މިއަދު ގިނަ ދިވެހިންނަށް ލިބުނީ ބޮޑު ޝޮކެކެވެ. ދިވެހިން އަބަދުވެސް ގޮސް އުޅޭ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި އެތައް ބަޔަކު މަރާލައިފިއެވެ. އެތައް ބަޔަކު ޒަޚަމްކޮށްލައިފިއެވެ. ލަންކާއަކީ ދިވެހިންނާއި ވަރަށް ގާތް ބަޔަކު އުޅެމުން އަންނަ ޤައުމެކެވެ. ދިވެހިންގެ ގިނަ ބަޔަކު ލަންކާގެ ރައްޔިތުންނާއި ދޭތެރޭ ދެކެނީ ދިވެހިންގެ ބައެއްގެ ގޮތުގައެވެ. އެހާވެސް އެ ޤައުމުގެ ރައްޔިތުން ދިވެހިންނަށް ހެވެއެވެ. ދިވެހިންނަށް އެ ގައުމުގައި އުޅެން ފަސޭހައެވެ. ލަންކާއަކީ ގިނަ ދިވެހީންގެ ދެވަނަ 'ހޯމް'އެވެ.

މިއަދަކީ ލަންކާއަށް ބަންދު ދުވަހެކެވެ. އާއްމުކޮށް ގިނަބަޔަކު ބޭރަށް ނުކުންނާނެވެސް ދުވަހެވެ. އެހެން ނަމަވެސް މިއަދު ކޮލަމްބޯގައި ދިރިއުޅެމުން އަންނަ އެންމެންނަށް މަޖުބޫރުވީ ގޭގައި ތިބޭށެވެ. މަގުމައްޗަށް ނުކުންނަން ބިރުގެންފިއެވެ. ހާސްކަމާއި ބިރުވެރިކަން ފަތުރާލީ އަށް ބޮމުގެ ހަމަލާއާއެކުއެވެ. ދެން ވާނީ ކީއްކަމެއް ނޭނގި އެތައް ބަޔަކު ހާސްވެ ކަންބޮޑުވިއެވެ. ލަންކާ ރައްޔިތުންގެ އެ އިހުސާސް، ދިވެހީންނަށްވެސް ކުރެވުނެވެ. އެތައް ދިވެހީންގެ ފުރާނަ ނުރައްކަލަށް ވެއްޓިގެން ދިޔަ ހާދިސާއާއެކު ރާއްޖެވެސް ހިތާމަކުރިއެވެ.

މިއަދު ހެނދުނު ލަންކާގައި ބޮމުގެ ހަމަލާތައް ދީފައި ވަނީ ހައްދުން ނައްޓާ ވަރަށެވެ. ފުލުފުލުގައެވެ. އެހެންވެ އެ ޤައުމުގައި ކާފިއުވެސް ވަނީ އިއުލާނުކޮށްފައެވެ. އެއީ ކޮއްޗިކަޑެ ޗަރޗް، ކަޓުވަޕިތިޔަ ޗަރޗް، ބައްޓިކަލައޮ ޗަރޗް، ޝަންގްރިލާ ހޮޓެލް، ސިނަމަން ގްރޭންޑް ހޮޓެލް އަދި ކިންގްބަރީ ހޮޓަލަށާއި ދެހިވަލާގެ ހޮޓަލަކަށާއި، ޑެމަޓަގޮޑާގެ ހައުސިން ކޮމްޕްލެކްސަކަށެވެ. މިއީ ދިވެހިންގެ މެދުގައި މަޤުބޫލު ހޮޓާ ތަކެވެ. ދިވެހިން ގޮސް އުޅޭ ހޮޓާ ތަކެވެ. ދިވެހިން ދިރިއުޅެމުން އަންނަ ހިސާބެވެ. ﷲގެ އިރާދަފުޅުން މި ހަމަލާތަކުގެ ޝިކާރައަކަށް ދިވެއްސަކު ނުވިއެވެ.

މި ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވި އިރު، 500 އާއި ގާތް ކުރާ އަދަދަކަށް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. ލަންކާގެ މަގުމަތި ވަނީ ނާމާންވެފައެވެ. މަރުވި މީހުންގެ ތެރޭގައި އެ ޤައުމަށް ނިސްބަތް ނުވާ މީހުންވެސް ހިމެނެއެވެ. ލަންކާގެ ޒަމާންވީ ދާހިލީ ހަނގުރާމައަށް ހަމަޖެހުމެއް ލިބުނުތާ މާ ޒަމާންތަކެއް ނުވެ، އަނެއްކާވެސް ގައުމު އަނދަވަޅަކަށް ވެއްޓިއްޖެއެވެ.

15،000 އަށްވުރެ ގިނަ ދިވެހިން އުޅެމުން އަންނަ އެ ޤައުމަށް ދިން ހަމަލާއާ ގުޅިގެން ދިވެހިން މީސް މީޑީއާގައި ދަނީ ހަމްދަރްދީ ފާޅު ކުރަމުންނެވެ. ދިވެހިން ބުނަމުންދަނީ ހީވަނީ އަމިއްލަ ވަޒަނަށް ހަމަލާދީ ވީރާނާ ކޮށްލިހެން ކަމަށެވެ. ދިވެހިން ލަންކާއާއެކު ތިބި ކަމަށް ދަނީ ބުނަމުންނެވެ. އަދި އެންމެންވެސް އެ ހަމަލާތައް ކުށްވެރި ކުރެއެވެ.

އެ ބިރުވެރިކަމުގައި މިއަދު އެތައް ދިވެހިންނެއް އުޅެމުން ދަނީ އެ މީހުންގެ އާއިލާ މީހުން ލަންކާގައި ތިބީމައެވެ. ދިވެހިންގެ ގިނަ ބަޔަކު ލަންކާގައި އެކި ބޭނުންތަކަށް ދިރި އުޅެމުން އަންނައިރު، އެތަނުގައި ވަޒަން ވެރިވެގެން އުޅޭ ދިވެހިންގެ އަަދަދުވެސް ވަރަށް ގިނައެވެ. ވިޔަފާރީގެ ބޭނުންތަކަށާއި، ބޭސް ފަރުވާ އަދި ޗުއްޓީއަށް އެތަނަށް ދާ ދިވެހިންގެ އަދަދު ގިނައެެވެ. އަދި އެތަނުގައި ކިޔަވަން އުޅޭ ދިވެހިންވެސް މަދެއް ނޫނެވެ.

މީސް މީޑިޔާގައި ނޫސްތަކުގެ ފަލަ ސުރުހީތަކުން ފެންނަނީ މުޅީންވެސް ލަންކާގެ ހަމަލާތަކުގެ ވާހަކައެވެ. އެ ހަމަލާތައް ކުށްވެރި ކުރާ ވާހަކައެވެ. އެ ހަމަލާތައް ދީފައިވާ ތަންތަނުގެ ފޮޓޯތަކާއި ވީޑިއޯތަކެވެ. ކަރުނައިން ފޯވެފައިވާ އާއިލާތަކެވެެ.

މި ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައިނުވާއިރު، ދިވެހިންގެ ބަޔަކު މި ހަމަލާދިނުމުގައި ބައިވެރިވެފައިނުވާކަމުގެ ޔަގީންކަން ދިވެހި ފުލުހުން ދެއްވައެވެ. ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޤައުމީ ދިފާއީ ބާރާއި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއަދު ހަމަލާ މުޅި ދުނިޔެ ކުށްވެރި ކުރެއެވެ. މައުސޫމް އެތައް ބަޔަކު ލޭ އޮހޮރުވާލި ހާދިސާ، ކުށްވެރި ނުކުރާނީ ފަހެ ކާކުހެއްޔެވެ. އެތައް ބަޔަކު މަރާލީ އެއްވެސް ކުށެއް ނެތިއެވެ. އެ ހަމަލާ ދިނުމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް މުޅު ދުނިޔެ ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަނާ

    އެއްވެސް އޮއްޓަރެއް ނެތް ހަބަރެއް. ސުރުހީ ކިޔާލީ މާގިނަ މައުލޫމާތު ލިބޭނެކަމަށް ހީކޮށް. ވީކަމެއް ހަރާމް