އެންމެވެސް މިއަދު ދައްކާ އެއް ވާހަކަ އަކީ، އާދަޔާ ޚިލާފަށް ހޫނު ގަދަ ކަމުގެ ވާހަކައެވެ. ވާރޭ ނުވެހި ގިނަ ދުވަސް ވުމާއި، ވާރޭ ފެނަށް ޖެހިދާނެ ކަމުގެ ބިރު އޮތް ވާހަކަ އެވެ. ދުނިޔޭގައި އިންސާނާ އަށް ކުރިމަތިވާ ކޮންމެ ކަމަކީވެސް އިމްތިހާނެކެވެ. ނަމަވެސް މި އިންތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރަނީ އަހަރެމެންގެ ތެރެއިން ކިތަށް މީހުން ބާވައެވެ.

ދުނިޔެ ހޫނުވެ، އެކަމުގެ ސަބަބުން އިންސާނާއަށް ތަހައްމަލު ކުރަން ޖެހިފައިވާ ވަރުބަލިކަމާއި ލޮޑުކަން އެއީ އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލަން އޮތް ހުއްޖަތެއް ނޫނެވެ. ފަސްވަގުތު ނަމާދު ކުރުމާއި، ދުނިޔެ އާރާސްތު ކުރުމަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް ހުއްޓާލެވޭކަށް ނެތެވެ.

ކުރިއަށްއޮތީ މާތްވެގެންވާ ރަމަޟާން މަހެވެ. މި މަހަށް ތައްޔާރު ވުމަށްޓަކައި ހިނގަމުންމިދާ ޝައުބާން މަހުގައި ގިނަ ގިނައިން ރޯދަ ހިފަން ޖެހެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ވެސް ވަނީ އެ ނަމޫނާ ދައްކަވާފައެވެ.

އިންސާނާ ދުނިޔެއަށް ފޮނުވުނީ އިމްތިހާނު ކުރެއްވުމަށްޓަކައެވެ. އިންސާނާ ދުނިޔޭގައި އުޅުނު ގޮތުގެ ހިސާބު ބައްލަވާ ދުވަހެއް އެބަ އޮތެވެ. އެއީ ޤިޔާމަތް ދުވަހެވެ. މިއަދުގެ ހޫނު ތަހައްމަލު ނުކޮށް، ﷲ ގެ އަރުޝީގެ ހިޔާ ނޫން ހިޔަލެއްނުވާ ޤިޔާމަތްދުވަހުގެ ސުންޕާ ކަމުން ސަލާމަތްވެވިދާނެތޯއެވެ.

ޤިޔާމަތް ދުވަހަކީ މާތް ﷲ ގެ ޙަޟްރަތަށް ހުރިހާ ޚަލްޤުތައް މަޙްޝަރުކުރެވޭ ދުވަހެވެ. އެ ދުވަހު ބައެއް މީހުން ހާސްކަމާއި މާޔޫސްކަމާއި ބިރުވެރިކަމުގައިވާނެއެވެ. އިރު ކައިވަތެއްހާ ހިސާބަށް ކައިރި ކުރެވޭ ހިނދު އެ އިރުގެ ހޫނުން ފިހިފިހި ތިބޭނެއެވެ. ދަލުގެ ތެރެއަށް ގެނބިގެންވާ ޙާލުގައި ތިބޭނެއެވެ. އަނެއް ބަޔަކު ހިތްހަމަޖެހުމާއި އުފާވެރިކަމުގައި ވާނެއެވެ. އިރުގެ ހޫނުން ސަލާމަތްކަން ލިބިގެންވާނެއެވެ. އަރުޝީގެ ހިޔަލުގައި ތިބޭނެއެވެ.

އަރުޝީގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު، މާތްﷲ އަރުޝީގެ ހިޔާވަހިކަން ދެއްވާ ހަތް ބައެއް ވެއެވެ. އެއީ އަދުލުވެރި ވެރިޔާ އާއި މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ އާއި އޭނާގެ ހިތް މިސްކިތާ ގުޅިފައިވާ މީހާ އާއި އަދި މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުނާއި، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިނގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާ އާއި ޞަދަޤާތްކުރާއިރު އޭނާގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ އާއި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ.

ޒުވާންކަމުގެ ދުވަސްވަރަކީ ޖޯޝާއި ފޯރިއާއި ޒުވާންކަމުގެ ހޫނު ލޭ އިންސާނާ ގައިގާ ހިނގާ ދުވަސްވަރެވެ. ޝަހުވާނީ އެދުންވެރިކަމާއި، ދުނިޔޭގެ އުފަލާއި މަޖަލަށް އެންމެ ބޮޑަށް ހިތް ލެނބެމުންދާނެ ދުވަސްވަރެވެ. ނަމަވެސް އޭނާގެ ޒުވާންކަމުގެ ޖޯޝާއި ލޭގެ ހޫނުކަން، މާތް ﷲ އަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ދީނަށްޓަކައި ހޭދަކޮށްފި ޒުވާނާއަކީ މަތިވެރި ޒުވާނެކެވެ. މާތް ﷲ ގެ އަރުޝީގެ ހިޔާވަހިކަން އެމީހަކަށް ޙައްޤުވެގެންދާ ނަޞީބުވެރިއެކެވެ.

މި ހަތް ބާބަތުން ކުރެ އެއް ބާވަތުގެ މީހުންގެ ތެރޭގައި ނަމަވެސް ހިމެނޭތޯ ގަދަ އަޅާ މަސައްކަތް ކުރާށެވެ. މިއަދު އިޙްސާޞްކުރަން ޖެހިފައިވާ ހޫނަށް ކެތްކޮށް، މާދަމާގެ ހޫނުން ސަލާމަތްވޭތޯ މަސައްކަތް ކުރާށެވެ. ދުނިޔޭގެ ދިރިއުޅުމަކީ ހެއްލުންތެރި ކަމެކެވެ. މި ދުނިޔޭގެ މަޖަލުގައި ޖެހި، ދާއިމަށް ދެމިގެންވާ ދުނިޔެ ތިބާ އަށް ގެއްލިއްޖެ ނަމަ، އެމީހަކީ ވަރަށް ބޮޑު ބަދުނަސީބު ވެރިއެކެވެ. އެފަދަ ބަދު ނަސީބެއް މެދުވެރިވުމުގެ ކުރިން ތިމާއަށް ދެއްވާފައިވާ ބުއްދީގެ ބޭނުންކޮށް، އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރަން މަސައްކަތް ކުރާށެވެ. ކާމިޔާބު ލިބޭނެ މީހުންނަކީ އެއީއެވެ.