއިމީ މަންދޫބުކަންވެސް ކުރައްވާފައިވާ ޤާބިލު ޑިޕްލޮމެޓެކެވެ. ހަމައެހެންމެ، ސްވިޒަރލޭންޑާއި، ޑަބްލިއު.ޓީ.އޯ އާއި، ޖަރުމަނާއި، އިޓަލީ އަދި ތުރުކީއަށް ކަނޑައަޅާފައިވާ އެންބެސެޑަރެއްގެ މަޤާމު ފުރުއްވާފައިވަނީ، ދިވެހިރާއްޖޭގެ ރީތި ނަމާއި ޝަރަފް ދެމެހެއްޓުމުގެ މަތިވެރި އަޒުމުގައި، ކަމަށް ކަމޭހިތުމާއި ޝައުޤުވެރިކަމާ އެކުގައެވެ.

އިރުތިޝާމް، ހެލްތް މިނިސްޓްރީގައި އުޅުއްވި ދުވަސްވަރު

ޔޫ.އެން އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރގެ ވައިސް ޗެއަރޕާސަން ކަން ކުރައްވާފައިވާ އިރުތިޝާމަކީ، އަ.ދ. ގައި ދިވެހި ރާއްޖޭގެ ސަލާމަތާއި އިޤްތިސޯދީ އަދި އިޖުތިމާޢީ ޙައްޤުތައް ރައްކާތެރިކުރުމަށް ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމީ މަސްލަޙަތު ރައްކާތެރިކުރުމަށް އަޑުއުފުލާފައިވާ ފިސާރި ކަނބަލެކެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާއި، އަންހެނުން ބާރުވެރިކުރުމާއި، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން ބައިނަލް އަޤްވާމީ ޤަރާރުތަކަށް ދިވެހި ރާއްޖޭގެ ފަރާތުން އެކަމަނާގެ ލީޑަރޝިޕް ދައްކަވާފައިވަނީ، މިކުޑަކުޑަ ދިވެހި ޤައުމަކީ ކުރީ ސަފުގައި ހިމެނިގެންދާ ޤައުމެއް ކަން ސާބިތުކޮށްދެމުންނެވެ. ފަލަސްތީންގެ މައްސަލައާއި، އަޒަރުބައިޖާންގެ މައްސަލައާއި، ސީރިއާއާއި، ޢަރަބި ޤައުމުތަކާއި، އިސްލާމީ ޖަމާޢަތާއި ކުދި ޤައުމުތަކަށް ދިމާވަމުންދިޔަ މައްސަލަތައް ޙައްލުކުރުމުގައި އ.ދ.ގެ ބަހުސްތަކުގައި އިސްދައުރެއް އަދާކުރައްވައި ކާމިޔާބުތަކެއް ޙާސިލުކުރައްވާފައިވެއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ޤައުމީ ދިދަ ވިހުރެމުންދާއިރު، ދިވެހި ޤައުމުގެ ހައިބަތާއި ޝަރަފް ދެމެހެއްޓުމުގައި، އެކަމަނާ އަދާކުރެއްވި ދައުރަކީ ތައުރީފް ޙައްޤު ދައުރެކެވެ.

ފުޓުސަލް މުބާތާރެއްގެ ރަސްމިއްޔާތެއްގައި އިރުތިޝާމް ބައިވެރިވެވަޑައިގަންނަވަނީ

ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު އެކަމަނާއަކީ، އަންހެން ދަރީންނަށް ލާމަސީލް ނަމޫނާއެކެވެ. އޮކްސްފޯޑް ޔުނިވާރސިޓީގެ ފޮރިން ސާރިވިސް ޕްރޮގްރާމުން އެންމެ ފުރަތަމަ ގްރެޖުއޭޓްވި ދިވެހި ދަރިވަރަކީ އިރޫއެވެ. ފިޖީގެ ޔުނިވަރސިޓީ އޮފް ސައުތު ޕެސިފިކް އިން މެނޭޖްމަންޓް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޟިލުކުރެއްވީ، ޑިސްޓިންކްޝަންއާ އެކުގައެވެ. ހަމައެހެންމެ، ލަންޑަންގެ ޔުނިވަރސިޓީ އޮފް ވެސްޓްމިންސްޓަރ އިން މާރސްޓަރ އޮފް ޑިޕްލޮމެޓިކް ސްޓަޑީޒްއިން ގްރެޖުއޭޓް ވެވަޑައިގެންނެވީ ޑިސްޓިންކްޝަނާއެކުގައެވެ. އަދި އެ ޔުނިވަރސިޓީން ސޯޝަލް އެންޑް ޕޮލިޓިކަލް ސްޓަޑީޒް އިން އެމްފިލް ޙާޞިލުކުރެއްވިއެވެ.

ވޮލީ ބޯލް މުބާރާތެއްގެ ރަސްމިއްޔާތުގައި އިރުތިޝާމް ބައިވެރިވެވަޑައިގަންނަވަނީ

ފާއިތުވި 25 އަހަރަށްވުރެން ގިނަ މުއްދައެއްގައި ދިވެހި ރައްޔިތުންގެ ޚިދުމަތުގައި 4 ސަރުކާރުގައި އެކަމަނާ ޚިދުމަތް ކުރައްވާފައިވަނީ، އިޚްލާޞްތެރިކަމާއި ކެރުންތެރިކަމާއެކު ދިވެހި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި، ޙިކުމަތްތެރި ކަމާއެކުގައެވެ. ނިމިދިޔަ ސަރުކާރުގައި ސިއްޙީ ދާއިރާގެ ވަޒީރު ކަމާއި، ޒުވާނުންނާއި ކުޅިވަރުގެ ވަޒީރުކަން ކުރައްވައި ރައްޔިތުންނަށް ލާބަހުރި ފައިދާތަކެއް އެކަމަނާގެ ފަރާތުން ލިބިފައިވެއެވެ. ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން ވަނީ ދިވެހި ރާއްޖޭގައި އިންޤިލާބީ ބަދަލެއް ގެނުވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކުޅިވަރުގެ ވަސީލަތްތަކެއް ޤާއިމުކުރުމުގައި އެކަމަނާގެ ޚިދުމަތް، ވަރަށް ފުރިހަމައަށް ލިބިގެން ގޮސްފައިވެއެވެ. ޒުވާނުންނަށް އާމްދަނީ ހޯދުމާއި އިޤްތިސާދީގޮތުން ބާރުވެރިކުރުމަށް ކާމިޔާބު ޕްރޮގްރާމްތައް ހިންގުމުގެ މުގުލުގައި ހުންނެވީ އެކަމަނާއެވެ. ކުޅިވަރުގެ އެކި ދާއިރާތަކުން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދެއްވައި، ޒުވާނުން ވަޒީފާގެ ބާޒާރަށް އަހުލުވެރިކޮށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ތަފާތު ޕްރޮގުރާމުތަކެއް ހިންގަވައިދެއްވިއެވެ.

އިޖުތިމާޢީ ހަރަކާތެއްގައި އިރުތިޝާމް ބައިވެރިވެވަޑައިގަންނަވަނީ

ހެލުތު މިނިސްޓަރގެ މަޤާމުގައި، އެކަމަނާ ވަނީ ސިއްހީ ހިދުމަތް ތަރައްގީ ކުރެއްވުމަށް އިންގިލާބީ ބޮޑެތި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސަރުކާރުގެ ސިޔާސަތުގައިވާގޮތުގެ މަތީން ބަލިމީހުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް އެކަށޭނެ ވަސީލަތްތަކާއިއެކު ހަމަޖައްސަވައި، އިތުބާރު ލިބޭ ޤައުމީ ސިއްޙީ ނިޒާމެއް ޤާއިމުކުރުމަށް ޚާއްސަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުންނާއި ކުޑަ ކުދިންގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ފެށުމާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެއްގަމާއި ކަނޑުގެ އެމްބިއުލާންސްގެ ޚިދުމަތް ޤާއިމްކުރުމާއި، އެސް.ޓީ.އޯ ގެ ފާމަސީ ގާއިމްކޮށްދެއްވުމުގެ ވަޢުދު ފުރިހަމަކުރެއްވުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އާސަންދައިގެ ދަށުން ބޭސްލިބުމުގެ އިންތިޒާމު ހަރުދަނާކުރުމާއި، ނޭޝަނަލް ކާޑިއެކް ސެންޓަރު ޤާއިމުކުރުމާއި، ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރާއެކު، އައި.ޖީ.އެމް.އެޗްގައި 25 ބުރީގެ ޢިމާރާތެއް ޤާއިމުކުރުމުގެ މަޝްރޫއުގެ ދިރާސާތައް ކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. ކެންސަރާއި ކިޑްނީ އަދި ހިތުގެ ބައްޔަށް ދިގު މުއްދަތަކަށް މެދުނުކެނޑި ބޭސްފަރުވާ ކުރަންޖެހޭ ފަރާތްތަކަށް އިޖްތިމާޢީ ސިއްޙީ އިންޝުއަރަންސް ނިޒާމުގެ ދަށުން، ދާއިމީ ގޮތެއްގައި ފަރުވާލިބޭނެ އިންތިޒާމް ހަމަޖެއްސުމުގައި އެކަމަނާގެ ހިންގުންތެރިކަން ފެނިގެން ދިއުމަކީ ސިއްޙީ ދާއިރާއަށް ތާރީޚު ނުދެކޭފަދަ އިންޤިލާބީ ބަދަލެއްކަމާމެދު އެއްވެސް ޝައްކެތްނެތެވެ.

އިރޫގެ ޚިދުމަތްތައް ދިވެހި ރައްޔިތުންނަށް ނުހަނު ގިނައެވެ. ތަފާތު އެތަކެއް ދާއިރާތަކުންނެވެ. ހަމަ ޔަޤީނުންވެސް ދިވެހި ތާރީޚުގައި އެކަމަނާގެ އަގުހުރި މިންނެތް އިޚްލާސްތެރި މަސައްކަތް ރަންއަކުރުން ލިޔާނެދުވަސް އަންނާނެއެވެ. ވޭތުވެދިޔަ 25 އަހަރުގައި އެކި ސަރުކާރުގައި އެކަމަނާއަށް ޚިދުމަތްކުރެއްވުމަށް ފުރުސަތުލިބިގެންދިޔުމަކީ އެކަމަނާގެ ޤާބިލްކަމާއި ވެރިން ކުރައްވާ އިތުބާރު ހާމަކޮށްދޭކަމެކެވެ. މިއަދު އިރޫ ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރައްވަނީ ދާއިރާގެ ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދޭ އެންމެހާ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން ޤާނޫނު ހަދާ މަޖިލީހުގައި އަޑު އުފުލުމަށެވެ. ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން. އިރޫ އަކީ ރައްޔިތުންނާ ގާތުން ވޭތުވެދިޔަތަނުގައި އިޚްލާސްތެރި ޚިދުމަތް ކުރެއްވި ކަނބަލެކެވެ. އެކަމަނާ އެކަން ސާބިތުކޮށްދެއްވައިފިއެވެ. ކުރިޔަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ މިފަދަ ކަނބަލަކަށް ނޫން ތޯ؟ އިރޫގެ ޢަޒުމަކީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމެވެ. އަޅުގަނޑުމެން މި ފުރުސަތު އިރޫއަށް ދޭން ހިނގާށެވެ. އިރޫ ހޮވަމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޙަސަން

  ބުރުގާނާޅައި ތިގޮތަށް ރަނގަޅަށް އައުރަ ނިވާ ހެދުންލައިގެން އުޅޭ މީހުންނެއް އަހަރެމެން ބޭނުމެއްނޫން.

  8
  2
 2. ޔަހޫ

  ގުދައްއޮވެ ފޮޓޯނަގާލާފަ ޕޯސްޓަރު ހަދާލަނިކޮއް ބައިވަރު ވޯޓު ލިބިދާނެ.

  2
  1