ފޭރުމުގެ ހާދިސާތައް އިންތިހާއަށް މިވަނީ އިތުރުވެފައެވެ. މިކަން ހުއްޓުވުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު، މިފަދަ ހާދިސާތައް ހިނގުމުގެ ކުރިން ފުލުހުން ބައެއް ކަންކަނއ ހުއްޓުވާފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި ފޭރުމުގެ ބޮޑެތި ހާދިސާތަކުގައި ކުޑަކުދިންގެ ބައިވެރިވުން އިތުރުވާކަންވެސް ފާހަގަކޮށްލަން ޖެހެެއެވެ.

މި އަހަރު މިހާތަނަށް ފޭރުމުގެ 121 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 113 ހާދިސާ ހިނގާފައި ވަނީ މާލެ ސިޓީގައެވެ. އަދި އޭގެ ތެރެއިން ހިނގާފައި ހުރި ގިނަ ހާދިސާތަަކަކީ ފޯން ފަދަ އެއްޗެހި ފޭރުމުގެ ހާދިސާތަކެވެ.

ފުލުހުން ވިދާޅުވީ، ފޭރުމުގެ މައްސަލަތަކުގެ ތެރޭގައި ގިނައީ، ރޭވުންތެރިކަމެއް ނެތި، ފުރުސަތު ލިބުމުން ފޭރިފައި ހުރި މައްސަލަތައް ކަމަށެވެ.

އަދި ފޭރުމުގެ މައްސަލަ އެންމެ ގިނައިން ހުށަހެޅޭ ސަރަހައްދު ތަކަކީ އާޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދާއި، އިންޑަސްޓްރިއަލް ޒޯންގެ ސަރަހައްދާއި، ފަތާ ޓްރެކް ސަރަހައްދާއި، އުސްފަސްގަނޑު ސަރަހައްދު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފޭރުމުގެ ބޮޑު ދެ ހާދިސާ އެއް މަހެއްގައި، ފައިސާތައް ނުފެނޭ

މިދިޔަ މާރިޗް މަސް ތެރޭގައި ފޭރުމުގެ ބޮޑު ދެ ހާދިސާއެއް މާލޭގައި ވަނީ ހިނގާފައެވެ. އެ ދެ ހާދިސާގައި ފޭރުނު ފައިސާތަކުގެ އަދަދު ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރައެވެ.

ފޭރުމުގެ އެ ދެހާދިސައަކީ މާރިޗް މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ފޭރުނު ބީއެޗްއެމް ޓްރޭޑާސް ފައިސާތަކާއި، މާރިޗް 20 ވަނަ ދުވަހު ފޭރުނު މިފްކޯގެ ފައިސާތަކެވެ.

ބީއެޗްއެމްގެ ފައިސާތައް ފޭރިގެންފައި ވަނީ މާޗް 10 ވަނަ ދުވަހު 9:50 ހާއިރު އެ ކުންފުނީގެ ފައިސާތަކެއް ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ޖަމާ ކުރުމަށް ގެންދިޔަ މަގުމަތީގައެވެ. އެ ހާދިސާގައި އެ ކުންފުނީގެ ދެ މިލިއަަނަށްވުރެ ގިނަ ރުފިޔާ ވަނީ ފޭރިގެންފައެވެ. އެ ދުވަހު ފައިސާތައް ފޭރިގަތް މީހުން ތިބީ މޫނު ނިވާވާގޮތަށް ހެލްމެޓް އަޅައިގެންނެވެ.

މިފްކޯ ފައިސާތައް ފޭރިގަތް ވޭން --- ފޮޓޯ/ ސަން

އެ ހާދިސާ ހިނގާދިޔަ ގޮތް ތަފްސީލް ކުރަމުން ސްޕްރީޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނިި އެ ކުންފުނީގެ މުވައްޒަފުންތަކެއް ވެހިކަލެއްގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ފައިސާ ޖަމާ ކުރުމަށް އެ ބޭންކް ކައިރިއަށް ގޮސް ތިއްބާ ކަމަށެވެ.

"ވެހިކަލުން އެ މީހާ ފޭބި ވަގުތު ހަަތަރު މިހަކު ބައިވެރިވެގެން ފައިސާ ދަބަސް އޮތް މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދީ، އެ މީހާގެ މޫނަށް ޕެޕާ ސްޕްރޭ ޖެހިކަން ފާހަގަވެފައިވޭ".

އެ ދަބަހުގައި ދެ މިލިއަން ތިންލައްކަ ހަތްދިހަ ހަތް ހާސް އަށްސަތޭކަ އަށްޑިހަ އެއް ރުފިޔާގެ ނަގުދު ފައިސާ އާއި އެއް މިލިއަން 27 ހާސް ހަތްސަތޭކަ ނުވަދިހަ ހަ ރުފިޔާ 17 ލާރި ހިމެނޭ ޗެކް ހުއްޓެވެ.

އެ މައްސަލާގެ ތުހުމަތުގައި މިހާރު ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އެ ފައިސާ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި 18 އަހަރުން ދަށުގެ ކުއްޖަކާއި، 21 އަހަރުގެ މީހަކާއި، މައްސަލާގެ ހެކި ނައްތާލުމަށް މަސައްކަތް ކުރިކަމަށް ތުހުމަތު ކުރެވޭ 18 އަހަރުން ދަށުގެ ދެ ކުޑަކުދިންގެ އިތުރުން، ފޭރިގަތް ފައިސާ ފޮރުވުމުގައި އިސް ދައުރެއް އަދާކުރި 23 އަހަރުގެ ދެ މީހެެކެވެ.

ޝިފާއު ވިދާޅުވީ، އެ ފައިސާތައް ފޭރިގަތުމަށްފަހު އެކަމުގައި ބައިވެރިވި ދެ މީހަކު އެ ފައިސާތައް ހިފައިގެން ސައިކަލެއްގައި ސްކޫޕް ގޯޅިގަނޑު ތެރޭގައި ހުރި ގެއަކަށް ދިޔަ ކަމަށެވެ. އަދި އެ ގެއަކީ އެ މައްސަލާގެ ހައްޔަރު ކުރެވުނު މީހެއްގެ އާއިލީ ގޮތުން ގުޅުން އޮންނަ ބައެއްކަމަަށް ފުލުހުން ވިދާޅުވިއެވެ.

ހަމަ އެ ދުވަހުގެ ހެނދުނު އެ ފައިސާ ދަބަސް އެހެން ދަބަހަކަށް ލުމަށްފަހު އެ ދަބަސް ހިފައިގެން ޓެކްސީއެެއްގައި ހުޅުމާލެއަށް އެ ފައިސާ ގެންދިޔަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި މި ފޭރުމުގެ ހާދިސާގައި އަމަލީ ގޮތުން ބައިވެެރިވި އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެ މައްސަލާގައި ހައްޔަރު ކުރެވުނު ހެކި ނައްތާލަން މަސައްކަތް ކުރި ދެ ކުޑަކުދިން ވަނީ ދޫކޮށްލާފައެވެ. އެ ކުދިން ދޫކޮށްލާފައި ވަނީ އެކަށީގެންވާ ވަރަށް ހެކި ނެތުމުންނެވެ. އަދި އިތުރު ދެ މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާތީ އެ އަމުރު އިސްތިއުނާފު ކުރުމުގެ ކަންކަން ޕީޖީ އޮފީހާއި ގުޅިގެން ކުރަމުން އަންނަކަމަަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ހައްޔަރު ކުރެވުނު މީހުންނަކީ އެކި ކުށްތަކުގެ ރެކޯޑް އޮންނަ ބައެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިފްކޯގެ ބޮޑު ފޭރުމާއި ގުޅިގެން ވާހަކަދައްކަމުން ޝިފާއު ވިދާޅުވީ، މިފްކޯގެ ފޭރުމުގެ ހާދިސާ ހިނގާފައި ވަނީ މާރިޗް 20 ވަނަ ދުވަހު 15:15 ހާއިރު ކަމަށެވެ. އެ ކުންފުނީގެ ވެހިކަލެއްގައި އެއަޕޯޓަށް ގެންދިޔަ ދެ މިލިއަނެއްހާ ރުފިޔާ ފޭރިގެންފައި ވަނީ ހެލްމެޓް އަޅައިގެން ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ބައިވެރިވެގެންނެވެ.

"މި ހާދިސާ ހިނގާފައި ވަނީ މިފްކޯގެ ހެޑް އޮފީހުން އެއާޕޯޓަށް ގެންދިއުމަށްޓާކައި ފައިސާ ހިފައިގެން އެ ކުންފުނީގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ވޭނެއްގައި ބޮޑުކުރުފާނު މަގުން އިރަށް ދުއްވާފައިދަނިކޮށް މާލޭ ޖަލާއި ހަމައިން ހެލްމެޓްގައި ތިބި ބަޔަކު، ސައިކަލެއްގައި ދުއްވާފައި އައި ހަތަރުމީހަކުވެގެން ކަން އިނގިފައިވޭ".

ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ- ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ފުލުހުން ވިދާޅުވީ، އެ މައްސަލާގައި ފައިސާ ފޭރިގަންފައި ވަނީ ފައިސާ އެރުވި ވޭނުގެ ޑްރައިވަރު އިން ސީޓާއި ދިމާލުން ބިއްލޫރިގަނޑު ކޯރާޑި އާއި މަރުތޭލުން ބޮޑެތި ގެއްލުންތަކެއް ދީގެން ކަމަށެވެ.

ފޭރިގަތް އެ ފައިސާ ދަބަހުގައި ދެ މިލިއަން ރުފިޔާ ހުއްޓެވެ. އެ މައްސަލާގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ދެމީހުންނަކީ އެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުންކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި އިތުރު ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ހައްޔަރުކުރެވުނު އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވާތީ އޭނާ ދޫކޮށްލި އަމުރު އިސްތިއުނާފުކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

މި ދެ ހާދިސާގައި އެތައް މިލިއަން ރުފިޔާ ފޭރިގަތްއިރު މީގެން ފައިސާއެއް އަދި ފެނިފައެއް ނުވެއެވެ.

ފޭރުމުގެ ހާދިސާތަކުގައި ކުޑަކުދިންގެ ބައިވެރިވުން އިތުރު

ފޭރުމުގެ ބޮޑެތި ހާދިސާތަކުގައި ނުރައްކާ މިންވަރަކަށް ކުޑަކުދިން ބައިވެރިވާ މިންވަރު ވަނީ އިތުރުވެފައެވެ. މިދިޔަ މަސް ތެރޭގައި ބީއެޗްއެމް ޓްރާޑާސްގެ ފައިސާތައް ފޭރުމުގައި އަލަމީ ގޮތުން 18 އަހަރު ނުވާ ކުޑަކުއްޖަކު ވަނީ ބައިވެރިވެފައެވެ. އަދި އެ މައްސަލައާ ގުޅުން ހުރި ކަންކަމުގައި އިތުރު ކުޑަ ދެ ކުދިން ހިމެނެއެވެ. މީގެ އިތުރުން އިތުރު މިފަދަ މައްސަލަތަކުގައިވެސް ކުޑަކުދިންގެ ބައިވެރިވުން އިތުރުކަން ފަހަގަކޮށްލަން ޖެހެއެވެ.

އެއް ތަނުން އަނެއް ތަނަށް ބޮޑެތި އަދަދުތަކުން ފައިސާތައް ގެންދާއިރު ސަމާލުވޭ

ބޭންކް އޮފް މޯލްޑިވްސް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުލުހުން ވިދާޅުވީ، ރާވައިގެން ފައިސާ ފޭރުމުގެ އަށް މައްސަލައެއް ފުލުހަށް ހުށަހެޅިފައިވާކަމަށެވެ. އަދި އެއް ތަނުން އަނެއް ތަނަށް ބޮޑެތި އަދަދުތަކުން ފައިސާ ގެންދިއުމުގައި ސަމާލުވުމަށް އެދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ގިނަ އަދަދެއްގެ ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދާނަމަ ފުލުހުންގެ އެހީ ހޯދުމަށް ފުލުހުން އެދެއެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ސަމާލުވުމަށާއި، އަދި ސައިކަލުގެ މަޑިދަށުގައި އާއި ސިޓީ އުރަ ނުވަތަ ބާޒާރު ކޮތަޅު ފަދަ ތަކެއްޗަށް ގިނަ އަދަދެއްގެ ފައިސާ ނުގެންދިއުމަށް ފުލުހުން ވަރަށް ބޮޑަށް އެދެއެވެ. އަދި އިތުބާރު ކުރެވޭ ފަރާތަކާއި ނޫނީ އެއްތަނުން އަނެއް ތަނަށް ގެންދެވޭ ފައިސާއާ ގުޅޭ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން އެދެއެވެ.

ފޭރުން މަދު ކުރުމަށް މަސައްކަތް ފެށިއްޖެ

ފޭރުން މަދު ކުރުމަށް ހާއްސަ އޮޕަރޭޝަންތައް ވަނީ ފަށާފައެެވެ. އެގޮތުން މާލެގެ އެތޭގެ މަގުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ހުއްޓުވާ ޗެކް ކުރުމުގެ ކަންކަން ކުރަމުން އަންނަކަމަށް ހެޑް އޮފް މާލެ ޕޮލިސް މޫސާ އަލީ ވިދާޅުވިއެވެ. އަދި ބޭންކްތަކާއި އޭޓީއެމްތައް ކައިރީގައި ސައިކަލު މަތީ ތިބޭ މީހުންނާއި ސުވާލުކޮށް އެ ފަރާތްތައް ބަލާ ފާސް ކުރުމުގެ ކަންކަން ކުރިއަށް ދެއެެވެ. އަދި މީގެ ކުރިން ހިނގާފައިވާ ފޭރުމުގެ ހާދިސާތައް ދިރާސާކޮށް، ކުށް ހިނގާ ގަޑިތަކާއި ސަރަަހައްދުތައް ހާއްސަ ސަމާލުކަމެއް ދިނުމާއެކު ކުށުގެ ވެށީގައި އުޅޭ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން ޕެޓްރޯލް ކުރުމުގެ ކަންކަން ކުރިއަށްގެންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އަދި މިކަން ހުއްޓުވުމުގައި އެންމެންގެ އެއްބާރުލުންވެސް ބޭނުންވާ ކަމަށާއި، އެގޮތުން އޭޓީއެމް ތަކާއި ބޭންކްތައް ކައިރީ ހެލްމެޓް އަޅައިގެން މަޑުކޮށްގެން ތިބޭ މަަންޒަރު ފެނިއްޖެނަމަ ނުވަތަ، ފޭރުމުގެ ހާދިސާއެއް ހިންގަން އުޅޭކަމަށް ޝައްކު ކުރެވޭނަމަ 119 ނުވަތަ 3322111 އަށް ގުޅުއްވާ ރިޕޯޓް ކުުރުމަށް ފުލުހުން އެދެއެވެ.

ބައެއް ފޭރުންތައް ހުއްޓުވާފައި ވާނެ

ފުލުހުންގެ ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގައި ގެއެއް ބަލައިފާސްކުރަނީ -- ފައިލް ފޮޓޯ

ފުލުހުން ވިދާޅުވީ، ފޭރެން އުޅޭކަމަށް މައުލޫމާތު ލިބިގެންނާއި އެ މަންޒަރު ފެނިގެން ފުލުހުން އެކަން ހުއްޓުވާފައިވާނެ ކަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ރޭ ނަލަހިޔާ ހޮޓަލްއަށް ގެންދިޔަ ހަތަރު ލައްކައަށްވުރެ ގިނަ ފައިސާ ހަތަރު މީހަކުވެގެން ފޭރިގަތް މައްސަލަ އާއި މާޗް ހަތް ވަނަ ދުވަހުގެ ރޭ މާފަންނު އޮޒާރޯ ކައިރީ ހުރި ގެއަކަށް ސައިކަލެއްގައި ގެންދިޔަ ތިން ލައްކައަށްވުރެ ގިނަ ފައިސާ، ދެ މީހަކު ވެގެން ފޭރިގަންނަން އުޅެނިކޮށް ހުއްޓުވާފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ރާއްޖޭގެ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެއްގެ އޮފީހަށް ގެންދިއުމަށް ހަމަޖެހިފައިވާ މިލިއަނަކަށްވުރެ ގިނަ ފައިސާ ތިން މީހަކު ވެގެން ފޭރިގަންނަން އުޅުނު މައްސަލައާއި، މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ހެންވޭރުގެ ގޯޅިގަނޑެއްގެ ތެރެއިން ވަޅިން ބިރުދެއްކުމަށްފަހު ބައިލައްކަ ރުފިޔާ ފޭރިގަނެގެން ފިލަން އުޅުނު މީހަކު އެ ވަގުތު އެ ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ފެނިގެން ހިފަހައްޓާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ރޭ ފަރީދީ މަގު ފަތަހަސުންބިލި ކައިރިން ފިހާރައެއްގެ ސޭލްސް ނިންމުމަށްފަހު ސައިކަލެއްގައި ގެންދިޔަ ދެލައްކައަށްވުރެ ގިނަ ފައިސާ ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ބަޔަކު ފޭރިގަންނަން މަސައްކަތް ކުރަމުންދަނިކޮށް އެ ވަގުތު އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ފެނިގެން އެކަން ހުއްޓުވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަން

 • ހެލްމެޓް އަޅައިގެން ނުވަތަ މޫނު ނިވާކޮށްގެން ބަޔަކު އަންނަތަން ފެނިއްޖެ ނަމަ ނުވަތަ ފާރަލާކަމަށް ޝައްކު ކުރެވިއްޖެ ނަމަ ރައްކާތެރިތަނަކަށް ވަދެވަޑައިގަތުމަށްފަހު ފުލުހުންނަށް އެމީހުންގެ މައުލޫމާތު ހިއްސާ ކުރެއްވުން
 • މޫނު ނިވާވާ ގޮތަށް ހެލްމެޓް އަޅައިގެން އެކަހެރި ތަންތަނުގައި އުޅޭ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކުރުން
 • އެގޮތަށް ރިޕޯޓް ކުރައްވާއިރު އެ ފަރާތްތަކުން ދުއްވާ ވެހިކަލްތަކުގެ ރެޖިސްޓްރީ ނަންބަރު މަތީގައިވާ އަކުރުތަކާއި އެކު ނޯޓް ކުރެއްވުމަށް ސަމާލުކަން ދިނުން

ފޭރުން ހުއްޓުވުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވުމަށް ރައްޔިތުން އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ފުލުހުން ވަނީ ވިދާޅުފައެވެ. މިކަން ހުއްޓުވޭނީ ހަމައެކަނި ފުލުހުން ކުރާ މަސައްކަތުން ނޫނެވެ. އާއްމުން ފަރުދުންވެސް ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކޮށްގެންނެވެ. އަދި މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް އެކަށީގެންވާ އަދަބު ދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޖަޒީރާވަންތަ

  ސްމިތްމެންކަހަލަ މީހުން ދޫކޮއްލާގެން ގެންނަންއުޅޭ ޖަޒީރާވަންތަ އިންސާފް. ޖަޒީރާ އިންސާފް ލިބެންޏާ އެކުދިން އުޅޭނީ އެހެން

  16
  3
 2. ޖ

  ދީނުގައިއަންގަވާފައިވާގޮތައް އަދަބުނުދެންޏާ ވާނީމިހެން ހައްޔަރުކޮއްފަ ދޫކޮއްފަ އެއްވެސް ހަމައެއްލަމައެއްލަމައެއްނެއް ގައުމެއް މިނޫނީ މިދުނިޔޭގައެއްނެތް.

  17
  3
 3. މޫސަ

  ފޭރޭ ސަރުކާރު ވައްކްމާ ފޭރުމުގއ އަމަލުތައް އާދަޔާ ޚިލާފަށް ގިނަވެއްޖެ

  13
  4
 4. ހަނދާންވަނީ

  ސިފައިންގެ ޤަދީމީ މުޑުދާރު ސިފަޔައް މުޅިންވެސް މިހާތަނައް އަމަލް ކޮށްފަ ޔޮތީ، މިހާރު މީ މުޅިންއާ އެޕިސޯޑެއް

  7
  3
 5. އަން

  ސަރުކާރުގެ ހިޔާނާތާ ވައްކަމުގެ މިންވަރު އެގޭނީ އާންމު ރައްޔަތުންގެ ފޭރުމާއި ވައްކަމުގެ މިންވަރު ބަލާ ދިރާސާ ކުރުމުން. ޔާނުގެ ފަސްއަހަރުގެ ބޮޑު ހިޔާނާތާ އެއްވަރު އަނިޔާވެރި ކިބުލުގެ ފަސްމަސް. މަޖުލީހުގެ މެދުރޮޓި ލިބުނީމަ ކުރިޔަށް އޮތްތަން ކިހާވަރަކުން ދާނެބާ! ދިވެހިން ނާށިގަޑު ހިފައިގެން ސަލާން ޖަހާތަން ފެންނާނެ. ދެން ބާރަށް އަތްޖަހާ

  12
  4
 6. އަބޯ

  ސަރުކާރު ހިންގަން ފައިސާ ހޯދަން ހަވާލުކުރީތަ ؟

  15
  3
 7. އިންކުއަރީ ކަމިޝަން

  ސުވާލަކީ މިފްކޯގެ ފައިސާތަކެއް ހިފައިގެން އެތަނުގެ ވޭނެއްގެ އެއާރޕޯރޓަށް ދާކަށް ވަގުންނަށް އެނގުނީ ކިހިނެއްހޭ؟

  9
  1
 8. އަބޫ

  ކުޑަކުދިން ފޭރެނީއޭ ބޮނީއޭ ރޭޕްގަ ބައިވެރިވަނީއޭ މާރާ މާރީތަކުގަ ބައިވެރި ވަނީއޭ ކީމަ ވަރަށް އުނދަގޫ ހަޖަމުކުރަން! ތިޔަފަދަ ބޮޑެތި ޖަރީމާ ތަކުގަ ބައިވެރިވާ މީހުން ކުޑަކުދިން ގޮތަކު ބަލައެއް ނުގަނެވޭނެ 15 އަހަރުން މަތިވެއްޖަކާ! އެމީހުން ބޮޑެތިވީމަވީމަ އެހެން އެއުޅެނީ! ނޫނީ ނޫސްތަކުންވެސް ކޮންމެވެސް އެހެން ނަމެއް ކިޔައިބަލަ އެފަދަ ކުށްކުރާ 15 އަހަރުން މަތީގެ ކުދިންނަށް. 15 އަހަރާ 18 އަހަރާ ދެމެދު މުޖުރިމުން ކިޔަންވީނު!

  6
  1
 9. ކޮރަލް

  ދަންވަރު ޖީއެން ސައިކަލް ގަ އުޅޭ ކުދީން ކޮޅާ ސުވާލު ކޮށްލަނި ކޮށް ތިކަން ހައްލު ވެދާނެއެވެ.

 10. ފާތުން

  އެޑިއުކޭޝަނުން ހަދާފައޮންނަ ޑިސިޕްލިން ޕޮލިސީ ގެ ފީކަޅާކަން މިކަމުން ދޭހަވޭ. ކިތަންމެ ބޮޑު ކުށެއް ކުރިއަސް ދަރިވަރުންނަށް އެއްވެސް އަދަބެއް ނުދެވޭ. ޔޫރަޕުގެ ގޮތްގަނޑު ގެނގުޅެން ހަދައިގެން ދަރިވަރުންގެ އަޚްލާގު ގޯސްވަނީ. މިކަމާ ވިސްނާނެ މީހަކުނެއް .. ބޭނުންވަނީ މަތީ މާކްސް ހޯދުން. އެއްވެސް އަޚްލާގެއްނެއް. ދީނީ ތައުލީމްދޭ އަރަބިއްޔާ ސްކޫލްގެ ހާލަތު ވަރށް ދަށުގައި އުޅެނީ. މީގެ ދުވަސްކޮޅެއް ކުރިން ފެނިގެންދިޔަ އަރަބިއްޔާ ޕްރިންސިޕަލް އަށް އެ ސްކޫލް ދަރިވަރުންތަކެއް މަގުމަތީގައި ފުރައްސާރަ ކުރަމުންދިޔަތަން .

 11. އިންސާނާ

  ފޭރުމާ މީހުންމެރުމާ ވައްކަން ކުރުންފަދަ ބޮޑެތި ކުއްތަކުގަ ކުޑަކުދިންގެ ބައިވެރިވުން އިތުރުވާކަމައް ބުނާއިރު ތިޔަބުނާ ކުޑަކުދިންނަކީ ބޮޑެތި ޖަރީމާތައް ހިންގަން ގާނޫނަކުން ކުޑަކުދިންނައް ހަދާފަތިބި ބޮޑެތިމީހުން ކުޑަކުދިން ތިބޭނީ މައިންބަފައިންގެ ބެލުމުގެ ދަށު ގޭގަ ބޭރައްދާނީ އެމީހުނާއެކު